ރިޕޯޓް / ޖުޑީޝަރީ

ގާނޫނެއް އެކަނި ހެކިވެރިޔާ ހިމާޔަތެއް ނުކުރެވޭނެ، މުއައްސަސާތައް ވެސް ހަރުދަނާ ވާންޖެހޭ!

ކްރައިމް ސީނެއްގައި ފުލުހުން ހަރަކާތްތެރިވަނީ: ބޮޑެތި މައްސަލަތަކުގައި ހެކިން ސިއްރު ކުރިޔަސް އެ މީހުންގެ މައުލޫމާތު ދައުވާލިބޭ މީހުންނަށް ލިބި، އެކި ނުފޫޒުތައް ފޯރުވާ - ފޮޓޯ/މިހާރު

ހެއްކާ ބެހޭ ބިލު ދާދިފަހުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި، އެ ބިލުގެ މަސައްކަތް މަޖިލީހުން އަންނަނީ ކުރަމުންނެވެ. އެ ބިލުގެ އެންމެ ޚާއްސަ އެއް ކަމެއްގެ ގޮތުގައި ފާހަގަ ކުރެވެނީ ހެކިވެރިންނަށް ހިމާޔަތް ދިނުމެވެ. ހެކިވެރިންނަށް ހިމާޔަތް ދިނުމުގައި އަމަލުކުރަން ޖެހޭ އުސޫލުތައް އެ ބިލުގައި ތަފްސީލުކޮށް ބުނެދީފައިވެ އެވެ.

އެ ބިލުގައި ބުނާގޮތުން ޖިނާއީ މައްސަލައެއްގައި ހެކިބަސް ދޭ މީހަކީ ހިމާޔަތް ލިބެންޖެހޭ މީހެއް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލަށް ފެނިގެން، އެ މީހަކަށް ހިމާޔަތް ދިނުމުގެ އަމުރަކަށް އެދި ކޯޓަށް ހުށަހަޅައިފި ނަމަ އެފަދަ އަމުރެއް ކޯޓަށް ނެރެވިދާނެ އެވެ. އެގޮތުން ނެރޭ އަމުރުގައި، ހެކިވެރިޔާ އަށް ހިމާޔަތް ދޭންޖެހޭ ގޮތާއި މިންވަރާއި ދަރަޖަ ބަޔާން ކުރަންޖެހޭނެ ކަމަށް އެ ބިލުގައިވެ އެވެ. އެގޮތަށް ކޯޓުން އަމުރު ނެރުމުން އެ އަމުރު ތަންފީޒު ކުރާނީ ފުލުހުންނެވެ.

މީގެ އިތުރުން ހެކިވެރިޔާއާ ޝަރީއަތުގައި ސުވާލު ކުރާއިރު އެ ހެކިވެރިޔާގެ މައުލޫމާތު ހާމަވާ ފަދަ ސުވާލުތައް ނުކުރުމާއި އެފަދަ ސުވާލަކަށް ފަނޑިޔާރު ފުރުސަތު ދީގެން ނުވާނެ ކަމަށް ވެސް އެ ބިލުގައިވެ އެވެ. އަދި ތަހުގީގު މަރުހަލާ އާއި ދައުވާ ކުރާ މަރުހަލާގެ އިތުރުން ޝަރީއަތުގެ މަރުހަލާ އަދި ޝަރީއަތުން މައްސަލަ ނިމުމުން ވެސް ހެކިވެރިޔާގެ މައުލޫމާތު އޮންނަންޖެހޭނީ ސިއްރެއްގެ ގޮތުގައި ކަމަށް އެ ބިލުގައިވެ އެވެ.

