ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް
12 އެޕްރީލް 2017 - 12:53
ކޮރަޕްޝަނެއް ނެތި ރާއްޖޭގެ އެއްވެސް ތަނެއް ތަރައްގީ ނުވާނެ ކަމަށާއި ދުނިޔޭގެ ގައުމުތައް ތަރައްގީވަމުން އަންނަނީ ކޮރަޕްޝަންގެ ތެރެއިން ކަމަށް ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު އަދި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ރައްޔިތުންގެ މަޖިލިހުގައި މިއަދު ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ ފަރާތުން މަޖިލިހަށް ހުށަހަޅާފައިވާ އިމާރާތް ކުރުމުގެ ބިލަށް ބަހުސް ކުރައްވަމުން ރިޔާޒް ވިދާޅުވީ ސަރުކާރުގެ ތެރޭގައި ހުރި މީހަކު ކޮރަޕްޝަންގެ އަމަލެއް ހިންގީމަ އެކަން އަޅުވަނީ މުޅި ސަރުކާރު ބޮލުގައި ކަމަށެވެ. އެކަމަކު އެންމެންނަކީ "ވަގުން" ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"ރައީސް އަބްދުﷲ ޔާމީން ދަނީ އެކަން ބަލަމުން. މިފަދަ ކަންކަން (ކޮރަޕްޝަން) ކުރާ މީހުންނާ މެދު އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތަކެއް މިއަދާ ހަމައަށް ވަނީ އަޅުއްވާފައި،" ރިޔާޒް ވިދާޅުވި އެވެ.
"ރާއްޖޭގެ އެއްވެސް ތަނެއް ތަރައްގީ ނުވާނެ ކޮރަޕްޝަނެއް ނެތި، ކޮރަޕްޝަންގެ ތެރެއިން ގައުމުތަކުގެ ތެރެއިން ގައުމުތައް ތަރައްގީ ވާނީ. ކޮރަޕްޝަން ކުޑަކުރުމަށް ކަންތައްތަކެއް ކުރަން ޖެހޭ."
ސިންގަޕޫރުން މިސާލު ނަންގަވަމުން ރިޔާޒް ވިދާޅުވީ އެ ގައުމުގައި ކޮރަޕްޝަން ނެތް ކަމަށް ގިނަ ބަޔަކު ބުނަމުން އަންނަ ކަމަށެވެ. އެކަމަކު ސިންގަޕޫރުގައި ކޮރަޕްޝަން އޮންނަ ކަމަށާއި ކޮރަޕްޝަނަކީ "ބޮޑު ފައިސާގަނޑެއް" ނެގުން ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
ރިޔާޒް ވަނީ "އޮންނަ މަގުން ކަމެއް ކުރެވެނީ" ކާކަށްތޯ ސުވާލު އުފައްދަވައިފަ އެވެ. އެގޮތުން ގިނަ ފަހަރު އާންމުން ޑޮކްޓަރަށް ދައްކަންވީމަ ވެސް އަންނަނީ މަޖިލިސް މެމްބަރު ކައިރިއަށް ކަމަށް ރިޔާޒް ވިދާޅުވި އެވެ.
އިމާރާތް ކުރުމުގެ ބިލާ ބެހޭ ގޮތުން އޭނާ ވިދާޅުވީ އެއީ ރައްޔިތުންނާ ގުޅުން ހުރި ބިލަކަށް ވާތީ ރައްޔިތުންގެ ކަންބޮޑުވުން ހުރެއްޖެ ކަމަށްވާ ނަމަ، މިއަށް ހައްލު ގެނެސް ދޭން ޖެހޭނެ ކަމަށެވެ. ބިލުގައި ކަންބޮޑުވުންތަކެއް ހުރިއިރު، ރަށްރަށުގައި ދިރިއުޅޭ މީހުންނަށް ބިލުގައި ބުނާ ކަންކަން ފުރިހަމަ ކުރުމަކީ ކުޅަދާނަ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެންވެ، ވިލުފުށީ ދާއިރާ ނުހިމަނައި ބިލު ފާސްކޮށްދޭން އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.
ރިޔާޒް ވިދާޅުވި ގޮތުގައި ބިލަކީ ކޮންސްޓްރަކްޝަން ދާއިރާގައި އުޅޭ މީހުންގެ ތެރެއިން ޕްރޮޖެކްޓްތައް ނަގައިގެން މަސައްކަތް ކުރާ މީހުންނަށް މަގުފަހިވާ ގޮތަށް އޮންނަ ބިލަކަށް ވެގެން ނުވާނެ އެވެ. އަދި އެމީހުންނަކީ ކޮންމެ ސަރުކާރެއްގެ ތެރެއިން ވެސް މަންފާ ހޯދާ މީހުން ކަމަށް އޭނާ ވިދާޅުވި އެވެ.
