ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭރުކުރުމަށް ގޮވާލައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިއަދު ބޭއްވި މުޒާހަރާގެ ތެރެއިން.-- ފޮޓޯ: ނިޝާން އަލީ / މިހާރު
07 ޖެނުއަރީ 2022 - 20:12
ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭރުކުރުމަށް ގޮވާލައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބާއްވަމުން އަންނަ ސިލްސިލާ އެއްވުމުން ފުލުހަކަށް ހަމަލާދީ މާރާމާރި ހިންގި މީހަކާ އެކު މިއަދު ގިނަ ބަޔަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ މާލޭގެ އެކި މަގުތަކުގައި ބޭއްވި އެއްވުމުގެ ތެރެއިން 29 މިހަކު ހައްޔަރުކުރީ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސް އެޅުމުން ކަމަށެވެ. މީގެތެރޭގައި ފުލުހަކަށް ހަމަލާދީ، މާރާމާރި ހިންގަން އުޅުނު މީހަކު ވެސް ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.
މި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންގެ ތެރޭގައި ޕީޕީއެމް ކައުންސިލްގެ ބައެއް މެމްބަރުންނާއި އާންމު މެމްބަރުން ވެސް ހިމެނެ އެވެ.
ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭރުކުރުމަށް ގޮވާލައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިއަދު ބޭއްވި މުޒާހަރާގެ ތެރެއިން.-- ފޮޓޯ: ނިޝާން އަލީ / މިހާރު
އިދިކޮޅުން އިއްޔެ ބޭއްވި އެއްވުމުގެ ތެރެއިން ވެސް، މާލޭގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ހިމެނޭ ގޮތަށް ހަތް މީހަކު ހައްޔަރުކުރި އެވެ. އެ އެންމެން ވަނީ ރޭ ދޫކޮށްލައިފަ އެވެ.
އިދިކޮޅުގެ މި އެއްވުންތަކުގައި ބޭނުންކުރާ "އިންޑިއާ އައުޓް" ޖެހި ޓީޝާޓް ނުލާން އަންގާފައިވާ ކަމަށް ޕީޕީއެމުން މިއަދު ބުނެފައި ވަނިކޮށް ފުލުހުން ވަނީ އެ ވާހަކަ ވެސް ދޮގުކޮށްފަ އެވެ.
We demand the immediate release of all detainees (more than 26) who peacefully protested India's military presence in our country. The Indian army has no legal right to be in our country. This must be stopped by the government. 1/2 pic.twitter.com/OiJppjdGJm
— Progressive Party of Maldives (@ProgressPartyMV) January 7, 2022
"އިންޑިއާ އައުޓް" ހަރަކާތުގައި ބައިވެރިވާ މީހުންނަށް ހުރަސް އަޅައި މީހުން ހައްޔަރުކުރަމުންދަނީ ސަރުކާރުގެ އިސްވެރިންގެ އޯޑަރަށް ކަމަށް އިދިކޮޅުން ވަނީ ތުހުމަތުކޮށްފަ އެވެ.
އެކަން ކުށްވެރިކޮށް އިދިކޮޅުން އިއްޔެ ނެރުނު ބަޔާނުގައި ބުނީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމަކީ ގާނޫނު އަސާސީން ލިބިފައިވާ ހައްގަކަށް ވާއިރު ރާއްޖޭގެ މިނިވަންކަމުގެ ދިފާއުގައި ނިކުންނަ މީިހުން އަނިޔާވެރިކޮށް ހައްޔަރުކުރަމުން އަންނަ ކަމަށާއި އޭގެން ވެސް އެނގެނީ ރާއްޖެ ވަރަށް ބޮޑަށް އިންޑިއާގެ އަޅުވެތިކަމަށް ގޮސްފައިވާ ކަން ކަމަށެވެ.
އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުން މިނިވަންކުރި ފަހުން "އިންޑިއާ އައުޓް" ހަރަކާތްތައް ވަރުގަދަ ކޮށްފައިވާއިރު، މި ހަފުތާގައި ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ޕީޕީއެމްގެ އޮފީސް ކުރިމަތީގައި އެއްވުންތައް ބާއްވަ އެވެ. އަދި އެ އެއްވުން ރޫޅާލައި، އެއްވުމުގައި އިސްކޮށް އުޅޭ މީހުން ފުލުހުން ހައްޔަރުކުރި ނަމަވެސް، 24 ގަޑިއިރު ނުވަނީސް ދޫކޮށްލަ އެވެ.
ސަރުކާރު ހިންގާ ކޯލިޝަންގެ ހުރިހާ ޕާޓީތަކުން ވެސް ބުނަނީ "އިންޑިއާ އައުޓް" ހަރަކާތަކީ އިިދިކޮޅުން ހިންގާ ޖަރީމާއެއް ކަމަށެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް ވަނީ ރާއްޖެ އެތެރެވާ ޑްރަގް ބޯޓުތަކުގެ މައުލޫމާތު އިންޑިޔާ އިން ދޭތީ މި ކެމްޕެއިނަކީ ޑްރަގް ވިޔަފާރި ކުރާ މީހުންނާ ގުޅުން އޮތް ކަމެއް ކަމަށް ތުހުމަތު ކުރައްވައި އެކަމާ ދެކޮޅަށް ވާހަކަފުޅު ދައްކަވައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިއްލި
08 January 2022
މަވެސް ތި ކެމްޕެއިންގަ ބައިވެރިވާން ބޭނުން. އެކަމަކު ޔާން ވެރިކަމުގަ ތަޅާލިހެން ފުލުހުން ނުކުމެ ތަޅާލަފާނެތީ ބިރުގަންނަނީ.