އެ ބިލް އެގޮތަށް ފާސްވެއްޖެ ނަމަ އެއީ ހެކިވެރިންނަށް ހިމާޔަތް ދިނުމަށް ކަމާބެހޭ މުއައްސަސާތަކަށް ގާނޫނީ ބާރު ލިބިގެންދާ ކަމަކަށް ވާނެ އެވެ. ހެކިވެރިންނަށް ހިމާޔަތް ދިނުމުގައި އެކި ފަހަރު އެކި ގޮތަށް އަމަލު ކުރާ ކުރުން އޭރުން ނިމުމަކަށް އަންނާނެ ކަމަށް ބެލެވެ އެވެ. އެކަމަކު އުފެދޭ ސުވާލަކީ ހެކިވެރިންނަށް ހިމާޔަތް ދިނުމުގެ ވާހަކަ ގާނޫނެއްގައި ބަޔާން ކުރުމުން، ހެކިވެރިންނަށް ނުފޫޒު ފޯރުވުމުގެ މައްސަލައަށް ހައްލެއް ލިބުނީތޯ އުފެދޭ ސުވާލެވެ.

މިހާރު ރާއްޖޭގައި އަމަލުކުރާ ހެއްކާ ބެހޭ ގާނޫނަކީ މީގެ އެތައް އަހަރެއް ކުރިން 1976 ވަނަ އަހަރު ފާސްކޮށް، އަމަލުކުރަން ފެށި ހެއްކާ ބެހޭ ގާނޫނެކެވެ. އެއީ ވަރަށް ކުރު ގާނޫނެކެވެ. މިޒަމާނާ އެހާ ނުގުޅޭ އެ ގާނޫނުގައި ހެކިންނަށް ރައްކާތެރިކަން ދިނުމާ ބެހޭ އެއްވެސް އުސޫލެއް ބަޔާންކޮށްފައި ނެތަސް ހެކިވެރިންނަށް ހިމާޔަތް ދިނުމުގެ އުސޫލުތަކެއް ރާއްޖޭގައި މިހާރު ވެސް ގެންގުޅެ އެވެ. އެކަން މިހާރު ކުރަނީ ކަމާބެހޭ މުއައްސަސާތަކަށް ފެންނަ އުސޫލަކުން ނުވަތަ އެ މުއައްސަސާތަކުން އެކަމާ ބެހޭގޮތުން އަމިއްލަ އަށް ހަދާ ގަވާއިދުތަކެއްގެ ދަށުންނެވެ.

މިކަން އެންމެ ފުރަތަމަ ކުރަން ފެށީ ހެކިންގެ މައުލޫމާތު އާންމުވެ، އެ މީހުންނަށް ނުފޫޒުތައް ފޯރުމުން ބޮޑެތި ޖިނާއީ މައްސަލަތައް ސާބިތު ނުވާން ފެށުމުންނެވެ. އެންމެ ފުރަތަމަ ހެކިވެރިން ސިއްރުކޮށްގެން ހެކިބަސް ނަގަން ފެށީ 2011 ގައި ކްރިމިނަލް ކޯޓުންނެވެ.

ހެކިވެރިޔާއަކީ ކާކުކަން ނޭނގޭ ގޮތަށް ހެކިބަސް ނެގޭ އުސޫލެއް ކްރިމިނަލް ކޯޓުން އަމިއްލަ އަށް ފާސްކޮށްގެން އަމަލު ކުރަމުން ދަނިކޮށް ސުޕްރީމް ކޯޓުން ވަނީ އެ އުސޫލު ބާތިލްކޮށް، އެ ކޯޓުން އެކަމާ ބެހޭ އުސޫލެއް ހަދައިފަ އެވެ. ހެކިވެރިންނަށް ހިމާޔަތް ދިނުމާ ގުޅޭގޮތުން އަމަލު ކުރަމުން ކޯޓުތަކުން އަމަލުކުރަނީ އެ އުސޫލަށެވެ. އެކަމަކު މިދެންނެވި ހުރިހާ އުސޫލުތައް އޮންނައިރު ވެސް ހެކިވެރިންގެ މައުލޫމާތު އާންމުވެ، ހެކިވެރިންނަށް އެކި ނުފޫޒުތައް ފޯރުމަކީ މިހާރު ވެސް ހިނގަމުންދާ ކަމެކެވެ. އުސޫލުތަކެއް އޮތަސް، "ކިލޯ ކިރައިގެން ވިއްކާ އުސޫލުން" ހެކިވެރިންގެ މައުލޫމާތު ދައުވާލިބޭ މީހުންނަށް އެބަ ލިބެ އެވެ.

