އިންސާނީ ދަރިފަސްކޮޅު ދެމިގެން ދިއުމަށް އޮތް އެންމެ މާތް މަގަކީ ކައިވެނި.
01 ފެބުރުއަރީ 2025 - 08:48
އިސްލާމީ ނަޒަރުން ބަލާއިރު ކައިވެންޏަކީ ވަރަށް މުހިންމު އަދި އެހާމެ މުގައްދަސް ގުޅުމެކެވެ. އެއީ މަގުބޫލު ސަބަބެއް އޮވެގެން މެނުވީ މުޅި އުމުރަށް ގުޅޭ ގުޅުމެކެވެ. އެއީ އިންސާނީ ދަރިފަސްކޮޅު ދެމިގެން ދިއުމަށް އޮތް އެންމެ މާތް މަގެވެ. މިހެންވެ އިސްލާމް ދީނުގައި ކައިވެންޏަށް ވަރަށް ބޮޑު އަހަންމިއްޔަތު ކަމެއް ދީފައި ވެ އެވެ. ކައިވެނީގެ ހުކުމާއި ކައިވެނީގެ އަގުދުގެ ޝަރުތުތަކާއި ކައިވެނީގެ ސަބަބުން ދެފަރާތަށް ލާޒިމުވާ ވާޖިބުތަކާއި އަނެއް ފަރާތަށް އަދާކޮށްދޭން ޖެހޭ ހައްގުތަކާއި ކައިވެނި ކުރުމުގައި ގެންގުޅެން ޖެހޭ މިންގަނޑުތަކާއި ކައިވެނީގެ އަދަބުތައް ފަދަ ކަންކަން ކަނޑައަޅާފައި ވެ އެވެ. މި ލިޔުމުގައި މި ބަލައިލަނީ ކައިވެނީގެ އަގުދު ސައްހަވުމުގެ ޝަރުތުތަކާއި އެއާ ގުޅުން ހުރި ކަންކަމުގެ މައްޗަށެވެ.
ކައިވެނީގެ އަގުދަކީ ސައްހަ އަގުދަކަށް ވުމަށްޓަކައި އިސްލާމީ ޝަރީއަތުގައި ޝަރުތުތަކެއް ކަނޑައެޅިފައި ވެ އެވެ. ފުރަތަމަ ޝަރުތަކީ، ކައިވެނި ކުރި ކަމަށް ހެކިވާނެ ދެ މީހަކު ތިބުމެވެ. އިމާމް މާލިކު ފިޔަވައި މަޝްހޫރު އަނެއް ތިން މަޒުހަބުގައިވާ ގޮތުން ހެކިންގެ ހާޒިރުގައި މެނުވީ ކައިވެނި ސައްހައެއް ނުވާނެ އެވެ. މީގެ ދަލީލަކީ ކީރިތި ރަސޫލާ ﷺ ގެ ހަދީސްފުޅެއްގައި "އަދުލުވެރި ދެ ހެކިންނާއި ވަލީވެރިޔާއާ ނުލައި ކައިވެންޏެއް ނުވާނެ" ކަމަށް ބަޔާން ކޮށްފައި ވުމެވެ (އިބްނު ޙިއްބާން، ދާރުޤުޠުނީ، ބައިހަޤީ). އަދި ކައިވެންޏެއްގައި އެންމެ ފިރިހެނަކާއި އަންހެނަކު ފިޔަވައި އެހެން ހެއްކެއް ނެތި ކުރެވުނު ކައިވެންޏަކާ ބެހޭ ގޮތުން އެއީ "ސިއްރު ކައިވެންޏެއް" ކަމަށް ޢުމަރުގެފާނު ވިދާޅުވެފައި ވުމެވެ (މާލިކު). އެހެންކަމުން ހެކިން ތިބޭ ހާލަތުގައި ވެސް ކައިވެނި ސިއްރު ކުރަން ހެކިންގެ ފަރާތުން އެދިގެން ނުވާނެ އެވެ. އަދި ހެކިންވެސް އެކަން ސިއްރު ކޮށްގެން ނުވާނެ ކަމަށް ފިގުހު އިލްމުވެރިން ވިދާޅުވެފައިވެ އެވެ.
