ޚަބަރު / ރައްޔިތުންގެ މަޖިލިސް

ވައްޑެ، ސައުދު އަދި އަމީތުގެ މައްސަލަ އިސްތިއުނާފް ކުރަނީ

ހައްޔަރު ކޮށްފައިވާ މެމްބަރު ވަހީދުގެ ގާނޫނީ ވަކީލު މަހުފޫޒު (ކ) އާއި އަމީތުގެ ވަކީލު އަލީ ޒާހިރު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ-- ފޮޓޯ: ހުސެން ވަހީދު / މިހާރު

ފުލުހުންގެ ސަފުތައް ފަޅާލައި، ރައްޔިތުންގެ މަޖިލީހަށް ވަންނަން އުޅުއްވި ކަމުގެ ތުހުމަތުގައި މިހާރު ހައްޔަރު ކޮށްފައިވާ، މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމާ މެދު ސުވާލު އުފެދިފައިވާ ތިން މެންބަރުންގެ މައްސަލަ އިސްތިއުނާފް ކުރުމަށް ނިންމައިފި އެވެ.

އެ ތިން މެމްބަރުންނަކީ މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތާއި ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ) އާއި ވިލިނގިލީ ދާއިރާގެ ސައުދު ހުސައިނެވެ. މި ތިން ބޭފުޅުންގެ ވަކީލުން މިއަދު ހަވީރު މ. ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ އެ މެމްބަރުން ހައްޔަރު ކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ވާތީ، މައްސަލަ އިސްތިއުނާފް ކުރުމަށް މާދަމާ ހައި ކޯޓަށް ހުށަހަޅުއްވާނެ ކަމަށެވެ.

މި ތިން މެމްބަރުން ވެސް ހައްޔަރު ކޮށްފައިވަނީ މަޖިލީހުގެ މެމްބަރުން ނޫން ކަމަށް މަޖިލީހުން ކަނޑައަޅާފައިވާ ބަޔަކު، ފުލުހުންގެ ސަފުތައް ފަޅާލާފައި އެ ތަނަށް ވަންނަން އުޅުނު ކަމަށް ތުހުމަތުކޮށްފަ އެވެ.

ވަކީލު އަލީ ޒާާހިރު: މެމްބަރުން ހައްޔަރު ކުރީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް ވިދާޅުވި-- ފޮޓޯ: ހުސެން ވަހީދު/ މިހާރު

އޭގެ އިތުރުން ހުއްދަ ނެތް ތަންތަނަށް ވަނުމާއި ދައުލަތް ހިންގުމުގެ ދާއިރާ އަށް ހުރަސް އެޅުމާއި ގާނޫނު ތަންފީޒު ކުރާ މުވައްޒަފަކަށް ހުރަސް އެޅުމާއި އަމަން އާއްމު ނަގައިލުމުގެ ތުހުމަތާއި އާއްމު މަސްލަހަތަށް ގެއްލުން ދިނުމުގެ ތުހުމަތު އެ މެމްބަރުންގެ މައްޗަށް ކުރެ އެވެ.

މަޖިލިހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ހަ ބޭފުޅުންގެ ތެރޭގައި މި ތިން ބޭފުޅުން ވެސް ހިމެނެ އެވެ. އެކަމަކު މަޖިލީހުގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް އިން ކަނޑައެޅި މައްސަލަ ބާތިލު ކޮށްދިނުމަށް ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ މައްސަލަ އެ ކޯޓުން ވަނީ ބަލައިގެންފަ އެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވަހީދާއި އަމީތުގެ ގާނޫނީ ވަކީލުން، މަހުފޫޒު ސައީދާއި އަލީ ޒާހިރު ވިދާޅުވީ މެމްބަރުންގެ ގޮނޑި ގެއްލުމާ ގުޅޭ ގޮތުން ސުޕްރީމު ކޯޓުން ވަކި ގޮތެއް ނާންގަނީސް، ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް އަށް ނުނިންމޭނެ ކަމަށާއި އެހެންވެ، ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހައްޔަރު ކޮށްފައިވަނީ މަޖިލީހުގެ މެމްބަރުންތަކެއް ކަމަށެވެ. އަދި ކޯޓުގައި ވަކީލުން އެންމެ ބޮޑަށް ވާހަކަ ދައްކާފައިވަނީ ވެސް އެކަމާ ގުޅޭ ގޮތުން ކަމަށް ވިދާޅުވި އެވެ.

މެމްބަރުންގެ ގޮނޑި ގެއްލުމާ ގުޅޭ ގޮތުން އެންމެ ފަހު ބަސް ބުނާނީ ސުޕްރީމް ކޯޓުން ނަމަވެސް އެކަމާ ގުޅޭ ގޮތުން ކްރިމިނަލް ކޯޓުން މިހާރު ގޮތް ނިންމާފައިވާ ކަމަށް ވަކީލުން ވިދާޅުވި އެވެ.