ހެކިވެރިޔާއަކީ ކާކުކަން ނޭނގޭ ގޮތަށް ސިއްރުން ހެކިބަސް ނެގުމުގައި ދުނިޔޭގެ އެހެން ގައުމުތަކުގައި އަމަލުކުރާ މައިގަނޑު ހުރިހާ އުސޫލުތަކަށް، ގާނޫނެއް ނެތަސް ރާއްޖޭގައި ދިޔައީ އަމަލު ކުރަމުންނެވެ. ވަކި ތަނެއްގައި ބައިންދައިގެން އަޑު ބަދަލުކޮށްގެން ހެކިބަސް ނެގުމާއި ހެކިވެރިޔާއަކީ ކާކުކަން އެނގޭ ފަދަ މައުލޫމާތު ލިޔުންތަކުން އުނި ކުރުމާއި ހެކިވެރިޔާއަކީ ކާކުކަން ހާމަވެދާނެ ފަދަ އެއްވެސް ސުވާލެއް ޝަރީއަތުގައި ހެކިވެރިޔާއާ ކުރުން މަނާ ކުރުން ފަދަ ކަންކަން މިހާރު ވެސް ރާއްޖޭގައި ކުރެ އެވެ.

މައްސަލަ ނިމި ލިޔުންތައް ދޫކުރާއިރު ވެސް ސިއްރު ހެކިވެރިންގެ މައުލޫމާތު އޮންނަނީ ސިއްރެއްގެ ގޮތުގަ އެވެ. އުސޫލުތައް އޮންނަ ގޮތުން އެފަދަ ހެކިވެރިންގެ މައުލޫމާތު އެނގެން ޖެހެނީ ފަނޑިޔާރާއި ކޯޓުގެ ވަކި މުވައްޒަފުންތަކަކަށާއި ފުލުހުން އަދި ދައުލަތުގެ ވަކީލުންނަށް އެކަންޏެވެ. އެހެން ބަޔަކާ އެ މައުލޫމާތު ހިއްސާ ނުކުރާނެ އެވެ. މިއީ އަމަލު ކުރަންޖެހޭ ގޮތެވެ.

އެކަމަކު ފަރުދާގެ އަނެއް ފަރާތުގައި ކަން ހިނގަނީ އޭގެ އިދިކޮޅަށެވެ. ދައުވާލިބޭ މީހުންނަށް ނުވަތަ އެ މީހުންގެ ވަކީލުންނަށް ހެކިވެރިންގެ މައުލޫމާތު އެނގި، އެކި ގޮތްގޮތަށް ނުފޫޒު ފޯރުވައިގެން ހެކިބަސް ބަދަލު ކުރަން މަސައްކަތް ކުރެ އެވެ. މައުލޫމާތު ލީކު ކުރަނީ ކޮން ބައެއްކަން ނޭނގުނަަސް ކަށަވަރުވާ ކަމަކީ ކޮންމެވެސް ބަޔަކު އެ މައުލޫމާތު ލީކު ކުރާ ކަމެވެ. ނަތީޖާއަކީ ހެކިވެރިންނަށް އެކި ނުފޫޒުތައް އައިސް، ސިއްރުން ހެކިބަސް ނެގުމުގެ މަގްސަދު ހާސިލް ނުވުމެވެ.

ޝަރީއަތް ހިންގާ މާލަމެއް: ހެކިންގެ މައުލޫމާތު ލީކު ކުރުމުގައި މުއައްސަސާތަކުގެ ތެެރެއިން ބައެއް ފަރާތްތަކުގެ ބައިވެރިވުން އޮންނަ ކަމަށް ވޭ --ފޮޓޯ/މިހާރު