މާލިކީ މަޒުހަބުގައިވާ ގޮތުން ހެކީން ނެތް ނަމަވެސް ކައިވެނި އިއުލާނު ކުރުމުން ފުދޭނެ އެވެ. އެހެންކަމުން ކައިވެނި އިއުލާނުކޮށް އިޝްތިހާރު ކުރުމަކީ މުހިންމު ކަމެކެވެ.
ކައިވެނި ސައްހަވުމުގެ ޝަރުތެއްގެ ގޮތުން ހެކިން ތިބުމުގެ އެއް ހިކުމަތަކީ ކައިވެނި އިއުލާނުކޮށް، އިޝްތިހާރު ކުރުމެވެ. އެހެންކަމުން ކައިވެނީގެ ވަލީމާއެއް ބޭއްވުމަކީ ސުންނަތެކެވެ. މިކަމުގެ ދަލީލަކީ އަންޞާރުންގެ އަންހެން ބޭކަނބަލަކާ ކައިވެނި ބައްލަވައިގަތުމަށް ފަހު، ޢަބްދުއްރަޙުމާނު ބުނު ޢައުފްއާ ކީރިތި ރަސޫލާ ﷺ ބައްދަލުވެ ވަޑައިގަތް ހިނދު، "ކައިވެނީގެ ރަނުގެ ގޮތުގައި ދެއްވީ ކޮން އެއްޗެއްތޯ" ސުވާލު ކުރެއްވުމަށް ފަހު، ކައިވެނީގެ ވަލީމާއެއް ނުބާއްވާ ކަން ހާމަވުމުން ހަދީސް ކުރެއްވި އެވެ. "އެންމެ ކަންބަޅިއަކުން ނަމަވެސް ވަލީމާއެއް ބާއްވާށޭ" އެވެ (ހަ ބޭކަލުން). އަދި ކީރިތި ރަސޫލާ ﷺ ޞަފިއްޔާ ބިންތި ޙުޔައްޔުއާ ކައިވެނި ބައްލަވައިގެންނެވި އިރު ކަދުރާއި ޗީޒުގެ ބާވަތަކާއި ގިތެޔޮ ހިމެނޭ ވަލީމާއެއް ބޭއްވުމެވެ (ހަ ބޭކަލުން). މީގެ އިތުރުން ޒައިނަބުގެފާނާ ކައިވެނި ބައްލަވައިގެންނެވި އިރު ކަންބަޅިއެއް ކަތިލެއްވުމެވެ. އަނަސްގެފާނު ވިދާޅުވެފައިވަނީ މި ކައިވެނީގައި ވަލީމާ ތައްޔާރު ކުރެއްވި މިންވަރަށް އެހެން އެއްވެސް ކައިވެންޏެއްގައި ރަސޫލާ ވަލީމާއެއް ބޭއްވިތަން އެކަލޭގެފާނު ދެކެވަޑައި ނުގަންނަވާ ކަމަށެވެ (ހަ ބޭކަލުން).
ކައިވެނި އިޝްތިހާރު ކުރުމަށްޓަކައި ވަލީމާއެއް ބޭއްވުމާ އެކު، އެކަމުގެ އުފާ ފާޅުކުރުމަށް ވެސް ކީރިތި ރަސޫލާ ﷺ ހިތްވަރު ދެއްވާފައި ވެ އެވެ. އަންހެން ބޭކަނބަލަކު އަންޞާރުންގެ ބޭކަލަކާ ކުރެއްވި ކައިވެންޏެއްގައި ޢާއިޝަތުގެފާނު ބައިވެރިވެ ވަޑައިގަތް ހިނދު، އެ ކައިވެނީގައި ލަހުވު (ފޫހި ފިލުވުމަށް ކުރެވޭ ކަންކަން) ނުހިމެނޭތޯ ރަސޫލާ ﷺ ސުވާލު ކުރެއްވެވި އެވެ. އެއީ އަންޞާރުން ލަހުވަށް ލޯބި ކުރާނެތީވެ ކަމަށް އެކަލޭގެފާނު ބަޔާން ކުރެއްވި އެވެ (އަޙުމަދު އާއި ބުޚާރީ).
