22 މާޗް 2025 - 10:15
ދ. ކުޑަހުވަދޫގައި ހިންގާ އަތޮޅު ތައުލީމީ މަރުކަޒުގައި މިދިޔަ އަހަރު ނިމުނުއިރު 816 ކުދިން ކިޔެވި އެވެ. ރާއްޖޭގެ އެހެން ރަށްރަށާ ހިލާފަށް މި ސްކޫލުގައި ރަށުން ބޭރު ކުދިން ގިނަ އެވެ. ޖުމްލަ ކުދިންގެ ތެރެއިން 189 ކުއްޖަކު ނިސްބަތް ވަނީ އެހެނިހެން ރަށްރަށެވެ. ކުޑަހުވަދޫގެ އާއިލާތަކާ ގުޅުން ހުރި ދަރިވަރުން ތިއްބަސް، އެ ފަދަ ގުޅުމެއް ނެތް އެތައް އާއިލާއެއް މި ރަށަށް ބަދަލުވެފައި އެބަތިއްބެވެ.
އޭގެ ތެރެއިން އެއް އާއިލާއަކީ ރާއްޖެ އެންމެ އުތުރުން، ހއ. މާރަންދޫން ކުޑަހުވަދު އަށް ބަދަލުވި އާސިމާ އާދަމްގެ އާއިލާ އެވެ.
މީގެ 11 އަހަރު ކުރިން ތިން ދަރިން ގޮވައިގެން ކުޑަހުވަދުއަށް ބަދަލުވީ ކައިރި ރިސޯޓެއްގައި ފިރިމީހާ މަސައްކަތް ކުރާތީ އެވެ. އެގޮތަށް، ދިރިއުޅުން ހަމަޖެއްސިއިރު ދަރިންނަށް ރަނގަޅަށް ކިޔަވައިދޭނެ ތަނެއް ވެސް ބެލި އެވެ. ދުވަސްތައް ފާއިތުވަމުން ގޮސް އެންމެ ފަހުން މި ރަށަށް އާސިމާގެ ހިތްޖެހި، ކުޑަހުވަދޫގައި ވަޒަންވެރިވެވުނީ އެވެ. ހަގު ދަރިފުޅު ލިބުނީ މި ރަށަށް ބަދަލުވި ފަހުންނެވެ.
ކުޑަހުވަދޫގައި ހުންނަ އަތޮޅު ތައުލީމީ މަރުކަޒުން ބޭއްވި އެސެމްބްލީގައި ދަރިވަރުންތަކެއް ބައިވެރިވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
އާސިމާގެ ރަޖިސްޓަރީ ކުރިން އޮންނަނީ ހއ. މާރަންދޫގަ އެވެ. އެކަމަކު މި ރަށު ދަފްތަރަށް ބަދަލުވެ، ފަހުން ހުޅުވާލި ގޯތިތަކުން ދަފްތަރު މީހުންނަށް ހާއްސަކުރި ބައިން މަތިން މާކްސް ހޯދައިގެން އެންމެ ފަހުން ކުޑަހުވަދޫން ގޯއްޗެއް ވެސް ލިބިއްޖެ އެވެ.
އެންމެ ފުރަތަމަ މި ރަށަށް އައިސް ދޮއްޓަށް ހުރި ކުއްޖާ ވެއްދީ ގްރޭޑު ހަޔަކަށެވެ. ދެ ވަނަ ކުއްޖާ ގްރޭޑު ތިނެއް އަދި އޭރު ހަގަށް ހުރި ދަރިފުޅު ފެށީ ގްރޭޑު އެކަކެވެ. އާސިމާ ބުނީ، ކުޑަހުވަދޫން ތައުލީމީ ބިންގާ އެޅި ދަރިފުޅުގެ ނަތީޖާ، އޭގެ ދޮއްޓަށް ތިބި ދެ ކުދިންނަށް ވަރު ރަނގަޅު ކަމަށެވެ. އޭގެ އެންމެ ބޮޑު ސަބަބެއް ކަމަށް އޭނާ ގަބޫލުކުރަނީ ކުޑަހުވަދޫގެ ތައުލީމީ ބިންގަލުގެ ވަރުގަދަކަމެވެ.
