އީސީގެ މިއަދުގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ރައީސް ފުއާދާއި ނައިބު ރައީސް ހަބީބު މަޝްވަރާ ކުރައްވަނީ.---ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
12 ޖެނުއަރީ 2022 - 14:58
އަންނަ މަހުގެ ފަހެއްގައި ބާއްވާ ށ. ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން ބޯމަތިވެފައި ވަނިކޮށް، އެ ދާއިރާގެ ތަރައްގީގެ މަޝްރޫއުތައް ސަރުކާރުން ހަލުވި ކޮށްފައިވާއިރު، މެނިފެސްޓޯގައި ހުރި ކަންކަން ކޮށްދިނުމަކީ މައްސަލައެއް ނޫން ކަމަށާއި އެކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް އެޅޭނެ ފިޔަވަޅެއް ނެތް ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.
ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ކެމްޕެއިންގެ ފޯރި ގަދަވެފައިވާއިރު، ސަރުކާރުން ވަނީ އެ ދާއިރާގެ ބައެއް ރަށްރަށުގައި ތަރައްގީގެ އެކި މަސައްކަތްތައް ކުރަން ފަށައިފަ އެވެ. ކޮމަންޑު އާއި އެ ރަށް ކައިރީ އޮންނަ މަތި ކޮމަންޑޫ ނަމަކަށް ކިޔާ ފަޅު ރަށް ގުޅައިލުމުގެ މަޝްރޫއު ވެސް އަންނަ ހުކުރު ދުވަހު ރަސްމީކޮށް ފަށާނެ އެވެ. އަދި މި ނޫން ވެސް މަޝްރޫއުތައް މި ސަރުކާރުން ވަނީ ކޮމަންޑޫ ދާއިރާގެ ރަށްތަކަށް ކުއްލި ގޮތަކަށް އިއުލާނު ކޮށްފަ އެވެ.
ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ކެންޑިޑޭޓު މުހައްމަދު ރާޝިދު ވެސް ބައި-އިލެކްޝަނަށް ނުކުމެވަޑައިގެންފައިވާއިރު، އީސީން ސިޔާސީ ޕާޓީތަކާއެކު މިއަދު ބޭއްވި ބައްދަލުވުމުގައި، ސަރުކާރުގެ އަމަލުތަކާ ގުޅިގެން މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްޑީޕީ) އިން ކަންބޮޑުވުން ފާޅުކުރި އެވެ.
މި އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓުގެ އިތުރުން އެމްއެންޕީން އަބްދުލް ހަންނާން އިދުރީސް އާއި އިދިކޮޅު ޕީޕީއެމުން މޫސާ ފަތުހީ ވާދަކުރައްވަ އެވެ.
ސަރުކާރުގެ އަމަލުތަކަށް އިޝާރާތް ކުރައްވައި އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ، އިންތިހާބަށް ނުފޫޒު ފޯރުވުމަށްޓަކައި ސަރުކާރުން މަޝްރޫއުތައް ހިންގާ ވާހަކަ ދެއްކެވޭ ކަމަށާއި ނަމަވެސް ސަރުކާރުގެ މެނިފެސްޓޯގެ ތެރެއިން އެކި ރަށްރަށުގައި އެކި މަސްމަހަށް ބަހާލައިގެން ހިންގާ ކަންކަމަށް އީސީ އަށް ހުރަހެއް ނޭޅޭނެ ކަމަށެވެ.
އެކަމަކު، ސަރުކާރުގެ މެނިފެސްޓޯގަ އާއި ބަޖެޓުގައި ވެސް ނުހިމެނޭ ކަންކަން އިންތިހާބާ ދިމާކޮށް ފެއްޓުމަކީ ނުފޫޒު ފޯރުވުން ކަމަށް ބެލިދާނެ ކަމަށާއި އެފަދަ ކަންކަން ނުކުރުމަށް އެދޭ ކަމަށް ހަބީބު ވިދާޅުވި އެވެ.
