ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ވިސްނުމާއި ފިކުރު

މިއީ ލޯބީގެ ވާހަކައެއް ނޫނެވެ. ހިތާހިތުގެ ގުޅުމެއް ވެސް ނޫންމެ އެވެ. ސިޔާސީ ހަރަކާތްތަކުގެ ފިކުރު މިންއެޅުމަށް ބޭނުންކުރާ "ކަނާތު ފިޔަ އަދި ވާތު ފިޔަ" މިބަސްތައް ފުރަތަމަ ބޭނުން ކުރަން ފެށުނީ ފަރަންސޭސި އިންގިލާބުގެ ދުވަސްވަރު 1789-1799ގަ އެވެ. ދުނިޔޭގައި ސިޔާސީ ޕާޓީތައް އުފެދިގެން އައީ އޭގެ އަހަރުތަކެއް ފަހުން 19 ވަނަ ގަރުނުގެ ކުރީކޮޅުގަ އެވެ. އިނގިރޭސިވިލާތުގެ ކޮންޒަވެޓިވް ޕާޓީއަކީ ދުނިޔޭގެ އެންމެ ދުވަސްވީ އެއް ސިޔާސީ ޕާޓީ އެވެ. ކަނާއަތު ފިޔައިގެ މި ޕާޓީ އުފެދުނީ 1830ގަ އެވެ. ސިޔާސީ ރޮނގު (ޕޮލިޓިކަލް ސްޕެކްޓްރަމް) ދަމާލާއިރު އެތައް ވައްތަރެއްގެ ސިޔާސީ ފިކުރުތައް ހުރެ އެވެ. ކަނާތު ފިޔައިގެ ސިޔާސީ ފިކުރުން ފެށިގެން މެދު ކަނާތު ފިޔަ، މެދު ވާތު ފިޔަ އަދި ވާތު ފިޔައިގެ ސިޔާސީ އެތަކެއް ތަފާތު ފިކުރުތަކެވެ.


ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިޔާސީ ޕާޓީއެއް އުފެއްދެވީ ސެޕްޓެމްބަރު 23، 1951 ގައި ރައްޔިތުންގެ މުތަޤައްދިމް ޕާޓީގެ ނަމުގައި މުހައްމަދު އަމީންދީދީ އެވެ. މި ލިޔުމުގައި ހިމަނާލާނީ ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ފިކުރުތަކާއި ހިޔާލުތައް ބެހިގެންދާ ގޮތާއި އަދި ޕާޓީތަކުގެ ސިޔާސަތުތައް ރާވާފައިވާ ގޮތުގެ މައްޗަށެވެ.

ޒަމާނުންސުރެ ރާއްޖޭގައި އޮތީ ހާންދާނީ ވެރިކަމެވެ. މުއްސަނދިކަމާއި ނަސަބުގެ ގޮތުން އަދި އާއިލީ ގޮތުން ބާރުތައް އަބަދުމެ ދެމިއޮތީ މަދު ބައެއްގެ އަތްމަތީގަ އެވެ. މުހައްމަދު އަމީންދީދީ އިސްވެ ހުންނަވައި އުފެއްދެވި ރައްޔިތުންގެ މުތަޤައްދިމް ޕާޓީއަކީ އެއް ޕާޓީ ނިޒާމުގެ ތެރެއިން އުފެއްދި ގައުމީ ރޫހު (ނެޝަނަލިސްޓިކް) ހިޔާލާއި ފިކުރުތަކުގެ މައްޗަށް ވަކި އާއިލީ ގުޅުންތަކެއް ވެރިކަމަށް އަންނަން ބޭނުންކުރި ސިޔާސީ ޕާޓީއެއް ކަމުގައި ބުނެވިދާނެ އެވެ. މާލޭ ހެންވޭރު މީރުބަހުރުގެ މުހައްމަދު އިސްމާއިލްދީދީ، ލިއުއްވާފައިވާ "މޮޓަރުބޯޓްގެ ގަޑުބަޑު" ފޮތުން މިކަން މާ ރަނގަޅަށް ވެސް ފެންނާން އެބަ އޮތެވެ. ކަންދިމާކުރި ގޮތުން 1952ގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ރާއްޖޭގެ ވެރިކަން ޖުމްހޫރިއްޔަތަކަށް ބަދަލުވެ، 1953ގައި އަމީންދީދީ ވެރިކަމާ ހަވާލުވެވަޑައިގަތެވެ. ޕާޓީގެ މަގުސަދު ކަމުގައި ވަނީ ކަނާތު ފިޔައިގެ ވިސްނުންތަކުގެ މައްޗަށް އެކުލެވޭ ގައުމިއްޔަތު (ހުއްބުލް ވަތަން)، އެއްބައެއްވަންތަ ރޫހު އާލާކޮށް، ރައްޔިތުންނާ ގުޅި ދިވެހިންގެ ބިން ހިމާޔަތް ކުރާނެ ކަމުގެ އަޒުމެވެ. ވެރިކަމުގެއި ދެމިހުންނެވުނީ އެންމެ ހަތް މަސްދުވަހު އެވެ. މުތަޤައްދިމް ޕާޓީ އުވުނީ 1954ގަ އެވެ.

