ކުރީގެ ރައީސް މައުމޫން: ޒައިދުގެ ބަޔާނުގައި ހުރި ކަންކަން ފުލުހުންނާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ތަހުގީގު ކުރަން ގޮވާލެއްވި - ފޮޓޯ: ނިޝާން އަލީ/ މިހާރު
24 ފެބުރުއަރީ 2017 - 20:34
ބަންދުގައި ހުރި، މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން މެދުވެރިކޮށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ދެކޮޅަށް ބަޔާނެއް ހޯދަން މަސައްކަތް ކުރަނީ ސިޔާސީ ބޭނުމެއްގައި ކަމަށާއި އެކަން ވަގުތުން ހުއްޓާލަން އެމަނިކުފާނު މިރޭ ގޮވާލައްވައިފި އެވެ.
ރައީސް މައުމޫނަށް ތާއީދުކުރައްވާ ޒައިދު ހައްޔަރުކުރީ ފަނޑިޔާރަކު ބްލެކްމެއިލް ކުރަން އުޅުނުކަމުގެ ތުހުމަތުގަ އެވެ. އެކަމަކު އޭނާއާ ސުވާލުކުރަނީ މައުމޫނާ ދެކޮޅަށް ބަޔާނެއް ހޯދަން ކަމަށް ޒައިދު ވަނީ ވިދާޅުވެފަ އެވެ.
މައުމޫން ނެރުއްވި ބަޔާނުގައި ވިދާޅުވީ އެމަނިކުފާނުގެ އިސްތަށިފުޅުގައި ހަގީގަތާ ހިލާފު ބޮޑެތި ތުހުމަތުތަކެއް އެޅުވުމަށް ބަޔަކު މަސައްކަތް ކުރަމުންދާ ނަމަ، އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށެވެ. އަދި ވަގުތުން އެކަން ހުއްޓާލަން ވެސް ވަނީ ގޮވާލައްވައިފަ އެވެ.
"ޒައިދުގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅުމެއް ނެތް މައްސަލައަކާ ބެހޭ ގޮތުން ސުވާލުކޮށް، ދޮގު ބަޔާނެއް ހޯދުމަށް މަސައްކަތް ކުރުމަކީ ސިޔާސީ ބޭނުމަކަށް ކުރާ ކަމެއް ކަމުގައި ދެކެމެވެ. ޒައިދު ހައްޔަރުގައި ބަހައްޓައިގެން، ސިޔާސީ ބޭނުމަކަށް، އޭނާގެ މިނިވަންކަމާއި ސަލާމަތާއި ރައްކާތެރިކަން ނިގުޅައިގެންފައި ވާތީ މިކަން ކުށްވެރިކުރަމެވެ،" މައުމޫންގެ ބަޔާނުގައިވެ އެވެ.
ޒައިދު އަށް ނުހައްގުން އަނިޔާތަކެއް ލިބެމުން ދާތީ ޕީޕީއެމްގެ އާންމު މެންބަރުން އިންތިހާއަށް ކަންބޮޑުވާ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ. އަދި ޒައިދުގެ މައްޗަށް ކުރާ ތުހުމަތާ ގުޅޭ ބަޔާން ނަގައި ނިމިފައިވާ ނަމަ އޭނާ ދޫކޮށްލަން ވެސް ގޮވާލެއްވި އެވެ.
މައުމޫން ވަނީ ޒައިދު ނެރުއްވި ބަޔާނުގައި ކުރެއްވި ތުހުމަތުތައް އިންސާފުވެރިކަމާ އެކު ތަހުގީގު ކޮށްދޭން ފުލުހުންނަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ ކިބައިން އެދިވަޑައިގެންފަ އެވެ.
މައުމޫނަށް ތާއީދުކުރެއްވުން ހުއްޓާލައި، ސަރުކާރަށް ތާއީދުކުރައްވަން ތަހުގީގުގައި ފުލުހުންގެ އިސް އޮފިސަރަކު ޒައިދުގެ ކިބައިން އެދިވަޑައިގެންނެވި ކަމަށް އޭނާގެ ބަޔާނުގައިވެ އެވެ. އެ ބަޔާނުގައި އެ އޮފިސަރުގެ ނަން ވެސް ޖަހާފައިވެ އެވެ.
ޒައިދުގެ ބަޔާނުގައިވާ ގޮތުން ފުލުހުން މިހާރު ބޭނުންވަނީ ޕީޕީއެމް އޮފީހުން ގެއްލުނު އެ ހާޑް ޑިސްކު އޮތީ މައުމޫންގެ ބެއްލެވުމުގެ ދަށުގައި ކަމަށާއި ސަރުކާރާ ދެކޮޅު ރޭވުންތަކެއް މައުމޫން ރާއްވަވާ ކަމަށް ބުނެ ބަޔާނެއް ނަގާށެވެ. އޭގެ ބޭނުމަކީ މައުމޫން ހައްޔަރުކުރުން ކަމަށް ވެސް އޭނާ ތުހުމަތުކުރެއްވި އެވެ.