އީސީން ސިޔާސީ ޕާޓީތަކާއެކު މިއަދު ބޭއްވި ބައްދަލުވުމުގައި އެ ކޮމިޝަންގެ ނައިބު ރައީސް ހަބީބު ވާހަކަ ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
"ބައެއް ފަހަރު ބަޖެޓުގައި ޖަހާފައި ނެތަސް ބައެއް ދާއިރާތަކުން ކުރެވެން ހުރި މަސައްކަތެއް ވިއްޔާ ސަރުކާރުން ކުރައްވާނެ. އަދި އެއީ ކޮންމެ ދާއިރާއެއް ވިޔަސް. ސަރުކާރުން ކުރައްވާ އެކަހަލަ ކަންކަން ތަހުގީގު ކުރުމުގެ ބާރެއް ނެތް،" ހަބީބު ވިދާޅުވި އެވެ.
ކޮމަންޑު އާއި މަތި ކޮމަންޑޫ ގުޅުމުގެ މަޝްރޫއު ފެށުމަށް މި ސަރުކާރުން އަވަސް އަރުވާލާފައިވާއިރު، އެއީ ދައުލަތުގެ މި އަހަރުގެ ބަޖެޓުގައި ނުވެސް ނެތް ކަމެކެވެ.
އީސީގެ ނައިބު ރައީސް ވިދާޅުވިގޮތުގައި، ނުފޫޒު ފޯރުވުމުގެ އަމަލެއް ސަރުކާރުން ހިންގިޔަސް އެފަދަ ކަންކަން އެ ކޮމިޝަނަށް ބެލޭނީ ސިޔާސީ ޕާޓީތަކުން ލިޔުމުން ޝަކުވާ ހުށަހެޅުމުންނެވެ. މީގެ ކުރިން ވެސް އީސީން އިސް ނަގައިގެން އެފަދަ މައްސަލައެއް ބަލާފައި ނުވާ ކަމަށާއި އެކަން އެގޮތަށް ކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ހެއްކާ އެކީގައި ހުށަހެޅީމާ އިންތިހާބާ ބެހޭ ކުށެއް ކަމަށް ވަންޏާ އަޅުގަނޑުމެންނަށް ތަހުގީގު ކުރުމުގެ ބާރު އޮތް ކަމަށް ވަންޏާ ފިޔަވަޅު އަޅާނަން،" ހަބީބު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާތަނަށް އައިއިރު ސޯޝަލް މީޑިއާ މެދުވެރިކޮށް، އެކި ފަރާތްތަކުން ގިނަ ޝަކުވާތަކެއް ކުރަމުން ދިޔަ ނަމަވެސް ރަސްމީކޮށް ލިޔުމުން އެއްވެސް މައްސަލައެއް ހުށަހަޅާފައި ނުވާ ކަމަށެވެ. އެހެންކަމުން އިންތިހަބުތަކާ ބެހޭ ގާނޫނުތަކާއި ގަވައިދުތަކާ އެއްގޮތަށް ކެމްޕެއިން ކުރަމުންދާ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް ހަބީބު ވިދާޅުވި އެވެ.