ރާއްޖޭގެ ގާނޫނުއަސާސީން ސިޔާސީ ޕާޓީ ހިންގަން ފުރުސަތު ނެތްކަމަށް ބުނެ، ގިނަ ޕާޓީތައް އެކުލެވޭ ޑިމޮކްރަސީއެއް އޮތުމަށް ނުފެންނަ ކަމަށާއި ރާއްޖޭގެ ރައްޔިތުން އެފަދަ ހާލަތަކަށް ތައްޔާރު ނޫން ކަމަށް ރައީސް މައުމޫން އަބްދުލްގައްޔޫމް އެތަކެއް އުޒުރު ދެއްކެވި އެވެ. އެކަމަކު އެތެރެ އާއި ބޭރުގެ ޕްރެޝަރާ އެކު ރާއްޖޭގައި ދެވަނަ ފަހަރަށް ޕާޓީ ނިޒާމަށް ފުރުސަތު ލިބުނީ މައުމޫންގެ ވެރިކަމުގައި ޖޫން 4، 2005 ގަ އެވެ. އޭގެ ފަހުން ގިނަ ސިޔާސީ ޕާޓީތަކެއް ރަޖިސްޓަރީ ކުރި ކަމަށް ވިޔަސް ކަނޑައެޅިފައިވާ ފިކުރެއްގެ މައްޗަށް ރޭވިގެން ސިޔާސީ ހަރަކާތް ހިންގާ ޕާޓީއެއް އޮތްތޯ ސުވާލު އުފެދެ އެވެ.

މިހާރު ރާއްޖޭގެ އެންމެ ބޮޑު އެއް ސިޔާސީ ޕާޓީއަކީ އެމްޑީޕީ އެވެ. ޕާޓީގެ ސިޔާސީ ފަލްސަފާއަކީ ކޮބައިކަމެއް ސާފުކޮށް އެނގޭކަށް ނެތެވެ. އެނގޭހާ ވެސް އެއްޗަކީ އެމްޑީޕީއަކީ އިނގިރޭސިވލާތުގެ ކޮންޒަވެޓިވް ޕާޓީއާ ގާތް ގުޅުމެއް އޮންނަ ޕާޓީއެއް ކަމެވެ. އެމްޑީޕީގެ ބައެއް ނޫސްބަޔާންތަކުންނާއި ޕާޓީގެ އިސް ފަރާތްތަކުން އެމްޑީޕީއަކީ މެދު ކަނާއަތު ފިޔަ (ސެންޓަ ރައިޓް) ޕާޓީއެއް ކަމުގައި ފާހަގަކޮށްފައި އެބަ ހުއްޓެވެ. ދެވަނައަށް އުފެދުނު ޑީއާރުޕީ ބައިބައިވެ، އޭގެ ބާރު ކެނޑި، ދެން ފެނުނީ ތަންކޮޅެއް ފަހުން ޕީޕީއެމް އުފެދުނު ތަނެވެ. ޖުމްހޫރީ ޕާޓީއަކީ ވިޔަފާރިވެރިޔާ އަދި މާމިގިލި ދާއިރާގެ މެމްބަރު ޤާސިމް އިބްރާހީމްގެ ޕާޓީ އެވެ. އަދާލަތު ޕާޓީއަކީ، އެ ޕާޓީން ބުނާ ގޮތުގައި، އިސްލާމްދީން ކުރިއަރުވާ، ހިމާޔަތްކޮށް އަދި ހަމަހަމަކަމާއި އަދުލު އިންސާފު ދަމަހައްޓަން މަސައްކަތް ކުރާ ޕާޓީއެކެވެ. ސިޔާސީ މައިދާނުގައި މާ ބޮޑު ކުރިއެރުމެއް އަދި ލިބިފައިވާ ޕާޓީއެއް ނޫނެވެ. ބޮޑަށް ފާހަގަކުރެވެނީ "ސްވިންގް ވޯޓާސް" ގޮތުގައި ބޮޑެތި ސިޔާސީ ޕާޓީތަކަށް ރިޔާސީ އިންތިހާބު ކާމިޔާބުކޮށްދޭ ބައިވެރިއެއްގެ ގޮތުގައެވެ.

