ރިޕޯޓް / ރިޔާސީ ބަޔާން

ރިއާސީ ބަޔާން: ޖަވާބު ނުލިބޭ އެތައް ސުވާލެއް!

ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން މި އަހަރުގެ ރިއާސީ ބަޔާން އިއްވަވަނީ. -- ފޮޓޯ: ރައީސް އޮފީސް

"މި ސަރުކާރުގެ ފުރަތަމަ ތިން އަހަރު ނިމިގެން ދިޔައިރު، މާތްﷲގެ ވާގިފުޅާ އެކު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެތަކެއް މަޝްރޫޢު ކާމިޔާބުކަމާ އެކު ނިމިގެން ހިނގައްޖެ. ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ. އަމާންކަމާއި ހަމަޖެހުން ޤާއިމުކުރެވިއްޖެ."

ރައީސް އަބްދުﷲ ޔާމީން މިދިޔަ ހޯމަ ދުވަހު ދެއްވި މި އަހަރުގެ ރިއާސީ ބަޔާނުގައި އެ މަނިކުފާނުގެ ވެރިކަމުގެ ތިން އަހަރު ސިފަކޮށްދެއްވީ މިފަދައިންނެވެ. ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ވަނީ ހިންގައިފަ އެވެ. އަދި މިހާރު ވެސް ހިނގަމުން އެބަ ދެ އެވެ. އެ މަޝްރޫއުތަކުގެ ސަބަބުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ވަނީ ލިބިފަ އެވެ. އަދި ކުށްކުރުން މަދުވެ ސިޔާސީ ހަމަނުޖެހުންތައް ފިލައި ގޮސް އަމާންކަމާއި ހަމަޖެހުން ވަނީ ޤާއިމުކުރެވިފަ އެވެ.

އެކަމަކު ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު، ހިންނަވަރު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވީ ރައީސް ޔާމީންގެ ނަޒަރުގައި އުފާވެރި އަހަރަކަށް ވިޔަސް، މިދިޔަ އަހަރަކީ ރައްޔިތުންނަށް ހިތްދަތިކަމާއި މާޔޫސްކަން ކުރިމަތިކުރުވި އަހަރެއް ކަމުގަ އެވެ. އެތައް ސަބަބުތަކަކާ ހުރެ އެވެ.

"އަޅުގަނޑަށް ފެނުނީ ވޭތުވެ ދިޔަ އަހަރުތަކުގެ ތެރެއިން ވެސް ޑިމޮކްރެސީގެ އެންމެ ފަހަތަށް ދިޔަ އަހަރު ކަމުގައި. އެއީ ގާނޫނުއަސާސީން ލިބިދީފައި ހުރި އެތައް ހައްގުތަކެއް ސަރުކާރުން މިދިޔަ އަހަރު ހިފެހެއްޓި،" ރިޔާސީ ބަޔާނަށް ފާޑުކިއުއްވަމުން އިބޫ ވިދާޅުވި އެވެ.

"އެއްވެ އުޅުމުގެ މިނިވަންކަން، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން، ނޫސްވެރިކަމުގެ މިނިވަންކަން ހިފެހެއްޓި. އެހެންވީމާ މިދިޔަ އަހަރަކީ ވަރަށް ހިތްދަތި، މާޔޫސްކަން ރައްޔިތުންނަށް ކުރިމަތިވެގެން ދިޔަ އަހަރެއްގެ ގޮތުގައި ފެނުނީ."

ރައީސް ޔާމީންގެ ރިއާސީ ބަޔާނުގައި، ވޭތުވެ ދިޔަ އަހަރު އެކި ދާއިރާތަކުން ކުރި ކަންތައް ވަރަށް ތަފްސީލީ ގޮތެއްގައި ބަޔާން ކުރެއްވި އެވެ. އަމާން ވެއްޓެއް ގާއިމުކުރުމަށާއި ގެދޮރުވެރި ކުރުމަށް ކުރި މަސައްކަތް ފާހަގަކުރެއްވި އެވެ. ހަމަ އެފަދައިން ވަޒީފާގެ ބާޒާރުން ހޯދައިދެވުނު އިތުރު ފުރުސަތުތަކާއި ކުރިއަށް ރޭވިފައި ހުރި ފުރުސަތުތަކަށް ބައްލަވައިލެއްވި އެވެ.