އީސީން ސިޔާސީ ޕާޓީތަކާއެކު މިއަދު ބޭއްވި ބައްދަލުވުމުގައި އެމްއެންޕީގެ ނައިބު ރައީސް އުޝާމް ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
އެކަމަކު، އެ ވާހަކަތަކަށް ރައްދު ދެއްވަމުން އެމްއެންޕީގެ ނައިބު ރައީސް އަދި ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވީ، ކޮންމެ އިންތިހާބަކީ ވެސް ނުފޫޒުން އެއްކިބާވެގެން ބާއްވާ އިންތިހާބެއް ކަން ކަށަވަރު ކުރުމަށް އީސީގެ މައްޗަށް ގާނޫނުއަސާސީން ލާޒިމް ކުރާ ކަމަށެވެ. އެހެންކަމުން ވަކި ފަރާތަކުން ޝަކުވާ ހުށަނޭޅިޔަސް އާންމުކޮށް ފެންނަން ހުންނަ ކަންކަން އެ ކޮމިޝަނުން ބަލަން ޖެހޭނެ ކަމަށް އުޝާމް ވިދާޅުވި އެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި ވަކި ފަރާތަކުން ޝަކުވާ ހުށަނޭޅި ކަމުގައިވީ ނަމަވެސް އިންތިހާބަށް ނުފޫޒު ފޯރުވާ ފަދަ ކަމެއް އެއްވެސް ފަރާތަކުން ކުރާ ކަމަށް ވާ ނަމަ އެކަމެއް ބަލައި ފިޔަވަޅު އެޅުމަކީ އީސީ އަށް ގާނޫނީ ގޮތުން ލިބިފދީފައި އޮންނަ ބާރެއް. އަދި އެ ބާރުގެ ފުރިހަމަ އިހުތިޔާރު ބޭނުން ކުރަން ޖެހޭނެ." އުޝާމް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖެކް
13 January 2022
ދެން ތިތަން އުވާލާފަ ރައީސް އޮފީހުން އިލެކްޝަން އޮފީސް ހިންގަންވީއެއްނު! ގައިމު އޭރުން މިނިވަންކަމާ ގުޅޭ ގޮތުން ސުވާލެއް ނުކުރާނެތާ!
ވަހީދު
13 January 2022
ވޯޓު ކަރުދާސް އަންދާލާފައި ފިލައިގެން ލަންކާއަށް ދިޔަ މީހުން.
ޓާޓާއަށްދިން ހަދިއާއާއިދެކޮޅު
13 January 2022
ގާނޫނަކުން ލާޒިމް ކުރާ ކަންކަން ނުކުރެވޭނޭ ބުނެވޭތަ. މަނަމަ މަށަށް ހަވާލުކުރެވޭ ކަންތައް ކުރަން އެކަށީގެންވާ ރިސޯސް އާ އޮތޯރިޓީ ނެތިއްޔާ ދާނީ އިސްތިއުފާދީފަ ގެއަށް. ނަމެއްގަ ރައްއިތުންގެ ލާރިން މުސާރަ ކާލާ ހުންނާކަށް ނުކެރޭނެ.
މައްކު
13 January 2022
ތިޔަ ފުވަދަށް މައްސަލަ އަކަށް ނުވާނެ އެއްވެސް ކަމެއް!
އިބްރ
12 January 2022
މި ވޯޓަކީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާއި ދެކޮޅަށް ދެވޭވޯޓެއްކަމަށް އިންޑިއާގެ ނޫސްތަކުގައިވެސް އެބައޮތް. ރައްޔިތުންނޭވެ. އިންޑިއާއިން ދޭ މަދު ފައިސާކޮޅަކަށް ވޯޓްވިއްކައިނުލައްވާ ޤައުމަށްޓަކައި ވޯޓްދެއްވާ.
ގުންޑޮޅި
12 January 2022
އަހަރުމެންހިޔާލާފިކުރު ބައެއްފަހަރު ހުންނަނީ މީހަކު ބާރަށް އެއްޗެކޭ ބުނެފިއްޔާ އެދިމާލަކަށް ފޮކަސްވެ ހަރުލާފަ. ސަރުކާރުގެ ވިސްނުން ހުންނާނީ ހަމަގައިމުވެސް ސަރުކާރުޕާޓީ މީހާ ހިވަން އެކަމަކު އިލެކުސަނެކޭ ކިއާފަ މަސައްކަތަކަށް ރަށައަރުވަފަ ހުރި މެސިންތައް ކޮޑަށްލައިގެން ފައިބައިގެންދާޖެހޭބާ
މަގޭ ސޯލިހު އިބޫ ހޮވައްޗޭ
12 January 2022
ރަގަޅު! އީސީ އަކީ އެކަމާ ބެހޭ ބަޔެއްނޫން. ހަވާލު ކޮއްފަ، މުސާރަ ނަގައިގެން ހަވާލުވެގެން ތިއުޅެ މަސައްކަތް ރަގަޅައް ކުރީމަ ނިމުނީ! ހުރިހާ ކަމަކައް ބޯކޮއްޕާ ދިވެހިން މާގިނައީ. އުއިގޫރު މީހުންނާ ވާ ގޮތް ބަލާ ދިވެހިންވެސް މަދެއްނޫންވިއްޔާ! އަޅައިގެންފަ އަގަވަތަ ވެއްޓި ދަތްބިންދައިގެން ދާއިރުވެސް އުއިގޫރު އަކީ ކޯއްޗެއްކަންވެސް ނޭގޭ މީހުން ގިނަވާނީ!