ފެންނަން އޮތް ހަގީގަތަކީ 2008 އިން ފެށިގެން ބޮޑު ދެ ޕާޓީން ކުދި ޕާޓީތައް ބޭނުންކުރަނީ ސަރުކާރަށް އައުމަށްޓަކައި ސިޔާސީ ހަތިޔާރެއްގެ ގޮތުގައިކަމެވެ. މި ހުރިހާ ޕާޓީތަކެއްގެ ފިކުރު ދިމާވަނީ ކަނާތު ފިޔައިގެ ސިޔާސީ ފިކުރުތަކާއި ސިޔާސަތުތައް ކުރިއަރުވާ ޕާޓީތަކެއްގެ ގޮތުގަ އެވެ.

ސިޔާސީ ފިކުރުތަކަކީ އެކި ގައުމުތަކުގައި ތަފާތު އަދި އެހާމެ ފުޅާ ދައިރާއެއްގައި އެކި ދުވަސްވަރަށް ބަދަލުވަމުންދާ އެއްޗެކެވެ. އާންމު ގޮތެއްގައި ކަނާތު ފިޔައިގެ ސިޔާސީ ފިކުރުތަކަކީ ވަތަނީ، ގައުމިއްޔަތު، ވިޔަފާރި، އިގްތިސާދު އަދި ދީން ކުރިއަރުވާ، ގުދުރަތީ ގާނޫނުތަކާއި ސަގާފަތާއި އާދަކާދައިގެ މައްޗައް ބިނާވެފައިވާ ސިޔާސީ ވިސްނުންތަކެވެ. ކަނާތު ފިޔައިގެ ސިޔާސީ ފިކުރުތަކުން ސަރުކާރުގެ ކޮންޓުރޯލު އިގްތިސާދަށް ކުޑަކޮށް، އިގުތިސާދު ކޮންޓުރޯލު ބޮޑެތި ފައިސާވެރިންގެ އަތްމައްޗައް ދޫކޮށްލަ އެވެ. އުފެއްދުންތަކާއި ހިދުމަތްތަކުގެ އަގު ކޮންޓްރޯލު ކުރުން ވެސް ވިޔަފާރިވެރިންނަށް ފަހިކޮށްދީ ތަނަވަސްކޮށްދެ އެވެ (ފްރީ މާކެޓް). ކަނާތު ފިޔައިގެ ސިޔާސީ ވިސްނުންތަކުން ރައުސްމާލިއްޔަތު (ކެޕިޓަލިޒަމް) އިގްތިސާދެއްގެ ދަށުން އަމިއްލަ ވިޔަފާރިތަކަށް ފަހި ފުރުސަތުތަކެއް އޮންނާނެހެން، ވިޔަފާރިން ހައްދެއް ނެތް މިންވަރަށް ފައިދާ ނެގުމާއި މުދަލާއި ބިމުގެ މިލްކުވެރިކަން މުއްސަނދިން އަމިއްލަކުރުން އިސްކުރެ އެވެ. މި ފަރާތްތަކުން ކޮމިއުނިޒަމް އަދި އިޝްތިރާކިއްޔާ (ސޯޝަލިޒަމް) އާ ދެކޮޅެވެ. މަސައްކަތު ފަންތި (ވޯކިން ކްލާސް) ހައްގުތަކާއި މިނިވަންކަން ހިފަހައްޓައި ވިޔަފާރިވެރިންގެ އަތުން ޓެކްސް މަދުން ނެގުމާއި، އަސާސީ ހިދުމަތްތައް (ސިއްހީ، ތައުލީމް، ބޯހިޔާވަހިކަން، ދަތުރުފަތުރު، ކަރަންޓު އަދި ފެނުގެ ހިދުމަތް) ވިޔަފާރި އުސޫލުން ދިނުމަކީ ވެސް މި ފިކުރުތަކުގެ އަސާސްތަކެވެ. މިފަހުން އިންކަމް ޓެކްސް ނެގުމަށް މަޖިލީހުގައި ބޭއްވި ބަހުސްތަކުގައި ވެސް މަޖިލީހުގައި ތިބި ވިޔަފާރިވެރިން ވަރަށް ފާޅުގައި އެންމެންގެ އަތުން އެއްވަރަށް ޓެކްސް ނަގަން ވާހަކަ ދައްކާފައިވެ އެވެ. ސިޔާސީ ބަސްބުނުމާއި ކަންކަން ނިންމުން، މަދު ބާރުގަދަ އާއިލާތަކަށް އޮތުމާކީ ވެސް ކަނާތު ފިޔައިގެ އާދައެކެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބެއްގެ ވޯޓުލުން ކުރިއަށް ދަނީ: އެމްޑީޕީގެ ސަރުކާރުން ވެސް ވިޔަފާރިވެރިން އިތުރަށް މުއްސަނދިވާނެ ގޮތަށް ސިޔާސަތުތައް ކުރިއަށް ގެންދިޔަ

ވާތު ފިޔައިގެ ސިޔާސީ ފިކުރުތަކަކީ އިޖުތިމާއީ، އިގްތިސާދީ އަދި ސިޔާސީ ގޮތުން ހުރިހާ ރައްޔިތުންނަށް ހަމަހަމަ ފުރުސަތުތަކެއް އޮންނާން ޖެހޭނެ ކަަމަށް ވަކާލާތުކުރާ ސިޔަސީ ފިކުރުތަކެވެ. ސިނާއަތްތަކުގެ ކޮންޓުރޯލް މަސައްކަތްތެރިންގެ އަތްމަތީގައި އޮތުމާއި އަސާސީ ހައްގުތައް ދައުލަތުން އެންމެނަށް ހަމަހަމައަށް ފޯރުކޮށް ދިނުމާއި، މަސައްކަތްތެރިންގެ އިއްތިހާދު (ޔޫނިއަން) ހެދުމާއި، ގުދުރަތީ ވަސީލަތްތައް އެންމެނަށް ހަމަހަމައަށް ބެހިގެންދާނެ ގޮތަށް އިގްތިސާދު ބައްޓަން ކުރުމާއި، އިޖްތިމާއީ ދުޅަހެޔޮކަން ގާއިމުކުރުމާއި، ތިމާވެށި ރައްކާތެރިކުރުމާއި، ހަނގުރާމަ ނުކުރުމާއި، އަންހެނުންގެ ހައްގުތައް ކަށަވަރު ކުރުމަކީ ވާތުފިޔައިގެ ސިޔާސީ ފިކުރުތަކުގެ ފަލްސަފާ އެވެ. ހައްގުތަކާއި މިނިވަންކަން އެންމެހާ ރައްޔިތުންނަށް ހަމަހަމައަށް އޮތުމާއި، ލިބޭ އެއްޗެއް އެންމެނަށް ހަމަހަމައަށް ބެހޭނެ ގޮތަށް އިގްތިސާދު ބައްޓަން ކުރުމަކީ ވެސް ވައަތު ފިޔައިގެ އަސާސްތަކެވެ. މިގޮތުން ސިޔާސީ ބާރުވެރިކަމާއި އިޖްތިމާއީ ހަމަހަމަކަމާއި، އިންސާފު އަދި އިގްތިސާދީ ބާރުވެރިކަން އެއްމެންނަށް ހަމަހަމަ އުސޫލުން އޮތުމަކީ ވައަތު ފިޔައިގެ ސިޔާސީ ފަލްސަފާ އެވެ.