އެހެން ހަދީސެއްގައި ޖާރިޔާ އަކަށް ކައިވެނީގެ ހަދިޔާ ދެއްވިންތޯ ޢާއިޝަތުގެފާނާ ސުވާލު ކުރެއްވުމަށް ފަހު، ކީރިތި ރަސޫލާ ﷺ ހަދީސް ކުރެއްވީ "އަތައިނާކުމް އަތައިނާކުމް، ފަޙައްޔޫނާ ނުޙައްޔާކުމް" މިހެން ކިޔައި ލަވަ ކިޔާނެ ބަޔަކު ވެސް އެ މީހުން ގާތަށް ނުފޮނުވަން ހެއްޔެވެ؟ އެއީ އަންޞާރުންނަކީ އެ މީހުންގެ ތެރޭގައި ޣަޒަލް (ލޯބީގެ ޅެމާއި ލަވަ) އޮންނަ ބަޔަކަށް ވާތީ ކަން އެކަލޭގެފާނު ބަޔާން ކުރެއްވި އެވެ. ހަމަ އެއާއެކު، ހަތަރު ބޭކަލުން ރިވާކުރައްވާފައިވާ ހަދީސެއްގައި ވަނީ ކައިވެނީގައި ތާރަ އާއި (ލަވައިގެ) އަޑު އެއީ ހަލާލާއި ހަރާމް ވަކި ކުރާ ކަމެއް ކަމުގަ އެވެ.
ކައިވެނި ސައްހަވުމުގެ ދެވަނަ ޝަރުތަކީ އަނބިމީހާގެ ވަލީވެރިޔާ ކައިވެނީގެ އަގުދުގައި ހިމެނުމެވެ. ބިކުރުވެރި އަންހެނަކަސް އަދި ޘައްޔިބު (ކުރިން ކައިވެނި ކޮށްފައިވާ) އަންހެނަކަށް ވިޔަސް ކައިވެނީގެ އަގުދު ވަލީވެރިޔާއާ ނުލައި ސައްހަ ނުވާނެ ކަމަށް ޖުމްހޫރު އިލްމުވެރިން އެއްބަސްވެ ވަޑައިގަންނަވައެވެ. އޭގެ ދަލީލަކީ "ވަލީވެރިޔާ އާއި އަދުލުވެރި ދެ ހެކިންނާ ނުލައި ކައިވެންޏެއް (ސައްހަ) ނުވާނެ" ކަމަށް ކީރިތި ރަސޫލާ ﷺ ހަދީސް ކުރައްވާފައި ވުމެވެ. (އިބްނު ޙިއްބާން، އައްދާރުޤުޠުނީ، އަލްބައިހަޤީ، އައްޠަބަރާނީ).
އަދި ހަތަރު ބޭކަލުން ރިވާ ކުރައްވާފައިވާ ހަދީސެއްގައި، ވަލީވެރިޔާގެ އިޒުނަޔާ ނުލައި ކުރާ ކައިވެނި ބާތިލުވާނެ ކަމަށް ތިން ފަހަރު ތަކުރާރުކޮށް ކީރިތި ރަސޫލާ ﷺ ހަދީސް ކުރައްވާފައި ވުމެވެ. އެހެން ހަދީސެއްގައި "އަންހެނަކު އަންހެނެއްގެ ކައިވެނި ނުކުރުވާށެވެ! އަންހެނަކު އޭނާގެ އަމިއްލަ ކައިވެނި ނުކުރުވާށެވެ!" ހަދީސް ކުރައްވާފައި ވުމެވެ (އިބްނު މާޖާ، އައްދާރުޤުޠުނީ).