ކާރޫ އަހުަމދު
12 January 2022
ކޮމަންޑޫ ރައްޔިތުން ނޭ! ހޭލާތިއްބަވާ. ކުރިއަށް ގެންދަވާ ތަރައްގީގެ މަޝްރޫޢުތައް ހިތުން ރުހުމުން މަރުހަބާ ކިޔާ ލިބިގަންނަވާ. ގެއަށް އަންނަ ހަދިޔާތަކާއި ޖީބަށްލެވޭ 500 ގެ ނޫޓްތައްވެސް ހޯއްދަވާ! އެކަމަކު ވޯޓްދެއްވުމުގައި ދާއިރާ އަށާއި ގައުމަށް ކަމެއްކޮށްދެވޭނެ އިޚްލާސްތެރިއަކަށް ވޯޓް ދެއްވާ. އަކަމަންޑޫ ދެކަމަންޑުއަކުން އެބުރި އެކަމަންޑޫ އަކަށްވެސް ހައްދަވާ. ވެހޭތާ ފެންނަންގަވާ!
އަލީރާޖާ
12 January 2022
ދުނިޔޭގެ ކޮން ގައުމެއްގައިތޯ އިންތިޚާބެއް ބޯމަތިވީމާ އެ ދާއިރާގެ މީހުން ބޭނުން ކަންކަން ނުކޮށްދީ ސަރުކާރު ޕާޓީއިން ކެމްޕޭން ކުރަނީ؟ ކެމްޕޭން ކުރާ އިދިކޮޅު ފަރާތްތަކުންވެސް ދައްކަނީ ހޮވައިދިނީމާ ކަންކަން ކޮށްދޭނެ ވާހަކަ. ޔާމީނު ހުޅުވި އެއަރޕޯޓުތަކޯ؟ ކުޅުދުއްފުށީގަ ވާރޭގަ ހުރެގެން. މާލޭގެ ބޮޑު އޭ380 ބޯޓެއް ގެނެސް ޖެއްސީ ރަންވޭ ނުވެސް ނިމި އޮއްވާ!
ބަރެނާ
12 January 2022
ތިއީ ސީދާ އިންތިހާބަށް ނުފޫޒު ފޯރުވުން! 2022 ގެ ބަޖެޓުގަ ނެތް ކަމެއް އެ ދާއިރާގެ ބައި އިލެކްޝަނަށް އިއުލާން ކުރުމުން ފަށައިފިނަމަ ތިކަމުގެ އުޅުނު އެންމެން ތި ތިބީ ގާނޫނީ ގޮޅިއަށް ފެތި ނިމިފަ. ދެއްކޭނެ ހުއްޖަތެއް ނޯންނާނެ. ސީދާ ކޮރަޕްޝަނުގެ އަމަލެއް ޢަދި އެހެން ކެންޑިޑޭޓުންނަށް ވެވޭ ބޭއިންސާފެއް. ތިތިބީ ދައުވާކުރެވޭނެ ހާލަތުގަ
ލަބީބު
13 January 2022
ކެމްޕޭން ކުރުން އެއީ އިންތިޚާބަށް ނުފޫޒު ފޯރުވަން ކުރާ ކަމެކޭ. އެނޫން ދެން ކޮންކަމަކު ކުރާ އެއްޗެއްތަ އެއީ؟ މައްސަލައަކަށް ވަނީ ގާނޫނުތަކުން މަނާ ކުރާ ގޮތްގޮތަށް ނުފޫޒު ފޯރުވުން!