ސައުދިއާގެ މަތިންދާބޯޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސަނީ: އެ އެއާލައިނުން ރާއްޖެ އަށް ކުރާ ދަތުރުތައް އިތުރުކުރަން ވަނީ ނިންމާފައި.--- ފޮޓޯ: ސައުދިއާ
04 މާޗް 2017 - 14:23
ސައޫދީ އަރަބިއްޔާގެ ގައުމީ އެއާލައިން، ސައުދިއާ އިން ރާއްޖެ އަށް ކުރާ ދަތުރުތައް ދެ ގުނަ އަށް އިތުރު ކުރުމަށް ނިންމާފައިވާ ކަމަށް އެ ގައުމުގައި ހުންނަވާ ދިވެހި ސަފީރު އަބްދުލް ހަމީދު ވިދާޅުވެއްޖެ އެވެ.
އަރަބް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ހަމީދު ވިދާޅުވީ ސައުދިއާ އިން ރާއްޖެ އަށް މިހާރު ހަފުތާއަކު ކުރަމުން އަންނަ ދެ ދަތުރުގެ ބަދަލުގައި ހަތަރު ދަތުރު ކުރަން ނިންމާފައިވާ ކަމަށެވެ. ހަތަރު ދަތުރުގެ ތެރެއިން ދެ ދަތުރު ކުރާނީ ސީދާ ޖިއްދާ އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ކަމަށް ސަފީރު ވިދާޅުވެފައިވެ އެވެ.
މިދިޔަ އަހަރުގެ މާޗް ފަހުކޮޅު ސައޫދީގެ ގައުމީ އެއާލައިނުން ރާއްޖެ އަށް ދަތުރުތައް ފެށީ ވެރިރަށް ރިޔާޒާ ދެމެދުގަ އެވެ.
ހަމީދު ވިދާޅުވި ގޮތުގައި ސައޫދީ އެއާލައިންގެ ދަތުރުތައް އިތުރު ކުރުމުން، ރާއްޖެ އަށް ސައޫދީން އަންނަ ޓޫރިސްޓުންގެ އަދަދު ވެސް ގިނަވާނެ އެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި 2015 ވަނަ އަހަރު 15،749 މީހުން ރާއްޖެ އަށް ސައޫދީން ޒިޔާރަތް ކުރިއިރު، މިދިޔަ އަހަރު އެ އަދަދު 21،944 އަށް ވަނީ އިތުރުވެފަ އެވެ.
ސައުދިއާގެ ދަތުރުތައް އިތުރުކުރާނެ ދުވަހެއް ސަފީރު ވިދާޅެއް ނުވެ އެވެ.
ސައޫދީގެ ގައުމީ އެއާލައިނުން ރާއްޖެ އަށް ކުރާ ދަތުރުތައް އިތުރު ކުރުމަށް ނިންމިއިރު، އެ ގައުމުގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް މި މަހުގެ ތިންވަނަ ހަފުތާގައި ރާއްޖެ ވަޑައިގަންނަވާނެ އެވެ.
ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގެންނެވި ފަހުން، އެމަނިކުފާނުގެ ސަރުކާރުން އެންމެ ބޮޑަށް ގުޅުން ބަދަހިކުރި ގައުމުތަކުގެ ތެރޭގައި ސައޫދީ ހިމެނެ އެވެ. އަދި ފ. އަތޮޅުގައި 10 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއެއް ސައޫދީގެ ޝާހީ އާއިލާގެ ބޭފުޅުންތަކެއް ވަނީ ހިންގަވަން ނިންމަވައިފަ އެވެ. އެކަމަކު އޭގެ ތަފުސީލެއް އަދި ދެ ގައުމުން ވެސް ހާމައެއް ނުކުރެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނެރެލާނަން
05 March 2017
