މާލޭ މަގެއް މަތީގައި ފުލުހުން ހަރަކާތްތެރިވަނީ: މާލެ ސިޓީ ކައުންސިލްއާ ގުޅިގެން ސްޕެޝަލް ކޮންސްޓެބިއުލަރީގެ ހިދުމަތް ދިނުމަށް ފުލުހުން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައި.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
15 ފެބުރުއަރީ 2022 - 17:56
މާލޭގައި ސްޕެޝަލް ކޮންސްޓެބިއުލަރީގެ ހިދުމަތް ދިނުމަށް މާލެ ސިޓީ ކައުންސިލުން ފުލުހުންނާ އެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ އެ އެއްބަސްވުމާ އެކު، ފުލުހުންނާއި ސިޓީ ކައުންސިލް ގުޅިގެން މާލޭގެ މުނިސިޕަލް ހިދުމަތްތައް ދިނުމުގެ އުސޫލުތައް ހަރުދަނާ ކުރެވޭނެ ކަމަށެވެ.
އެ އެއްބަސްވުމުގެ ދަށުން މާލެ އާއި ވިލިމާލޭގެ މަގުތަކާއި ޕާކުތަކާއި މައިދާންތަކުގެ އިތުރުން ޕޭވްމަންޓްމަތީގައި ނުވަތަ އާންމު ތަންތަނުގައި ގަވާއިދާ ހިލާފަށް ތަކެތި ބަހައްޓާ ފަރާތްތައް ހޯދައި، އެ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމާއި އަދި އެފަދަ ފަރާތްތަކުގެ މައުލޫމާތު ދެނެގަތުމުގައި ކައުންސިލަށް ފަސޭހަވާނެ ކަމަށް ބުންޏެވެ.
- މާލޭގެ މަގުތަކާއި ހުސްބިންތަކާއި ޕާކުތަކާއި މައިދާންތަކާއި އަދި ވިޔަފާރިކުރާ ސަރަހައްދުތަކުގައި ހުއްދަ ނުނަގައި ހިންގާ ކަންކަން ބަލައި އެފަދަ ކަންކަން ހުއްޓުވައި، އެ ފަރާތްތަކުގެ މައުލޫމާތު ފުލުހުން ކައުންސިލާ ހިއްސާކުރުމާއި އަދި އެ ފަރާތްތަކާ މެދު އަޅަން ޖެހޭ ފިޔަވަޅުތައް އެޅުން.
- މާލޭގެ މަގުތަކާއި އެ ނޫން ވެސް ތަންތަނަށް ކުނިއެޅުން ހުއްޓުވާއި ކުނިއަޅާ ފަރާތްތައް ދެނެގަނެ އެ ފަރާތްތައް ޖޫރިމަނާކުރުމުގެ ގޮތުން ދޭން ޖެހޭ ލިޔުންތައް ދިނުމާ އެކު އެ ފަރާތްތަކުގެ މައުލޫމާތު ފުލުހުން ކައުންސިލާ ހިއްސާކުރުން.
- މާލޭގެ ސަރަހައްދުތަކުގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ތަންތަނުގައި އެކަން ކުރާނަމަ، ހުއްޓުވާއި ފިޔަވަޅު އެޅުން.
- ސިޓީ ކައުންސިލުން ފެޓްރޯލްކޮށް ބަލަހައްޓާ ތަނެއްގައި ދިމާވާކަމެއްގެ ސަބަބުން އެއްވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން ޖެހިއްޖެ ނަމަ، އެކަންތައް ކުރުން.
- ސިޓީ ކައުންސިލުން ފެޓްރޯލްކޮށް ބަލަހައްޓާ ތަނެއްގައި އެއްވެސް ކަހަލަ ކުށެއް ހިނގާ ނަމަ ފުލުހުންގެ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަން ކުރުން.
ސްޕެޝަލް ކޮންސްޓެބިއުލަރީގެ ހިދުމަތް ދިނުމަށް ވެވުނު އެއްބަސްވުމުގައި މިއަދު ސޮއިކުރިޔަސް، އެ ހިދުމަތް ފެށުމަށް ފުލުހުން ތަމްރީނުކުރުމަށް ގާތްގަނޑަކަށް ތިން މަސް ހޭދަވާނެ ކަމަށް ފުލުހުން ބުނެފައިވާ ކަމަށް ކައުންސިލުން ބުންޏެވެ. އެ ތަމްރީނުތައް ނިމުނުހާ އަވަހަކަށް އެ ހިދުމަތް ފަށާނެ އެވެ.
އެ އެއްބަސްވުމުގައިވާ ގޮތުން ފުލުހުން މި ހިދުމަތް ދޭނީ މެއި 14، 2022 އިން ފެށިގެން މެއި 13، 2024 ގެ ނިޔަލަށެވެ.