މުޅި އަހަރު ދުވަހުގެ ތަރައްގީގެ މަޝްރޫއުތަކަށް ބަލާއިރު، އެންމެ ފުޅާ ގޮތެއްގައި އަދި އަވަސް ހަލުވިމިނެއްގައި ކުރިއަރާފައިވާ ކަމަށް ފާހަގަކުރެވެނީ ސިއްހީ ދާއިރާ އެވެ. އޭގެ ތެރެއިން ވެސް އެންމެ ޚާއްސަ ގޮތެއްގައި ފާހަގަކުރެވެނީ އައިޖީއެމްއެޗަށް ގެނެސްފައިވާ އަދި ގެންނަ ބޮޑެތި ބަދަލުތަކެވެ. ވަސީލަތްތަކުގެ ގޮތުންނާއި ޚިދުމަތްތަކުގެ ގޮތުން ވެސްމެ އެވެ.

ރިއާސީ ބަޔާނަކީ ގައުމު އެ ވަގުތަކު އޮތް ހާލަތާއި، ގައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރަން ޖެހޭ ކަންތަކުގެ މައްޗަށް ބިނާކުރާ ބަޔާނަކަށް ވާއިރު، ގައުމުގައި މިހާރު ހިނގަމުންދާ މުހިންމު މަސައްކަތްތައް ފާހަގަކުރެއްވި އެވެ. އަދި ކުރިއަށް ރާވާފައިވާ ބައެއް ކަންތަކަށް އަލިއަޅުއްވައިލެއްވި އެވެ.

ރިއާސީ ބަޔާން އިއްވުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދު (ކ) އާއި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން (ވ) ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ: ރައީސް އޮފީސް

ނަމަވެސް މި ފަހަރުގެ ރިއާސީ ބަޔާނުގައި ވެސް ގައުމުގެ އެންމެ މުހިންމު ދާއިރާއާ މެދު އެއްވެސް އެއްޗެއް ވިދާޅެއްނުވެ އެވެ. އަދި ހަމަ އެހެން އެންމެ މުހިންމު ދާއިރާތަކުން ރައްޔިތުންގެ ހިތުގައި އުފެދޭ ސުވާލުތަކަށް ޖަވާބެއް ނުލިބުނެވެ.

އެއްގޮތަކަށް ވެސް އަޅައިނުލައްވައި ދޫކޮށްލެއްވީ ސިޔާސީ ދާއިރާ އެވެ. ގިނަ ސިޔާސީ ޕާޓީތައް ހިމެނޭ ޑިމޮކްރެޓިކް ނިޒާމެއްގެ ތެރޭގައި ގައުމު ހިނގަމުންދާ ދަނޑިވަޅެއްގައި، ސަރުކާރާއި އިދިކޮޅު ޕާޓީތަކާ ދެމެދު އުފެދިފައިވާ އަރައިރުމާ މެދު އެއްވެސް ވާހަކަފުޅެއް ވިދާޅެއް ނުވެ އެވެ. އިދިކޮޅު ސިޔާސީ ވާދަވެރިންނާ އެކު ގުޅުން ރަނގަޅު ކުރުމަށް ސަރުކާރުން ގެންގުޅޭނެ ސިޔާސަތަކީ ކޮބައި ކަމެއް ވެސް ހާމައެއް ނުކުރައްވަ އެވެ.

"ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ހުރިހާ ޕާޓީތައް ރައީސް ޔާމީނަށް ތާއީދެއް ނުކުރޭ. ހަމައެކަނި އެމަނިކުފާނު ގިނިކަންޏާ އެ ހުންނެވީ. އޭގެ ސަބަބުން މުޅި ގައުމަށް މިވަނީ އެތައް މައްސަލަތަކެއް ކުރިމަތިވެފައި،" އިބޫ ވިދާޅުވި އެވެ.