ސުވާލަކީ ރާއްޖޭގެ ރައްޔިތުންނަށް ލިބިފައިވާ ގުދުރަތީ ވަސީލަތްތަކުން ލިބޭ ފައިދާ އާންމު ރައްޔިތުންނަށް، ހަމަހަމައަށް ބެހިގެން ނުދަނީ ކީއްވެ ހެއްޔެވެ؟ މަސައްކަތު ފަންތި (ވޯކިން ކުލާސް) ރައްޔިތުން ދުވަހެއް ދުވަހަކަށް ފަގީރުވެ މަތީ ފަޑިއާ ދެމެދު އޮތް ފަރަގު އިންތިހާއަށް ބޮޑުވަނީ ކީއްވެ ހެއްޔެވެ؟ އިންސާފާއި ހަމަހަމަކަން، މަސައްކަތު ފަންތިއާ ހަމައަށް ނުފޯރަނީ ކީއްވެ ހެއްޔެވެ؟ މަސައްކަތްތެރިންގެ ހައްގުތަކާއި މިނިވަންކަން ނުލިބެނީ ކިއްވެ ހެއްޔެވެ؟ އިޖްތިމާއީ، އިގްތިސާދީ އަދި ސިޔާސީ ހައްގުތަކާއި މިނިވަންކަން މި ފަރާތްތަކަށް ނުލިބެނީ ކީއްވެ ހެއްޔެވެ؟ ކޯޓުތަކުން ކުރާ ހުކުމްތައް ތަންފީޒުކުރާއިރު ވެސް ވަކި ބަޔަކަށް މާ ހާއްސަ އުސޫލުތަކަކުން އަމަލުކުރުމަކީ ހަމަޖެހޭ ކަމަކަށް ހަދައިގެން އަހަރެމެން މިތިބެނީ ކީއްވެ ހެއްޔެވެ؟