ފުލުހުން ބުނީ ޒައިދުގެ ބަޔާނުގައި ހުރި ކަންކަން ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑް ކޮމާންޑްސް އިން ބަލަމުން އަންނަ ކަމަށެވެ. ޕްރޮފެޝަނަލް ސްޓޭންޑަޑް ކޮމާންޑްސްއަކީ ވަކިވަކި ފުލުހުންގެ މައްސަލަތައް ބަލަން ފުލުހުންގެ ތެރޭގައި އޮންނަ ޑިޕާޓްމެންޓެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަލީމް
26 February 2017
މައުމޫނު އެހެން ކިޔާތީ މަ ގާތަށް އަންނަނީ ހަމަ ހިނި
ހައްޔަރު
26 February 2017
ހައްޔަރޭ؟ ކީއްކުރަން މުސްކުޅިވި ދުވަހު އެކަން ކުރާނެ ކަމެއް ނެތޭ.ތީ މާކުރިގެ ވިސްނުމެއް. އެހެން ނޫނަސް މި ސަރުކާރުން އޭނަ ހައްޔަރެއް ނުކުރާނެ.
ރީތި މޫސަ
25 February 2017
މައުމޫނު ހައްޔަރުކުރާކަށް މީހަކުނޫޅެ ވެގެންއުޅޭގޮތަކީ މީހުންގެ ސަމާލުކަންގެއްލޭތީ ކަންބޮޑުވަނީ
ވިލޭއަލި
25 February 2017
މައުމޫނު ދޮގު ހަދަނީ ދީނަށްޓަކާ ޤައުމަށް ޓަކާ. އެހެން މީހުން ދޮގު ހަދަނީ ސިޔާސީ ބޭނުމެއްގައި.
ޙަސަން
25 February 2017
މިތާ އެބައޮތްތަ އިންސާފް ހޯދަންދާނެ ކޯޓެއް ހުރީ ހަމައެކަނި ބުނިގޮތަކަށް ހުކުމް އިއްވާލަދޭ ކޯޓްތައް
ސަހަރޯ
25 February 2017
ސަހަރޯ މިވެސް ފުލުހުންތޯ
އިންސާފް
25 February 2017
ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ! ދުނިޔެ ދައްކާ ހަގީގަތަކީ ނާއިންސާފް ހަމަ ކޮންމެ މީހަކާވެސް ބައްދަލު ކުރާކަމެވެ. ތިމާ ބާރުގަދަ މީހާ ކަމުގައި ވީނަމަވެހެވެ. ނާއިންސާފް މިފަސްގަޑުން ފޮހެލުމަށް ކުރެވޭ ކޮންމެ ކަމެއްގައި އަހަރެން ބައިވެރި ވާނަމެވެ.
މަޒް
25 February 2017
ފުލުހުންގެ ނޯންނާނެ އެއްވެސް ޕްރޮފެޝަނަލް ސްޓޭންޑަޑް އެއް.. އެއީ ވަރަށް ދަށު ދަރަޖައިގެ ބައެއް.. އެމީހުންނަށް ވެރިމީހާ ހިމާޔަށް ކުރެވުނީމަ ނިމުނީ.. ރައްޔިތަކަށް ނުހައްގުން އަދަބެއް ދޭން ޖެހިލުންވާ ބެއް ނޫން އެއީ
ބޮޑުބޭބެ
25 February 2017
ރައީސް ޔާމީންގެވެރިކަން ނިމުނުދުވަހަކުން ބުނާމީހުން ބުނާނެ. ދެން އެއީ ވަކި ކާކުހޭ. އެއީ އަހަރެމެންނަކީ ދިވެހިން.
ދަރު
25 February 2017
އެހެން ދިވެހިންވެސް އެބަތިބި. އެންމެން ޖަލަކަށް ނުލެވޭނެ. ކޮންމެ އަނިޔާއަކާ ދެކޮޅަށް ތެދުވާނެ ދިވެހިން. ޒުވާން ކުދިން އެބަ ތިބި ކިއަވަން ސްކޫލު ތަކުގަ. އެކުދިން ތިބޭނީ އަހަރުމެންނަށްވުރެ ތަންދޮރު ފިލާފަ. ޤައުމަށް ބޭނުން ގޮތެއް ހަދާކަށް ނުދޭނެ ފުރުސަތެއް. މުއްސަނދިން މުއްސަނދި ކޮށްފަ ފަޤީރުން ފަޤީރު ކުރާ ޒަމާން ނިންމާނެ ކުރިއަށް އޮތް ޖީލު.