ޖޭޕީގެ އޮފީހުގައި ބޭއްވި އިދިކޮޅު ފަރާްތްތަކުގެ ޖަލްސާއެއްގެ ތެރެއިން: އެ ޕާޓީގެ ދިދައާ ނިޝާން ބޭނުންކުރުން ވަނީ މަނާކޮށްފައި----ފޮޓޯ: ހުސެއިން ވަހީދު/މިހާރު
05 ޖޫން 2017 - 14:02
ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ދިދައަކީ އެ ޕާޓީގެ ފިކުރީ މުދަލެއް ކަމަށާއި ފަހުން ހަދާ އުސޫލަކުން އެ މުދަލަށް އަރައިގަތުމަކީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށް އިދިކޮޅު އެމްޑީޕީން މިއަދު ބުނެފި އެވެ.
ޖޭޕީގެ ދިދަ އާއި ނިޝާން ބޭނުންކުރުން އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއްޔެ މަނާކުުރުމުން އެކަން ކުށްވެރިކޮށް އެމްޑީޕީން ނެރުނު ބަޔާނުގައި ބުނީ ދައުލަތުގެ މުއައްސަސާތަކުން އަމިއްލަ ފަރާތްތަކުގެ މުދަލަށް އެގޮތަށް އަރައިގަތުމަކީ ވަރަށް ނާތަހުޒީބު ވިޔާނުދާ އަމަލެއް ކަމަށެވެ. އެއިން ވެސް އެނގެނީ މި ސަރުކާރު ހަމައިން ނެއްޓިފައިވާ މިންވަރު ކަމަށް ވެސް ޖުމްހޫރީ ޕާޓީއާ އެކު އިދިކޮޅު އިއްތިހާދުގައި މަސައްކަތްކުރާ އެމްޑީޕީން ބުންޏެވެ.
ޖޭޕީގެ ދިދަ އާއި ނިޝާން ބޭނުންކުރުން އީސީން މަނާކުރީ ރައީސުލްޖުމްހޫރިއްޔާ އަށް ހާއްސަ ދިދައިން އެ ޕާޓީގެ ނިޝާނާއި ދިދަ ރަމްޒުކޮށްދޭ ކަމަށް ބުނެ އެވެ.
މިިދިޔަ މާޗުމަހު ހޯމް މިނިސްޓްރީން އެކުލަވާލި ދިދަ ބޭނުންކުރުމާ ބެހޭ އުސޫލު ބުނާގޮތުން ރައީސަށް ހާއްސަ ދިދައާ ވައްތަރު ދިދައެއް ނުވަތަ ނިޝާނެއް އެހެން އެއްވެސް ފަރާތަކުން ބޭނުންކޮށްގެން ނުވާނެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދިދަ ހުންނަން ޖެހޭ ގޮތް ކަމަށް ބުނެފައިވަނީ، ގައުމީ ދިދައިގެ ހަނދުފަޅީގެ އެތެރެއަށްވާ ގޮތަށް ފަސް ފިޔައިގެ ތަރިއެއް ހިމެނޭ ގޮތަށެވެ. ރައީސުލްޖުމްހުރިއްޔާގެ ދިދަ ހުންނަނީ ހަނދުފަޅީގެ އެތެރެއަށްވާ ގޮތަށް ފަސް ފިޔައިގެ ތަރިއެއް ހިމެނޭ ގޮތަށެވެ. ޖޭޕީގެ ރަސްމީ ދިދައިގައި ވެސް ހަނދުފަޅިއަކާއި ތަރިއެއް ހިމެނެ އެވެ.
އެމްޑީޕީން ފާހަގަކުރި ގޮތުގައި އެ ޕާޓީގެ ލޯގޯ އާއި ޖުޑީޝަރީގެ ލޯގޯއާ ވެސް އެއްގޮތެވެ. އަދި އެމްޑީޕީގެ ލޯގޯ އަކީ ސުޕްރީމް ކޯޓު އުފެއްދުމުގެ ކުރިން ބޭނުން ކުރަން ފަށާފައިވާ ލޯގޯއެއް ކަމަށް ވެސް ބުންޏެވެ.
"އެހެންކަމަށްވާއިރު، މި ޕާޓީން ބޭނުންކުރަމުން އަންނަ ލޯގޯ އާއި އެއްގޮތް ލޯގޯއެއް ޖުޑިޝަރީން ބޭނުންކުރަމުން ގެންދާއިރު، އެކަން ކުރުން އެ ފަރާތަށް މަނާ ނުކުރެވޭ ކަމަށް ވާނަމަ، އެގޮތަކީ ވެސް ހަމަޖެހޭ ގޮތެއް ނޫންކަން ލަދުވެތިކަމާއެކު ފާހަގަކުރަމެވެ،" އެމްޑީޕީން ބުންޏެވެ.
ޖޭޕީގެ ދިދަ ބޭނުންކުރުން މަނާކުރުމުން އެ މައްސަލަ ކޯޓަށް ހުށަހެޅުމަށް އެ ޕާޓީގެ ގައުމީ ހިންގާ ކޮމެޓީން ރޭ ވަނީ ނިންމައިފަ އެވެ. އަދި މިއަދު އެ މައްސަލަ ކޯޓަށް ހުށަހެޅުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ސްޕޯކްސްޕާސަން އަލީ ސޯލިހު ވިދާޅުވެފައިވެ އެވެ.
ޕީޕީއެމްގެ ކުރީގެ ރައީސް މައުމޫން އަބްުދުލް ގައްޔޫމުގެ އޮފީހުގައި ނަގާފައިވާ ގައުމީ ދިދަ ވެސް ފުލުހުން ވަނީ ނަގައިފަ އެވެ. އެ ދިދަ ނެގީ ދިދަ ބޭނުންކުރުމާބެހޭ އުސޫލުގެ ދަށުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖީ18
05 June 2017
އޮނަރަބްލް ގާސިމް އިބްރާހީމް 2018 ގަ ނިކުންނަވާނެ
ލަފާ
05 June 2017
ޖުމްހޫރީ ޕާޓީގެ ދިދައާއި ލޯގޯ ރައީސުލް ޖުމްހޫރިއްޔާގެ ދިދައާއި އެއްގޮތްކަމުގައި ވާނަމަ ބަދަލުކުރަން ޖެހޭނެއެވެ ރައީސުލް ޖުމްހޫރިއްޔާގެ ދިދައަކީ ދިވެހި ދައުލަތް ތަމްސީލްކޮށްދޭ ވަރަށް މުހިއްމު ނިޝާނެކެވެ އެއީ ވަކިމީހަކަށް ނިސްބޓްވާ އެއްޗެއް ނޫނެވެ އެހެންނަމަވެސް ޖުމްހޫރީ ޕާޓީގެ ލޯގޯ އާއި ދިދަ ބަދަލުކުރުމަށް ނުކުޅެދިފައިވަނީ މި މަފްހޫމް އެމީހުނަނަށް އޮޅިފައި އޮތުމުން ކަމަށް ވެދާނެއެވެ.
ސަމާސާ
05 June 2017
މިބުނާ ދެދިދައިގެ އެއްގޮތްކަންތައް ބެހެވިގެންވަނީ ތިންބަޔަކަށެވެ. އެއީ އެކެއް ކުލަތައް އެއްގޮތްވުން. ދޭއް ހަނދުފަޅި. ތިނެއް ތަރި. މިއިންކަމަކުން އެއްގޮތްވާ އެއްވެސް ސިފައެއް ދުނިޔޭގެ އެއްވެސް ކަމަކަށް ބޭނުންކުރުމަކީ ދިވެހި ރަސްމީ ދިދަތަކާ އެއްސިފަވާތީ މަނާކަމެއްކަުގައި ވެއްޖައޫއެވެ. ދެންފަހެ މިބުނި މަގުން ރައީސްގެ ހެދުކޮޅުތަކާއި އެއްސިފަވާ ހެދުންލުމާއި ރައީސް ދުއްވަވާ ކާރުކޮޅުތަކާއި ލޯންޗުކޮޅުތައް ސިފަވާފަދަ އެންމެހާތަކެތީންނާއި ކަންކަމަކީ މަނާކަންތައް ކަމުގައި ކަނޑައަޅައިފޫއެވެ. އަލިފުހާ!
އީދުކަޅުބެ
05 June 2017
ރައީސަށް ދިދައެއް ނައިބުރައީސަށް ދިދައެއް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ދިދައެއް އުއްތަމަފަނޑިޔާރަށް ދިދައެއް ހާދަހެއްވައޭ ދޯ!! މިބޭބޭފުޅުންވެސް ބޭނުންކުރަންޖެހޭނީ ޤައުމީދިދައެވެ.
ހުސޭނުބެ
05 June 2017
ބަދަލު ކުރަންޖެހޭނީ!!
ލަތީފް ދިއްދޫ
05 June 2017
ރައީސް މީހާޔަށް ކިޔާނަން މީހުންނަށް ކިޔުންވެސް މިވެރިން މަނާކޮށްފާނެ، ދިވެހިރާއްޖޭގަ އުޅެވޭނީ ރައީސް ވިދާޅުވާހާގޮތަކަށޭ ބުނާ ބިލެއް މަޖިލިހުން އަނެއްކާ ފާސްނުކުރާނެބޭ. ޑިމޮކުރެސީ ކުރިއަށް ދުނިޔޭގަ މިހާރުއޮތް އެންމެ ހެއްވާކަންތައްތައް ކުރާސަރުކާރު ދަރުބާރު ސަރުކާރު
ސަމަދު
05 June 2017
ރައީސަށް ކީއްކުރާ ވަކި ދިދައެއްތަ؟ ގައުމީ ދިދަ ކުޑައީތަ؟ ކަމުނުދަންޏާ، ކޮންމެ ދިވެހި ރައްޔިތަކަށް ދިދައެއް ހަދާ!
"މިހާރު"ގެ ފަހުރުވެރި ކިޔުންތެރިޔާ/ހދ.ކުޅުދުއްފުށި/ހާލުފޮޅި
05 June 2017
ދެލޯ ސަލާމަތުން ހުރި ބުއްދިހުރި މީހަކަށް އެ ދެ ދިދަ އަކީ ތަފާތުކޮށް ހަދާފަ ހުރި އެއްޗެއްކަން އެނގޭނެ. ޔާމިނަށް އެނގޭނެބާ ރައީސް އޮފީހުގެ ދެދިދަ ކައިރިގަ ބޭއްވީމަ ވަކިކުރަން؟
>>ޤާސިމް ބެ
05 June 2017
ފިކުރީ މުދާ ބެހިގެންވަނީ 3 ބަޔަކަށެވެ! އެއީ މަކަރު ހެދުމާއި، ކޮރަޕްޝަނާއި، ދޮގު ހެދުމެވެ!
ޕޮގުބާ
05 June 2017
ކިނބިގަސްދޮށުގެ މަގުމަތީގަކޯޓް ހަދައިގެން ނަގަން އުޅުނީ ކޮންބައެއް އެވެސް މީހެއްގެމުދާ މީހެއްގެގޯތި