ވޭތުވެދިޔަ ހުރިހާ ސަރުކާރަކުން ވެސް އަދި ސިޔާސީ ޕާޓީތަކުން ވެސް ކުރިއަރުވާ އަދި ރައްކާތެރިކުރީ ބޮޑެތި ފައިސާވެރިންނެވެ. އެފަރާތްތަކުގެ ހައްގުތަކާއި މިނިވަންކަން އިތުރަށް ކުރިއަރުވާފައިވަނީ ކަނާތު ފިޔައިގެ ސިޔާސަތުތައް އިސްކޮށްގެނެވެ. ބޮޑެތި ފައިސާވެރިންގެ ނުފޫޒު އަދި އެފަރާތްތަކުގެ މަސްލަހަތު ސިޔާސީ ޕާޓީތަކުން ކުރިއަރުވާކަމުގެ އެންމެ ބޮޑު ދަލީލަކީ، ހުރިހާ ކަނާތު ފިޔައިގެ ޕާޓީތަކަށް އަދި އިލެކްޝަންތަކަށް ހަރަދުކުރަނީ ފައިސާވެރިން ކަމެވެ. މި ފަރާތްތަކުން ކުރާ ހަރަދުތަކުގެ ތަފްސީލު އެއްވެސް ޕާޓީއަކުން އާއްމެއް ނުކުރެ އެވެ. އޮޑިޓްކޮށް އާއްމުކުރަނީ ދައުލަތުގެ ފަރާތުން ޕާޓީތަކަށް ދޭ ފައިސާގެ ހަރަދު ބަރަދުތައް އެކަންޏެވެ. މި ފަރާތްތަކުން ހަރަދުކުރި ފައިސާ އަނބުރާ ހޯދަނީ ކަނާތު ފިޔައިގެ ސިޔާސަތުތަކުންނާއި، ރައްޔިތުންގެ މުދަލުން ބޮޑެތި ކޮރަޕްޝަން އެކުލެވޭ އަމަލުތަކުންނާއި، ރާވައިގެން އަދި އޮޅުވާލައިގެން ދައުލަތަށް އަދި ރައްޔިތުންނަށް ގެއްލުންވާ ގޮތަށް ހަދާފައި ހުންނަ ބޮޑެތި ކޮންޓްރެކްޓްތަކުންނާއި ތައުލީމާއި ސިއްހަތު އަދި ބޯހިޔާވަހިކަން ފަދަ އަސާސީ ހިދުމަތްތައް ވިޔަފާރި އުސޫލުން ބޮޑެތި ފައިދާ ނަގައިގެނެވެ. ވޭތުވެދިޔަ އެއްވެސް ސަރުކާރެއްގައި މިފަދަ ފަރާތްތަކަށް ފިޔަވަޅު އެޅިފައެއް ނުވެ އެވެ. މިހެންވުމުން އިންސާފު ގާއިމު ކުރުމަށް ހުރަސްއެޅި ރައްޔިތުންގެ މެދުގައި ދައުލަތުގެ ބާރުތަކަށް އޮންނަ އިތުބާރު ގެއްލެ އެވެ. ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް ދިނުމަށް ހުރަސްތަކާ ކުރިމަތިވެ، ދުވަހެއް ދުވަހަކަށް އާންމު ރައްޔިތުންގެ ހާލަތު ދަށަށް ގޮސް، ބިކަވެ ހާލުގައި ޖެހެ އެވެ. އަދި މުއްސަނދިންނާއި ފަގީރުންގެ ފަރަގު އިންތިހާއަށް ބޮޑުވެ އެވެ.

އަމީންދީދީ ދައުރު ނިމުނު އިރު ދައުލަތުގެ މާލިއްޔާ އޮތީ ހުސްކޮށްކަމާއި ސިލޯނަށް ދަރާފައިވާކަމަށް ތާރީހު ދިރާސާކުރާ ފަރާތްތަކުން ފާހަގަކޮށްފައި އެބަ ހުއްޓެވެ. އިބްރާހީމް ނާސިރު ދައުރުގައި ވެސް އާއިލީ ފަރާތްތަކަށާއި ގާތް ރަހުމަތްތެރިންނަށް ވިޔަފާރީގެ ފަހި ފުރުސަތުތަކާއި މާލޭގެ ބޮޑެތި ބިންބިމާއި، ޓުއަރިޒަމް ތަރައްގީ ކުރުމަށް ރަށްރަށް ދީފައިވެ އެވެ. މައުމޫނުގެ ދިގު ވެރިކަމުގައި ހިނގާ ދިޔަ ބޮޑެތި ކޮރަޕްޝަން އަމަލުތައް ކަމަށް ވާ އެފްޕީއައިޑީ އަދި އެއާ މޯލްޑިވްސް ބަނގުރޫޓުވުން ފަދަ މައްސަލަތައް ބެލި، ފިޔަވަޅު އެޅިފައެއް ނުވެ އެވެ. މީގެ އިތުރުން ގާތް ރަހުމަތްތެރިންނަށާއި ބޮޑެތި ފައިސާވެރިންނަށް އަދި ސަރުކާރުގެ އިސް ފަރާތްތަކަށް ޓުއަރިޒަމް ތަރައްގީ ކުރުމަށް ފަޅުރަށްތަކާއި ބިން ދީފައިވެ އެވެ. އަދި ލާމު އަތޮޅު ފަދަ ރާއްޖޭގެ ބިން ބޮޑެތި ރަށްރަށް ތަަރައްގީ ކުރުމަށް ކަމަށް ބުނެ އެ ރަށްރަށުން ފައިސާވެރިންނަށް ބިން ދޫކުރީ ވެސް ކަނާތު ފިޔައިގެ ސިޔާސަތުތަކުންނެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ރަށްރަށުގައި އަސާސީ ހިދުމަތް ތަރައްގީކުރުމަށް ލާޒިމްކޮށް ގާތް ރައްޓެހިންނަށް އަދި ކެމްޕެއިނަށް ހަރަދުކުރި ފަރާތްތަކަށް ޓުއަރިޒަމް ތަރައްގީކުރަން ރަށް އަދި ބިން ދޫކުރި އެވެ. ދަތުރުފަތުރުކުރުމުގެ ނިޒާމް ވިޔަފާރި އުސޫލުން ހިންގުމާއި މާލެ އިންޓަނޭޝަނަލް އެއާޕޯޓް ޖީއެމްއާރް އަށް ދިނުމާއި ދިރާގުގެ މައި ހިއްސާ ބަހުރެއިންގެ ބަޓެލްކޯއަށް ވިއްކާލި އެވެ. މި ނިންމުންތަކުގެ ސަބަބުން ދިވެހި ދައުލަތަށް އަދިވެސް އެދަނީ އެތައް ބިލިއަނަކުން ގެއްލުންތައް ވަމުންނެވެ.

