ޔާމީން: އިންތިޚާބަށް ވަގުތު އޮއްވާ އެމަނިކުފާނު މިނިވަންވާނެ ކަމަށް އެމަނިކުފާނުގެ ވަކީލުން ވިދާޅުވި --- ފޮޓޯ/މިހާރު
22 ފެބުރުއަރީ 2023 - 16:30
މި އަހަރުގެ ރިޔާސީ އިންތިހާބަށް ވަގުތު އޮއްވައި ހައި ކޯޓުން ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެ މަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން މިއަދު ބުނެފި އެވެ.
ވ. އާރަށް މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން 11 އަހަރަށް ޖަލަށްލައި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވަނީ ހުކުމްކޮށްފަ އެވެ. އެ ދުވަހު އެ މަނިކުފާނު ޖަލަށް ލާފައިވާއިރު، އެ ހުކުމް އިސްތިއުނާފު ކުރަން ޔާމީންގެ ފަރާތްޕުޅުން އިއްޔެ ވަނީ ހައި ކޯޓަށް ހުށަހަޅުއްވައިފަ އެވެ.
ޔާމީންގެ ވަކީލުންގެ ޓީމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޓީމުގައި އިސްކޮށް ހަރަކާތްތެރިވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް ވިދާޅުވީ ގާނޫނީ ގޮތުން ބޮޑެތި ގޯސްތަކެއް ހަދާފައިވާ ކަމަށާއި ކުރި ދައުވާ އާއި ލިބުނު ހެކިތަކާ ދިމާނުވާ ކަމަށެވެ. އަދި މަތީ ކޯޓުތަކުގައި ނަޒާހަތްތެރި ފަނޑިޔާރުން އެބަ ތިއްބެވި ކަމަށާއި އެހެންވެ، ރިޔާސީ އިންތިހާބަށް ވަގުތު އޮއްވައި އެ ކޯޓުން ޖަލު ހުކުމް ބާތިލް ކުރުމުގެ އުއްމީދު އެބައޮތް ޖަމީލް ވިދާޅުވި އެވެ.
"ވަރަށް ޔަގީންކަން އެބައޮތް މިހާރު މި އޮތް އިިންތިހާބުގައި އެކަށީގެންވާ ވަގުތު އޮއްވައި އަޅުގަނޑުމެންނަށް މިކަން ކާމިޔާބު ކުރެވޭނެ. ހައި ކޯޓުން މައްސަލަ ކާމިޔާބު ކުރެވޭނެ. ރައީސް ޔާމީންގެ ޒައާމަތެއް 2023 ވަނަ އަހަރުގެ އިންތިހާބަށް ފަހު ފެށިގެން ދާނެ،" މި އަހަރުގެ ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބަށް ވަގުތު އޮއްވައި ހައި ކޯޓުން ޔާމީން މިނިވަން ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވަމުން ޖަމީލް ވިދާޅުވި އެވެ.
ޔާމީންގެ ގާނޫނީ ޓީމުގެ އިސް މެމްބަރު ޑރ. ޖަމީލް (ކ) އަދި އަބްދުﷲ ޝިޔާޒް މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ޕީޕީއެމް
އެ މަނިކުފާނު ވިދާޅުވިގޮތުގައި، އިސްތިއުނާފގެ މައްސަލަ ނިމެންދެން ކަފާލާތުގެ ދަށުން ޔާމީން މިނިވަން ކުރަން ހައި ކޯޓުގައި އެދޭނެ އެވެ. ޔާމީން ކުރިން ޖަލަށްލި މައްސަލާގައި ކަފާލާތު ނުދިނަސް، މިހާރު އޮތް މައްސަލާގައި ހަދާފައިވާ ގޯސްތަކުގެ ސަބަބުން ކަފާލާތު ލިބޭނެ ކަމަށް އުއްމީދު އެބައޮތް ކަމަށް ޖަމީލް ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެދޭނަން. އަދި އަޅުގަނޑުމެންނަށް އުއްމީދުކުރަން އެ ހުކުމް ދެއްވާނެ ކަމަށް. އެއީ މިހާ ބޮޑެތި ގޯސްތަކެއް ހަދާފައި ހުރުމުން،" ޖަމީލް ވިދާޅުވި އެވެ.
