އަލަށް އެކުލަވާލައި އިއްޔެ ގެޒެޓްކުރި، ދިވެހި ގައުމީ ދިދަ ބޭނުންކުރުމުގެ އުސޫލްގެ ދަށުން، ޖުމްހޫރީ ޕާޓީގެ ދިދަ ބޭނުންކުރެވިދާނެ ކަމާ މެދު ސުވާލު އުފެދިއްޖެ އެވެ.
އެ އުސޫލުގައި، ރައީސުލްޖުމްހޫރިއްޔާގެ ދިދަ ހުންނަން ޖެހޭ ގޮތް ކަމަށް ބުނެފައި ވަނީ، ގައުމީ ދިދައިގެ ހަނދުފަޅީގެ އެތެރެއަށްވާ ގޮތަށް ފަސް ފިޔައިގެ ތަރިއެއް ހިމެނޭ ގޮތަށެވެ. މިއީ ރައީސަށް ހާއްސަ ދިދައަކަށްވާތީ، އެ ދިދައާ ވައްތަރު ދިދައެއް ނުވަތަ ނިޝާނެއް އެހެން އެއްވެސް ފަރާތަކުން ބޭނުންކޮށްގެން ނުވާނެ ކަމަށް އުސޫލުގައިވެ އެވެ.
ރައީސްގެ ދިދައާ ވައްތަރު ދިދަ ބޭނުންކުރުން މި އުސޫލުގެ ދަށުން މަނާކުރިިއިރު، ޖުމްހޫރީ ޕާޓީގެ ރަސްމީ ދިދައިގައި ވެސް ހަނދުފަޅި އަކާއި ތަރިއެއް ހިމެނެ އެވެ.
މިކަމުގައި ޖުމްހޫރީ ޕާޓީން ރަސްމީކޮށް ވާހަކަ ދައްކާކަށް ބޭނުމެއް ނުވި އެވެ.
އެކަމަކު "މިހާރު" އަށް އެނގިފައިވާ ގޮތުގައި، ޖުމްހޫރީ ޕާޓީ ދިދަ، ރައީސުލްޖުމްހޫރިއްޔާގެ ދިދައާ އެއްގޮތް ކަމަށް ބުނެ، އެކަމުގައި އިލެކްޝަންސް ކޮމިޝަނުން ވަނީ މީގެ ކުރިން އެ ޕާޓީއާ ބައްދަލުކޮށްފަ އެވެ. އަދި ދިދަ އެހެން ގޮތަކަށް ބަދަލުކުރަން މުއްދަތެއް ވެސް ދިން ކަމަށްވެ އެވެ.
ނަން ހާމަނުކުރަން އެދިވަޑައިގެން ވާހަކަ ދެއްކެވި ޖޭޕީގެ އިސް ބޭފުޅަކު ވިދާޅުވީ އެ ޕާޓީގެ ދިދަ ރައީސުލްޖުމްހޫރިއްޔާގެ ދިދައާ އެއްގޮތް ނޫން ކަމަށެވެ. އެ ގަވާއިދުގައި އެހެން އޮތް ނަމަ، އިސްކަންދަރު ސްކޫލުގެ ދިދަ ވެސް ރައީސުލްޖުމްހޫރިއްޔާގެ ދިދައާ އެއްވަތަރު ކަމަށާއި އެ ދިދަ ވެސް ބޭނުން ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެން ނޫނަސް، ޖުމްހޫރީ ޕާޓީގެ ދިދަ ފާސްކޮށްދީފައި އޮއްވައި މާފަހުން ހަދާ ގަވާއިދަކާ ހެދި އެ ދިދަ ބޭނުން ކުރުން މަހްރޫމްވާންވީ ސަބަބެއް ނޫން،" އޮފިޝަލް ވިދާޅުވި އެވެ.
ދިވެހި ގައުމީ ދިދަ ބޭނުންކުރުމާ ގުޅޭ އުސޫލެއް އެކުލަވާލީ، ހޯމް މިނިސްޓްރީން ބުނެފައިވާ ގޮތުގައި، ގައުމީ ދިދަ އަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތުގެ ރަމްޒަށްވާތީވެ، ގައުމީ ދިދަ އަށް ހުރުމަތްތެރިކޮށް ހިތަން، ދިދަ ބޭނުންކުރެވޭނެ ތަންތަނާއި ދިދަ ބަހައްޓަންވީ ގޮތް އަދި ބޭނުންކުރުމުގައި ގެންގުޅެންވީ ހަމަތަކާއި މިންތައް ބަޔާންކުރުމަށެވެ.