"ސިޔާސީ ގޮތުން ވާހަކަ ދައްކައިގެން އެއްވެސް ހައްލެއް ހޯދަން އެ މަނިކުފާނު މަސައްކަތް ކުރައްވާ ތަނެއް ނުފެނޭ. ހަމައެކަނި ގަދަބާރާއި ބިރުވެރިކަމާއި ނުފޫޒުގެ ބޭނުންކުރައްވައިގެން ކަންތައްތައް ކުރައްވަން މަސައްކަތް ކުރައްވާ ތަން އަދިވެސް ފެންނަނީ."

ރައީސް ޔާމީންގެ ވެރިކަމުގައި ފާއިތުވެ ދިޔަ ތިން އަހަރުގެ ތެރޭގައި ހަމަ ގައިމު ވެސް އެންމެ ގިނަ ފާޑުކިޔުންތަކެއް ސަރުކާރަށާއި އެމަނިކުފާނަށް އަމާޒުވެފައި ވަނީ، ދައުލަތުގެ އިސް މަގާމުތަކުގައި ތިބި ބައެއް މީހުން ހިންގާފައިވާ ކޮރަޕްޝަނާއި ޚިޔާނަތާއި ފަސާދައިގެ އަމަލުތަކުގެ ސަބަބުންނެވެ.

އެހެންކަމުން މިދިޔަ 2016 ވަނަ އަހަރު ދެއްވި ރިއާސީ ޚިތާބުގައި އެމަނިކުފާނު ވިދާޅުވީ ދައުލަތުގެ މުދަލަށާއި ފައިސާ އަށް އިހުމާލުވެ، ޚިޔާނާތްތެރިވެފައިވާ ފަރާތްތަކާ ގުޅޭ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަނާއި އޮޑިޓް އޮފީހުން ނެރެފައިވާ ރިޕޯޓްތަކަށް ބަލައި ދައުލަތަށް ލިބެންވާ ފައިސާ ހޯދުމުގެ މަސައްކަތް، އެ އަހަރުގެ ތެރޭގައި ބަންޑާރަ ނައިބު ފަށްޓަވާނެ ކަމަށެވެ.

ނަމަވެސް އޭގެ އެއް އަހަރު ފަހުން ރިއާސީ ބަޔާން އިއްވި އިރު، އެފަދަ އެއްވެސް މައުލޫމާތެއް ނުދެއްވި އެވެ. ކޮރަޕްޝަނޭ ވެސް ވިދާޅެއް ނުވި އެވެ.

"ރައްޔިތުން އެންމެ ކަންބޮޑުވި އެއް ކަމެއްގެ ގޮތުގައި މި ދިޔަ އަހަރު އަޅުގަނޑުމެންނަށް ފާހަގަވެގެން މި ދިޔައީ ދައުލަތުގެ މުދަލުން ގެއްލުނު ފައިސާގެ ކަންތައް. ސަރުކާރުގެ ވެރިންނަށް ތިއްބެވި ބޭފުޅުން ވައްކަން ކުރެއްވި ވާހަކަ. އޭގެ އިލްޒާމް އެބަ ދޭ އެންމެ މައްޗާ ހިސާބަށް ވެސް. އެއިން އެއްވެސް ކަމަކަށް، އެކަން ހިނގަމުންދާ ކަމެއް، އެކަން ގޮސްފައި އޮތް ހިސާބެއް، އެއަށް ވީ ގޮތުގެ ވާހަކައެއް ނުދައްކަވާ އެއްވެސް ވަރަކަށް،" އިބޫ ވިދާޅުވި އެވެ.

ރިއާސީ ބަޔާނުގެ އެންމެ މުހިންމު ބަޔަކީ ގައުމުގެ އިގްތިސާދީ ހާލަތާއި އިގްތިސާދު ތަރައްގީ ކޮށް ކުރިއެރުވުމަށް ގެންގުޅޭ ސިޔާސަތުގެ ވާހަކަ އެވެ. ނަމަވެސް ރައީސް ޔާމީންގެ ރިއާސީ ބަޔާނުގައި އިގްތިސާދީ ސިޔާސަތުގެ މައްޗަށް ވާހަކަފުޅެއް ނުދައްކަވަ އެވެ. އޭގެ ބަދަލުގައި ފާހަގަކުރެއްވީ އަންނާނެ ކަމަށް ލަފާ ކުރެއްވޭ އިންވެސްޓްމެންޓްތަކާއި މިހާރު ހިނގަމުންދާ އަދި ނިމިފައިވާ ތަރައްގީގެ ބައެއް މަޝްރޫއުތަކުގެ ވާހަކަ އެވެ.

ރާއްޖޭގެ އިގްތިސާދީ ފުދުންތެރިކަމާއި މާލީ ދުޅަހެޔޮކަން ހުރީ ކިހިނެއްކަން، މަހުން މަހަށް ވިއްކާ ޓީބިލްގެ އަދަދުތަކުންނާއި ދައުލަތުގެ ރިޒާވަށް އަންނަމުންދާ ބަދަލުތަކުން އެނގޭނެ އެވެ. ރާއްޖޭގެ އިގްތިސާދީ މަސްރަހު ދިރާސާ ކުރައްވާ ފަރާތްތަކުން ދެކޭ ގޮތުގައި ރާއްޖޭގެ އިގްތިސާދު ހުރީ ރަނގަޅު މިސްރާބަކަށް ނޫނެވެ. މާލިއްޔަތު އޮތީ ދުޅަހެޔޮ ސިއްހަތެއްގައި ނަމަ، ސަރުކާރުން އެ ވަރަށް ޓީބިލާއި ބޮންޑު ވިއްކާކަށް ނުޖެހޭނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި އިބޫ ވާހަކަ ދައްކަވަނީ. --ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މަރުކަޒީ ބޭންކު، އެމްއެމްއޭގެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ތެރޭގައި ރާއްޖޭގެ ރަސްމީ ރިޒާވާއި ބޭނުންކުރަން ހުންނަ ރިޒާވް ވަނީ މަހުން މަހަށް ދަށްވެފަ އެވެ. އެހެންކަމުން ސަރުކާރުން އަންދާޒާ ކުރި ދުވެލީގައި ރާއްޖޭގެ އިގްތިސާދު މިދިޔަ އަހަރު ކުރިއަރާފައެއް ނުވެ އެވެ. މިދިޔަ އަހަރު ފެށުނު އިރު ސަރުކާރުން ލަފާކުރީ 6.4 ޕަސެންޓްގައި އިގްތިސާދު ކުރިއަރާނެ ކަމަށެވެ. ނަމަވެސް އިގްތިސާދު ކުރިއަރާފައިވަނީ އެންމެ 3.9 ޕަސެންޓްގަ އެވެ.

ރައީސް ޔާމީން 2016 ވަނަ އަހަރު ދެއްވި ރިއާސީ ބަޔާނުގައި ވިދާޅުވެފައިވަނީ، 2015 ވަނަ އަހަރު ނިމުނު އިރު ރާއްޖޭގެ ރިޒާވްގައި ހުރީ 567 މިލިއަން ޑޮލަރު ކަމުގައި ވިޔަސް، 2016 ވަނަ އަހަރު ނިމޭ އިރު، އެ އަދަދު 644 މިލިއަން ޑޮލަރަށް މަތިވާނެ ކަމަށް ލަފާކުރެއްވޭ ކަމަށެވެ. ނަމަވެސް އެމްއެމްއޭގެ ހިސާބުތައް ބުނާ ގޮތުން މިދިޔަ އަހަރު ނިމުނު އިރު، ރަސްމީ ރިޒާވް ހުރީ 2015 ވަނަ އަހަރަށް ވުރެ ވެސް ދަށުގަ އެވެ. އެއީ އެންމެ 467.1 މިލިއަން ޑޮލަރެވެ. އަދި މިދިޔަ އަހަރު ނިމުނު އިރު ޔޫޒަބްލް ރިޒާވްގެ ގޮތުގައި ހުރީ އެންމެ 200 މިލިއަން ޑޮލަރެވެ. އެހެންކަމުން ސަރުކާރުން ލަފާކުރި ވަރަށް ވުރެ، އަހަރު ނިމުނު އިރު ރިޒާވް ވަނީ މާ ބޮޑަށް ވެސް ދަށްވެފަ އެވެ.