"ބަދަލު ވާން ޖެހޭ އެންމެ މައިގަނޑު ސަބަބަކީ [އުފަން] ރަށުގެ ކިޔަވައިދިނުމުގެ އިތުރުން ރަނގަޅު ޓިއުޝަން ހިދުމަތް ނުލިބޭތީ. އެންމެ ބޭނުންވާނީ އިތުރު އެހީތާ. އެހެންވީމަ، ކުދި ކުދި ރަށްރަށުން ބަދަލުވުން ހަމަ ރަނގަޅުވާނީ،" ދަނާލުގައި ހުންނަ ތިން ކޮޓަރީގެ ޖާގަ ތަނަވަސް ބޮޑު އެޕާޓްމަންޓުގެ ތެރޭގައި ހިންގާ ގުރުއާން ކްލާހުގައި ކިޔަވައިދީ ނިންމުމަށް ފަހު ވާހަކަ ދައްކަމުން އާސިމާ ބުންޏެވެ.
އޭނާ ބުނިގޮތުގައި، ސްކޫލެއްގައި ހިންގާ އިތުރު ކަންކަމާއި ޔުނީފޯމް ހަރަކާތްތަކަކީ ދަރިވަރުންގެ މުސްތަގުބަލަށް ވަރަށް މުހިއްމު ބައެކެވެ. އާބާދީ މަދު ބައެއް ރަށްރަށުގައި ޔުނީފޯމް ހަރަކާތެއް އަދިވެސް ނެތެވެ. އާބާދީ ބޮޑު ހިސާބަކަށް ބަދަލުވެއްޖެ ނަމަ އެ ހުރިހާ ފުރުސަތެއް ދަރިވަރުންނަށް ފަހިކޮށްދެވޭނެ ކަމަށް، އަމިއްލަ ތަޖުރިބާގައި ހަތަރު ކުދިންގެ މަންމަ ބުންޏެވެ.
ކުޑަހުވަދޫގައި ހުންނަ އަތޮޅު ތައުލީމީ މަރުކަޒަށް ދަރިވަރުންތަކެއް ވަންނަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
މި ރަށަށް ބަދަލުވެގެން ފުރަތަމަ ދުވަސްކޮޅު އާސިމާ އެކަމާ ވަރަށް ހިތާމަ ވެސް ކުރި އެވެ. އެކަމަކު، މަޑުމަޑުން ކުޑަހުވަދޫގެ މި ދިރިއުޅުމަށް ހޭނެމުން ގޮސް އެންމެ ފަހުން މި ރަށަށް ފަރިތަވެއްޖެ އެވެ.
"ކުރިން އައިސް ހަމަ ދެރަވެގެން ރޯން އިންނަން. ތިން ކުދިން އެއްކޮށް ދާނީ ސްކޫލަށް، އެއް ދަންފަޅި އޮންނާނީ. ދެން ހިތަށް އަރާ ހަމަ ނާދެވުނު ނަމައޭ. އޭރު ތާރު ވެސް ނާޅާ އޮންނާނީ. ވަރަށް ފެންބޮޑުވެފައި، މަގުމަތީގައި ފެންގަނޑު ތެރޭގައި އުޅެން އުނދަގޫ،" އާސިމާ ކިޔައިދިނެވެ.
"ރަށް [މާރަންދޫ] ވަރަށް ހިތްގައިމުވާނެ. [ކުޑަހުވަދޫގެ] މަގުމަތީގައި އުޅެން ވަރަށް އުނދަގޫ އޭރު. އާއިލާގެ އެއްވެސް މީހެއް، ދަންނަ މީހެއް ވެސް ނުހުންނާނެ. ވަރަށް ދެރަވި. މިހާރު އޭގެ އިދިކޮޅު."
އެކަމަކު، އާސިމާ އަށް އުފަން ރަށް މިހާރު ވަނީ ބީރަށްޓެހި ރަށަކަށެވެ. ދޭތެރެދޭތެރެއިން މާރަންދު އަށް ދިޔަޔަސް އެ ރަށުގައި ދަންނަ ބަޔަކު ނެތެވެ.
"މަންމަމެން އުޅޭތީ ދަން. މި ރަށުގައި މާ އުޅޭހިތްވޭ މިހާރު."
ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް އާލިމާ މުހައްމަދު ވިދާޅުވީ ކުޑަހުވަދޫ އެއާޕޯޓާ އެކު، ދަތުރުކުރުމުގެ ފަސޭހަތަކާއި ވިޔަފާރިތައް ފުޅާވެ، ތައުލީމީ ފެންވަރު ވެސް ރަނގަޅުވަމުން އަންނާތީ މި ރަށަށް ބަދަލުވާން ބޭނުންވާ އާއިލާތައް ގިނަ ކަމަށެވެ. މީގެ ކުރިން ދަރިވަރުން އެކަނި ބަދަލުވިއަސް، ކިޔަވައިދިނުމަށް މިހާރު ބަދަލުވަނީ މުޅި އާއިލާ އެއްކޮށް ކަން އާލިމާ ފާހަގަކުރެއްވި އެވެ.
ކުޑަހުވަދޫގައި ހުންނަ އަތޮޅު ތައުލީމީ މަރުކަޒުގެ ކްލާހެއްގައި ކިޔަވައިދެނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
"ދ.އަތޮޅު ތައުލީމީ މަރުކަޒުގައި ފައުންޑޭޝަނުން ފެށިގެން އޭ-ލެވެލް އަށް ކިޔަވައިދޭ. ޕްލޭ ސްކޫލު ވެސް މި ރަށު ބޭފުޅަކު އަމިއްލައަށް ހިންގަވާ. ފެންވަރު ރަނގަޅު ގުރުއާން ކްލާސްތައް އަމިއްލަ ފަރާތްތަކުން ހިންގާ." އާލިމާ ވިދާޅުވި އެވެ.
އެހެން ރަށްރަށުން ކުޑަހުވަދު އަށް ބަދަލުވާން އެދޭ މީހުން އިތުރުވަމުން އަންނާތީ އަތޮޅު ތައުލީ މަރުކަޒުގެ ޖާގަ ވެސް މިހާރު ވަނީ ފުލްވެފަ އެވެ.
ކިޔަވަން ބަދަލުވެފައިވާ އާއިލާތަކަށް ހާއްސަކޮށް ސްކޫލުން އަންނަނީ 14 އެޕާޓްމަންޓު ހިމެނޭ ދަނާލު ހިންގަމުންނެވެ. އެ ތަނުގެ ޖާގަ ތަނަވަސްވުމާއި ކުލި އަގުހެޔޮވުމުން ބޮޑު ޑިމާންޑެއް އޮވެ އެވެ.
"ރަށުގައި ފަޅު ގޯތިތައް ވަރަށް ނުހުންނާނެ. އެހެންވެ، ރަށަށް ހިޖުރަކުރަން ބޭނުންވިއަސް ކުއްޔަށް ނަގާނެ ތަނެއް ނެތީމަ ނާދެވިފައި ވެސް އެބަ ތިބޭ އާއިލާތައް،" ސްކޫލުން ވާހަކަ ދެއްކެވި އެހެން އިސް އޮފިޝަލަކު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
.......
27 March 2025
ކުދިން ތަފާތު ކުރުމުގަ އެއްވަނަ، މޮޅު ކުދިން މޮޅުކޮށް، ކިޔެވުމަށް އެހީ ބޭނުންވާ ކުދިންނަށް މަލާމަތް ކޮށް އަޅައެއް ނުލާ، މޮޅު ކުދިންނާއި އިތުރު އެހީ ބޭނުންވާ ކުދިން ތަފާތު ކުރުން ވަރަށް ބޮޑު!!
ކިޔެވި ދަރިވަރެއް
22 March 2025
ވަރައް ތަފާތުކުރުމުގެ ބައި ބޮޑު. ޓީޗަރުންގެ ދަރިންނާއި އެމީހުންގެ މީހުންގެ ދަރިންނައް އެކަނިބަލަނީ. ހާއްސަ އެހީބޭނުން ވާކުދިންއައް އަޅާނުލާ ބައެެެއް ތި ތާގަ އުޅެނީ. މޮޅުކުއްޖާ އައް އެކަނި ކިޔަވާދެނީ. ދައްކުދިންނައް ކުރަނީ ޓީޗަރުން މަލާމަތް. އަޅުގަނޑާ ދިމާލައް ދުވަހަކު ވަޒީފާ ނުލިބޭނޭވެސް ބުނި ޓީޗަރުން އެބައުޅޭ.
ރަދީފު ބިން ރަފަައިދާ
22 March 2025
ރައްޔިތުންގެ ސިކުނޑި މިއޮށްދަނީ ބަދަލުވަމުން. އެކަމަކު ސަރުކާރުގެ ސިކުނޑި ބަދަލެއްނުވޭ. ދެމީހުންނާ ފަޅިއުޅޭ ރަށަކަށްވެސް ވައުދުވަނީ އޭޓީއެމާ ފުޓްސަލްދަނޑާ ދިރާގު ދަނޑި.
