ވިޔަފާރި / ލ. މާންދޫ

އަގުގެ ތިން ޕަސެންޓް ސީދާ މަސްވެރިންނަށް ލިބޭ ފެއާ ޓްރޭޑް ސެޓްފިކެޓްގެ ދަށުން މަސް ބޭރު ކުރަން ފަށައިފި

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މާންދޫން އުފައްދާ މަސްދަޅެއް ފިޝަރީޒް މިނިސްޓަރު ޝައިނީ ދައްކާލައްވަނީ.-- ފޮޓޯ: ހުސެން ވަހީދު/ މިހާރު

26 ފެބުރުއަރީ 2017 - 12:09

5 comments

ބައިނަލްއަގުވާމީ ބާޒާރުގައި ވިއްކާ މަހުގެ އަގުގެ ތިން ޕަސެންޓް ސީދާ މަސްވެރިންނަށް އިތުރަށް ލިބޭ ފެއާ ޓްރޭޑް ސެޓްފިކެޓްގެ ދަށުން ރާއްޖެއިން ފުރަތަމަ ފަހަރަށް މަސްދަޅު ބޭރު ކުރަން ފަށައިފި އެވެ.

ފެއާ ޓްރޭޑް ސެޓްފިކެޓް ހޯދީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ހޮރައިޒަން ފިޝަރީޒް އިން ލ. މާންދޫގައި ހިންގާ ފެކްޓަރީންނެވެ.

ފެއާ ޓްރޭޑް ސްކީމުގެ ދަށުން އަދި ބޭރު ކުރަނީ ލ. އަތޮޅުގެ ތިން ރަށް ކަމަށް ވާ ގަމާއި ކުނަހަންދޫ އާއި ހިތަދޫގެ ދޯނިތަކުން މާންދު އަށް ކިރުވާ މަހުން ތައްޔާރު ކުރާ މަސްދަޅެވެ. އެކަމަކު، އިތުރު ރަށްރަށުގެ މަސްވެރިން ބައިވެރިކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން މިއަދު ބުންޏެވެ.

މާންދޫން އުފައްދާ މަސްދަޅުތަކެއް ދައްކާލަން ބަހައްޓާފައި.-- ފޮޓޯ: ހުސެން ވަހީދު/ މިހާރު

އެކަން ފާހަގަކުރަން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ ވިދާޅުވީ މާންދޫން ބޭރު ކުރާ މަސްދަޅަކީ ދެމެހެއްޓެނިވި މަސްވެރިކަމަށް ދޫކުރާ އެމްއެސްސީ ސެޓްފިކެޓާ އެކު ފެއާ ޓްރޭޑް ލޯގާ ވެސް ހިމަނައިގެން މުޅި ދުނިޔޭގައި ވެސް ތައްޔާރު ކުރާ ފުރަތަމަ އުފެއްދުން ކަމަށެވެ. އެހެންވެ، މިއީ، އޭނާ ވިދާޅުވި ގޮތުގައި، ރާއްޖޭގެ މަސްވެރިކަމަށް ލިބުނު ވަރަށް ބޮޑު ޝަރަފެކެވެ.

"ދިވެހި ސަރުކާރުން މަސްވެރިންނާއި މަސްވެރި ކުންފުނިތަކާ ގުޅިގެން އަބަދު ވެސް މި ކުރާ މަސައްކަތަކީ ދިވެހި މަހަށް، މަސްވެރިން އެއް މަހުން އެއް މަހުން މި ބާނާ މަހަށް އަގު އިތުރަށް ފުޅާކުރުުމަށްޓަކައި، އިތުރަށް ދެމެހެއްޓުމަށްޓަކައި ވަރަށް ގާތުން މަސައްކަތް ކޮށްގެން އެހެން ހުރިހާ ޕްރޮޑަކްޓަކަށް ވުރެ އަބަދު ވެސް މަތީގައި ރާއްޖޭގެ ޕްރޮޑަކްޓް އޮތުން،" ޝައިނީ ވިދާޅުވި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މާންދޫން އުފައްދާ މަސްދަޅެއް ފިޝަރީޒް މިނިސްޓަރު ޝައިނީ ދައްކާލައްވަނީ.-- ފޮޓޯ: ހުސެން ވަހީދު/ މިހާރު

