ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތައް އަލުން އެކުލަވާލައި ނިމެންދެން މަޖިލީހުގެ މި ހިނގާ ދައުރު ދަންމާލަން އެމްޑީޕީ މެމްބަރުން އެދެމުން ގެންދަވަނިކޮށް، މަޖިލިސް ޗުއްޓީއަށް ހިނގައްޖެ އެވެ.
މަޖިލީހުގެ ޖަލްސާތައް ނުބޭއްވި ދެ ދުވަސް އޮތުމަށް ފަހު، މަޖިލީހުގެ ރިޔާސަތާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހަވާލުވެވަޑައިގެން މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައި އޮތީ ދާއިމީ ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތް އެކަންޏެވެ.
އެކަމަކު އެކަމުގައި ވޯޓަށް އަހައި ގޮތެއް ނިންމުން އޮތީ އެހެން ޖަލްސާއެއްގައި ކަމަށް އެޖެންޑާގައި ކަނޑައަޅާފައިވާއިރު، އެކަން ނަޝީދު ވެސް މިއަދު ވަނީ އިއުލާނުކުރައްވައިފަ އެވެ.
އެކަމާ އެންމެ ފުރަތަމަ ދެކޮޅު ހެއްދެވީ އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމެވެ.
އަސްލަމް ވިދާޅުވީ މަޖިލީހުގެ ތަޅުމުގައި އެޖެންޑާކޮށް ބަހުސްކުރެވޭ ކަމެއް ވޯޓަށް އަހައި ނިންމަންޖެހޭ ކަމަށް މަޖިލީހުގެ ގަވާއިދުގައި ސާފުކޮށް ބަޔާންކުރާ ކަމަށެވެ. އަދި މިއަދުގެ ޖަލްސާއަކީ މި ދައުރުގެ ފަހު ޖަލްސާ ކަމަށް ނަޝީދު އިއުލާނުކުރައްވާފައި ވާއިރު، މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލުން އަންނަ އޯގަސްޓު މަހުގެ 16 ވަނަ ދުވަހު ފެށޭ އަނެއް ދައުރަށް ފަސްވެގެން ދިއުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ހުށަހަޅަނީ އިތުރު ޖަލްސާއެއް ބާއްވައިގެން ނަމަވެސް އެޖެންޑާގައި ހުރި މުހިންމު މަސައްކަތްތަކުގައި ގޮތެއް ނިމެންދެން ދައުރު އިތުރުކުރަން،" މަޖިލީހުގެ މެޖޯރިޓީ ލީޑަރު ވިދާޅުވި އެވެ.
އޭގެ ފަހުން އެ ބަހުސްގައި ވާހަކަ ދެއްކެވި އެމްޑީޕީ ހުރިހާ މެމްބަރުން ކަހަލަ ގޮތަކަށް އަސްލަމްގެ ހުށަހެޅުމަށް ތާއީދުކުރައްވައި، ކޮމިޓީތައް އެކުލަވާލައި ނިމެންދެން ދައުރު ނިންމާނުލަން ރިޔާސަތުގައި އިންނެވި ނަޝީދުގެ އަރިހުން ތަކުރާރުކޮށް އެދިވަޑައިގަންނަވަމުން ގެންދެވި އެވެ.
ރިޔާސަތުން ނަޝީދު ވަނީ އެކަމާ އިއުތިރާޒުކުރައްވައި، މަޖިލީހުގެ އެޖެންޑާއަށް އިހުތިރާމް ކުރުމަށް މެމްބަރުން އަރިހުން އެދިވަޑައިގެންފަ އެވެ.
"...މެމްބަރުން މަޖިލީހުގެ އެޖެންޑާއަށް ހުރުމަތްތެރިކޮށް ހިއްތަވަންޖެހޭނެ. އެޖެންޑާ އާ ހިލާފަށް ވާހަކަ ވެސް ދައްކަވައިގެން ނުވާނެ، އަދި ކަންކަން ހުށަހަޅުއްވަން އުޅުއްވައިގެން ވެސް ނުވާނެ،" ނަޝީދު އިންޒާރު ދެއްވި އެވެ.
އޭގެ ފަހުން އެ މައްސަލައިގެ ބަހުސަށް ކަނޑައަޅާފައިވާ ޖުމްލަ ދެ ގަޑިއިރުގެ ވަގުތު ހަމަވުމާއެކު ރިޔާސަތުން ނަޝީދު ވަނީ މަޖިލިސް ޗުއްޓީއަށް ދިޔަކަން އިއުލާނުކުރައްވައި ޖަލްސާ ނިންމަވާލައްވައިފަ އެވެ.