"ވަރަށް ޔަގީންކަން އެބައޮތް މިހާރު މި އޮތް އިިންތިހާބުގައި އެކަށީގެންވާ ވަގުތު އޮއްވައި އަޅުގަނޑުމެންނަށް މިކަން ކާމިޔާބު ކުރެވޭނެ. ހައި ކޯޓުން މައްސަލަ ކާމިޔާބު ކުރެވޭނެ. ރައީސް ޔާމީންގެ ޒައާމަތެއް 2023 ވަނަ އަހަރުގެ އިންތިހާބަށް ފަހު ފެށިގެން ދާނެ،--- ޑރ. ޖަމީލް
އެ މަނިކުފާނު ވިދާޅުވީ އެންމެ ބޮޑު ކަންބޮޑުވުމަކީ ގާނޫނު ތަތުބީގު ކުރުމުގައި ބޮޑެތި ގޯސްތަކެއް ދަށު ކޯޓުތަކުން ހަދަމުންދާތީ ކަމަށެވެ. އެކަން އެގޮތަށް ދިމާވަނީ ފަނޑިޔާރުންނަށް އެކަށީގެންވާ ތަމްރީނު ނުލިބުމާއި ފަނޑިޔާރުން އައްޔަން ކުރުމުގައި ގޯސްތަކެއް އުޅޭތީ ކަމަށް ވިދާޅުވި އެވެ.
"އޭގެ މާނައަކީ ފަނޑިޔާރުންގެ ފެންވަރުގެ މައްސަލަތަކެއް އެބަހުއްޓޭ،" ޖަމީލް ވިދާޅުވި އެވެ.
ޔާމީންގެ ވެރިކަމުގައި ފުރަތަމަ ނައިބު ރައީސް ޖަމީލް ވިދާޅުވި ގޮތުގައި ޔާމީންގެ މައްސަލަ ބައްލަވާ ކޮންމެ ފަނޑިޔާރަކު މަތީ ކޯޓުތަކަށް ޕްރޮމޯޓް ކުރުމަކީ ކަންބޮޑުވާ ކަމެކެވެ. އެ ކަމާ ދެކޮޅަށް ކޯޓުތަކުގެ އިސް ބޭފުޅުން މަސައްކަތް ކުރަންޖެހޭ ކަމަށާއި އެހެން ނޫން ނަމަ ގާނޫނުގެ ހުކުމް ދެމި ނޯންނާނެ ކަމަށް ޖަމީލް ވިދާޅުވި އެވެ.
ޔާމީންގެ މައްޗަށް ކުރި ހުކުމާ އެކު، ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އެ މަނިކުފާނަށް ވަނީ ގެއްލިފަ އެވެ. އެކަމަކު ސެޕްޓެމްބަރު މަހު އިންތިޚާބަށް ކުރިމަތިލުމުގެ ވަގުތު ހަމަވުމުގެ ކުރިން ހުކުމް ބާތިލްކޮށްފި ނަމަ އެ ފުރުސަތު ލިބިވަޑައިގަންނަވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިރާއްޖެ
23 February 2023
ދުނިޔައަށް ޖެހުނުު ބަލިމަޑުކަމެއްގައި ވެންޓިލޭޓަރު ނަމުގައި ކާލި މީހުން މާ ނުބައި. ކޮންފަދަ ނާޒުކު ހާލަތެއްގެ ފުރުޞަތުގަ ލާރިގަނޑު ވައްކަން ކުރީ. މި ކުލަ ޖެހިފަ ތިބޭ މީހުން ބަލަން ބޭނުންވާ އެއްޗެއް ބަލާނި.