ރިޒާވް ދަށްވުމުގެ އެއް ސަބަބަކީ އެމްއޭސީއެލް އިން ޖީއެމްއާރަށް ދައްކަން ޖެހުނު ބަދަލުގެ ބައެއް ބޮންޑުގެ ގޮތުގައި އެމްއެމްއޭ އިން ގަތުމެވެ. ކަން އެހެން އޮތް ނަމަވެސް ރައްޔިތުން އުއްމީދުކުރާނީ މި އަހަރުގެ ތެރޭގައި ދެން އަޅުއްވާނެ ފިޔަވަޅުތަކެއް ބަލާށެވެ. އެކަމަކު ސަރުކާރުން ލަފާކުރި މިންވަރުގައި ރާއްޖޭގެ އިގްތިސާދު ކުރި ނޭރީ ކީއްވެގެން ކަމެއް އަދި އެ މައްސަލަ އަށް މި އަހަރުގެ ތެރޭގައި ހޯއްދަވާނީ ކޮން ހައްލެއް ކަމެއް ރައީސް ޔާމީން ވިދާޅެއް ނުވެ އެވެ.

އެހެންކަމުން އިބޫ ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ހާލަތާ ބެހޭ ގޮތުން ރިއާސީ ބަޔާނުގައި ހިސާބު އަދަދުތަކެއް ހިމެނިޔަސް، މުޅި ގައުމު އޮތީ ދަރަނިވެރިވެ، އަރައިގަތުން އުނދަގޫ ވަޅުގަނޑަކަށް ވެއްޓިފައި ކަމަށެވެ.

"ރައީސް ޔާމީން އެ ވިދާޅުވަނީ ތިން ޕަސެންޓުގެ ކުރިއެރުމެކޭ އިގްތިސާދަށް ލިބުނީ. އެއީ މި ސަރަހައްދުގެ ވެސް އެންމެ ދަށް ޕަސެންޓް. ދުނިޔޭގެ އިގްތިސާދު މި ވަގުތު ކުރިއަރާ ނިސްބަތާ އަޅައިބަލާއިރު، ދުނިޔޭގެ އިގްތިސާދުގެ އެވްރެޖަށް ވުރެ ވެސް ދަށްކޮށް އެ އޮތީ،" އިބޫ ވިދާޅުވި އެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި މި ސަރަހައްދުގައި މިއިން ދުވަހަކު ތެލުގެ އަގު ނުދާހާ ވަރަށް މިދިޔަ އަހަރުގެ ތެރޭގައި ވަނީ ދަށަށް ގޮސްފަ އެވެ. އަދި ދުނިޔޭގެ ބާޒާރުގައި ކާޑުގެ ބާވަތްތަކުގެ އަގު ވެސް ވަނީ ދަށްވެފަ އެވެ. އެހެންކަމުން ތެލަށާއި ކާޑުގެ ބާވަތްތައް އިމްޕޯޓް ކުރުމަށް ރާއްޖޭން ކުރަން ޖެހޭ ހޭދަ ވަނީ، ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ. ނަމަވެސް އެ ކަންކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކުރިއެރުމެއް އަންނަ ތަން ނުފެންނަނީ، އިބޫ ވިދާޅުވި ގޮތުގައި، އިގްތިސާދީ ރަނގަޅު ޕްލޭނެއް ނެތީމަ އެވެ.