މައްކުބޭ
08 January 2022
ޔަަގަށް އިންޑިއާ އައުޓް ސްލޯގަންޖަެހިއަކަސް ވެރިކަމެއް ނުލިބޭނެ. މިހާރުވެސް އިންޑިއާގެ ބެންގަލޯރ، ޗެއްނާއި ކޮޗިން ޓްރިވެންޑްރަމް ގޯއާ ހޮސްޕިޓަލްގަ ދިވެހިން މިހާރުވެސް ފުރިފައި. އިންޑިއާ އަދި ލަންކާ އަކީ އެކުވެރި 2 ޤައުމަށް ވާންޖެހޭ
ރަތީބާ
08 January 2022
އެއީ މޮޔައިން ހައްލާ ކެމްޕެއިން. އެތަނަށްދާނީ ހުސް އޭގެމީހުން.
ޖަމީލުބެ
08 January 2022
އެއްވަން ބޭނުމިއްޔާ ހައްޖަށް ދިއުން ރަނގަޅު
ހިލޭތަ
08 January 2022
ހިލޭތޯ؟
އައުޓޭ
07 January 2022
މި މީހުން 3 އިރު ކަނީ އިންޑިޔާ ފިޔާ އަލުވި ބިސް @
ޟޮހޮނު
08 January 2022
އެހެން ވިޔަސް އިންޑިޔާ ސިފައިން މިގައުމުގަ ތިބޭކަށް ނުޖެހޭ
ހަމަ އައުޓު
08 January 2022
ކަލޯ ފިޔާ ބިސް ކަނީ އެވެރިން އަތުން ގަނެގެން އިގޭތޯ. ހިލޭ އެއް ނޫން.
ހަމަ ފަސްޓް
08 January 2022
ކަލޯ ކަލެޔަށް ނޭގޭތަ ފިޔާ، ބިސް، އަލުވި، ކަނީ އެމީހުން އަތުން ގަނެގެނޭ ބުނާއިރު، އެމީހުން ނުވިއްކައިފިއްޔަ ދެން ބިހެއް ގަންނަންލިބޭނީ ވެސް 5 ރ އަށް. އަލުވި ކިލޯ75ރ، ފިޔާ ކިލޯ 150 ރ އަށްކަމެއް. ގަމާރުވިޔަސް ބޮޑުވަރު
ކެންޑާއިން
07 January 2022
ތިހައްޔަރުކުރާމީހުން ދޫނުކޮށްބަލަ ޔާމީނު ވެރިކަން ހޯދަން ކުރާކެމްޕޭނާހުރެ އަހަރުމެންނަށް ކޮންއުނދަގުލެއް ޖައްސާކަށް ތިހައްޔަރުކުރާ މީހުން 6 މަސްވަރަށް ޖަލަށް ކޮއްޕާލާ ގައުމުގެ ހަމަޖެހުން ނަގާލަން އުޅޭބައެއްތީ
ހަސަނު
07 January 2022
ޑުރަގް ވިޔަފާރި ވެރިންގެ ކެމްޕޭނެއް.. ހައްޔަރު ކުރާމީހުން ދޫކޮށް ނުލާ.. ޖަލުގާ ބަންދު ކުރޭ...
ހާސަރު
07 January 2022
އަމުރަށް ނުކިޔަމަންތެރިވުން އެއީ މިހާރު ކުށަކަށް ނުވަނީތަ؟! ދައުވާ ނުކުރަނީ؟! ހައްޔަރު ކޮށްފަ ދޫކޮށްލީމަ އިތުރަށް ނުކިޔަމަންތެރިވާން ދެވެނީ ހިތްވަރު. ކުރިންވެސް ހުރި ގާނޫންތައް ހުރީ ހުރިގޮތަށް.
އުދުހޭ
07 January 2022
ޑްރަގް ވިޔަފާރިއާ ގުޅުން އޮތިއްޔާ ހެއްކާއެކު ދައުވާނުކުރަނީ ކީއްވެ؟ ތިޔަ ބުނަނީ ފުލުހުންގެ އިދާރާ އޮތީ ކޮރަޕްޓްވެފައޭތަ؟
ޢަރުތަ
07 January 2022
"އިންޑިއާ އައުޓް" ކުރަން ބޭނުމިއްޔާ ދާންވީ ކޯޓަށް، މިހެން މަގުތަކަށް މީސްކޮޅެއް ނުކުމެ އިންޑިއާ އައުޓޭ ކިޔާ ހޯއްގޮވިއަސް މިކަމެއް ނުވާނެ.