މަޖިލީހުގެ މެމްބަރުން އިއްޔެ ގަދަކަމުން މަޖިލީހަށް ވަންނަނީ: ސަރުކާރުން ބުނަނީ ފުލުހުން ވެސް މަޖިލީހަށް ވަނީ އެކަމަށް އެދިގެން ކަމަށް
25 ޖުލައި 2017 - 10:47
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ނުވަދެވޭގޮތަށް މަޖިލީހުގެ އިދާރާގައި ތަޅުއަޅުވައި ބަންދުކުރުމަކީ މަޖިލިސް "ހިސޯރުކުރުން" ކަމަށް ގަބޫލުނުކުރާ ކަމަށް ބުނެ ސަރުކާރުން ރޭ ބަޔާނެއް ނެރެފި އެވެ.
ރައީސް އޮފީހުން ނެރުނު ބަޔާނުގައި ބުނީ ސަލާމަތީބާރުތަކުން މަޖިލިސް "ހިސޯރުކުރި" ކަމަށް މީޑިއާތަކުގައި ފަތުރާ ވާހަކަތަކަށް ސަރުކާރުން އިންކާރުކުރާ ކަމަށެވެ. މަޖިލީހުގެ އިދާރާގެ އެދުމަށް، ސިފައިންނާއި ފުލުހުން މަޖިލީހުގައި ހަރަކާތްތެރިވީ މަޖިލީހުގެ އިދާރާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
މަޖިލީސް ކުރާ ގެ އާއި ގޯތިތެރޭގައި ހިނގައިދިޔަ ކަންތައްތަކާ ގުޅިގެން މަޖިލީހުގެ އިދާރާ އިން ބަޔާން ނެރެފައިވާ ކަމަށް ބުނެ، އެ ބަޔާނާ ހަވާލާދީ ރައީސް އޮފީހުން ބުނީ މަޖިލީހުގައި އިއްޔެ އެއްވެސް ވޯޓެއް ނަގަން އެޖެންޑާކޮށްފައި ނުވާ ކަމަށެވެ. މަޖިލީސް ވެސް އިއްޔެ ނޯންނާނެ ކަން މެމްބަރުންނަށް ކުރިން އަންގާފައިވާ ކަމަށް މަޖިލީހުގެ އިދާރާ އިން ބުނެފައިވާ ކަމަށް ރައީސް އޮފީހުގެ ބަޔާނުގައިވެ އެވެ.
ރާއްޖޭގެ މިނިވަން ދުވަހަށް ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފް ރާއްޖެ ވަޑައިގަންނަވާތީވެ، މާލެ ތެރޭގެ ސަލާމަތީ ކަންކަން ވަރުގަދަކުރަން ޖުލައި 23-31 އަށް އެއްވެސް ކޮމެޓީއެއް ވެސް ނޯންނާނެ ކަން މެމްބަރުންނަށް އަންގާފައިވާނެ ކަމަށް މަޖިލީހުގެ އިދާރާގެ ބަޔާނުގައި ބުނެފައިވާ ކަން ރައީސް އޮފީހުން ފާހަގަކުރެ އެވެ.
ރައީސް އޮފީހުން ބުނީ މަޖިލީހުގެ ގަވާއިދާ ޚިލާފަށް ބައެއް ކަންކަން ހިންގަން، ބައެއް ފަރާތްތަކުން ގޮވާލައި އެކަމަށް މަސައްކަތްކޮށްފައިވާ ކަން ވެސް މަޖިލީހުގެ އިދާރާ އިން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވާ ކަމަށެވެ. އެހެންވެ މަޖިލީހުގެ އިދާރާގެ ސަލާމަތީ ކަންކަން ކަށަވަރުކުރަން އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އެޅުމަށް އެމްއެންޑީއެފްގައި އެދުނީ މަޖިލީހުން ކަމަށް ވެސް ރައީސް އޮފީހުގެ ބަޔާނުގައިވެ އެވެ.
"ރައްޔިތުންގެ މަޖިލިސްކުރާ ގެ އާއި ގޯތި ތެރޭގައި އެމްއެންޑީއެފް އިން މިއަދު [އިއްޔެ] އެޅުއްވި ހާއްސަ ފިޔަވަޅުތަކަކީ 24 ޖުލައި 2017 ގައި ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ޖަލްސާއެއް އެޖެންޑާކޮށްފައި ނުވާއިރު، އެ ދުވަހު މަޖިލިސްކުރާ ގޭގެ ސަރަހައްދަށް އާންމުން އެއްވުމަށާއި ހަމަނުޖެހުން ހިނގުމަށް މަގުފަހިވާނެ ފަދަ ކަންކަން ކުރުމަށް ބައެއް ފަރާތްތަކުން ގޮވާލާފައިވާތީ، ގާނޫނުއަސާސީގެ 105 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލިސްކުރާ ގެ އާއި ގޯތި ތެރޭގެ ސަލާމަތީ ކަންކަން އެންމެ ފުރިހަމައަށް ކަށަވަރު ކުރެއްވުމަށްޓަކައި އެމް.އެން.ޑީ.އެފް. އިން އެޅުއްވި ޚާއްޞަ ފިޔަވަޅުތަކެކެވެ،" ރައީސް އޮފީހުގެ ބަޔާނުގައިވެ އެވެ.