ބިލު ވާން ޖެހޭނީ ސަރުކާރަށާއި ރައްޔިތުންނަށް ފޯރުކޮށްދެވޭ ލުއި ފަސޭހަ ހަމަ އާއި އިންސާފުގެ ތެރެއިން ކަންކަން ހާސިލްކުރެވޭ ބިލަކަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެންވެ، ބިލު އިތުރަށް ދިރާސާ ކުރުމުގެ މުހިންމު ކަން ފާހަގަކުރެއްވި އެވެ.
ބިލަށް ބަހުސް ކުރެއްވި އިދިކޮޅު މެމްބަރުން ބޮޑަށް ފާޑު ވިދާޅުވީ އިމާރާތް ކުރުމުގެ ގަވާއިދުތަކާ ހިލާފުވާ ފަރާތްތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެވޭ ގޮތަށް ބިލު ބައްޓަންކޮށްފައި އޮތީމަ އެވެ. އަދި ބިލު ގާނޫނަކަށް ވެ، ތަސްދީގު ކުރަން ފެށުމުން ވަކި ބަޔަކާ މެދު ފިޔަވަޅު އަޅާފާނެތީ ވެސް މެމްބަރުން ކަންބޮޑުވެވަޑައިގެންނެވި އެވެ.
ތިނަދޫ އުތުރު ދާއިރާގެ ޕީޕީއެމް މެމްބަރު ސައުދުﷲ ހިލްމީ ހުށަހެޅުއްވި އެ ބިލު 2015 ގައި ވެސް މަޖިލިހަށް ހުށަހެޅި އެވެ. ނަމަވެސް މިދިޔަ އަހަރު މަޖިލިހުން ވަނީ އެ ބިލު ފާސްނުކޮށް ބޭރުކޮށްލައިފަ އެވެ. ބިލު އަލުން ހުށަހެޅި އިރު ވެސް އޮތީ ކުރިން ހުށަހެޅި ގޮތާ ދާދި އެއްގޮތަކަށެވެ. ބިލުގައި އޮތް ގޮތުން އިމާރާތް ކުރުމުގެ ގަވާއިދުތަކާ ހިލާފުވެގެން 5000ރ. އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދުތަކުން ޖޫރިމަނާ ކުރާނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ
13 April 2017
މިވަރުގެ މީހަކު މަޖިލީހުގައި ބައިންދައިގެން ގައުމަށްވާނެ ފައިދާއެއް ކޮބާތޯ؟ އެދެއްކީ ކަޑައެޅިގެން އިސްލާމްދީނާއިވެސް ޚިލާފު ވާހަކައެއް!
ހަމަދު
13 April 2017
އަލްބޭނިޔާ ކިޔާ ގައުމެއް އޮންނާނެ. ވަރަށް ލާރި ލިބޭނެ. އެކަމަކު ދުނިޔޭގެ ހުރިހާ މިންގަޑަކުން ފަގީރު. މިވާއެއްޗެއް ބަލާ ހޯދަ ހޯދާފައި މާހިރުން ބުނީ އެގައުމަށް ލިބޭ ލާރި ވަގަށް ނަގަނީއޭ. ކަރަޕްޝަނަކީ އިނގިރޭސި ބަހެއް. އެއަށް ދިވެހިން ކިޔާ އުޅެނީ ވައްކަން. މިހެޑިން ސީދާ ދިވެހިބަހުން ލިޔާނަމަ ލިޔެވޭނީ ވައްކަށް ނުކޮށް ރާއްޖެ ތަރައްގީއެއް ނުވާނޭ! ދެން ތިޔަކުދިން އަލްބޭނިޔާއާ އަދި މިނޫންވެސް ލާރި ލިބި ކަމެއްނުވެ ނުވަތަ ލިބޭ ލާރިއާ އަޅާބާލާއިރު މާބޮޑު ކަމެއްނުވެ ހުރި ގައުމުތަކުގެ ވާހަކަ ދައްކާލަ.
އަލީ
13 April 2017
މިހިރީ މި މީސްމީހުންގެ ވިސްނުން ހުރި ފެންވަރަކީ. މީހަކު ނުވަތަ ބަޔަކު މިމީހުންކައިރީ ދައްކާވާހަކައެއް ފަހުމް ވާނީވެސް ރޯފިލާފަ ހުރިވަރަކުންތާ މިމީހުންކައިރީ އެއްޗެއް ބުނުމައްވުރެ ނުބުނެ ހުރުންވެސް ބުއްދިވެރި. ދެންފަހަރަކުންވެސް މިކަހަލަ މީސްމީހުން އެއްވެސް ފަޅިއަކުން ނުހޮވާތި އާދޭސްކުރަން.