ރިއާސީ ބަޔާނާ ގުޅިގެން ދެން އޮންނާނެ ކަމަކީ، މަޖިލީހުގެ އިދިކޮޅު ޕާޓީން އެ ބަޔާނަށް ޖަވާބު ދިނުމެވެ. މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން، ރިއާސީ ބަޔާން އިއްވާތާ 14 ދުވަހުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވާ ޕާޓީ ފިޔަވައި އެހެން ޕާޓީތަކުން ރިއާސީ ބަޔާނަށް ޖަވާބު ދޭންވާނެ އެވެ. ނަމަވެސް މިދިޔަ އަހަރު ވެސް އިދިކޮޅު އެމްޑީޕީން ރިއާސީ ބަޔާނަށް ޖަވާބެއް ނުދެ އެވެ. މި އަހަރުގެ ރިއާސީ ބަޔާން އިއްވުމުގެ ޖަލްސާ އެޖެންޑާ ކުރުމާ އެކު، އެމްޑީޕީ ވަނީ ބޮއިކޮޓް ދިދަ ހޫރަމުން ރިއާސީ ބަޔާނަށް ފިލައިފަ އެވެ. އެހެންކަމުން މި އަހަރު ވެސް ރިއާސީ ބަޔާނަށް އެމްޑީޕީން ޖަވާބު ދޭނެ ކަމަކަށް ނުފެނެ އެވެ.

31 ކޮމެންޓް, 63 ރިއެކްޝަންސް

icon happy icon happy 68%
icon sad icon sad 5%
icon angry icon angry 27%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވެލާނާ

08 February 2017

ދީނަށްޓަކާ ޤައުމަށްޓަކާ، ވައްކަމާ ފަސާދައަށްޓަކާ. ދިވެހިންގެ ވިސްނުމުގައި މިއީ އެއްވެސް މައްސަލައެއް ނޫނެވެ.

The name is already taken The name is available. Register?

ފފފ

08 February 2017

އުންމީދު ކުރެވޭ ފެންފަރުގެ ރިޔާސީ ބަޔާނެއްނޫން.

The name is already taken The name is available. Register?

ޔަން

08 February 2017

މިވެރިަކން ބަދަލުކުރަން އުޅެ އެކަމެއްނުވި ދެން ހަދާފަ ނުހަދާނެ ގޮތެއް ދައްކާފަ ނުދައްކާނެ ވާހަކައެއް ނޭގިގެން ތިއުޅެނި ކެނެރީގޭ ނަޝީދަށްވުރެ ކޮންމެ މީހަކު ވެރިކަމަށް އެރިޔަސް ރަގަޅުވާނެ. ޔާމީން ވަރެއް ހަމަނެތް. ތަރައްޤީއާއި ތަހުޒީބު ޔަޤީން.

The name is already taken The name is available. Register?

އައްޑޫ ރަދުން

08 February 2017

އިބޫމެން ގަބޫލު ކުރިއަސް ނުކުރިއަސް ޔާމީނުއަށް މިވެރިކަން ލިބުނީ ރައީސް ނަޝީދުއާއި ޕާޓީގެ އިސްސަފުގައި ތިބި މީހުންގެ ދޯހަޅިކަމުން.އެތަށް ބުރަމަސައްކަތަކުން ރައްޔިތުން ހޯދާދިން ވެރިކަމެއް މަރަށް ބިރަށް ދޫކުރާކަށް ނުޖެހޭނެ.ގަދަބާރުން ވެރިކަން ހޯދަން ބަޔަކު ދިމާކުރުމުން އެކަމަށް ދީލާ ދެން އެވެރިން ވެރިކަން ކުރާނީ ގަދަބާރުން ނޫން ކަމުގައި ދެކުމަކީ މޮޔަކަމެށް..

The name is already taken The name is available. Register?