އިދިކޮޅު އެމްޑީޕީން ވަަަރަށް ވަރު ދައްކާ ސައުދީ އެރެބިޔާ އިން ރާއްޖޭގައި ކުރަން އުޅޭ އިންވެސްޓްމަންޓް އަށް ހުރަސް އެޅުމަށް ޓަކައި ތަފާތު ހުރަސް ތައް ކުރިމަތި ކުރުވަން އެމެން ކްރިޓިސިސައިޒް ކުރަމުން ދާއިރު ރާއްޖޭގެ އިގްތިސާދު ފުނޑާލެވޭނެ ފަދަ ވާހަކަ ތައް އެމެން ދަނީ ދައްކަމުންނެވެ. ކުރީގެ މަޖްލީހުގެ ރައީސް އަކު ށަވިޔަނި އަތޮޅުގައި ދެއްކި ވާހަކަ ތަކުން ކޮރަޕްޝަން އޭ ކިޔާ ވާހަކަ ދައްކާ އިރު ތަމެންގެ ގެ ތަޅާލާ އަދި އެހުރިހާ ކުނޑި ގާތައް އުކާލީ އެއީ ޕަބްލިކް ވާރކްސް ގެ ލޮރީސް ތައް ބޭނުން ކޮށްގެން ހިލެ އެއް ނޫންތޭ. އަދި ތަމެންގެ ގެދޮރު ހެދީ އެއީ ފިނޭންސް އިން އިންޓަރެސްޓް ފްރީ ލޯން ނަގައިގެން ނޫންތޭ. އެއީ ކީއްވެތޭ. ދެން ތަމެން ރާއްޖޭގެ ރައީސް ކަމަށް އަންނަން މިހާރު ކްރުއަލް މައިންޑް ގޭމް ކުޅެގެން އިމާރޖް ވާން ހަދާއިރު މަމެން ޕިންކީން ނާއި ކުޅެލާ ނަމަ މަމެން ބުޅާ ގޯނިން ނެރެލާނަން އިނގޭ. އެއިރުން ހުންނާނެ ތަމެންނަށް ރަނގަޅަށް ރާކަނި މަސްކެވިފައި ދޯ.
ދިސްވޭ
05 March 2017
ސައުދީ އެރެބިޔާ އިން ރާއްޖެ އަށް ކުރާ ދަތުރު ދެގުނަ އިތުުރު ކުރުން އެއީ ރާއްޖޭގެ އިގްތިސާދަށް ވަރަށް ފައިދާ ކުރާނެ ކަމެކެވެ. ސައުދީ އެރެބިޔާ އަކީ އެއީ ގަލްފް ގައުމު ތަކުގައި ތިބި އެންމެ ގިނަ ބިލިއަނަރުން ތިބި ގައުމެވެ. އަދި ސައުދީ އެރެބިޔާ އަކީ މުޅީ ގަލްފް ގައުމު ތަކަށް ބޭނުންވާ ސިމެންތި އުފައްދާ ސަޕްލައި ކުރާ އެންމެ ބޮޑު އިންޑަސްޓްރީ އޮތް ގައުމެވެ. އެންމެ ގިނަ ރަން އޮތް ގައުމެވެ. ސައުދީ ކޭބަލް ކޮމްޕެނީ އަކީ މުޅި ގަލްފް ގައުމު ތަކަށް ބޭނުންވާ ކޭބަލް އުފައްދާ ކުންފުނި ހުރި ގައުމެވެ. ސައުދީ ގައި ސައުދީ އަމިއްލަ ހެލިކޮޕްޓަރު އެމެރިކާގެ ކުންފުންނަކާއި ގުޅިގެން އުފައްދަ އެވެ. ކަން މިހެން ހުުރުމުން ސައުދީ އެއާރލައިންގެ ދަތުރު ތައް ރާއްޖެ އަށް އިތުރު ވެއްޖެނަމަ ދެން އޭގެއިން ފައިދާ ކުރާނީ ދިވެހި ވިޔަފާރިވެރިންނަށާއި ރާއްޖޭގޭ ޓޫރިޒަމް އިންޑަސްޓްރީ އަށެވެ. މިކަމަކީ މީ ހުރިހާ ދިވެހިން ވެސް މަރުހަބާ ކިޔަން ޖެހޭނެ ކަމެކެވެ. މީ ސިޔާސީ ގެއިން އެއް މިކަމުން ކުރަން ޖެހޭނެ ކަމެއް ނޫނެވެ.
މުހައްމަދު
05 March 2017
ސީރިޔާއާއި ވެސް ފްލައިޓް ދަތުރު އިތުރު ކުރަން ފެނޭ.
ވާންވީ
04 March 2017
ސައުދީ އެއާރލައިނުން ރާއްޖެ އަށް ކުރާ ދަތުރު ތައް ދެގުނަ ކުރުން އެއީ ކޮންމެ ދިވެހި ދަރިއަކު ވެސް މިއަދު އުފާ ކޮށް ޝުކުރު ކުރަން ޖެހޭނެ ކަމެކެވެ. މީގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް މީގެ ފައިދާ ވަރަށް ބޮޑަށް ކުރަމުން ދާނެއެވެ. މިކަމަކީ މީ ދިވެއްސެއް ނަމަ އެއްބަސްވާން ޖެހޭނެ ކަންކަމެވެ.