މިކަމަކީ ވަކި މަރުހަލާއެއްގައި ކުރާ ކަމެކޭ ބުނެވޭކަށް ނެތެވެ. ތަހުގީގު މަރުހަލާ އާއި ޝަރީއަތުގެ މަރުހަލާގައި ވެސް މިގޮތަށް ހިނގަ އެވެ. ބައެއް މައްސަލަތަކުގައި ހެކިވެރިން ފުލުހުންގެ ތަހުގީގަށް ސިއްރުން ބަޔާން ދޭތާ މާ ގިނައިރުތަކެއް ނުވަނީސް، ތުހުމަތު ކުރެވޭ މީހުންގެ ފަރާތުން އެ ހެކިވެރިންނަށް ގުޅައި، އިންޒާރު ދީފައި އެބަ ހުއްޓެވެ. ޕީޖީ އޮފީހަށް މައްސަލަ ގޮސް، އެތަނުން މައްސަލަ ކޯޓަށް ނުފޮނުވަނީސް ހެކިވެރިންގެ މައުލޫމާތު އެނގި، އެ މީހުންނަށް ނުފޫޒުތައް ފޯރާފައި އެބަހުއްޓެވެ. ހަމަ އެގޮތަށް، މައްސަލަ ކޯޓާ ހަމައަށް ގޮސް ޝަރީއަތް ނުފެށެނީސް ހެކިވެރިންގެ މައުލޫމާތު ލީކުވެ، އެކި އިންޒާރުތަކާއި ނުފޫޒުތައް ހެކިވެރިންނަށް ފޯރާފައި އެބަހުއްޓެވެ.

ރާއްޖެއަށް އެތެރެ ކުރަނިކޮށް 2014 ގައި އަތުލައިގަތް 24 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި އެ ދައުވާ ސާބިތު ކުރަން ކޮންމެހެން މުހިންމުވާ ބައެއް ހެކިންގެ މައުލޫމާތު އޮތީ އެންމެ ފުރަތަމަ މަރުހަލާއިން ފެށިގެން ވެސް ސިއްރުކޮށްފަ އެވެ. އެކަމަކު އެ މައްސަލައިގެ ޝަރީއަތް ފެށި، ކާކުކަން ނޭނގޭ ގޮތަށް އެ ހެކިންގެ ހެކިބަސް ނެގިއިރު އެ މީހުންނަށް "ނުފޫޒުތަކެއް" އައިސްގެން އެ މީހުންގެ ހެކިބަސް ޝަރީއަތުގައި ބަދަލުވި އެވެ. އެ މައްސަލަ ތަހުގީގު ކުރަން ޕީޖީ އިން ފުލުހުންނަށް ވެސް އެންގި އެވެ.

އޭޕްރީލް، 2012 ގައި ވެސްޓްޕާކް ކައިރިން މަރާލި މ. ފެއަރީކޯނާ އަލީ ޝިފާންގެ މަރުގެ މައްސަލާގައި ހެކިންގެ މައުލޫމާތު ސިއްރުކޮށްފައި އޮތަސް ޝަރީއަތާ ހަމައަށް މައްސަލަ ދިޔައިރު ހެކިންގެ ހެކިބަސް ބަދަލުވި އެވެ. އޭގެ ތެރެއިން ބައެއް ހެކިން ކޯޓުގައި ބުނެފައިވާ ގޮތުގައި ތެދު ބަހުން ހެކިބަސް ނުދޭން އަންގައި، އެ މީހުންނަށް މަރުގެ އިންޒާރުތައް ވަނީ އައިސްފަ އެވެ. މިފަދަ ކިތަންމެ މައްސަލަ ވެސް ހުންނާނެ އެވެ.

މިހާރަކަށް އައިސް ބައެއް ބޮޑެތި މައްސަލަތަކުގައި ސިއްރުން ވިޔަސް ހެކިބަސް ދޭން ބައެއް މީހުން ދެކޮޅު ހަދަ އެވެ. ސަބަބަކީ އެމީހުންނަށް ދައުލަތުގެ މުއައްސަސާތަކާ މެދު އިތުބާރު ނެތުމެވެ. މައުލޫމާތު ސިއްރުކޮށް ދޭނެ ކަމަށް މުއައްސަސާތަކުން ބުންޏަސް، ހެކިބަސް ދިނުމަށް ފަހު ސަލާމަތުން ދިރިއުޅެވޭނެ ކަމާ މެދު އެ މީހުންނަށް ޔަގީންކަމެއް ނެތެވެ.