މުހައްމަދު20

08 February 2017

ޤާނޫންއަސާސީން ލިބިދީފައިވާ އެތަކެއް ޙައްގެއް ހިފެހެއްޓިހިތްދަތި އަހަރެއްކަމުގަ ވިދާޅުވެ ފާހަގަކުރެއްވި ޑިމޮކްރަސީ ފަހަތަށް ދިއުމާއި ނޫސްވެރިކަމުގެ މިނިވަންކަން ހިފެހެއްޓުމާއި އެއްވެއުޅުމުގެ މިނިވަންކަން ހިފެހެއްޓުންފަދަ ކަންކަމަށް ބަލާއިރު ޤާނޫން އަސާސީން ލިބިދީފައިވާ ސާފުބޯފެނާއި ނަރުދަމާފަދަ އެތަކެއް އަސާސި ހައްގެއް ލިބިދީފައިވޭ އޭގެ އިތުރުން ޒިންމާދާރު ނޫސްވެރިކަމެއްކުރުމަށް ބާރުއަޅައި ކޮންމެ މީހަކަށްވެސް އަބުރު ޙިމާޔަތްކުރުމުގެ ހައްގު ކަށަވަރުކޮއްދިންއިރު އަމާން މުޖްތަމަޢުއެއް ބިނާކުރުމުގެ ގޮތުން ހިތުހުރިހާތާކު ސިޔާސީ ހަރަކާތްތައް ހިންގުމުގެ ބަދަލުގަ ސިޔާސީ ހަރަކާތްހިންގުުމަށް ވަކި ސަރަހައްދެއް ކަނޑައަޅުއްވައި ރައްޔިތުންނަަށް އަމާންކަމާއި ހަމަޖެހުން ގެނުވައިދީ ގައުމުގައޮއިތް ބިރުވެރިކަމާއި ނުތަނަވަސްކަން ފިލުވައި އުފާވެރި ދިރިއުޅުމެއްއުޅެވޭނެ ފުރުސަތުލިބުނު މިކަންކަމަކީ ޑިމްކްރަސީ ފަހަތަށްދިއުންކަމަށްދެކި ޑިމްކްރަސީއަކީ މަގުމަތީގަ ހިތަށް އަރާހާއެއްޗެއް ހިތަށްއެރިތަނެއްގަ ގޮވާލާ ޒިންމާކުރެވޭ ޒިންމާދާރުކަމެއްނެތް އެއްޗައްކަމަށް ދެކޭނަމަ އެފަދަބަޔަކު ބޭނުންވާ ޑިމޮކްރަސީ ބޭނުންވާނެ ދިވެހީންވަރަށް މަދުވާނެ

The name is already taken The name is available. Register?

ދޫނި ރާއްޖެ

08 February 2017

މައްސަލައަކީ "ދީނާއި ޤައުމަށްޓަކައި" ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފައްދާ ވޯޓް ހޯދަން އުޅޭތީ. ވޯޓްއަކީ ވަރަށް ބޮޑު އަމާނާތެއް. އެ އަމާނާތް އެ އަދާކުރާ ފަރާތަށް އެކަކުވެސް ބާރު ފޯރުވާ ބިރުދައްކާއިގެން ނުވާނެ. އޭނާގެ ވިސްނުމުން އެންމެ ރަނގަޅު މީހަކަށް ވޯޓް ދިނީމައި ހުންނާނީ ރަނގަޅަށް. އޭރުން އަސްލު ޤައުމު ހަމަމަގަށް އެޅޭނީ. އެފަދަ ތަހުޒީބީ ސިޔާސީ މީހުންނާއި ރައްޔިތުންގެ އައިސްގެން ޤައުމާއި އިޤްތިޞާދު ރަނގަޅުވާނީ. ވަރަށް ސަލާމް.

The name is already taken The name is available. Register?

ފެލަނީ

08 February 2017

ރައްޔިތުން ފެލައިގެން ކޮންމެ މީހަކަށް ވެސް މިގޮތަށް ވެރިކަން ކުރެވިދާނެ. އިގްތިސާދީ މީހެކޭ ކިޔައިގެން ވެރިކަމަށ އައީމަ އަހަރެން ހީކުރީ ވަރަށް ޕްރޮޑަކްޓިވް ކަންތައްތަކެއް ކުރާނެ ކަމަށް. އެކަމަށް ޑިމާންޑް ކާރވް އާއި ސަޕްލައި ކާރވް ވެސް ނޭނގެ. ހަމަ ހިނި އަންނަނީ ދައްކާ ވާހަކަ ތަކުން

The name is already taken The name is available. Register?