ފުލުހުންގެ ފަރާތުން ހޯދާ ސްޕެޝަލް ކޮންސްޓެބްލަރީ ހިދުމަތަށް ބޭނުންވާ ބަޖެޓް ހަމަޖައްސާނީ ސިޓީ ކައުންސިލުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހައްމަދޫ
16 February 2022
ކޮން އެއްބަސްވުމެއްތަ. ތިކަންތައް ރަގަޅަށް ކުރެވޭތޯބަލައި ތަންކޮޅެއް ހަރުދަނާ ކޮށް މާލެތެރެއާއި،އެހެން ރަށްރަށްވެސް ބަލަހައްޓަބަލަ.ތިފިޔަވަޅު ތައް އެޅޭނޭބައި ޚާއްސަކޮށް ނުގަވާއިދުން އުޅޭ ބަންގާޅީންގެ ކަންތަކާއި ބާރަށް ސައިކަލް ބޫންބޫން ލައްވައިފައިދާ ގްރޫޕާއި
އޮރެންޖް
15 February 2022
ފިރިހެން ފުލުހުންގެ ފަހަތަށް އަންހެން ސިފައިން ސައިކަލްގައި އެރުވުން މަޖްބޫރު ކުރެވޭނެތަ؟ (2020ގައި) އަހަރުމެން ކަރަންޓީނު ކުރުވާފަ އެ ދުވަސްވަރު ވެސް ފިރިހެން ފުލުހުން އަންހެން ފުލުހުން ސައިކަލް ފަހަތަށް ލައިގެން ގައިދުރު ކަމެއް ނެތް ގޮތަށް... މިއީ އަންހެން ފުލުހުންނާ ދޭތެރޭ ކުރެވޭ ނާއިންސާފު ކަމެއް
ޔޫނުސު.
15 February 2022
މާލޭ މީހުނަށް އާސަންދަ ހަމަޖައްސާ ދިނުމަށް އާސަންދަ އޮފީހާއި އައިޖީއެމްއެޗް އާއި އެކުވެސް އެއްބަސް ވުމެއް ހަދާބަލަ.އަދި މާލޭގައި ހުރި ސުކޫލް ތަކާއި އެކުވެސް އެއްބަސް ވުމެއް ހަދާލުން ރަނގަޅު. ކަލޭމެނަށްވާ ސަލާމް.
އަލް އުސްތާޒު
15 February 2022
ޕޕމ އާއި މޑޕ ގެ ތަފާތު މިފެންނަނީ. މީގެ ކުރިން މާލޭ ސިޓީ ކައުންސިލްގެ އަޑެއް ބަޑެއް ނުއިވޭތާ ގަރުނެއް ވީ.
އިބުރާ
16 February 2022
އަޑެއް ބަޑެއް ނުއިވޭ ވަރަށް ކަރަށް ބާރުކޮށްލާފަ، ޒިންމާތައް އަތުލައިފަ، ހަމައެކަނި މަރުފޯމާއި ފޫޅުމާ ފޯމް ބަލައިގަންނަ ބަޔަކަށް ސިޓީ ކައުންސިލް ހަދާލާއިފަ އޮތީ މުއިއްޒުގެ ރަން 7 އަހަރު ދުވަހު. މިއަދު މުއިއްޒުއަށް މޭޔަރުކަން ލިބުނު އިރު ހުރިހާ ބާރެއް ކަހަލަ ގޮތަކަށް ދޫކުރުމުން ކަންކަން ހިނގަން ޖެހޭނެ. އެކަމަކު އަދިވެސް މުއިއްޒު އެބަލަނީ ޖީބަށް ލާރިއެއް ލިބޭ ކަމެއް ނެތިގެން އެކަމާ ދެރަވެގެން.
އޮނަރަބްލް އަފީފު ދީދީ
15 February 2022
ޙަބަރު ކިޔާލުމުން ހީވަނީ ދިވެހިދައުކަތުގެ ބާރުތަކުގެތެރެއިން ކަޑައެޅޭބައެއް ކ.އަތޮޅު މާލެއަށް ހިބަކޮށްދިނުމަށް ވެވުނު އެއްބަސްވުމެއްގެގޮތަށް ހެދުނު އެއްޗެއްކަމަށް. # މިހާރުވެސް ދައުލަތުގެ ހުރިހާބާރަކާއި ވަސީލަތާއި މުއްސަނދިކަން ޖަމާކޮށްފައިވާ ތިރަށުގައިތިބި ފުލުހުންގެތެރެއިން އެއްބައި ކައުންސިލްގެ ދަށަށް ގެންނާންޖެހޭ ސަބަބަކީ ކޮބާ؟ # ފުލުހުން ހޯދާ ރައްޔިތުންގެ ޒާތީ މައުލޫމާތު ސިޓީ ކައުންސިލާއި ޙިއްސާ ކުރުމަކީ ހުއްދަކަމެއްނޫން. ތިކަން ނުކުރެވޭނެ.
އަބްޑޫޅް
16 February 2022
މާލެ އަކީ ކ އަތޮޅުގެ ރަށެއް ނޫން. މާލެ އަކީ ދިވެހިރާއްޖޭގެ ވެރިރަށް، ފުރަމާލެ. ޒަމާނުން އެންމެ ގިނަދުވަސްވީ ފުލުހުންގެ ހިދުމަތް އޮންނަނީ މާ ބްރިޓަން އާއި އުތުރު އަޔަރުލެންޑުގެ އެކުވެފައިވާ ރަސްކަމުގަ. އެ ދައުލަތުގެ ވެރިރަށް، ފުރަ ލަންޑަން (ގުރޭޓާ ލަންޑަން) ގަވެސް ބީރައްޓެހި ރަށްރަށާ ވަކިން ފުލުސް ހިދުމަތެއް އޮންނަނީ. ކުރީގަ ނަމަ، އެއީ އިސްކޮޓްލެންޑު ޔާޑު. މިހާރު ނަމަ، "މެޓުރޮޕޮލިޓަން ޕޮލިސް ހިދުމަތް".
ޤައުމުގެ ޙާލަތު
15 February 2022
ދެން ސިފައިންނާއެކު ޤައުމު އުދުވާނީ ހަމަލާއެއްގަ ގައުމު ދިފާއުކުރަންޖެހޭނެކަމަށް އެއްބަސްވުމެއް ހަދަން ފެނޭ. އެހެންނޫނީ އެކަންވެސް ނުކޮށްފާނެ.