އެމްއެންޕީން ބޭއްވި ނިއުސް ކޮންފަރެންސްގައި، އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމް އާއި ނައިބު ރައީސް އަބްދުﷲ ރިޔާޒް ބައިވެރިވެވަޑައިގަންނަވަނީ: ޑްރަގްސް ގެއްލުނު މައްސަލަ މަޖިލީހަށް ހުށަހާނެ ކަމަށް ރިޔާޒް ވިދާޅުވި -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
17 ޖެނުއަރީ 2023 - 14:38
ކަސްޓަމްސް އިން އަތުލައިގަތް 46 ކިލޯގެ ޑްރަގްސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ތެރެއިން ގެއްލުނު މައްސަލަ ބަލަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ތިމަރަފުށީ ދާއިރާގެ އެމްއެންޕީގެ މެމްބަރު އަބްދުﷲ ރިޔާޒު މިއަދު ވިދާޅުވެއްޖެ އެވެ.
މަސްތުވާތަކެއްޗާއެކު ރާއްޖެ އައި ދެ މީހަކު ކަސްޓަމްސް އިން އަތުލައިގަތް ފަހުން، މަސްތުވާތަކެއްޗާއެކު ލަގެޖް ގެއްލުނު މައްސަލައަކާއި ލަގެޖުގެ އިތުރުން މީހަކު ވެސް ގެއްލުނު މައްސަލައެއް ބަލަމުން އަންނަކަން "މިހާރު" އަށް ވަނީ އެނގިފަ އެވެ.
ފުލުހުން ފަހުން މީޑިއާގައި މިއަދު ބުނީ، އެ މައްސަލަ ބަލަމުން އަންނަ ކަމަށާއި އެ ލަގެޖު ގެންދިޔަ މީހަކު ދެނަގަންނަން މިހާތަނަށް ކުރި މަސައްކަތުގައި، އެއާޕޯޓުގެ މުހިންމު ބައެއް ތަންތަނުގައި ކެމެރާ ވެސް ނެތްކަން ފާހަގަވެފައިވާ ކަމަށެވެ.
މިކަމާ ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން އަންނަ މި ދަނޑިވަޅުގައި ރިޔާޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވި ގޮތުގައި، އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ ޑްރަގްސް ގެއްލުނީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ހިތަށް އެރިގޮތަކަށް ކަންތައްތައް ކުރަން ދޫކޮށްލާފައި އޮތުމުންނެވެ. އެހެންވެ، އެ މައްސަލަ މަޖިލީހަށް ހުށަހަޅައިގެން ކަމާބެހޭ އިދާރާތައް ޖަވާބުދާރީކުރުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ސަރުކާރުގެ ހަރުދަނާ ސިޔާސަތެއް ނެތް: ރިޔާޒް
"މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ސަރުކާރުގެ ހަރުދަނާ ސިޔާސަތެއް ނެތް،" ރިޔާޒް ވިދާޅުވި އެވެ.
އެ މައްސަލާގައި ދަނގެތި ދާއިރާގެ މެމްބަރު އަދި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ވެސް މިއަދު ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އޭނާ ވިދާޅުވީ، ކަމާބެހޭ އިދާރާތަކުން އަތުލައިގަނެފައި ހުރި މަސްތުވާތަކެތި ގެއްލިގެން ނުވާނެ ކަމަށާއި އެކަމުން ފެންނަނީ ތަންފީޒީ އިދާރާތަކުގެ އިހުމާލު ކަމަށެވެ.
"މިކަމަށް ޖަވާބުދާރީވެ ޒިންމާވާ މީހުންނަށް ފިޔަވަޅު އަޅަން ޖެހޭ،" ސިފައިންގޭގައި ވިއްސަކަށް އަހަރު ހޭދަކުރެއްވި ކުރީގެ ޑިފެންސް މިނިސްޓަރު ވިދާޅުވި އެވެ.
ކަސްޓަމްސް އިން އިއްޔެ ބުނީ، އެފަދަ ކަމެއް ހިނގި ކަމެއް "ނޭނގޭ" ކަމަށެވެ.