ހެކިވެރިންގެ މައުލޫމާތު ލީކުވުމުގައި ފުލުހުންގެ ތެރެއިން ކޮންމެވެސް ބައެއްގެ ބައިވެރިވުން އޮތް ކަމުގެ އަޑުތައް ފެތުރެ އެވެ. ބައެއް ދިފާއީ ވަކީލުންނާއި ނުވަތަ ކުށްވެރިންނާއި ފުލުހުންގެ ބައެއް އޮފިސަރުންނާ އޮންނަ ގުޅުންތަކުގެ ސަބަބުން ހެކިވެެރިންގެ މައުލޫމާތު ލީކުވާ ކަމަށް ތުހުމަތުތައް ކުރެވެ އެވެ. އަދި ކޯޓުތަކުގެ ތެރެއިން ވެސް އެ މައުލޫމާތު ބޭރުވާ ކަމަށް އަޑުތައް އަބަދުވެސް ފެތުރެ އެވެ.

މިކަން ހިނގަނީ ކިހިނެތް ކަން ކަމާބެހޭ އެއްވެސް އިދާރާއަކުން މިހާތަނަށް ހާމައެއް ނުކުރެ އެވެ. އެކަމަކު ޔަގީންވާ އެއްކަމަކީ ކޮންމެވެސް ނުފޫޒުތަކެއް އެ މީހުންނަށް ފޯރާ ކަމެވެ. އެހެން ނޫން ނަމަ ހެކިވެރިންގެ ރާގު ބަދަލުވެ، ބޮޑެތި މައްސަލަތައް ސާބިތު ނުވެ ނުދާނެ އެވެ.

މީގެކުރިން ސިއްރު ހެކިވެރިންގެ މައުލޫމާތު ލީކުކޮށްގެން ކޯޓުތަކުގެ ބައެއް މުވައްޒަފުންނާއި ބައެއް ފުލުހުންނަށް ފިޔަވަޅު އަޅާފައިވެ އެވެ. އެހެންވެ އެކަމަކީ މުއައްސަސާތަކުގެ ތެރޭގައި ހިނގާ ކަމެއް ކަން ވަރަށް ސާފެވެ.

ފުލުހުން ބުނީ އެފަދަ ސިއްރު މައުލޫމާތުތައް އެހެން ފަރާތްތަކާ ހިއްސާކުރާ ފުލުހުންނާ މެދު ފިޔަވަޅު އަޅާ ކަމަށާއި އެކަންކަން އެގޮތަށް ނުހިނގާނެ ގޮތަކަށް އުސޫލުތަކަށް ބަދަލު ގެންނަމުންދާނެ ކަމަށެވެ.

"އެފަދަ ކަމެއް ފުލުހުން ތެރޭގައި ހިނގައިފި ކަމަށް މައުލޫމާތު ލިބިއްޖެ ނަމަ އެކަން ފުލުހުން ބަލާނެ. އަދި އޮންނަ އުސޫލުގެ ދަށުން އެ ފުލުހަކާ މެދު ފިޔަވަޅު ވެސް އަޅާނެ. އޭގެ އިތުރަށް އެފަދަ ކަމެއް ތަކުރާރު ނުވާނެ ފަދަ ގޮތަކަށް ޕްރޮސީޖާތަކަށް ބަދަލު ގެންނާނެ،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ބޮޑެތި އަދި ގިނަ މައްސަލަތައް ކާމިޔާބު ކުރުމުގެ ރެކޯޑް ހޯދުމަށް ދިފާއީ ވަކީލުންގެ ތެރޭގައި ވެސް މި "ޖަރީމާ" އަށް ޚާއްސަ ވަކީލުންތަކެއް ތިބޭ ކަމަށްވެ އެވެ. މައްސަލަ ސާބިތު ކުރެވޭ ވަރުގެ ހެކި ހުންނަ މައްސަލަތައް އެ މީހުންނާ ހަވާލު ކުރުމުން އެކި ގޮތްގޮތުން ހެކިންގެ މައުލޫމާތު އެ މީހުން ހޯދައި، ނުފޫޒު ފޯރުވުމުގެ ކަންކަން ކުރާ ކަމަށްވެ އެވެ. އެހެންވެ ޖިނާއީ ބޮޑެތި މައްސަލަތަކުގައި ދައުވާލިބޭ ބައެއް މީހުން އެ މީހުންގެ ވަކީލުންގެ ގޮތުގައި އެފަދަ ބައެއް ވަކީލުން އައްޔަން ކުރެ އެވެ. އެކަމަކު އެފަދަ މައްސަލައެއްގައި މިހާތަނަށް ދިފާއީ ވަކީލަކަށް ފިޔަވަޅު އަޅާފައެއް ނުވެއެވެ.