ހޮރައިޒަން ފިޝަރީޒްގެ މެނޭޖިން ޑިރެކްޓަރު އަދުނާން އަލީ ވިދާޅުވި ގޮތުގައި ފެއާ ޓްރޭޑް ސްކީމުގެ ދަށުން ބޭރު ކުރާ މަސް ގަންނަނީ އެންމެ މަތީ ފަންތީގެ މާކެޓުތަކުންނެވެ. އެ ފަރާތްތަކުން ގަންނަ މަހުގެ އަގުގެ އިތުރަށް ތިން ޕަސެންޓް، އެ އުފެއްދުމެއް ތައްޔާރު ކުރަން ބޭނުންކުރި މަސް ބޭނި މަސްވެރިންގެ އެކައުންޓަށް ސީދާ ޖަމާކޮށް ދޭނެކަން އޭނާ ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެން ސަރުކާރުގެ ޕޮލިސީއާ އެއްގޮތަށް، މަހަށް އެންމެ ރަނގަޅު އަގެއް ހޯދައި ދިނުމަށް އަބަދު ވެސް މަސައްކަތް ކުރަމުން މި ދަނީ،" ފިޝަރީޒް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދުނާން ވިދާޅުވި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ހޮރައިޒަން ފިޝަރީޒްގެ މެނޭޖިން ޑިރެކްޓަރު އަދުނާން ވާހަކަދައްކަވަނީ.-- ފޮޓޯ: ހުސެން ވަހީދު/ މިހާރު

މިނިސްޓަރު ޝައިނީ އާއި އަދުނާން ވަނީ މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެހެން ކުންފުނިތަކުން ވެސް މި ފެއާ ޓްރޭޑް ސެޓްފިކެޓް ހޯދަން އެދިވަޑައިގެންފަ އެވެ. އަދި އެކަން ކޮށްދޭން، މަސްވެެރިން ކުންފުނިތަކަށް ބާރުއަޅަން ވެސް އެ ދެ ބޭފުޅުން ގޮވާލެއްވި އެވެ.

"ވަރަށް ފަސޭހަ އިން މި ކަން ކުރެވި ދާނެ. ރަށެއްގެ ހުރިހާ ދޯންޏަކުން ކޮންމެހެން އޭގެ ތެރޭގައި ހިމެނޭކަށް ނުޖެހޭ. ހަމަ ތިން ދޯނި، ހަތަރު ދޯނި އެއްކޮށްލައިފަ، އެ ބޭފުޅުންގެ ތެރޭގައި އެއްބަސްވުމެއްގެ ތެރޭން އެކައުންޓެއް ހުޅުވާފައި އެ ބޭފުޅުންގެ ތެރޭން އެކައުންޓުގެ ތެރޭގައި އޮޕަރޭޓް ކުރާނެ ބަޔަކު ނިންމާފައި، އެ ކުންފުންޏަކުން ކުރަންޖެހޭ ކަންކަން ކުރީމައި އެ މަސްވެރިން ވިއްކާ މަސް ބޭރުކޮށްގެން ލިބޭ އަގުގެ ތިން ޕަސެންޓް ސީދާ ޖަމާވާނީ އެ މަސްވެރިންގެ އެ ޖޮއިންޓް އެކައުންޓަކަށް،" ޝައިނީ ވިދާޅުވި އެވެ.

ފަސް އަހަރުދުވަހުގެ މުއްދަތަކަށް، އަހަރަކު އެއް ފަހަރު އޮޑިޓް ކުރާ ގޮތަށް ދޫކުރާ ފެއާ ޓްރޭޑް ސެޓްފިކްޓް ދިނުމުގައި ބޮޑަށް ބަލަނީ މަސްވެރިންގެ ހާލަތުގެ އިތުރަށް، އެ ފަރާތްތަކަށް އޮންނަ ރައްކާތެރިކަމާއި ލިބޭ ފައިދާ އަށެވެ. އޭގެ ތެރޭގައި، މުވައްޒަފުން ނެގުމާއި އެ މީހުން އުޅޭ ތަނާއި މަސައްކަތް ކުރާ ތަނުގެ ހާލަތު ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ މިންގަނޑުތަކާ އެއްގޮތަށް ހުރުމާއި ދޯނީގައި އެކަށީގެންވާ ސަލާމަތީ ފިޔަވަޅުތައް އަޅާފައި ހުރުމާއި ދޯންޏާއި މަސްވެރިން އިންޝުއަ ކުރުން ފަދަ ކަންކަން ހިމެނެ އެވެ.