ނިމިދިޔަ ރައީސް އަބްދުﷲ ޔާމީން ސަރުކާރުން އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިދާވީ ވެސް ބޮޑެތި ފައިސާވެރިންނަށާއި ބޮޑެތި ސިޔާސީ ފަރާތްތަކަށެވެ. ޑޮމެސްޓިކް އެއާޕޯޓްތައް ވިޔަފާރި އުސޫލުން ހިންގުމާއި ބޭރުގެ ބޮޑެތި ލޯނު ނަގަައިގެން މާލެ ސަރަހައްދުގައި ބުރިޖު އެޅުމާއި ދަރުމަވަންތަ ހޮސްޕިޓަލް އަދި އެތައް ހައުސިން ޔުނިޓް ހުޅުމާލޭގައި ވިޔަފާރި އުސޫލުން އެޅުމަށް މިފަރާތްތަކަށް ފައިދާވާ ގޮތަށް އެތައް ބިމެއް ދިނެވެ. މި ސިޔާސަތުތަކަކީ ބޮޑެތި ފައިސާވެރިންނަށް ފައިދާވާ ގޮތަށް ހަދާފައި ހުރި ކަނާތު ފިޔައިގެ ސިޔާސަތުތަކެވެ.

އަބަދުމެ ދައްކަމުން އައީ ރަންބިސްއަޅާ ކުކުޅެއްގެ ވާހަކަ އެވެ. އިގްތިސާދުގެ މައިނާރަކީ ޓުއަރިޒަމް ކަމެވެ. ނަމަވެސް ފެންނާން އޮތް ހަގީގަތަކީ، 1972ގައި ޓުއަރިޒަމް ފެށުނީންސުރެން މިއަދާ ހަމައަށް، އާންމު ރައްޔިތު މީހާއަށް މާ ބޮޑު ފައިދާއެއް އަދި މާ ބޮޑު ކުރިއެރުމެއް ނުލިބުނުކަމެވެ. ފަންތިތަކުގެ ފަރަގު ބޮޑުވެ، އާންމު ފަރުދުންގެ ހާލަތު ދިޔައީ ދުވަހެއް ދުވަހަކަށް ދަށަށެވެ. އެމްޑީޕީ ސަރުކާރުން އަބަދުމެ ދައްކަމުން އައި އެއް ވާހަކައަކީ ދައުލަތައް ލުއިވާނީ އަސާސީ ހިދުމަތްތައް ދިނުމަށް ވިޔަފާރިތަކުގެ ބައިވެރިވުން އިތުރުކޮށްގެން ކަމެވެ. ސަރުކާރުން ވިޔަފާރި ތެރެއަށް ނުވަދެ ވިޔަފާރިވެރިން ވިޔަފާރިކުރަން ދޫކޮށްލުމެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ވެސް އަދި އެމްޑީޕީ އަގުލަބިއްޔަތު އޮތް ރައްޔިތުންގެ މަޖްލިހުން ވެސް ކުރިއަރުވާތަން ފެންނަނީ ކަނާތު ފިޔައިގެ، ނިއޯލިބަރަލް ސިޔާސަތުތަކެވެ. ސިވިލް ސާވިސް ކުޑަކުރުމާއި، ސިޔާސީ މަގާމުތައް އިތުރުކުރުމާއި، ވިޔަފާރިތަކުން ޓެކްސް މަދުން ނެގުމާއި، އިގްތިސާދު ކުރި އެރުވުމަށް ޓުއަރިޒަމަށް އެކަނި އިސްކަންދިނުމާއި، ބޯހިޔާވަހިކަމާއި ތައުލީމާއި ސިއްހީ ހިދުމަތް ވިޔަފާރިން ފައިދާ ހޯދާ އުސޫލުން ދިނުމަށެވެ.

ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކެއް ކޮންޓުރޯލް ކުރަނީ ފައިސާވެރިންނެވެ. ވޭތުވެދިޔަ ކޮންމެ ސަރުކާރަކުން ވެސް ކުރިއެރުވީ ކަނާތު ފިޔައިގެ ވިސްނުންތަކާއި ފިކުރުތަކެވެ. މަދު ބަޔަކު ކޮންޓުރޯލުކުރާ ކަނާތު ފިޔައިގެ ސިޔާސީ ފިކުރުތަކަށް ޖާގަ ދީގެން ރައްޔިތުންނަށް ކުރިއެރުމެއް ނެތެވެ. ދައުލަތުގެ މަތި ވަޑާންގަނޑު ކަތުރުފަނި އަޅާ، ފީވެ، ބާވެ، ހަލާކުވެ ބޮލަށް ވެއްޓެންދެން ބަލަން ރައްޔިތުންނަށް ތިބެވޭކަށް ނެތެވެ. އަންނަން އޮތް ޖީލުތަކަށް ކަމެއް ކޮށްދެވޭނީ މިބުނި މަތިވަޑާންގަނޑު އެއްކޮށް ބަދަލުކޮށްގެނެވެ. ރާއްޖޭގެ ގުދުރަތީ ވަސީލަތްތައް އެއްމެހާ ރައްޔިތުންނާ ހަމައަށް ގެނެސް، ދެމެހެއްޓެނިވި ގޮތެއްގައި އޭގެ މަންފާ އާއި ފައިދާ ހޯދޭނީ ރައްޔިތުންގެ ފަރާތުން އުފެދޭ ވައަތު ފިޔައިގެ ޑިމޮކްރެޓިކް އާ ސިޔާސީ ފިކުރެއް ހޯދިގެންނެވެ. ރައްޔިތުންނަށް އަޅާލުމާއި ލޯބި އިސްކޮށް، ރުޅިވެރިކަމާއި ހަސަދަ އަދި ނަފްރަތުން އެއްކިބާވެގެންނެވެ.

އެޑިޓަރުގެ ނޯޓް

އަހްމަދު މުހައްމަދު، މަޝްހޫރު ނަމުން ނަމަ ފޯމީ އަކީ އިންސާނީ ހައްގުތައް ރައްކާތެރިކޮށްދިނުމާއި އެ ހައްގުތައް ރައްޔިތުންނަށް ކަށަވަރުކުރަން ވަކާލާތުކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އޭނާ ވަނީ އިންސާނީ ހައްގުތަކުގެ ދާއިރާ އިން އޮސްޓްރޭލިއާގެ ކާޓިން ޔުނިވާސިޓީން މާސްޓާޒް ޑިގްރީ ނަންގަވައިފަ އެވެ. މި ލިއުމުގައި އެ ވަނީ އޭނާގެ އަމިއްލަ ހިޔާލެވެ.