ޝެފަކު މަރާލި މައްސަލާގައި ދައުވާލިބޭ މީހާ: އެ މައްސަލާގައި ދައުލަތުގެ މުހިންމު ހެކިވެރިން ތިބި ތަނެއް ހޯދިފައެއް ނުވޭ
06 އޮކްޓޯބަރ 2024 - 14:25
ރިސޯޓެއްގައި ޝެފަކަށް ވަޅިއަކުން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ހުށަހެޅި މުހިންމު ހެކިވެރިންތައް ރާއްޖެއިން ބޭރުގައި ތިބި ތަނެއް ނޭނގޭތީ އެ މީހުންގެ ހެކިބަސް ނުނަގަން ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.
އެއްލައިދޫ ރިސޯޓްގައި 2019 ވަނަ އަހަރު ސްރީ ލަންކާގެ ޝެފަކަށް ވަޅިއަކުން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރަނީ އެ ގައުމުގެ ރައްޔިތެއް ކަމަށްވާ ޖަޔަލަތު ކޮޑިއާޗިގެ ޖަނަކަ ޕްރަސަންނަ ޕެރޭރާގެ މައްޗަށެވެ. އޭނާގެ މައްޗަށް ކުރަނީ ތޫނު އެއްޗަކުން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ.
އެ މައްސަލާގައި ދައުލަތުން ހުށަހެޅި މުހިންމު ހެކިވެރިންތަކެއް ރާއްޖެއިން ބޭރުގައި ތިބުމުން އެ މީހުން ތިބި ތަނެއް ނޭނގޭތީ އިންޓަޕޯލް މެދުވެރިކޮށް އެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ދައުލަތުން ކުރިން ވަނީ ބުނެފަ އެވެ. އަދި އެ މީހުން ތިބި ތަނެއް ހޯދަން ކޯޓުން ދިން މުއްދަތު މިހާރު ވަނީ ހަމަވެފަ އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި އެ މައްސަލަ ބައްލަވާ ގާޒީ އިބްރާހިމް އިހްސާން ވިދާޅުވީ ހެކިން ހޯދުމަށް އެކަށީގެންވާ ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އަދި އެ ހެކިން ހޯދުމަށް އިތުރު މަސައްކަތެއް ކޯޓުން އިތުރަށް ނުކުރާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
މިއަދުގެ އަޑުއެހުމުގައި ވަނީ ޑޮކްޓަރެއްގެ ހެކިބަސް ނަގައިފަ އެވެ. އޭނާގެ ހެކިބަސް ނެގީ މަރުވި މީހާއާ ބެހޭގޮތުން ޑޮކްޓަރު ތައްޔާރު ކޮށްފައިވާ ރިޕޯޓާ ބެހޭގޮތުން ހަބީރެއްގެ ގޮތުންނެވެ. އަދި އެ ހާދިސާ ހިނގި ތަނުގައި ތިބި މީހުންގެ ބަޔާން ނެގި ފުލުހެއްގެ ހެކިބަސް ވެސް މިއަދު ނެގި އެވެ.
ގާޒީ ވިދާޅުވީ އެ މައްސަލާގައި ހާޒިރު ކުރެވެން ތިބި ހެކިންގެ ހެކިބަސް ނެގުމަށް ފަހު ހެކިބަހާ ބެހޭގޮތުން ވާހަކަ ދައްކަން އަންނަ މަހުގެ ކުރީކޮޅު އަޑުއެހުމެއް ބާއްވާނެ ކަމަށެވެ. އަދި މިއަހަރު ނިމުމުގެ ކުރިން އެ މައްސަލަ ނިންމުމަށް މަސައްކަތް ކުރައްވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މެޖް
06 October 2024
ހެކިނެތަސް އޭނައަކީ ގާތިލެއްކަމަށް ފުލުހުން ބުނީތީ ކުށް ސާބިތުކުރޭ. އެހެންނޫނީ ދިވެހިންނަށް ގޯސްވާނީ މައްސަލަ ބަލާ ގާޒީ.
ބުއްރާސްޕަރީ
06 October 2024
މައްސަލަތަށް އަދިވެސް ދިގު ދަންމާ. އޭރަށް ހެކިންވެސް ތިބޭނެ. 2019 ގަ ހިނގި ކަމެއް 2020 އަށް ނުނިންމެންޏާ ދެން ކަލޭމެން އެހެން ކަމަކާއި އުޅެންވެއްޖެ އެއްނު. ހެކިން ފުރައިގެން މަރުވެގެން ދިޔައިމަ އޮންނާނީ އިންސާފު ގާއިމުވެފަ.
އޮފިސަރު
06 October 2024
ކޯޓުތަކުގެ ހާލަތު އެނގޭތަ. ކޯޓުތަކަށް މުވައްޒަފުން ދޭތޯ؟ ވަސީލަތް ދޭތޯ؟ އިމާރާތްދޭތޯ؟ ކްރިމިނަލް ކޯޓު ހުއްޓިފަ އަހަރެއް ވީފަހުން ސިވިލް ކޯޓުން ބޭނުންކޮށް ބާކޮށްފަ އޮތް އިމާރާތެއް ދީފަ ކްރިމިނަލް ކޯޓު ދެ ބަޔަށް ބަހާލީ. ކޯޓުތަކަށް ވަސީލަތް ނުދީ މުވައްޒަފުންނަށް ދައުލަތުގެ އެބުނާ ޕޭ ކޮމިޝަނުގެ ނިޒާމަށްވެސް ނުފެތި ސިވިލް ސަރވަންޓުންނަށްވުރެ ކުޑަ މުސާރައިގަ ގަނަ ތަޅުވަނީ. މުޅި ދުވަހު އޮފީހުގަ. ދެން އެހެންވީމަ 2025 އެއް ނޫން 2030 އަޔަސް ހަމަ ނުނިމޭނެ