އަހުމަދު
04 March 2017
ކޮމެންޓް ތައް ސިޔާސީ ކުރާނެ ކަމެއް ނެތެވެ. ސައުދީ އިން ރާއްޖެ އަށް ފުލައިޓް އިތުރު ކުރުމަކީ ދިވެހީންނަށް ފައިދާ ހުރި ކަމެކެވެ.
ޔަމެނީ
04 March 2017
ސައުދީ އަސްކަރިއްޔާގެ ބޮންއަޅާ ބޯޓުތަކުގެ ދަތުރުތައް ރާއްޖެއަށް ނުފަށާފިއްޔާމުން ކިތައްމެހާވެސް ރަނގަޅު.
ކީއްކުރާނީ
04 March 2017
ސައުދީ އެރެބިޔާއިން ރާއްޖެ އަށް ކުރާ ދަތުރު ތައް އިތުރު ވުމުން ރަންރީނދުލޭ މެން ވަރަށް އަސަރު ކުރާނެ މިހާރު ދޯ. މިއަދުވެސް ޓްވިޓަރޭ ތިން ފަހަރު މިޚަބަރު އަޑުއިވިގެން ހޭނެތުނޭ އެމެންގެ އޮފީހުގައި އުޅޭ ބިއުޓީ ކްއީނޭ އަކު މަމެންނަށް ވަޓްސް އެޕް ކޮށްފައި ބުންނޭ ބުނަން މަމެން ނެތީމު އެވެ. ދެން ކީއްކުރާނީ ދޯ.
މަންޑޭލާ
04 March 2017
ބަޔަކަ ގަބޫލުނުކުރެވުނަސް މިރާއްޖެ ތަރައްގީ ވަނީ ސައުދީ ޗައިނާގެ ސަބަބުން ނަޝީދު އިގިރޭސީންނާ ގުޅުން ބައްވައިގެން މިރާއްޖެ ފިތުނަކުރަމުން މިދަނީ.
މޫސާބޭ
04 March 2017
ޢިދިކޮޅަށް ނުވިސްނެވުން ބުއްދިވެރި. އެންމެންގެ މަޑިސީލަވެސް ފުރޭނެ. ރައްޔިތުންނަށް ލާބައާއި މަންފާ ވާނެ މަޝްރޫޢެއް، އިންޝާﷲ
ކުރާނީދޯ
04 March 2017
ސައުދީން ރާއްޖެ އަށް މިދިޔަ އަހަރު 15 ހާސް މީހުން އަތުވެއްޖެނަމަ ދެން ފާފު އަތޮޅުގައި ސައުދީން 10 ބިލިއަން ޑޮލަރުގެ އިންވެސްޓެއް ކޮށް ފިނަމަ އެއަތޮޅު ވެގެން ދާނީ އެއީ ސައުދީ ކިންގް ސިޓީ އަށެވެ. އެސިޓީ ގައި އެއިރު ހުންނާނެ ސިންގަޕޯރގެ ނޭޝަނަލް ޔުނިވަރސިޓީ އާއި އަދި ސިންގަޕޯރގެ ހޮސްޕިޓާ ތަކާއި އަދި ސިންގަޕޯރގެ ޝޮޕިންގް ސެންޓަރު ތަކާއި އަދި ސިންގަޕޯރގެ އިންޑަސްޓްރިއަލް ޕާރކްސް ތައް ވެސް. މިހެން ވެއްޖެނަމަ މިހާރު ރާއްޖޭން ސީދާ ސިންގަޕޯރ އިން ގަންނަން ޖެހޭ މުދާ ތައް އެއިރުން މަމެން ގަންނާނީ ސީދާ ފާފު އަތޮޅުން ނޫންތޭ. އެއިރުން ރާއްޖޭން އެކްސްޕޯރޓް ކުރާނީ ލަންކާ އަށް ވެސް އަދި އިންޑިއާ އަށް ވެސް ކޮންޒިއުމަރ އިލެކްޓްރޯނިކްސް އާއި އަދި ހެވީ އިންޑަސްޓްރިއަލް މެޝިނަރީސް ތައް ވެސް.