އެނގިފައިވާ ގޮތުގައި މީގެ ދުވަސްކޮޅެއް ކުރިން ޕާކިސްތާނުން އައި މީހެއްގެ ލަގެޖުން 30 ކިލޯގެ މަސްތުވާތަކެތި ފެނުނުވެ. އެކަމަކު އެ މީހާ ފުލުހުންނާ ހަވާލުކުރި އިރު އެ މީހާގެ ލަގެޖް ވަނީ ގެއްލިފަ އެވެ. ކަސްޓަމްސް އިން ފުލުހުންނާ ހަވާލުކުރީ މީހާ އެކަންޏެވެ.
އެ މައްސަލަ ބަލަމުން އަންނަނިކޮށް، އިއްޔެ ވަނީ 16 ކިލޯގެ މަސްތުވާތަކެއްޗާއެކު ރާއްޖެ އައި މީހަކު ވެސް އަތުލައިގަތް ފަހުން "ގެއްލިފަ" އެވެ. އޭނާގެ ލަގެޖަށް ވެސް ވީގޮތެއް ނޭނގެ އެވެ.
މައުލޫމާތު އެނގޭ މީހަކު ކިޔައިދިން ގޮތުގައި މަސްތުވާތަކެތި އަޅާފައި ހުންނަ ފޮށި ފަދަ ތަކެތި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ތެރޭގައި، ކެމެރާއަށް ނާރާ ގޮތަށް ވަކި ތަންތަނެއްގައި ބެހެއްޓުމަށް ފަހު، އެއާޕޯޓުން އެ ތަކެތި ބޭރުކުރުމަކީ އެހެން ބައެއް ގައުމުތަކުގައި ވެސް ކުރާ ކަމެކެވެ. މި ފަހުން ގެއްލުނު މަސްތުވާތަކެއްޗަކީ އެފަދަ އުކުޅުތައް ރާއްޖޭގައި ވެސް މިހާރު ބޭނުންކުރަން ފަށާފައިވާ ކަމުގެ ހެއްކެއް ކަމަށް އޭނާ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަފްރާސިޔާބު
17 January 2023
އާންމު ގޮތެއްގައި ރިޔާސީ އިންތިޚާބުތަކާ ދިމާކޮށް ޑްރަގުގެ ތިޔާގިކަން ގައުމަށް އާދޭ.
ޢެމެރިކާ
17 January 2023
މަޖުލީހަ ވެއްދިސް ރޯ އެޖެންޓުން ކުއްވެރި ނުވާނެ
އަލަމާ
17 January 2023
ތީ ކުރީސަރުކާރުގެ މައްސަލައެއް، ޔާމީން ޒިންމާވާން ޖެހޭނީ، ކުރީސަރުކާރުން ރަނގަޅައް ކެމެރާ އެޅިނަމަ މިހެން ނުވާނެ، މިސަރުކާރުން ކުރަމްޖެހޭ ކަމެއް އޮވެގެން ނުވާނެ
ބޯޅަބޭބެ
17 January 2023
އަހަރުމެން ތިބޭނަން މަޖިލީހުގެ ހުރި ގާބިލުކަމެއް ސާފުތާހިރުކަމެއް ބަލަން. ނިކަން ޒިއްމާވާ ބަޔަކު މަތިކޮށް ޒިއްމާ އަދާނުކުރެވޭ ގާބިލުކަމެއް ނެތްބަކަޔަކު ވަކިކޮށްބަލަ.
