މ. މުލި އަދި އެ އަތޮޅު ވޭވަށް: މުލީ ރާޅުގަނޑުން ގެއްލުނު ފަތުރިވެރިޔާ ވަނީ ފަތާފައި ވޭވަށަށް އަރާފައި
11 އޮކްޓޯބަރ 2022 - 15:59
މ. މުލީ ރާޅުގަނޑު ސަރަހައްދަށް ރާޅާ އަޅަން ފައިބައިގެން އުޅެނިކޮށް މިއަދު ގެއްލުނު ޓޫރިސްޓު މީހާ ފަތާފައި ވޭވަށް އަރައިފި އެވެ.
އެމްއެންޑީއެފުން ބުނީ، ޗެކްރިޕަބްލިކްގެ އެ ފިރިހެންމީހާ ފަތާފައި މ. ވޭވަށަށް އަރާފައިވާ ކަމަށް އެ ރަށު ކައުންސިލުން މިއަދު މެންދުރު 2:00 ހާއިރު އެމްއެންޑީއެފް ކޯސްޓްގާޑަށް އަންގާފައިވާ ކަމަށެވެ.
އެ ރަށު ކައުންސިލުގެ ރައީސް މަމްދޫހު ވަހީދު، ޓޫރިސްޓު މީހާއާ ހަވާލާދީ "މިހާރު" އަށް ކިޔައި ދެއްވި ގޮތުގައި އެ މީހާ ރާޅާ އަޅަން ފައިބައިގެން އުޅެނިކޮށް، ކުއްލިއަކަށް ވިއްސާރަވެ، އޮޔާއެކު މާ ބޮޑަށް ބޭރަށް ދަމައިގަތީ އެވެ.
އޭރު އޭނާއާއެކު ރާޅާ އަޅަން ދިޔަ މީހުން ތިބި ލޯންޗާ ވެސް މާ ދުރަށް އޭނާ ދަމައިގަތުމުން އެ މީހުންނަށް ވެސް އޭނާ ނުފެންނަ ކަމަށް މަމްދޫހު ވިދާޅުވި އެވެ.
ޓޫރިސްޓު މީހާ ބޯޑު މައްޗަށް އަރައިގެން އަނބުރާ މުއްޔާ ދިމާލަށް ދެވޭތޯ މަސައްކަތް ކުރި އެވެ. ނަމަވެސް، އޮއި ބާރު ކަމުން އެ ދިމާލަށް ކުރިއަކަށް ނުދެވުނެވެ.
މަމްދޫހު ވިދާޅުވީ، ޓޫރިސްޓު މީހާ އެ ވަގުތު ހާސްނުވެ، އޮޔާއި ވައި ހުރި ގޮތް ބަލައިގެން ބޯޑުގެ މަތީގައި ދުއްވީ އެވެ. އަދި ރާޅާ އަޅަން ގެންގުޅުނު ބޯޑު މަތީގައި އޮވެގެން އޮއި ހުރި ކޮޅަށް މަޑުމަޑުން ފަތާފައި ދިޔައީ އެވެ.
އޮއިވަރު ހުރި ގޮތުން، ޓޫރިސްޓު މީހާ އަށް އެރުނީ ވޭވަށުގެ ދެކުނު ފަރާތަށް ކަމަށް މަމްދޫހު ވިދާޅުވި އެވެ.
މުއްޔާއި ވޭވަށާއި ދޭތެރޭގައި އޮންނަނީ ކަނޑު އޮޅިއެކެވެ. އަދި އެ އަތޮޅު މުލައް ވެސް އޮންނަނީ އެ ދެ ރަށް ދޭތެރޭގަ އެވެ.
މަމްދޫހު ވިދާޅުވީ، ޓޫރިސްޓު މީހާގެ ހަށިގަނޑުން އެއްވެސް ޒަހަމެއް ނުފެންނަ ކަމަށާއި ހާލު ވެސް ރަނގަޅު ކަމަށެވެ.
މިދިޔަ ހަފުތާގައި ސިފައިން ވަނީ ލޯންޗަކުން ވެއްޓިގެން ގެއްލުނު މީހަކު ހޯދަން އޮޕަރޭޝަނެއް ހިންގައިފަ އެވެ. އެކަމަކު، އޭނާ އަދިވެސް ފެނިފައި ނުވާއިރު، މިއަދު އެ އޮޕަރޭޝަން ވަނީ ހުއްޓާލައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަންޑަހެލޭ
11 October 2022
މުލި އެއް ނޫން. ރަނގަޅުގޮތަކީ މ. މުލަކު
މުލަކަތޮޅު
11 October 2022
މުލި އާއި މުލައް އެއީ ދެރަށް..
ކުޗީ
11 October 2022
ވަރަށް ބޯރަނގަޅު މީހެއް. ކިތަންމެ މޫދަށް ގަދަޔަސް އޮޔާ ދެކޮޅަށް ފަތައިގެން ލިބޭނީ ކެހި. އޮޔާދަމައިގަންނަ ގަޑީގައި ހާސް ވެފަ ހުންނަ ވަރުން މިއީ ވަރަށް ގިނައިން ކުރެވޭ ކަމެއް.