އެއް ބިލިއަން ރުފިޔާގެ ޑްރަގްސްއާ އެކު ލަންކާގެ ބޯޓަކުން ހައްޔަރުކުރި މީހުން: އެ މީހުންގެ ބަންދުގެ މުއްދަތު އަނެއްކާވެސް ވަނީ އިތުރުކޮށްފައި --- ފޮޓޯ/ޕޮލިސް
26 ޑިސެމްބަރ 2024 - 16:01
ގަވާއިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅުނު ސްރީލަންކާގެ ބޯޓަކުން އެއް ބިލިއަން ރުފިޔާގެ މަސްތުވާތަކެތި ފެނުނު މައްސަލާގައި ހައްޔަރުކުރި ފަސް މީހުންގެ ބަންދަށް 30 ދުވަސް ކޯޓުން މިއަދު އިތުރުކޮށްފި އެވެ.
އެ ބޯޓުގައި ސްރީލަންކާއަށް ނިސްބަތްވާ ފަސް ފިރިހެނުން ތިއްބެވެ. އެއީ 21 އަހަރުގެ ފިރިހެނަކާއި 22 އަހަރުގެ ދެ ފިރިހެނަކާއި 37 އަހަރުގެ ފިރިހެނެއް އަދި 56 އަހަރުގެ ފިރިހެނެކެވެ.
ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން އެ އެންމެންގެ ބަންދަށް މިދިޔަ މަހު 26 ވަނަ ދުވަހު ވަނީ 30 ދުވަސް ދީފަ އެވެ.
އެ މުއްދަތު މިއަދަށް ހަމަވުމުން އެ އެންމެންގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ 30 ދުވަސް އިތުރުކޮށްފަ އެވެ.
އެމްއެންޑީއެފުން އެ ބޯޓު ހިފެހެއްޓީ މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ ރޭ ދަންވަރު ހދ. މަކުނުދޫގެ ބޭރުންނެވެ.
ކޯސްޓްގާޑާއި ފުލުހުންގެ ބެލުމުގެ ދަށުން އެ ބޯޓު ކުޅުދުއްފުށި ބަނދަރަށް ގެންގޮސް، ބަލައި ފާސްކުރުމުން ވަނީ ޖުމްލަ 468.6 ކިލޯގެ މަސްތުވާތަކެތި ފެނިފަ އެވެ. އެއީ ފަހުގެ ތާރީހެއްގައި ރާއްޖެ ސަރަހައްދުން އަތުލައިގަތް އެންމެ ގިނަ އަދަދެއްގެ މަސްތުވާތަކެއްޗެކެވެ.
ފުލުހުން ކުރިން ބުނިގޮތުގައި، ފުރަތަމަ މަރުހަލާގައި ހެދި ޓެސްޓްތަކުން އެއީ 344 ކިލޯގެ މެތު ކަމާއި އަދި 124.6 ކިލޯގެ ކޮކެއިންކަން ވަނީ ދެނެގަނެވިފަ އެވެ. އަދި އެ ތަކެތީގެ މަގުމަތީ އަގު އެއް ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަންދަލޫސިޔާ
30 December 2024
ދިވެހިން ޑްރަގް އެތެރެކުރީމައި ތިޔަވަރަކަށް ބަންދުގެ މުއްދަތެއް ނުޖަހާ. ތިޔަ ލަންކާ މީހުން ތިއުޅުނީ ސިޔާސީ އެއްވެސް މީހަކާ ނުގުޅި ތިޔަކަމެއް ކުރަންތާ! ދިވެހިރާއްޖޭގައި ހުންނަ އެމީހުންގެ އޭޖެންޓުން އަތެއް ނުވޭތަ؟ ގަންނާނެ މީހަކު ނެތި އެހާ ބައިވަރު ގެންނާނެ ކަމަކަށް ޤަބޫލެއް ނުކުރެވޭ. ރާއްޖޭގައި 1 ބިލިޔަން ރުފިޔާ ކަމަށް ވިޔަސް ތިޔަ ތަކެތި 1 މިލިޔަނަށް ލަންކާ މީހުން އަތުން ގަނެވޭނެ! ރާއްޖެ އޭޖެންޓަށް ފައިދާއަށް 999 މިލިޔަން ލިބުނީސް. އެބަޔަކު ކޮބާ؟
ކިމް
26 December 2024
މޫނުމަތިން އެއް ބިލިއަން ސިފައެއް ނުޖަހާ ހަމަ ގައިމުވެސް
ބޯލްޓް މަދު ގާޒީ
26 December 2024
އެއްބިލިއަން ރުފިޔާގެ ސުޕާރީގެ މައްސަލާގަ ސަޔަކަށް މިލިއަނެއްހާ ރުފިޔާއިން ރުހިދާނެކަމަށްދުށުމީ މޮޔަވިސްނުމެއް!