ވަގުރިޔާޒުލް ބާޢީނިޒާމް
17 January 2023
ގޮނޑިންވެއްޓޭގެ ކޯނީ ރިޕޯޓް މާ އެނގި ގަނެގެން ނޫޅެބަލަ. ތިފާޑުގެ ރޯނު އެދުރުން ގިނަ ވެގެން އުޅޭތީ މިރާއްޖެ މި ދަރަޖައިގަ އޮތީ. ބަލަ ލިޔަން އެކަނިތަ އެނގެނީ.އެވެސް މީހަކަށް އެއްޗެއް އެނގޭނެހެން ލިޔެބަލަ. މިތާގަ ކޮމެންޓު ކުރަން އޮތީ ކޮން ޙަބަރަކާއި ގުޅިގެން ކަުމެއް ނޭނގެންޏާ މާ ވަރު ދައްކާލާފަ ތާނަ އަކުރު މިތަނަށް ނާޅާ.މުޅި ކޮމެންޓު ބައި ނަޖިސް އަރުވާލާ ދިވެހި ބަހަށް ވެސް ހުތުރު އަރުވާލާފަ މާ މޮޅު ކަމެއް ކުރެވުނު ކަމަށް ހިތާ ދޯ ތިއޮތީ. ލަދެއް..ނެތި
އަލީހަމީދު
17 January 2023
ތަހުޒީބު މުޖުތަމައުތަކުގަ ތިކަހަލަ ކަމެއް ދިމާވެއްޖެއްޔާ އެ މުއައްސަސާއެއްގެ ވެރިޔަކު ވަގުތުން އިސްތިއުފާދޭ، އެކަމަކު ރާއްޖޭގަ ޒިންމާނަގާނެ މީހަކު ނުހުރޭ.
އަފްރާސިޔާބު
17 January 2023
ބަލަ އެވެރިން އެވިދާޅުވަނީ ނޫންތޯ ގިނަ މީހުން އުޅޭތީ ތިމަންނަމެން ޒިންމާ ނަގާކަށް ނުޖެހޭނެޔޯ؟ މިވަރު މީހުންވެސް ވެރިންގެ ގޮތުގައި ބޮޑު މުސާރަ ނަގައިގެން އެބަތިބޭތާ. ކޮނޑާއި މޭމަތި އެތައް ބައިވަރު ކުލަތަކަކުން ޖަރީކޮށްގެން.
ޖާބިރު
17 January 2023
ހާދަ ހީވޭ މިކަމުގެ ފަހަތުގަ މިބޭފުޅާގެ އަތެއް ވާހެން. ދެކޮޅުން ފައިދާ ނަގަންވެގެން އެކަން ސިޔާސީ ކުރުމާއި ޑްރަގް ގެއްލުވާލައިގެން އޭގެ ވިޔަފާރިން ފައިދާ ނަގަން އުޅޭހެން ހާދަ ހީވޭ.
ބޮޑުމީހާ
17 January 2023
ތިކަމުގައި ކުށްވެރިވާނީ ލަގެޖް. ކެމްޕެއިންތަކުގަ މީހުން އުޅޭއިރު ހީވޭތަ ގައުމީ ބޮޑެތި މައްސަލަތައް ހުރިހެން. ފުށްޖަހާ ޖަރީވެގެން ހަރުގެއަށް ދެވުނީމަ ނިމުނީ...މާދަމާ ދަރިންތައް ޑްރަގްބޮއެގެން ބިތްޖެހިފަ އޮންނައިރު ތި ސިޔާސީ މީހުންނާންނެ އެހީވާން. ޕާޓީ ވިޔަސް ޒިންމާދާރުކުރުން އޮންނަންވާނެ
ގުދުގުދުލީބެއްޔާގެ ތެދުބަސް
17 January 2023
މިގައުމުގާ ކޮންމެކަމެއްހިނގިޔަސް/ކުރިޔަސް ޒިންމާވާންޖެހޭ/ޒިންމާކުރެވޭނެ ފަރާތެއް ނުހުންނާނެ.
ހީވާ
17 January 2023
ލަގެޖް ގެއްލުވާލަން އުޅޭނީ ހަމަ އެއްބަޔަކުތާ. އެބަޔަކު އެނގިދާނެ އެގަޑީގަ ލަގެޖްތަކަށް އެކްސެސްވާ ގޮތަށް ލަގެޖް ގެއްލުނު ދެދުވަހު އެންމެ ހަރަކާތްތެރިކޮށް އެގަޑިތަކުގައާ އެދުވަހު އުޅުނީ ކޮން މުވައްޒަފުންނެއްތޯ ބެލީމަ. ދެން ކެމެރާއަށް ނާރާ ގޮތަށް މަސްތުވާތަކެތި ހުންނަ ފޮށިތައް ބެހެއްޓުމަކީ ކޮންފަދަ މޮޅު ވިސްނުމަކުން ވިސްނާފަ ނިންމާފަ އޮންނަ ކަމެއްބާ؟