މިކަން މިގޮތަށް ހިނގާ ބައެއް ވަކީލުން ވެސް އެއްބަސްވެ އެވެ. އެކަމަކު އެކަންކުރާ ވަކީލުން ވެސް އެކަން ކުރަނީ ކަމާބެހޭ މުއައްސަސާތަކުގެ ތެރެއިން ކޮންމެވެސް ބަޔަކާ ބައިވެރިވެގެން ކަމަށް އެ ވަކީލުން ބުނެއެވެ.

"ބައެއް ފަހަރު ވަކީލުންނަށް ވެސް ނޭނގެނީސް ކްލަޔަންޓުން އަމިއްލަ އަށް އެބަ ބުނޭ މިވެނި ބަޔަކު ހެކިންނަށް ތިބޭނެއޭ. ކޮންމެވެސް ބަޔަކު ކިޔައިދޭތީ ދެއްތޯ އެހާ ރަނގަޅަކަށް ހެކިވެރިންގެ މައުލޫމާތު އެ މީހުންނަށް ލިބޭނީ. އެ ހިސާބުން އެ މީހުންނާއި އެ މީހުންނާ ގުޅުން އޮންނަ މީހުން ގުޅިގެން މި ނުފޫޒު ފޯރުވަނީ. އެކަމަކު ވަކީލުންގެ ދައުރު އެކަމުގައި ނޯންނާނެއޭ ނުދެންވޭނެ އަޅުގަނޑަކަށް. އެބަ އުޅޭ (ވަކީލުންގެ ތެރޭގައި) އެކަން ކުރާ ބަޔަކު ވެސް،" ނަން ނުޖަހަން އެދި ވާހަކަ ދެއްކެވި ވަކީލަކު ވިދާޅުވި އެވެ.

ކްރިމިނަލް ކޯޓުގެ ބަހެއް މިކަމުގައި ނުލިބުނެވެ.

ކުރިން ވެސް ދެންނެވިހެން ހެއްކާ ބެހޭ ބިލުގައި، ހެކިވެރިންނަށް ރައްކާތެރިކަން ދިނުމަށް އޮތް ބައި ކިތަންމެހާ ވެސް މުހިންމު އެވެ. އަދި އެއީ މިހާރު ވެސް ކުރަމުންދާ ކަމެކެވެ. އެކަމަކު ސުވާލަކީ މުއައްސަސާތަކުގެ ތެރެއިން ސިއްރު މައުލޫމާތު އާންމުވާ ނަމަ، ހަމައެކަނި ރައްކާތެރި ކުރުމުގެ އަމުރެއް ނެރެގެން ފުލުހުންގެ ހިމާޔަތް ހެކިވެެރިއަކަށް ދިނުމުން ހެކިވެރިޔާ ހިމާޔަތް ކުރެވުނީތޯ އެވެ؟.

ހެކިވެރިޔާގެ ހަށިފާރަވެރިންނަށް ނުވަތަ އޭނާގެ އާއިލާ ބަލަހައްޓަން ފުލުހުންގެ ބޮޑު ފައުޖެއް އޮތަސް އެ މީހާގެ މައުލޫމާތު ދައުވާލިބޭ ފަރާތަށް ނުވަތަ އޭނާއާ ގުޅުން އޮންނަ ބަޔަކަށް ހެކިވެރިޔާގެ މައުލޫމާތު އެނގޭ ނަމަ ހެކިވެރިޔާ އަށް ހިމާޔަތް ދިނުމުގެ ބޭނުމެއް ނެތެވެ. ހެކިވެރިޔާގެ މައުލޫމާތު ދައުވާލިބޭ މީހާއަށް އިނގޭނެ ކަން ނުވަތަ އިނގޭ ކަން ހެކިވެރިޔާ އަށް އެނގޭ ނަމަ، ފުލުހުންގެ ހިމާޔަތުގައި ވިޔަސް ހެކިބަސް ދޭން އެ ހެކިވެރިޔާ ޖެހިލުވާނެ އެވެ. ހެކިން ސިއްރުކޮށްފައިި މިހާރު އޮންނައިރު ވެސް ބައެއް މީހުން ހެކިބަސް ދޭން ޖެހިލުންވަނީ މިހެންވެ އެވެ.

ގާނޫނުލް އުގޫބާތު ބުނާގޮތުން ތެދުވެރިކަމާ އެކު ހެކިބަސް ދިނުމަށް ހުރަސް އެޅުމުގެ މަގްސަދުގައި ހެކިވެރިޔާ އަށް އިންޒާރެއް ނުވަތަ އަނިޔާއެއް ނުވަތަ ގެއްލުމެއް ދީފާނެ ކަމުގެ ބިރު ދެއްކުން ނުވަތަ ހުއްދަ ނޫން މަންފާއެއް ދިނުން ނުވަތަ ދޭން ހުށަހެޅުމަކީ ކުށެކެވެ. އެއީ ޖިނާޔަތުގެ ފަސް ވަނަ ދަރަޖައިގެ ކުށެކެވެ. އެއީ ޖިނާއީ ކުށެއްގެ ގޮތުގައި އޮތަސް އެކަން ކުރާ މީހުން އެކަން ކުރަނީ އެއްވެސް ޖެހިލުމެއް ނެތި އެވެ. އެކަމަށް މަގުފަހި ކުރާ މީހުން މާލީ ފައިދާއަށްޓަކައި އެކަން ކުރަނީ އެވެ.

މަދު ބަޔަކާ މެދު އެފަދަ ކަންކަމާ ގުޅިގެން އިދާރީ ފިޔަވަޅުތަކެއް އެޅިޔަސް އެކަން ހުއްޓުމަކަށް ގެނެވޭ ފަދަ ފިޔަވަޅުތަކެއް އަދި ނޭޅެ އެވެ. މިއީ ވަކީލުންގެ ކަންކަން ރެގިއުލޭޓްކުރާ ފަރާތްތަކާއި ކޯޓުތައް އަދި ފުލުހުންނާއި ޕީޖީން ވެސް ވިސްނަން ޖެހިފައިވާ ކަމެކެވެ. ހަމައެކަނި ގާނޫނެއް އައުމަކުން ހެކިވެރިޔާ ހިމާޔަތެއް ނުކުރެވޭނެ އެވެ. މާޒީގައި ކަން ހިނގާފައި ހުރިގޮތުން އަދި މިހާރު ހިނގަމުންދާ ގޮތުން ވެސް އެކަން ވަރަށް ސާފުކޮށް އެބަ އިނގެ އެވެ. ކަމާބެހޭ މުއައްސަސާތައް ހަރުދަނާ ވެގެން ނޫނީ މިކަން ވާކަށް ނެތެވެ.

2 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 44%
icon sad icon sad 0%
icon angry icon angry 56%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކަތީބު ކުޑަ

02 March 2017

ކިތަންމެ ރީތި ކޯޓު ރޫމްތަކެއް ހުއްޓަސް އިންސާފެއް ނުލިބޭނެ މުޖުތަމައު ކަރަޕްޓް ވެ ފަސާދަވީމަ. މީ ފަހު ޒަމާނުގެ އަލާމާތެއް

The name is already taken The name is available. Register?

ސައްދާމް

02 March 2017

މިހާރު މިގައުމު ވެއްޓިފައިވާ ހާލަތަށް ބަލާއިރު ކުށް ސާބިތު ކުރުމަށް ކޮންމެހެން ހެއްކެއް ބޭނުމެއްނުވޭ......... ހަމައެކަނި ގާޒީ ބުނެލަން ޖެހޭނީ 12 އަހަރު 13 އަހަރު..... އެއޮތީ ނިމިފައި..........އަދުގެ ހާލަތު.......

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454