ނަމަވެސް ކުރިން ކައިވެންޏެއް ކޮށްފައިވާ މީހެއް ނަމަ ވަލީ ވެރިޔަކު ނެތިގެން ނުވަތަ ވަލީވެރިޔަކު ވަލީ ނުދޭން ވެގެން އުޅޭ ނަމަ އެ މީހަކު އަމިއްލަ އަށް އޭނާގެ ވަލީވެރިޔަކަށް ވެވިދާނެ ކަމަށް އިލްމުވެރިން ވިދާޅުވެ އެވެ. އޭގެ ދަލީލަކީ ކައިވެނި ކުރުމަށް ކުފޫ ހަމަވާ ދެ މީހަކު ކައިވެނި ކުރުވަން ހުރަސް އެޅުން ކީރިތި ޤުރްއާނުގައި މަނާ ކުރައްވާފައި ވުމެވެ. ވަރިވުމަށް ފަހު އިއްދައިގެ މުއްދަތު ހަމަވުމުން އެ ދެ މީހުން ހެޔޮގޮތުގައި އިނދެގެން އުޅުމަށް އެއްބަސްވެގެން އަލުން ކައިވެނި ކުރަން އުޅޭއިރު އެކަމަށް ހުރަސް ނާޅަން އަލްބަޤަރާ ސޫރަތުގެ 232 ވަނަ އާޔަތުގައު އަންގަވާފައި ވެ އެވެ. މިކަމަށް ހުރަސް އެޅުމަކީ އެ އަންހެން މީހާ އަށް ދެވޭ ގެއްލުމެއް ކަމުގައި ވެގެންދާނެ އެވެ. މި އާޔަތް ބާވާލެއްވުނީ ވެސް މިފަދަ ހާދިސާއެއް މަޢުޤިލު ބުނު ޔަސާރުގެ ފަރާތުން ހިނގުމުންނެވެ. އެކަލޭގެފާނުގެ އުޚުތަކު މީހަކާ ކައިވެނި ކުރުވުމަށް ފަހު، ވަރިކޮށް އިއްދަ ހަމަކޮށް، އަލުން ކައިވެނި ކުރަން އައުމުން މަޢުޤިލު އެކަމަށް ހުރަސް އެޅުއްވުމުންނެވެ (ބުޚާރީ، އަބޫދާއޫދު، ތިރުމިޛީ، އަދި ޠަބަރީ).
ވީމާ މިފަދަ ހާލަތެއް އައިސްގެން އަންހެނަކު އަމިއްލަ އަށް އަމިއްލަ ނަފްސު ކައިވެނި ކުރުވިޔަސް ޖުމްހޫރު އިލްމުވެރިންގެ ރައުޔަށް ބަލާއިރު ވަލީ ވެރިޔަކު ހުރުން ވަރަށް މުހިންމެވެ. މިކަމުގެ ހިކުމަތްތަކުގެ ތެރޭގައި ސިއްރުސިއްރުން ކައިވެނި ކުރުމަށް އޮންނަ ފުރުސަތު ހަނި ކުރުން ހިމެނެ އެވެ. ދެވަނަ ކަމަކަށް އެންމެ މަސްލަހަތު ހުރި ގޮތް ގިނަ ފަހަރަށް އެނގުން އެންމެ އެކަށީގެންވަނީ ދިރިއުޅުމުގައި ގިނަ ތަޖުރިބާ ލިބިފައިވާ މީހުންނަށް ކަމަށް ވާތީ ވަލީ ވެރިޔާ އަށް މި ފުރުސަތު ބޮޑަށް ފަހިވާނެތީ އެވެ. ހަމައެއާ އެކު، އަންހެނާ އަކީ އަބަދުވެސް ފިރިހެނެއްގެ ބެލެހެއްޓުމުގެ ދަށުގައި އޭނާގެ މަސްއޫލިއްޔަތުގެ ދަށުގައި ހުންނަ މީހަކަށް ވާއިރު، މި މަސްއޫލުވެރިޔާގެ އިޒުނަޔަކާ ނުލައި މިކަން ކުރުމުން ނުކުންނާނެ އިޖުތިމާއީ މައްސަލަތަކުން ވެސް ދުރުހެލިވެވޭނެތީ އެވެ. ނަމަވެސް ވަލީވެރިޔަކު އޭނާގެ ވަލީވެރިކަމުގެ ދަށުގައިވާ އަންހެނާގެ މަސްލަހަތުން ބޭރުން އަމިއްލަ މަސްލަހަތަށް އެކަނި ބަލައިގެން އަންހެނާ އަށް އެއްވެސް ގޮތަކަށް ގެއްލުމެއް ލިބިދާނެ ހާލަތެއް މެދުވެރިވާ ނަމަ އަންހެނާ އަމިއްލަ އަށް ކައިވެނި ކުރެވިދާނެ އެވެ.
ޝަރުއީ ހަމަތަކުގެ މަތިން ސައްހަ ގޮތުގައި ކައިވެނި ކުރުމަށާއި ކައިވެނި ކާމިޔާބު ކުރުމަށްޓަކައި ކައިވެނީގެ މި ދެ ޝަރުތު ފުރިހަމަ ކުރަން ކޮންމެ މުސްލިމަކު ވެސް މަސައްކަތް ކުރަންޖެހޭނެ އެވެ. މި ޝަރުތުތަކާ ގުޅިފައިވާ ސުންނަތްތަކާއި މުސްތަހައްބު ކަންކަމަށް ވެސް ސަމާލުކަން ދޭން ވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy