ރައީސް އޮފީހުގެ ޕްރެސްއެއްގައި އެ އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
22 ޖޫން 2023 - 13:57
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވައިގެން ވެސް މަޖިލިސް ކުރިއަށް ގެންދަން ޖެހޭ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ 54 މެންބަރުންގެ ސޮޔާ އެކު ނަޝީދުގެ އިތުބާރު ނެތް މައްސަލައެއް ހުށަހަޅާފައި ވަނީ މި މަހު 7 ގަ އެވެ. އޭގެ ފަހުން ބޭއްވި އެއްވެސް ޖަލްސާއެއްގައި ބައިވެރިވެވަޑައިގަތުމަށް ނަޝީދު ވަނީ އުޒުރުވެރިވެވަޑައިގެންފަ އެވެ.
ނަމަވެސް މިއަދު ޖަލްސާއެއް އެޖެންޑާކުރެއްވުމަށް ފަހު ރައްޔިތުންގެ މަސްލަހަތު އިސްކުރައްވަން ކަމަށް ވިދާޅުވެ، ނަޝީދު ވަނީ ރިޔާސަތާ ހަވާލުވެވަޑައިގެންފަ އެވެ.
އަދި މަޖިލީހުގައި މަރުތަޅު އެޅި މަސައްކަތްތައް ހުއްޓުނީ މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރުނެތް ކަމުގެ މައްސަލަ އެއްފަހަރާ ހުށަހެޅުމުން ކަމަށާއި އެކަމުގެ ޒިންމާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނަންގަވަންޖެހޭ ކަމަށް ނަޝީދު ވަނީ ތުހުމަތުކުރައްވައިފަ އެވެ.
މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބަލަހައްޓަވަނީ. -ފޮޓޯ: މަޖިލީހުގެ އިދާރާ
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިއުވާން ވިދާޅުވީ ނަޝީދު ބޭނުންވެވަޑައިގެންނެވި ނަމަ ކުރީގެ ދެ ޖަލްސާ ވެސް ބޭއްވޭނެ ކަމަށެވެ. އެކަމަށް ސަރުކާރުގެ އެއްވެސް އިދާރާއަކުން ހުރަސް އަޅާފައި ނުވާ ކަމަށް ވެސް މިއުވާން ވިދާޅުވި އެވެ.
"ރައްޔިތުން މަޖިލީހުގެ ޖަލްސާ މިއަދު ވެސް އެ ބޭއްވުނީނޫންތޯ، އެއްވެސް އިދާރާއަކުން އެއްވެސް މީހަކު އެއްވެސް ކަމެއް ނުކުރޭނޫންތޯ، ހަމަ ރައީސް ނަޝީދު ބޭނުންފުޅުވީމަ ހަމަ މިއަދުގެ ޖަލްސާ ވެސް ކުރިއަށް ގެންދިޔައީ، މީގެ ކުރީގެ ދެ ޖަލްސާ ވެސް އެމަނިކުފާނު ބޭނުންފުޅުނަމަ ކުރިއަށް ގެންދެވުމުގެ ފުރުސަތު އޮންނާނެ ކަމަށް ނޫންތޯ އެނގިގެން އެ ދިޔައީ،" އޭނާ ވިދާޅުވި އެވެ.
މަޖިލިސް ކުރިއަށް ނުގެންދެވުނީ ރައީސްގެ ސަބަބުން ކަމަށް ނަޝީދު ވިދާޅުވި ނަމަވެސް އެ ވާހަކައިގައި އެއްވެސް ބުރަދަނެއް ނެތް ކަމަށް މިއުވާން ވިދާޅުވި އެވެ.
"އެމަނިކުފާން (ނަޝީދު) ބޭނުންފުޅުވީމަ އެ ޖަލްސާ ބޭއްވުނީ. އެޖެންޑާ އެހެން ގޮތަކަށް ބަދަލުކޮށްގެން ބޭއްވުމުގެ ބާރުވެސް އެމަނިކުފާނަށް އެބަ އޮތް،" އޭނާ ވިދާޅުވި އެވެ.
އަދި ޑިމޮކްރެޓިކް ރިޔާސީ ނިޒާމެއް ހިނގާ ގައުމެއްގެ ގާނޫނު ހަދާ މަޖިލިސް ހުއްޓިފައި އޮވެގެން ނުވާނެ ކަމަށާއި އަދި ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދުގައި ވެސް އޮތީ މަޖިލިސް ހުއްޓިފައި އޮންނާނެ ގޮތަކަށް ނޫން ކަން މިއުވާން ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެން ސަރުކާރުން ވެސް އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުން ވެސް ރައްޔިތުން ވެސް ދައްކަވަމުން ގެންދެވީ އެ ވާހަކަ. އެހެން ނަމަވެސް އެ ވާހަކަ ގަބޫލު ނުކުރައްވާ އެހެން ވާހަކަތަކެއް އެ ބޭފުޅުން ކުރިން ދައްކަވަމުން ގެންދެވީ. މިއަދު މިހާރު އެ އޮތީ ޖަލްސާ ބޭއްވިފައި. ދައުލަތުގެ އެއް ބާރުގެ ގޮތުގައި މަޖިލިސް ހިނގަން ޖެހޭނެ. ދައުލަތުގެ އެންމެ އިސް ވެރިޔާގެ ހައިސިއްޔަތުން ރައީސް ކަށަވަރު ކުރައްވާނެ،" މިއުވާން ވިދާޅުވި އެވެ.
މަޖިލީހުގެ ޖަލްސާތައް ނުބޭއްވި ދެ ދުވަސް އޮތުމަށް ފަހު، މަޖިލީހުގެ ރިޔާސަތާ ނަޝީދު ހަވާލުވެވަޑައިގެން މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައި އޮތީ ދާއިމީ ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތް އެކަންޏެވެ.
އެކަމަކު އެކަމުގައި ވޯޓަށް އަހައި ގޮތެއް ނިންމުން އޮތީ އެހެން ޖަލްސާއެއްގައި ކަމަށް އެޖެންޑާގައި ކަނޑައަޅާފައިވާއިރު، އެކަން ނަޝީދު ވެސް މިއަދު ވަނީ އިއުލާނުކުރައްވައިފަ އެވެ.
ބަހުސަށް ފަހު އިސްލާހު ހުށަހެޅުމަށް މުއްދަތެއް ދިނުމާއި އެ އިސްލާހުތަކަށް ވޯޓަށް އެހުން ދެންް އޮންނަ ޖަލްސާއެއްގައި އޮންނާނެ ކަމަށް އެޖެންޑާގައި ބުނެފައި ވެ އެވެ.
އެކަމާ އެމްޑީޕީ މެމްބަރުން އިސްވެ ދެކޮޅު ހައްދަވައި، ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތް ނުނިންމައި މަޖިލިސް ޗުއްޓީއަށް ނުދިއުމަށް ނަޝީދުގެ އަރިހުން ތަކުރާރުކޮށް އެދިވަޑައިގެންނެވި އެވެ.
އެ މައްސަލައިގެ ބަހުސަށް ކަނޑައަޅާފައިވާ ޖުމްލަ ދެ ގަޑިއިރުގެ ވަގުތު ހަމަވުމާއެކު ރިޔާސަތުން ނަޝީދު ވަނީ މަޖިލިސް ޗުއްޓީއަށް ދިޔަކަން އިއުލާނުކުރައްވައި ޖަލްސާ ނިންމަވާލައްވައިފަ އެވެ.