ާާަައައްލާ
23 February 2023
80 ގިރިވިއްކާފަ ކޮއްމެ ގިރިއަކުން 1އެމް ޔޫއެސްޑީ ނުނެގިޔަސް ވީސް ދެއްތޯ
ޔާމީންވަގު
23 February 2023
އަންނިއަށް ހެދިހެން މަށައްމި ހެދީ
ޖަމީލުގެ އަޚު
23 February 2023
އެންމެ ފުރަތަމަ ވެސް ޖަމީލު ކުރިކަމަކީ ފަޑިޔާރުންގެ އަގު ވައްޓާލީ. މިއީ ޖަމީލަށް ނޭގި ކުރާ ކަމެއް ނޫން. މުޅި ޝަރުއީ ދާއިރާއަށް ބަވާފަ އިސްތިއުނާފް ތިޔަކުރީ ވަގުތު ނަގާލާފަ، ފުއްގިރި މައްސަލަ ކޯޓުގައި ހިގަންފެށީމަ. މިހާރު ތިޔަހެދިގޮތުން ޕީޕީއެމްގެ ލީޑަރޝިޕަށް އެހެން ކަމަކަށް ވިސްނާނެ ފުރުސަތެއް ނެތް. ސަރުކާރަށް މުޅި ދަނޑު ތިޔަދިނީ ބޭނުން ގޮތަކަށް ކުޅެން.
ކޮލަމާހުއްޓާ
23 February 2023
މީނަ މީނަގެ ވެރިކަމުގަ ރޯމާ ދުވާލު ކުރި ވައްކަންތައް އެހެރީ ފެންނަން..ނަމަ ނަމަ ދޫނުކުރާތި. ތީ ގައުމަށް ހުރި ނުރައްކަލެއް.
ބަޑިތަކުރު
23 February 2023
ޝަރީޢަތުން ނިމޭނޭގޮތް މި މީސްމީހުން ދުރާލާ ހާމަކުރާ ހިސާބަށް ދިޔައީމާ ކިތަންމެ ނޭދުނަސް ތިޔަހެން ވުން މާދުރުނޫންކަމަށް ގަބޫލުކުރެވެއެވެ. އެހެންވިޔަސް ދެވަނަ ފަހަރަށް އެކުރި ކަންކަން އިއާދަކުރަން ހެޔޮވިސްނޭ ގިނަ މީހުން އިރާދަކުރެއްވިއްޔާ އިންތިޚާބުގައި ވޯޓެއް ނުދޭނެއެވެ. އަދި އިރާދަކުރެއްވިއްޔާ ބޮޑުތަނުން ބަލިވާނެއެވެ.
އަލިފުޅު3
23 February 2023
ޕީޕީ ކުދިންގެ ތިހިރަ މޮޔަ ވިސްނުމެކެވެ. ޔ.އ.ޤ ގެ ވަކީލަކަށް ޖަމީލު ހުރިހާ ދުވަހަކު އޭނާ ޖަލުން މިނިވަން ވާނެހެން ހިއެއް ނުވެއެވެ. ބަލަން ތިބެމާ ބަހީ އެވެ...
އަހްމަދ
23 February 2023
ކުރިންކީ " ކުރިމިނަލްކޯޓުން ޔާމީނު މައުސޫމުކަން ސާބިތު ވާނެ". ޖަމީލުމެން ދައްކާނެ ވާހަކަ ހުސްވާނެތަ؟
ޢެމެރިކާ
23 February 2023
އިންޑިޔާ އައުޓް ކުރާނަން އިންޝަﷲ
ނުނން
23 February 2023
ޔާމީން އައުޓް ކުރާނަން އިންޝަﷲ
ޝޮކްތެރަޕީ
23 February 2023
ރައިސް ޔާމިނަ ރިޔާސީ އިންތިހާބުގަ ވާދަ ކުރެވެންޏާ ވޯޓް ދޭނެ ދިވެހިން އިންޝާﷲ