އެގޮތުން އަމީތަކީ މެމްބަރެއް ނޫން ކަމަށް ކްރިމިނަލް ކޯޓުން ނިންމާފައިވާ އިރު ވަހީދާއި ސައުދާ މެދު ވެސް ނިންމަވާފައިވާނީ އެގޮތަށް ކަމަށް ގަބޫލު ކުރެއްވޭ ކަމަށް ވިދާޅުވި އެވެ.

އަލީ ޒާހިރު ވިދާޅުވި ގޮތުގައި މެމްބަރުން ހައްޔަރު ކޮށްފައިވަނީ އެ ބޭފުޅުންނަށް ލިބިފައިވާ އިމްތިޔާޒުތަކުގެ ވެސް ބޭރުންނެވެ. އެގޮތުން، މެމްބަރަކު ހައްޔަރު ކުރާ ނަމަ ޕްރޮސެކިއުޓާ ޖެނެރަލްގެ ލިޔުމެއް ބޭނުންވާ ކަމަށާއި އެކަމަކު ފުލުހުންގެ އަތުގައި އޮތީ ހަމައެކަނި ކޯޓު އަމުރެއް ކަމަށް ވިދާޅުވި އެވެ. އަދި މެމްބަރަކު ހައްޔަރު ކުރާ ނަމަ 15 މިނިޓް ތެރޭގައި މަޖިލީހުގެ ރައީސަށް ނުވަތަ އަމީން އާއްމަށް އަންގަން ޖެހުނަސް އެކަން ވެސް ކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މެމްބަރު ވަހީދުުގެ ލޯޔަރު މަހްފޫޒު މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ-- ފޮޓޯ: ހުސެން ވަހީދު/ މިހާރު

އަލީ ޒާހިރު ވިދާޅުވީ ގާނޫނުއަސާސީ އާއި މީގެ ކުރިން ސުޕްރީމު ކޯޓުން ނިންމާފައިވާ ނިންމުންތަކަށް ބަލާއިރު، މެމްބަރެއްގެ ގޮނޑިއާ މެދު ގޮތެއް ނިންމޭނީ އެ މައްސަލައެއްގެ އިސްތިއުނާފީ ހުރިހާ މަރުހަލާއެއް ނިމުމުން ކަމަށެވެ. އެކަމަކު އެކަމަށް ރިއާޔަތްނުކޮށް، އެ މައްސަލައިގައި ކްރިމިނަލް ކޯޓުން މެމްބަރުންގެ މައްޗަށް 15 ދުވަހުގެ މުއްދަތު އިތުރު ކޮށްފައިވާ އިރު އެއީ މެމްބަރުންނާއި އެ ބޭފުޅުން އައްޔަން ކުރި އެތައް ހާސް ރައްޔިތުންގެ ހައްގުތައް ގެއްލޭނެ ފަދަ ކަމެއް ކަމަށް ވިދާޅުވި އެވެ.

މަހުފޫޒު ވިދާޅުވީ މަޖިލިސް ތެރެއަށް ވެންނެވި ކަމަށް މެމްބަރު ވަހީދު އިންކާރު ނުކުރައްވާ ކަމަށާއި އެހެންވެ، އެކަމުގައި ގެއްލުވާލާނެ ހެއްކެއް އޮތް ކަމަށް ބަލައި، ބަންދުގައި ބަހައްޓަވައިގެން ކުރަން ޖެހޭ ތަހުގީގެއް ނެތް ކަމަށެވެ. އަދި އެއީ އާދައިގެ މީހެއްގެ މައްޗަށް ކުރާ ތުހުމަތެއްގައި ނަމަވެސް އަމަލު ކުރަން ޖެހޭ އުސޫލު ނޫން ކަމަށް ވިދާޅުވި އެވެ. އޭގެ އިތުރުން މެމްބަރު ސައުދު ހޯއްދެވުމަށް ފުލުހުން އިއުލާން ކުރެއްވުމަކީ އެ ބޭފުޅާގެ އަބުރަށް ވެސް ލިބިވަޑައިގެން ވަރަށް ބޮޑު ހުތުރެއް ކަމަށް މަހުފޫޒު ވިދާޅުވި އެވެ.

3 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 78%
icon sad icon sad 22%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އުދުހޭ

30 July 2017

ދެން ކޮން ދައުވާއެއްތަ ނުކުރަނީ؟ އުލަކަށް އަމުނާލަފަހުރި މަސް ފައްޗެއްހެން ބަރިބަރިއަށް މައްސަލަ ލީމަ ދެން އޭގެން ކޮންމެވެސް އެކައްޗެއްގައި އަޅައިގަންނާނެކަމަށް ދޯ ތިޔަ ބަލަނީ؟ މިއީ އަދުލުއިންސާފު ގާއިމްކުރާގޮތްތަ؟

The name is already taken The name is available. Register?

ބޯގޯސް

29 July 2017

ތިކަން ވާނެބާ؟

The name is already taken The name is available. Register?

ނަޑެއްލާ

29 July 2017

ބޭކާރު މަސައްކަތް ނުކުރުމަށް ދަންނަވަން. ޙުކުމް އަންނާނެ ގޮތް މަމެންނަށް ވަރަށް ސާފު.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454