ބަޖެޓް

08 February 2017

ބަޖެޓްގައި ހިމަނާ އަދަދުތައް އެ މުއައްސަސާއަކަށް ހަމައަށް ލިބޭ ކަމާމެދު ސުވާލު އުފެދިއްޖެ. މީރާއަށް ކޮންމެ މަހަކަު ލިބޭ ފައިދާތަކުން ރާއްޖޭގެ އިގްތިސާދަށް ކުރާ ރަނގަޅު އަސަރެއް ފެންނާކަށް ނެތް. ކިތަންމެ ގިނައިން ގައުމަށް އާމްދަނީ ލިބުނަސް ދުވަހެއް ދުވަހަކަށް ގައުމު ދަނީ ދަރަނި ބޮޑުވަމުން. އަހަރުގެ ޖެނުއަރީ މަހުވެސް އެތައް ބައެއްގެ ހައްގަކަށް އަރައިގެންފި.

The name is already taken The name is available. Register?

ތަކުރު

08 February 2017

އިންސާނާ ދުނިޔެއަށް އައުމަށްފަހުން އެންމެ އިސްކަމެއްދޭނީ ބަޑުފުރާށެވެ. ނިމިދިޔަ އަހަރަށްބަލާއިރު އެކަމަށްވަނީ ހުރަސް އެޅިފައެވެ. ކާބޯތަކެތީގެ އަގުބޮޑުވުން، ކަރަންޓް އަގުބޮޑުވުން، ލިބޭމިންވަރު އިތުރުނުވެ ނަގާމިންވަރު އިތުރުވުން . އެހެންކަމުން ނިމުނު އަހަރު ވެރިކަން ކުރެވުނީ ރަގަޅަށޭ ބުނެވޭކަށްނެތް. ޝުކުރިއްޔާ ގައުމު.

The name is already taken The name is available. Register?

ތަކުރުފާނު

08 February 2017

ހަބޭސް ކޮމެންޓެއް.

The name is already taken The name is available. Register?

3333333

08 February 2017

ގައުމުގަ ކޮރަޕްޝަން ނޫން ކަމެއްނެތް. އާދައިގެ ވަޒީފާއަކަށް ކުރިމަތިލިޔަސް އަޑިއަޑިން ނޫން ގޮތަކަށް ކިތަންމެ މައްޗަކަށް ކިޔަވާ ތަޖުރިބާ ހުއްޓަސް ލިބޭކަށްނެތް. އެއްވެސް ހިދުމަތެއް ހޯދަން ތަނަކަށް ގޮސްފިނަމަ ހަމަ އެހާލު. ކޮންމެވެސް މީހަކާ ނުގުޅާ ހަމަ ހިލާ އެކަމެއްވާކަމަކަށް ނުވޭ. ރާއްޖޭގެ ބޮޑުބައި ކުޑަކުޑަ ރަށަކަށް ތޮއްޖައްސާ މުއްސަނދި މާލޭ މީހުންްގެ އަޅުންނަށް ހަދައިފި. މުސްތަގްބަލް ފެންނަނަ ގޮތުން އެކަން އަދި އިތުރުވަމުންދަނީ. ރިސޯޓު އޯނަރުންނާއި ވިޔަފާރިވެރިންގެ ފައިސާ ޖަހާ މެޝިނަކަށް މާލެވެ ރަށްތައް ވީރާނާވެއްޖެ. ދެހާސް ރުފިޔާއިން ލާރި ބަހާއިރު އެއީ މަހަކަށްވެސް ފުދޭއެއްޗެއްނޫން ކަން އެނގޭ ހިނދު އެ ދެހާސް ރުފިޔާގެ ބަދަލުގައި ވަޒީފާއާއި ތައުލީމާއި ތަރުބިއްޔަތުތީ ޖީލެއް ބިނާކޮށް އަމިއްލަ މަސައްކަތުން އެދެހާސްް ރުފިޔާގެ ދެތިން ގުނަ މަހަކު ހޯދަދިނުމުގެ ވިސްނުމެއްނެތް. ސަބަބަކީ ގިނަބަޔަކު ގަމާރުވީވަރަކަށް މަދު ބަޔަކަށް އާރާއި ބާރުގަ އުޅެވޭތީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454