ގަވާއިދުގައި ބުނަނީ ކީކޭ؟
މަޖިލީހުގެ ހިނގަމުންދާ ދައުރެއް އިތުރުކުރުމާ ބެހޭ ގޮތުން ސީދާ ވަކި އެއްޗެއް މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައެއް ނުވެ އެވެ. މީގެ ކުރިން އަމަލުކޮށްފައިވާ ގޮތަށް ބަލާއިރު، މަޖިލީހުގެ މަސައްކަތެއް ނުނިމޭތީ، ދައުރު އިތުރުކުރަން ރިޔާސަތުން ހުށަހަޅައި، އެކަން ވަނީ ވޯޓަށް އަހައި ތަޅުމުން ފާސްކޮށްފަ އެވެ.
އެކަމަކު އެގޮތަށް އަމަލުކުރަން ރިޔާސަތަށް ލާޒިމުވާ ހާލަތެއް ގަވާއިދަކު ނެތެވެ.
ދައުރު އިތުރުނުކޮށް މަޖިލިސް ޗުއްޓީއަށް ދިޔުމުން، ދައުރުން ބޭރުގައި ޖަލްސާ ބާއްވަން ހުށަހެޅުމުގެ އިހުތިޔާރު އެމްޑީޕީއަށް އޮންނާނެ އެވެ. މަޖިލީހުގެ ގަވާއިދުގައި ބުނާ ގޮތުން، މަޖިލީހުގެ ތިން ބައި ކުޅަ އެއްބައި މެމްބަރުން ސޮއިކޮށް ހުށަހަޅައިފިނަމަ، ގިނަވެގެން 14 ދުވަހުގެ ތެރޭގައި ޖަލްސާއެއް މަޖިލީހުގެ ރައީސް ބާއްވަވަންވާނެ އެވެ. އެ މާއްދާގެ ދަށުން ގިނަ ޖަލްސާތަކެއް ބާއްވަން އެދުމަށް ވެސް ހުރަހެއް ނާޅަ އެވެ.
މަޖިލީހުގެ ދާއިމީ ކޮމިޓީތައް އަލުން އެކުލަވާލަންޖެހުނީ އެމްޑީޕީގައި ތިއްބެވި 13 މެމްބަރުން އެ ޕާޓީން ވަކިވެވަޑައިގެންނެވުމާ ގުޅިގެންނެވެ. އަދި އިއްޔެ ނަޝީދުގެ އިތުރުން ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު (ޗެކްމާކް ރަޝީދު) ވެސް ވަނީ އެމްޑީޕީން ވަކިވެވަޑައިގެންފަ އެވެ.
ނަޝީދު އިސްކުރެއްވީ "ރައްޔިތުންގެ މަސްލަހަތު"
މަޖިލީހުގެ 54 މެންބަރުންގެ ސޮޔާ އެކު ނަޝީދުގެ އިތުބާރު ނެތް މައްސަލައެއް ހުށަހަޅާފައި ވަނީ މި މަހު 7 ގަ އެވެ. އޭގެ ފަހުން ބޭއްވި އެއްވެސް ޖަލްސާއެއްގައި ބައިވެރިވެވަޑައިގަތުމަށް ނަޝީދު ވަނީ އުޒުރުވެރިވެވަޑައިގެންފަ އެވެ.
ނަމަވެސް މިއަދު ޖަލްސާއެއް އެޖެންޑާކުރެއްވުމަށް ފަހު ނަޝީދު ވަނީ ރިޔާސަތާ ހަވާލުވެވަޑައިގެންފަ އެވެ.
އެމަނިކުފާނު އަލުން ރިޔާސަތާ ހަވާލުވެވަޑައިގަތް ސަބަބު ބަޔާން ކުރައްވަމުން ވިދާޅުވީ މަޖިލިސް ހުއްޓިފައި އޮތުމުން ރައްޔިތުން ކަންބޮޑުވާ ކަމަށާއި އެ މައްސަލަ ހައްލުކުރުމަށް ރިޔާސަތު ބަލަހައްޓަވަމުން އައި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރެއްވި ނަމަވެސް ހައްލެއް ނުލިބުނު ކަމަށެވެ.
"އަޅުގަނޑުގެ އުޒުރުތަކަށް ވުރެ މާ މަތީ މަސްލަހަތެއް ހިފަހައްޓަން ޖެހޭ އެއީ ރައްޔިތުންގެ މަސްލަހަތު މުޅި ރާއްޖޭގެ މަސްލަހަތު. މަޖިލިސް ހުއްޓިފައި އޮތުމަކީ ރައްޔިތުންގެ މަސްލަހު ހިފެހެއްޓޭނެ ގޮތެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.