ސްރީ ލަންކާއަށް ކުރި ވިއްސާރާގައި ފެން ބޮޑުވެފައި: ލަންކާ ސަރަހައްދަށް އާދަޔާ ހިލާފަށް ބޯކޮށް ވާރޭ ވެހުމުގެ ނުރައްކާ ދުނިޔެ ހޫނުވުމާ އެކު ބޮޑުވެފައިވާ ކަމަށް ރިޕޯޓެއްގައި ވަނީ ބުނެފައި. -- ފޮޓޯ: އޭއެފްޕީ
12 ޑިސެމްބަރ 2025 - 18:24
ދުނިޔެ ހޫނުވުމުގެ ސަބަބުން ސްރީ ލަންކާ އާއި މަލަކާ ކަނޑުއޮޅި ސަރަހައްދަށް އާދަޔާ ހިލާފަށް ބޯކޮށް ވާރޭ ވެހޭ މިންވަރު ދަނީ އިތުރުވަމުން ކަމަށާއި ލަންކާ ސަރަހައްދަށް މި ނުރައްކާ ވަކިން ބޮޑު ކަމަށް ވޯލްޑް ވެދަ އެޓްރިބިއުޝަން ރިޕޯޓުގައި ބުނެފި އެވެ.
މިދިޔަ މަހު ސްރީ ލަންކާ، އިންޑޮނީޝިއާ، ތައިލެންޑް އަދި މެލޭޝިއާ ފަދަ ގައުމުތަކުގައި ފެންބޮޑުވެ 2،230 އަށް ވުރެ ގިނަ މީހުން މަރުވެފައި ވާއިރު އެ ރިޕޯޓްގައި ބުނެފައިވަނީ ބޯކޮށް ވާރޭ ވެހުމުގެ ނުރައްކާ އެ ގައުމުތަކުގެ އާބާދީ ބޮޑު ސަރަހައްދުތަކަށް ވަރަށް ބޮޑުވެފައިވާ ކަމަށެވެ.
"މަލަކާ ކަނޑުއޮޅި ސަރަހައްދަށް ބަލާއިރު، ދުނިޔޭގެ އެވްރެޖް ސާފޭސް ޓެމްޕަރޭޗާ މަތިވުމުގެ ސަބަބުން ވާރޭ ވެހޭ މިންވަރު 9-50 ޕަސެންޓާ ދެމެދުގެ މިންވަރަކަށް ހުންނާނެ ކަމަށް ލަފާކުރެވެ އެވެ. ލަންކާގައި މި ޓްރެންޑް ވަރަށް މައްޗެވެ. ތޫފާން ދީތުވާގެ ސަބަބުން ފަސް ދުވަސް ވަންދެން ބޯކޮށް ވާރޭ ވެހުނު ގޮތަށް، ވާރޭ ވެހުމުގެ ނުރައްކާ 28 ޕަސެންޓާއި 160 ޕަސެންޓާ ދެމެދުގެ މިންވަރަކަށް ވަނީ އިތުރުވެފައި،" އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
އިންޑޮނީޝިއާ، މެލޭޝިއާ އަދި ސިންގަޕޫރަކީ މަލަކާ ކަނޑުއޮޅި ވަށައިގެން އޮންނަ ގައުމުތަކެވެ.
ތޫފާން ދީތުވާފައި ސްރީ ލަންކާއަށް އެތައް ދުވަހެއް ވަންދެން ބޯކޮށް ވެހުނު ވާރޭގައި ފެން ބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުމާއި އެކި ހާދިސާތަކުގައި 639 މީހަކު ވަނީ މަރުވެފަ އެވެ. އަދި މިދިޔަ ބުރާސްފަތި ދުވަހާ ހަމައަށް 203 މީހަކު ވަނީ ގެއްލިފަ އެވެ. ވިއްސާރާގައި 2.3 މިލިއަނަށް ވުރެ ގިނަ މީހުންނަށް ވަނީ ގެއްލުން ވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy