ރައީސުޖްމޫރިއްޔާގެ ދިދަ އާއި ޖުމްހޫރީ ޕާޓީގެ ދިދަ
04 ޖޫން 2017 - 19:30
ޖުމްހޫރީ ޕާޓީގެ ދިދަ އާއި ނިޝާން ބޭނުންކުރުން އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު މަނާކޮށްފި އެވެ.
އެ ކޮމިޝަނުން ޖުމްހޫރީ ޕާޓީ އަށް ފޮނުވި ސިޓީއެއްގައި ވަނީ އެ ޕާޓީގެ ނިޝާނާއި ދިދައިން، ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ ދިދަ ރަމްޒުކޮށްދޭ ކަމަށެވެ.
"...'ދިވެހި ދިދަ ބޭނުން ގުޅޭ އުސޫލް' ގެ ދަށުން މިއަދުން ފެށިގެން ތިޔަ ޕާޓީގެ ލޯގޯ އާއި ދިދަ ބޭނުންކުރުން ހުއްޓާލުމަށް ދަންނަވަމެވެ،" އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު އަލީ ސޮއިކުރައްވާފައިވާ ސިޓީގައިވެ އެވެ.
އީސީން ފާހަގަކޮށްފައިވާ ގޮތުގައި ޖުމްހޫރީ ޕާޓީގެ ދިދަ އާއި ނިޝާން ބަދަލުކުރުމަށް ކުރިން އެ ޕާޓީ އަށް އަންގާފައިވީ ނަމަވެސް އެކަން ކޮށްފައެއް ނުވެ އެވެ.
މިދިޔަ މާޗްމަހު އެކުލަވާލާފައިވާ ދިވެހި ދިދަ ބޭނުންކުރުމުގެ އުސޫލުގައި، ރައީސުލްޖުމްހޫރިއްޔާގެ ދިދަ ހުންނަން ޖެހޭ ގޮތް ކަމަށް ބުނެފައި ވަނީ، ގައުމީ ދިދައިގެ ހަނދުފަޅީގެ އެތެރެއަށްވާ ގޮތަށް ފަސް ފިޔައިގެ ތަރިއެއް ހިމެނޭ ގޮތަށެވެ. މިއީ ރައީސަށް ހާއްސަ ދިދައަކަށް ވާތީ، އެ ދިދައާ ވައްތަރު ދިދައެއް ނުވަތަ ނިޝާނެއް އެހެން އެއްވެސް ފަރާތަކުން ބޭނުންކޮށްގެން ނުވާނެ ކަމަށް އުސޫލުގައިވެ އެވެ.
ރައީސްގެ ދިދައާ ވައްތަރު ދިދަ ބޭނުންކުރުން މި އުސޫލުގެ ދަށުން މަނާކުރިިއިރު، ޖުމްހޫރީ ޕާޓީގެ ރަސްމީ ދިދައިގައި ވެސް ހަނދުފަޅި އަކާއި ތަރިއެއް ހިމެނެ އެވެ.
ޖުމްހޫރީ ޕާޓީން މިދިޔަ މާޗްމަހު ބުނެފައި ވަނީ ދިވެހި ގައުމީ ދިދަ ބޭނުންކުރުމުގެ އުސޫލްގެ ދަށުން، އެ ޕާޓީގެ ދިދަ ބޭނުން ނުކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ދެ ފަހަރެއްގެ މަތިން އެންގި ކަމަށެވެ. ނަމަވެސް އެހެން އެންގިދާނެ ކަމަށް ޖުމްހޫރީ ޕާޓީއަކުން ގަބޫލެއް ނުކުރެ އެވެ.
ސިޔާސީ ޕާޓީތައް އުފެދިގެން އައިއިރު ޖޭޕީގެ ދިދަ އަކީ ރަޖިސްޓަރީ ކުރެވިގެން އައި ދިދައެއް ކަން ފާހަގަކުރައްވައި، ޖޭޕީގެ ސްޕޯކްސްޕާސަން އަލީ ސޯލިހު ވިދާޅުވެފައި ވަނީ ފަހުން އައި އުސޫލަކަށް ތަބާވުން ލާޒިމް ނޫން ކަމަށެވެ. އަދި ގައުމީ ދިދަ އާއި ޖޭޕީގެ ދިދައާ އެއްގޮތް ކަމެއް ނެތް ކަން ޕާޓީން ގަބޫލުކުރާ ކަމަށް އޭނާ ކުރިން ވިދާޅުވެފައިވެ އެވެ.
އަލީ ސޯލިހް މިދިޔަ މާޗްމަހު ވިދާޅުވެފައިވާ ގޮތުގައި ޖޭޕީގެ ދިދަ ފާސް ކުރީ އެ ޕާޓީގެ ގައުމީ ޖަލްސާގަ އެވެ. އަދި ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު ގައުމީ ޖަލްސާ ބާއްވަން ޖެހޭއިރު، ދިދައާ މެދު ގޮތެއް ނިންމޭނީ އެ ބައްދަލުވުމުގައި ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.
ޖޭޕީން މިދިޔަ ހަފުތާގައި ނިންމާފައިވާ ގޮތުން އެ ޕާޓީގެ ގައުމީ ޖަލްސާ ދެން އޮންނާނީ އަންނަ އަހަރުގެ ފެބްރުއަރީމަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަނާ
17 July 2017
ދެން ލަސްނުކޮއް އަވަހަށް ނެރޭ ދިދައާ ބެހޭގޮތުން ވާހަކަދައްކާ މީހުންނައް ފިޔަވަޅުއަޅާނަމޭ ކިޔާގެން ބަޔާނެއް!!
މުހަންމަދު
05 June 2017
ތިދެދިދައަކީ ޒަމާންގަނޑެއްވާންދެން ބޭނުންކުރަމުންއަންނަ ދެދިދައެވެ. އެދެދިދަ ވައްތަރުވެ އޮޅިގެނެއް ނޫޅެއެވެ. ޖުމްހޫރީޕާޓީގެ އޮފީހުގަ ނޫނީ އެމީހުންގެ ޙަފުލާއެއްގައި، އެންމެފަހަރަކު ރައީސްގެދިދަ ނެގިނަމަވެސް ނުވަތަ ރައީސްގެ ރަސްމިއްޔާތެއްގައި އޮޅިގެން ޖުމްހޫރީޕާޓީގެ ދިދަނެގުނުނަމަވެސް ތިކަން ޤަބޫލުކުރެވިއްޖައީހެވެ. މިހާރުތިޔައުޅެނީ އެއްގޮތަކުންނުވިއްޔާ އަނެއްގޮތަކުންނަމަވެސް ނާޖާއިޒުގޮތުގައި ޖެއްސުމާއި ގޯނާކުރަންކަމުގައި ގިނަބަޔަކުދެކެ ޤަބޫލުކުރާނެކަމުގައި ބެލެވެއެވެ. ރިހިރިހިއޮތް ފައިމައްޗަށް ތިވައްޓާލެވުނީ އަނެއްފޮއިނޫންބާވައެވެ؟
އުމަރު
05 June 2017
އަޅުގަނޑު ގަބޫލުކުރަން، އެނިޝާން ޖުމްހޫރީ ޕާޓީން ބޭނުންކޮށްގެންނުވާނެ، އަޅުގަނޑުމެން ތިޔަކަމަށް ތާއިދުކުރަން،
ދިއްގަރޭ
05 June 2017
މަށަށް ފެނޭ "މިހާރު" މީހުން "މި ލިޔުން ކިޔާލުމުން" ގަ އެއިން "އުފާވި" "ދެރަވި" "ރުޅިއައި" "މަޢުލޫމާތު މުއްސަނދިވި" ގެ އިތުރަށް އަދި "ޖޯކު ކަމުން ހިނި އައިއްސި" އިތުރު ކޮށްލަން
އީޖޯ
05 June 2017
އަޅުގަނޑަށް ފެންނަނީ އިލެކްޝަން ކޮމިޝަނުން ނޭންގިޔަސް ކުރީބައިގަ ޔާމީނު ކިޔާ މީހުން އަވަހަށް ނަންބަދަލުކުރަން. ނަސީބަކުން އާއިލާކޮޅުންވެސް އެނަން ކިޔާ މީހަކު ހުރިހެނެއް ހިޔެއްނުވޭ.