މީޑިއާތަކުން ޚަބަރު ފެތުރުމުގައި އާއްމުންނަށް ހަގީގަތް އޮޅޭ ގޮތަށް ނުފެތުރުމަށް ވެސް ރައީސް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
މަޖިލީހުގެ އިދާރާ އިން ނެރުނު ބަޔާނާ ހަވާލާދީ، ކަން ހިނގި ގޮތް އޮޅުންފިލުވަން ރައީސް އޮފީހުން ބަޔާނެއް ނެރުނުއިރު، މަޖިލީހުން ބަޔާން ނެރުނީ އަމީން އާއްމަށް އެނގިވަޑައިނުގެން ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
މަޖިލިހުގެ އިދާރާ އިން އާންމުކޮށް އަމަލުކުރާ އުސޫލަށް ބަލާއިރު، އެތަނުން ބަޔާން ނެރެނީ އަމީން އާންމަށް އެނގިވަޑައިގެންނެވެ. ނަަމަވެސް އިދިކޮޅު މެމްބަރުން މަޖިލިހުގެ އިދާރާގެ ތެރެއަށް އިއްޔެ މެންދުރު ވަދެވަޑައިގަތުމުގެ ކުރިންނާއި ފަހުން ސިފައިން ހިންގި އެއްވެސް ކަމެއް އަމީން އާންމަށް އެނގިވަޑައިގަންނަވާ ކަމަކަށް ނުވެ އެވެ.
މަޖިލިހުގެ ހުރިހާ ގޭޓެއްގައި ސިފައިން ތަޅު އަޅުވައި ބަންދުކުރަން އެންގި ފަރާތެއް ވެސް އޭނާ އަށް އެނގިވަޑައެއް ނުގަންނަވަ އެވެ. ހަމައެކަނި އަމީން އާންމަށް މިއަދު އެނގިވަޑައިގަތް ކަމަކަށް ވަނީ މަޖިލިހުގެ އިދާރާގެ މުވައްޒަފުން ފިޔަވައި އިތުރު ބަޔަކަށް އެ ތަނަށް ނުވަދެވޭނެ ކަން އެމްއެންޑީއެފުން އަންގާފައި އޮތް ކަމެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ
25 July 2017
އިސްލާމްދީނަށް ޙުރުމަތްތެރިވުމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޤާނޫނުތައް ދެމެހެއްޓުމަށާއި، ޤާނޫނުތަކަށް ރައްކާތެރިވުމަށާއި، ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކުރުމަށް، ﷲ ގަންދީ ހުވައިކޮށްގެންތިބި ދިވެހިރާއްޖޭގެ ސިޔާސީ އެންމެހައި ފަރާތްތަކާއި، އެންމެހައި ފަނޑިޔާރުންނާއި، މިނިވަން މުއައްސަސާތަކުގެ ވެރިންނާއި އެނޫންވެސް މިފަދަ ހުވައިތައް ކޮށްގެންތިބި އެންމެހައި ފަރާތްތަކަށް އިލްތިމާސްކުރަމެވެ. ތިޔަބައިމީހުން ﷲގެ މަތިވެރި ޛާތުފުޅު ގަންދީ ހުވައިކޮށްގެންތިބެ އެއިލާހުގެ ޛާތުފުޅާމެދު އެއްވެސް ބިރުވެތިވުމެއް ޖެހިލުންވުމެއްނެތި މިހާރު ކަންތައްތައް ކުރަމުން ގެންދާގޮތުން އަހަރެން (ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ) މިވަނީ އެއްވެސް އަގެއްނެތް އެއްޗަކަށް ވެފައެވެ. ރައްޔިތުންގެ އެތައް ޙައްޤުތަކެއްވަނީ ނިގުޅައިގަނެވިފައެވެ. މިދުނިޔޭގައި ކަލޭމެން ކޮށްދިނިއްޔާމެނުވީ އަހަރެންގެ ދިފާޢުގައި އަހަރެން އަމިއްލައަށް އެއްވެސް ކަމެއް ކުރެވޭކަށް ނޯވެއެވެ. އަހަރެން ދުނިޔެއަށް އުފަންވީ ވެސް، ކަލޭމެން އަހަރެން ރައްކާތެރިކޮށްދީ، ޙިމާޔަތްކޮށްދޭނެކަމަށް ﷲގަންދީ ކުޅަ ވަޢުދުގެ މަތީގައެވެ. މިއަދު ކަލޭމެންކުރެ ގިނަބަޔަކު އެވަޢުދު އުވައިލުމުން އަހަރެން މިވަނީ ބިކަވެ، ނިކަމެތިވެފައެވެ. އަހަރެންގެ ދުވަސްދިޔުމުގެކުރިން ﷲއަށް ޓަކައި އަހަރެން ޙިމާޔަތްކޮށް ރައްކާތެރިކޮށްދިނުން އެދެމެވެ. އެކަން ކޮށްނުދީފިނަމަ އަހަރެންނާމެދު ކަލޭމެންކުރެ ގިނަ ބަޔަކު ކަންކުރަމުން ތިޔަގެންދާ އިހާނެތި ގޮތާމެދު އަހަރެން ﷲގެ ޢަދުލުވެރި އިންސާފުވެރި ޙަޟުރަތުގައި ކަލޭމެންނާ ޚިލާފަށް ދަޢުވާކުރާހުށީމެވެ. އެދުވަހަކީ މަޤާމުގެ މަތިވެރިކަމަކުން، ފައިސާއަކުން، ދޮގުބަހަނާތަކަކުން އެއްވެސް މަންފާއެއް ކުރާނެ ދުވަހެއްނޫންކަން ކަލޭމެން ހަނދާންނައްތާލާފައި ވާކަމާމެދު ހައިރާންވަމެވެ.