ދޮށީގެ މަސްވެރިކަމުން ބާނާ މަހާއި އެ މަހުން ތައްޔާރު ކުރާ އުފެއްދުންތައް އާއްމުކޮށް ބޭރު ކުރަނީ ތައިލެންޑާއި ޔޫރަޕުގެ ގައުމުތަކަށެވެ. އެމްސީއެސް ސެޓްފިކެޓް ލިބުމާ އެކު، ރާއްޖޭން ބޭރު ކުރާ ކޮންމެ މަސް ޓަނަކަށް ގާތްގަނޑަކަށް 400 ޑޮލަރު ލިބެ އެވެ. އެއީ، އެެހެން ގައުމުތަކުން ބޭރު ކުރާ މަހަށް ލިބޭ ވަރަށް ވުރެ ބޮޑު އަގެއް ކަމަށް ވާއިރު، ފެއާ ޓްރޭޑް ސެޓްފިކެޓާ އެކު އެ އަގަށް ތިން ޕަސެންޓް އިތުރު ވާނެ އެވެ.

5 ކޮމެންޓް, 20 ރިއެކްޝަންސް

icon happy icon happy 65%
icon sad icon sad 10%
icon angry icon angry 25%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މެންޓަލިސްޓް

26 February 2017

މަސްވެރިންނަށް މަސްކިރާފައި ފައިސާނުލިބޭ މައްސަލަ ކިހިނެއްތޯ ހަދަނީ ،، ތިޔައެކަނުންޓް އޮންނާނީ ހުޅުވާފައި އެކަމަކު އަބަދުވެސް ކުރެޑިޓްއޮންނާނީ ލައްކައިން އަރާފައި ،، ލާމުއަތޮޅު މާމެންދޫޢަށް ކިރާ ދޯނިތަކުގެ ހާލުބަލާލީމައި އެނގޭނީ ،،، ކިހާވަރެއްގެ ކުރެޑިޓްއެއް އެބައޮތްތޯ .. . އެހެންނޫނީ ނޭންގޭނެ ،، ވަރަށްވެދުން

The name is already taken The name is available. Register?

ތުޅާ

26 February 2017

ސައީނީ ކުރަން ރަނގަޅު ކަމެއް އެބައޮތޭ..ހަދަންވީގޮތަކީ ރާކެނީމަސް ކޯސްޓުކީރުދަޅުގަ ބަންދުކޮއްފާ ސައުދީއަށް އަގުބޮޑުކޮއް ވީއްކަންވީ.. ވަރައްފައީދާވާނެކަންނޭގެ..އެކުސްޕޯޓު ގީނަވީނުން..

The name is already taken The name is available. Register?

ބައިރޯ

26 February 2017

ހުސްގޭމު، ކޮބާ މަސްވެރިންނަށް ދޭންބުނި ދިހަހާސް

The name is already taken The name is available. Register?

މަސްވެރިޔާ

26 February 2017

މަސްވެރިން އަބަދުވެސް އެދެނީ ސަރުކާރުން މަސްވެރިން ކުރާމަސަށް ކަތްބަލާގަތުމައް

The name is already taken The name is available. Register?

ބޯހަލާކު

26 February 2017

އަނެއްކާވެސް މަސްވެރީނަށް ލަނޑެއް ދެއްވަނީ......... ހުސްދޮގު މަސް ޓަނެއް 400 އަށް މުޅިން ދޮގު މަސްވެރިން މިހާރު ހޭއަރަންވެއްޖެއެވެ. މަސްވެރިން ބުރަ މަސައްކަތްކޮށްގެން ބާނާ މަހުން ބޮޑު ފާއިދާ ހޯދަނީ ބޭރުގެ މާކެޓުގައި އަގެއް ނެތްކަމަށް ބުނެ ތިޔަ އަދުނާނުމެން ކަހަލަ މީހުން އިސްކޮށް ތިބޭ ކުންފުނިތަކުންނެވެ. މަސވެރިން އުޅެނީ އުނުއޮރިޔާން ނިވާ ނުކުރެވިގެންނެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454