ރައްޔިތުން
05 June 2017
ކިހާވަރެއްވީމަތަ މިގައުމުގެ ރައްޔިތުން ކެކިއަރާނީ، މިއީ އައިސްލޭންޑް ގެ ރައްޔިތުންތަ؟ ނުވަތަ އީކުއޭޓަރުގައި އޮތް ހޫނު ގައުމެއްގެ އަހުލުވެރިންތަ؟
ޗިޗަންޑާމަނާކުރުން
05 June 2017
ގާނޫނު އަސާސީ އިން މަނާ ކަމެއް ކަމަށް ލިޔެފައި ނުވާ އިރު މިހަތަނަށް ދިދަ ބޭނުން ކޮށްފައި ވާ އުސޫލަށް ބަލާ އިރު ހުއްދަވެފަ ވަކި ހިސާބަކުން ބޭފުޅަކު ނިދިން ހޭލެވި ގައިމީ ދިދަ ޔާ ވައްތަރު ކުރުވާ އުސޫލަކުން ކަމެއް މަނާ ކުރީމަކީ ވަރަށް ޗިނޑިކަމެއް
ލަފާ
05 June 2017
ފުރަތަމަ ކަމަކީ ރައީސުލް ޖުމުހޫރިއްޔާއަށް ވަކި ދިދައެއް ހުރެގެން ނުވާނެ. ދެވަނަކަމަކީ ތިބުނާ ދިދަ އެއްގޮތްކަމަށް ބުނާ މީހުނަށް އަންހެނަކު ފިރިހެނަކަށް ފިރިހެނަކު އަންހެނަކަށްވެސް ފެނިދާނެއެވެ. ތިމީހުން ޑޮކްޓަރަކަށް ދައްކާށެވެ.
ވަރަށް ސާފު
05 June 2017
ޖޭޕީގެ ދިދައަކީ އިލެކްޝަން ކޮމިޝަންގައި ޤަވާޢިދުން ރަޖިސްޓްރީ ކޮށްގެން ބޭނުންކުރަމުން އަންނަ ދިދައެއް. އެދިދައަށް އިތުރު ބަދަލެއް އައިސްފައެއްނެތް. ހަމަ އެހެންމެ ރައީސްގެ ދިދައަކީވެސް ޖޭޕީގެ ދިދައަށްވުރެ މާ ކުރިއްސުރެ ބޭނުންކުރަމުން އަންނަ ދިދައެއް. އެދިދައަށްވެސް ބަދަލެއް އައިސްފައެއްނެތް. ބަދަލުއައީ ވަކިބައެއްގެ ވިސްނުމަށް. އެހެންވީމާ ގޯސްވެގެން މިއުޅެނީ ޖޭޕީގެ ދިދައެއްނޫން. ގޯސްވެގެން މިއުޅެނީ ވަކިބައެއްގެ ބުއްދި.
އިމްލާ
05 June 2017
މީ އަސްލު ރައީސަށް ހެޔޮއެދޭ ކަން ދައްކަން ނުބައި ރޭވުމެއްގެ ދަށުން ކުރާ ކަމެއް. މިކަމުގެ ސަބަބުން ރައީސަށް ލިބޭ ތާއީދު ވާނީ ހައްތާ މަދު. މިކަން މިގޮތަށް ހިންގަން އުޅޭ މީހުންނަށް މިކަން އެނގޭނެ. ބޭނުމަކީ ވެސް ރައީސްއާ ރައްޔިތުންނާ ޖެއްސުން.