ސަހަރޯ
25 July 2017
ހިސޯރު ކުރި
ދާދޭ
25 July 2017
ޙިސާރުކުރުމަކީ ކޮބައިކަން ނޭގޭބަޔަކަށް ޙިސާރުކުރެވުނަސް ނޭގޭނެ. ޢެއީ ކޮންމެހެން ގަމާރުވީކީނޫން.
އުދުހޭ
25 July 2017
މީސްމީހުގެ ގޯތިގެދޮރުވެސް ހިސޯރެއް ނުކުރޭ ދޮތަ؟ ކުނޫޒަކީ އަމިއްލަ މީހެއްގެ ގެއެއް! އެތަނަށް މީހުން ވަނަ ނުދިނުމަކީ ގޭގެ ވެރިފަރާތް ފިޔަވާ އެހެން އެއްވެސް މީހަކަށް އޮތް ހައްގެންނޫން. ޔާ ﷲ މި ގައުމު ފަސާދަކުރާ މީހުންނަށްގެ ކިބައިން އަޅަމެން ސަލާމަތްކުރައްވާންދޭވެ! އާމީން!
ދިވެހިން
25 July 2017
ސަރުކާރުން ތިހެން ބުންޏަސް ރާއްޖޭގެ ގިނަ ރައްޔިތުން އެކަން ޤަބޫލެއް ނުކުރެ، ބަޔާނެއް ނެރުމުން ރައްޔިތުން ހަމަަޖެހޭނެކަމަށްތަ
ސަލީމް
25 July 2017
މޮޅުވާހަކަ ނުދައްކާ މުޅި މިރާއްޖޭގެ އެންމެ ރަށްޔިތުންނާއި މުޅި ދުނިޔެ ތިޔަކުރެއްވި ޤާނޫނާއި ޚިލާފް ޢަމަލްތައް ދިޔައީ ބަލަމުން ހެކި ނައްތާލެވުނަސް އިންސާނުން އަދި އެބަތިބި ތިހެން ކޮށްލާ ޓުވީޓަކުން ނެރޭ ބަޔާންނަކުން ކުރާނެ ކަމެއްނެތް، ނުބައި ކަންކަމާއި ބާތިލް ކަންކަމުގެ މައްޗައް އަބަދުވެސް ﷲ ނަސްރު ދެއްވާނެ އަމިއްލަ އަތުން އަމިއްލަ ކަރުގަ ވަޅިއެޅުންފަދަ ކަންކަން މިއަދު ތިޔަކުރައްވަނީ
ހޭޅިފަށް
25 July 2017
ހިސޯރުކުރި ކަމައްވާނީ ކިހިނެއްވީމާ، އީރާގައް އަރާ ބަގުދާދު އެމެރިކާ ސިފާން ހިސޯރުނުކުރާ ކަމައްބުނި،
މުކޮސް
25 July 2017
"ރާއްޖޭގެ މިނިވަން ދުވަހަށް ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފް ރާއްޖެ ވަޑައިގަންނަވާތީވެ، މާލެ ތެރޭގެ ސަލާމަތީ ކަންކަން ވަރުގަދަކުރަން ޖުލައި 23-31 އަށް އެއްވެސް ކޮމެޓީއެއް ވެސް ނޯންނާނެ"... ނަމަވެސް މިއަދު އެދިމާއިން ސްކޫލު ކުދިންނާ، ބެލެނިވެރިންނާ އޮފީސް މީހުންނާއެކު ކާރުބާރު ބޮޑުވެފާ އޮތީ. މަށަށް ނޭގި 31 އައިސް ނިމުނީތާ؟
ޙަބުލް
25 July 2017
ޙާދަހާ ދޮގު ހަދާ ސަރުކާރަކޭމީ ރޯމާދުވާލު
ހައިރާން ވެއްޖެ
25 July 2017
ތިޔަ މަޖުލީހުގެ އިދާރާ އަކީ ކާކުތަ؟ ކާކުތަ ތިބުނާ ޚާއްޞަ ފިޔަވަޅުތަކެއް އަޅަން އެދުނީ. ކާކުތަ މި މަޖްލީހުން ބަޔާން ނެރެނީ.