މަޖިލީހުގެ ދައުރުތައް ބެހިފައިވާ ގޮތުން، އީދު ބަންދު ކުރިއަށް އޮތުމާ ގުޅިގެން، މިއަދު ބޭއްވީ ދެވަނަ ދައުރުގެ ފަހު ޖަލްސާ އެވެ. ދެން މަޖިލީހުގެ ޖަލްސާތައް ފަށާނީ އަންނަ އޯގަސްޓު މަހުގެ 16 ވަނަ ދުވަހެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބިތްޖެހި
23 June 2023
3 ބާރޭ ބުނީމަ އޭގެ މާނަޔަކީ 3 ދައުލަތެއް ވާހަކައެއް ނޫން. ދިވެހި ދައުލަތުގެ ވެރިޔަކީ ރައީސުލްޖުމްހުރިއްޔާ ކަމައް ގާނޫނު އަސާސީގަ ލިޔެފަ އެއޮތީ
ބޮޑުމީހާ
22 June 2023
މަޖްލިސް ޗުއްޓީގަ ނުޖެހޭ މަޖްލިސް ހުޅުވައިގެން ކަލޭމެން ބޭނުންހާ ސަކަރާތެއް ޖަހާކަށް. ފުލް މެޖޯރިޓީއާއިއެކު 5 އަހަރު ލިބުނު. ވެރިކަން ނިމެން 2 މަހަށް ވީމަ ނޫން ތެޅިފޮޅޭނީ. ބަންޑާރަނައިބު ބުނި ޖޭއެސްސީވެސް އިސްލާހުކޮށްފީމޭ
ާމީދެން ކާކު
22 June 2023
ކަލޭ ތިމަގާމުހަ ހުރީ ހުރިހާތާކަށް އަނގަބާނާކަށް ނޫން!
ރައްޔިތުމީހާ
22 June 2023
ޕްލާސްޓިކް މަދުކުރަން އެޅިފިޔަވަޅެއް. އެކަމަށް އެއްބާރުލުންދޭނަމަ ގެއިން ކޮތަޅެއް ގެންދަންވީ. ދުންފަތުގެ އިސްތިޢުމާލުކުރުން މަދުކުރުމުގެ ގޮތުން ސިގަރެޓް ސުއްޓާ ބިޑި އަގުބޮޑު ކުރަނީ. އަހަރުމެންގެ ސިއްޙަތަށާ ނާޒުކު ތިމާވެށީގެ ރައްކަލަށްޓަކައި އަދިވެސް މިކަހަލަ ފިޔަވަޅުތައް އަޅަންވީ. މިކަހަލަކަންކަން ސިޔާސީނުކުރުން އެދެން
ބަރުބާދު
22 June 2023
ތިޔައީކީ ހިނގިޔަސް ނުހިނގިޔަސް ރައިއްޔަތަކައް ފައިދާވާތަނެއްނޫން. ކޮތަޅުގެ ގާނޫނައް ބަދަލުގެނެސް ރަނގަޅުކުރަންބުނިއެތި ކެންސަލް. މިހާރު ހަކުރު ކިލޯއަކާ ފުއްކިލޯއެއް ގަތަސް 4 ރުފިޔާ ދޭންޖެހޭ އެއްކޮތަޅައް ނާޅައިފިއްޔާ!!!!.
ވަކިވެ އެއްވެފަ
22 June 2023
އަހާ އަހާ. ތިހިރަ ގެން ވެރިކަން ކުރާ ބާރުން މަޖުލިހަށް އަނގަ ބާނަނީ. ދެން ބުނޭ ތިން ބާރޭ ތިން ކާރޭ ކެކެކެ
ނުކިޔަވާ ބިއްޖެހި
23 June 2023
ކަލޭ ހީކުރީ 3 ބާރެ ބުނީމަ ތަފާތު 3 ގައުމު ކަމައް ތަ؟
މަޖިލިސް
22 June 2023
އިބޫ އިސްތިއުފާ ދީގެން ވިޔަސް ދައުލަތުން ކުރާ ވައްކަން ހުއްޓުވިއްޔާ މާތާހިރުވާނެ.
ސަންތިމަރީ
22 June 2023
ކަލޯ ވެސް ދީބަލަ އިސްތިއުފާ
ހަސޯ
22 June 2023
ސަންތިމަރީ 54 މެންބަރުންގެ ސޮޔާ އެކު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްލައެއޮތީ ވައްދާފަ. އިސްތިއުފާ ދޭންޖެހެނީ މިއުވާން. ސަންތިމަރީ ކޯޗެއް ބޮއެގެން ތިހިރީ؟