ޅެންކިޔާބޭ
22 March 2025
ކުޑަހުވަދޫ އަކީ ރީތި ހެޔޮ ބަޔަކު ދިރިއުޅޭ ރަށެއް. އެންމެންވެސް ހަމަ އަންނަންވީ ފުރުސަތު އެބައޮތް. ކާބަފައިން އިންދި ރުއްކޮޅާ ބޮޑު ވެޔޮ ކައިރީ ފަން އަޅައިގެން ތިބެވޭކަށްނެތް ޒަމާން ބަދަލުވެއްޖެ. ބަދަލުވާންވީމަ ދެރަވެސްވާނެ. އެކަމް ޒަމާނާއި މުސްތަޤްބަލާއި މެދު ވިސްނަވާ
ރިނބުދޫ ރައްޔިތެއް
22 March 2025
ނުވާނަން ތިރަށަށް ބަދަލެއް. ހަމަ ތެޅިތެޅި ތިބެން ޖެޙޭނީ. 2000 މީހުން ހަމަ ނުވެގެން އުޅޭ ބައެއް ތީ
ތަފްސީލު
22 March 2025
އާސިމާގެ ހިތްވަރަށް ސާބަސް، ހަގީގަތުގަ ތަކަންދޫ މާރަންދޫ ފިއްލަދޫ، މިފަދަ އާބާދީ މަދު ރަށްރަށުގަ، މީހުން އުޅޭނެ ކަމެއް ނެތް، ބިން ބޮޑު، ބިން ބޮޑުކުރެވެން އޮތް ރަށްރަށަށް މީހުން ބަދަލުވާން ވީ، އާސިމާ ފަދައިން ހިތްވަރަު ހޯދާއިގެން، އޭރުން ފަހުން އުފާވާނެ، ސަރުކާރުންވެސް ރަނގަޅު ޕްލޭނެއްގެ ތެރެއިން އާބާދީ އެއްފަސް ކުރަން އުޅެފިނަމަ މިކަން ވާނެ،
ކިޔެވި ދަރިވަރެއް
22 March 2025
ތަފާތު ކުރުންގިނަ މެގޭތަޖުރިބާ. ޢޭލެވެލް ޢާހަމައައްނިންމި އިރު ވަރަށްތަފާތު ކުރި. ގަދަކަމުން އޯލެވެލް މާއްދާތައް ޑުރޮޕް ކުރުވި. މޮޅު ކުރަންއުޅެނީ މޮޅުކުދިންއެކަނި. ދައްކުދިން ދޫކޮށްލާފަ
ކުޑަހުވަދޫ ރައްޔިތެއް
22 March 2025
'ކިޔެވި ދަރިވަރެއް'ގެ "މޮޅު ކުރަންއުޅެނީ މޮޅުކުދިންއެކަނި." މި ބަޔަަށް ވަރަށް ބޮޑަށް ތާޢީދުކުރަން ދ.އ.ތ.މަރުކަޒުން ތަޢުލީމް ހާސިލް ކުރިދަރިވަރެއްގެ ހައިސިއްޔަތުން
އޮނަރަބްލް އަފީފު ދީދީ
22 March 2025
ރާއްޖޭގެ އިޖްތިމާއީ، އިޤްތިސޯދީ، ސިޔާސީމައްސަލަތަކާއި، ދައުލަތާއި ސަރުކާރުގެ ބޮޑުންގެތެރޭގައިއޮތް ވައްކަމާއި ޙިޔާނާތް ހުއްޓުވުމަށްޓަކާ ޤާނޫނުއަސާސީ އާއި ޤާނޫނުތައް އިސްލާޙްކޮށް ރާއްޖެހިންގާނީ ތިލަދުންމަތިން ފާދިއްޕޮޅަށް ނޯތު، ކ.އަތޮޅުން (މާލެ ހިމަނައި) ދާލަށް ސެންޓްރަލް އަދި ކޮޅުމަޑުލުން އައްޑުއަށް ސަދާންރީޖަން ހިމެނޭގޮތަށް 3 ރީޖަނެއްގެމައްޗަށްކަމަށާއި، މޭޔަރާއި ކައުންސިލްގެބަދަލުގައި ރީޖަންތައް ހިންގާނީ އިންތިޙާބީ ޤަވަރުނަރު ކަމަށް ނިންމައިގެން.
އޮނަރަބްލް އަފީފު ދީދީ
22 March 2025
އަދި މަތީގައިދެންނެވި 3 ރީޖަންގެތެރެއިން މީހުންދިރިއުޅޭނެ ރަށްރަށަކީ އުލިގަމު، މޮޅަދޫ، ހޯރަފުށި، ވަށަފަރު، ކެލާ، ފިއްލަދޫ، ހަނިމާދޫ، ކާށިދޫ، ކުޑަހުވަދޫ، ތުލުސްދޫ، ތ.ގުރައިދޫ، ތިމަރަފުށި، ވިލުފުށި، ލ. ގުޅިފައިވާރަށްތައް، ހުވަދުއަތޮޅު ތިނަދޫ، ކޮލަމާފުށި، ވާދޫ، މަޑަވެލި، ހޯޑެއްދޫ، ވިލިގިލި، ފަރެސްމާތޮޑާ އަދި އައްޑޫސިޓީ ކަމަށް ޤާނޫނަކުން ކަޑައަޅައި މިދެންނެވި ރަށްތައް ހިއްކެން އޮތް އެންމެ ބޮޑަށް ހިއްކުމަށް ފަހު އެރަށް ރަށުން އެންމެނަށް ބިން ދީގެން.
މުޅި ރާއްޖެ ފަޅު
22 March 2025
ތި ދެންނެވި ރަށް ތަކުގެ ތެރޭގައި އަތޮޅަކުން 2 ރަށް ހިމަނާލިނަމަ ރަނގަޅު ވީސް ތިބުނި ގޮތުންވިއްޔާ ށ ނ ރ ބ ޅ އއ އދ ވ މ ފ ޏ އަތޮޅު ފަޅުވެގެން އެ ރަށް ރަށު މީހުން ތިބުނި ރަށްތަކުގައި އުޅޭ ކުލީ އަޅުންނަށް ވާނީ
އޮނަރަބްލް އަފީފު ދީދީ
22 March 2025
ރައީސް ޤައުމީތަރައްޤީގެ 20 އަހަރުގެ ޕްލޭނެއްއެކުލަވާލާ އެއަށް ޤާނޫނީބާރު ދެއްވާނެކަމަށް ވިދާޅުވުމުން އަޅުގަނޑު އުއްމީދުކުރީ މަތީގައިދެންނެވިފަދަ Federal Parliamentary System އަކަށް ފުރުސަތުލިބޭފަދަގޮތަކަށް އިދާރީދާއިރާތަކުގެ ހިންގުމަށްވެސް ބަދަލުގެންނަވާނެކަމަށް. އަދި ވެރިކަމުގެ 5 އަހަރުގެދައުރުގައި އެންމެކުޑަމިނުން ރާއްޖޭގައި މީހުންދިރިއުޅޭ ރަށްރަށުގެތެރެއިން އާބާދީގައި 2 ހާސް ހަމަނުވާ ރަށްރަށުގެ އާބާދީ މިދެންނެވިރަށްތަކަށް ބަދަލުކުރާނެ ކަމަށް.
ޑެބީ
22 March 2025
އޮނަރަބަލް އަފީފް ދީދީގެ 'ހިޔާލާއި ތަސައްވަރު،' ކިޔާ ކޮލަމެެއް މިނޫހުގަ ހަފްތާއަކު އެއްފަހަރު ގެނެސްދެންވީނު. އެހެންޏާފަހެ ކޮންމެ ހަބަރަކަށް ބޮޑު ސިންގާހާ 3 ނޫނީ 4 ކޮމެންޓް އެބަކޮށްލައޭ.
ސުންބުލި
22 March 2025
މި އަފީފު ބެއްޔާއަށް މިހާރު ނޫހުން ވަޒީފާ ދޭންވީނު. އާނ އެހެންޏާ ކޮމެންޓް ނުކުރާ ހަބަރެއް ނުހުރޭ. އެހެޔޮ އާމިރުހާން މިހާރު ކަނީ ބަތޭ ލިޔުނަސް ކޮމެންޓް ކުރާނެ
ދެކުނު ކަލޯ
22 March 2025
އެންމެ ދެކުނުން ފުވައްމުލައް.