ބެެޕާތަފާ
13 April 2017
ކީކުރާނީ.. މިރަށުގަހުރި އެއްމެ ވިސްނޭމީހާތީ. ދެންތިބި މީހުންގެ ވިސްނުމުގެހާލަތު ދެންބަލާ........
ސަލްމާ
13 April 2017
މިވަރުގެ ކުފޫ ހަމަނުވާ މީހުން މަޖިލީހުގަ މި ތިބީ. ދެން ކިހިނެއ މިގައުމު ތަރައްގީވާނީ. މި މީހުންނަށް އީޒީ މަނީ ލިބެންފެށީމަ ކޮރަޕްޝަން އެއީ ވ އާދައިގެ ކަމެއް. މިފަދަ މަގާމެއްގަހުރެގެން ދެއްކޭ ނުދެއްދޭ ވާހަކަ ނޭނގުނީމަ ރީއްޗެއްނޫން. ގާސިމް އާ މެދު އަޅާފިޔަވަޅު ރިޔާޒު އާމެދު އަަޅަންޖެހޭ. މިހާފާޅުކަން ބޮޑުގޮތުގަ ކޮރަޕްޝަނަށް ހިޔްވަރު ދީފަ ސަލަމަތެއްނުވާނެ. ޢިންސާފުން ކަންކުރަންޏާ އިނގޭނެ މިފަހަރު
ޖޯޖް
12 April 2017
މީނައަށް ވޯޓް ލީ މީހުންނަށް ވަރަށް ބޮޑަށް ތޭންކްސް...
ލޮލް
12 April 2017
މީނަގެވާހަކަ ނޫސްތަކުން ނުފެންނަން ފެށީމަ އަބަދުވެސް މިކަހަލަ ބޯހަމަނުޖެހޭ ވާހަކަ މީޑިޔާގަ ދައްކަންފަށާނެ ދެން މީނަގެ ފޮޓޯޖަހާ ހެދީމަ މީނަގެ ހިތުން މީދެން ވަރަށް މޮޅުކަމެށް ، ގައުމުގަހުރި އެންމެބޮޑު ސޭކް، މީބޮޑު މޮޔައެއް !!!!!
ބަނދަރު ކާޅު.
13 April 2017
އެއަށްވުރެ ބޮޑަށް ވައިކަޓާފަ، މާލިއްޔަތު ކޮމިޓީން ބޭރުކުރީމަ ކޮންމެސް އެއްޗެކޭ ކިޔައިގެން ބޮޑުމީކަ ރުއްސޭތޯ ބަލާހެން ހީވަނީ.
ރިދަމް
12 April 2017
މީނަ ކުޑައިރު ސްކޫލް އަކަށް ދިޔަހެނެއް ހީއެނުވޭ
ކިލާ
12 April 2017
ކޮރަޕްޝަނަށް ހިއްވަރުލިބޭގޮތައް ރިޔާޒް ވާހަކަ ދައްކާފައިވާތީ ވަގުރުން ހައްޔަރުކުރުމަށް ގޮވާލަން!
ކުދުބީވާ
12 April 2017
ބުނެ އުޅެތެ, މީހުން މަރާމީހަކަށްވެސް އެކަމަކީ ވަރަށް ކުޑަ ކަމެކޭ, ކަރަޕްޝަންގެ އަމަލު ހިންގާ މީހަކަށް އެކަން ނުވާނެ ބޮޑުކަމަކަށް, އެކަން ނުކުރާ މީހުންނަށް އެއީ ވަރަށް ބޮޑު ކަމެއް
މުހަންމަދު
12 April 2017
މިތިއްބެވީ ރައްޔިތުންގެ މަންދޫބުން. މިހުރީ ދައްކާވާހަކަ. އެކަމަކު ބަލާނެފަރާތެއްނެތް. ފުލުހުންނަށް ހައްތަހާވެސް ފެންނަނީ ޢާންމުންކުރާކަންތަކާ ދައްކާވާހަކަ. ބެންކޮކަށްގޮސް ފައިސާދިގެން ހޯދާއަންހެނުން ހިލޭބަޔަކަށް ނުވާގޮތަށް ކޮރަޕްޝަންވެސް ހުއްދަވެ، ޤާނޫނީ ކުށަކަށް ނުވަނީބާވައެވެ! އެންޓިކޮރަޕްޝަން ކޮމިޝަނެއްގެބޭނުމަކީ ކޮބައިބާވައެވެ؟ ރައްޔިތުންގެމާލިއްޔަތުން ޚަރަދުކޮށްގެން އެފަދަތަނެއް ހިންގާނެ ބޭނުމަކީ ކޮބައިބާވައެވެ؟