ވެރިކަންކުރާ އަދި ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީ ވެސް އޮތް ޕީއެންސީ އަށް މިދިޔަ 39 ދުވަހުގެ ތެރޭގައި 5،000 އަށް ވުރެ ގިނަ މެންބަރުން އިތުރުވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެ ކޮމިޝަނުން މިރޭ އާއްމުކުރި، މިދިޔަ ޑިސެމްބަރު 31 އާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކުގައިވާ ގޮތުން ޕީއެންސީގައި މިހާރު 74،048 މެންބަރުން އެބަތިއްބެވެ. މިއީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 25 އާ ހަމައަށް އެ ޕާޓީގައި މެންބަރުން ތިބި އަދަދަށް ވުރެ 5،383 އިތުރު އަދަދެކެވެ.

ދައުލަތުން ސިޔާސީ ޕާޓީތަކަށް ދޭ ފައިސާގެ އަދަދުތައް މިދިޔަ ޑިސެމްބަރު ހަވަނަ ދުވަހު އާއްމުކުރިއިރު، އީސީން ބުނެފައިވާ ގޮތުން ނަމަ އެ އަހަރުގެ ނޮވެމްބަަރު 25 ވަނަ ދުވަހާ ހަމައަށް ޕީއެންސީގައި ތިބީ 68،665 މެންބަރުންނެވެ.

ނޮވެމްބަރު 25 އަކީ ދައުލަތުގެ މި އަހަރުގެ ބަޖެޓު ރައްޔިތުންގެ މަޖިލިހުން ފާސްކުރި ދުވަހެވެ. ސިޔާސީ ޕާޓީތަކަށް ބަޖެޓުން ދޭ ފައިސާގެ އަދަދު ކަނޑައަޅަނީ ކުރިއަށް އޮންނަ އަހަރުގެ ބަޖެޓު ރައްޔިތުންގެ މަޖިލިހުން ފާސްކުރާ ދުވަހާ ހަމައަށް އެ ޕާޓީއެއްގައި ތިބޭ މެމްބަރުންގެ އަދަދަށް ބަލައިގެންނެވެ. ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޭ ފައިސާ ލިބޭނީ 10،000 މެމްބަރުން ހަމަވުމުންނެވެ.

މިދިޔަ ޑިސެމްބަރު ހަ ވަނަ ދުވަހު އާއްމުކުރި ހިސާބުތަކާއި އީސީން މިއަދު އާއްމުކުރި ހިސާބުތަކާ އަޅާބަލާއިރު، އިދިކޮޅު އެމްޑީޕީ ފިޔަވައި އެހެން ހުރިހާ ޕާޓީއަކުން ވެސް ވަނީ މެންބަރުން މަދުވެފަ އެވެ. އެމްޑީޕީގައި ކުރިން 43،765 މެންބަރުން ތިބި އިރު މިހާރު ތިބީ 43،784 މެންބަރުންނެވެ.

މެންބަރުންގެ އަދަދު މަދުވި ޕާޓީތަކުގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ މެންބަރުން ވަކިވެފައި ވަނީ ޖުމްހޫރީ ޕާޓީންނެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު 25 އާ ހަމައަށް ޖުމްހޫރީ ޕާޓީގައި 13،456 މެންބަަރުން ތިބި އިރު މިހާރު އެ ޕާޓީގެ މެމްބަރުންގެ އަދަދަކީ 12،343 އެވެ. މި ހިސާބުތަކަށް ބަލާއިރު ޖުމްހޫރީ ޕާޓީން ވަކިވީ 1،113 މެންބަރުންނެވެ.

މިއަދު އާއްމުކުރި ހިސާބުތަކުގައިވާ ގޮތުން، ކުރިން 10،300 މެންބަރުން ތިބި އެމްޑީއޭ ގައި މިހާރު ތިބީ 9،686 މެންބަރުންނެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހާ ހަމައަށް 10،000 މެންބަރުން ތިބި އަދާލަތު ޕާޓީ ނޮވެމްބަރު މަހު 8،844 އަށް ވެއްޓުމަށް ފަހު މިދިޔަ ޑިސެމްބަރު މަހުގެ ނިޔަލަށް އެ ޕާޓީގައި ތިބީ 8،267 މެންބަރުންނެވެ. ކުރިން 5،836 މެންބަރުން ތިބި އެމްއެންޕީން ވެސް ވަނީ ކޮންމެވެސް ވަރަކަށް މެންބަރުން ވަކިވެފަ އެވެ. އެ ޕާޓީގައި މިހާރު ތިބީ 5،133 މެންބަރުންނެވެ.

އީސީގައި ރަޖިސްޓަރީ ކޮށްފައިވާ ޕާޓީތަކުގެ ތެރެއިން ޕީއެންއެފްގައި 3،012 މެންބަރުން ތިބި އިރު ދަ ޑިމޮކްރެެޓްސްގެ މެމްބަރުންގެ އަދަދަކީ 2،952 އެވެ.

ދައުލަތުގެ މިދިޔަ އަހަރުގެ ބަޖެޓުން ފަސް ސިޔާސީ ޕާޓީއަކަށް 27 މިލިއަން ރުފިޔާ ދޫކުރި އެވެ. އެއީ އެންމެ މެމްބަރުން ގިނަ ޕީއެންސީ އަށް 13.31 މިލިއަން ރުފިޔާ، ދެވަނަ އަށް އެންމެ ގިނަ މެމްބަރުން ތިބި އެމްޑީޕީ އަށް 8.45 މިލިއަން ރުފިޔާ، ޖުމްހޫރީ ޕާޓީ އަށް 2.65 މިލިއަން ރުފިޔާ އަދި އަދާލަތު ޕާޓީ އާއި އެމްޑީއޭގެ ތެރެއިން ކޮންމެ ޕާޓީއަކަށް 1.7 މިލިއަން ރުފިޔާ އެވެ.