ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް (ވ) ފުލުސް އޮފީހުން ނިކުމެވަޑައިގަންނަވަނީ - ފޮޓޯ: ނިޝާން އަލީ/ މިހާރު
10 ސެޕްޓެމްބަރ 2017 - 11:00
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަކީ ރަނގަޅު ކަންކަން ކުރަން ބިރުގަންނަ ސަރުކާރެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ، ޖުމްހޫރީ ޕާޓީގެ މެމްބަރު ފައިސަލް ނަސީމް ރޭ ވިދާޅުވެއްޖެ އެވެ.
އަޟްހާ އީދު ބަންދަށް ފަހު، އިދިކޮޅު ޕާޓީތައް ގުޅިގެން މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ ވޭތުވެ ދިޔަ ހަތަރު އަހަރުގެ ތެރޭގައި ހަމައެކަނި ފެނުނީ "ތަރައްގީ"ގެ ނަން ބޭނުންކޮށްގެން ރައްޔިތުންގެ ސިކުނޑިތަކަށް ވަންނަން މަސައްކަތް ކުރާ ތަން ކަމަށެވެ.
"ރައްޔިތުން ތަރައްގީ ބޭނުން ވާނެ. ކޮންމެ ގައުމެއް އަދި މުޖުތަމައުއެއްގައި ތަރައްގީ ބޭނުން ވާނެ،" ފައިސަލް ފައުންޑޭޝަންގެ ނަމުގައި ޖަމިއްޔާއެއް އުފައްދަވައި، ގިނަ ބަޔަކަށް އެހީވަމުން އަންނަ ފައިސަލް ވިދާޅުވި އެވެ.
ނަމަވެސް ތަރައްގީއަކީ ދަރީންގެ ބޮލުގައި އެތައް ދަރަނިތަކެއް އެޅޭ ގޮތަށް އެއްވެސް ގައުމެއްގެ ސަރުކާރަކުން ކަންތައް ކުރާނެ ގޮތެއް ނޫން ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ. އެހެންވެ، މިކަންކަމާ މެދު ރައްޔިތުން ކުރިއަށް ވުރެ ބޮޑަށް ވިސްނައި، ހޭލުންތެރިވާން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ބްރިޖެއް ވެސް އަޅުގަނޑުމެންނަށް އެބަ ފެނޭ. 25 ބުރީގެ އިމާރާތެއް އެބަ ފެނޭ. ބޮޑު އެއާޕޯޓެއް އެޅުމުގެ މަންޒަރުތައް ވެސް އެބަ ފެނޭ. ވިސްނާލަން ޖެހޭ ކަމަކީ މިފަދަ ކަންތައްތައް ކުރާއިރު، އެކަމުގެ ނާޖައިޒު ފައިދާ ކިހާ ވަރަކަށް ނަގާތޯ؟" ފައިސަލް ވިދާޅުވި އެވެ.
"މިއިން ކޮންމެ މަޝްރޫއަކުން ކިތައް ކަންތައްތައް ހެޔޮ ގޮތުގައި ކޮށްފި ނަމަ ކުރެވިދާނެތޯ މިއީ ރައްޔިތުން ކުރާނެ ސުވާލުތައް،" ސަރުކާރުން ހިންގާ ބޮޑެތި މަޝްރޫއުތައް ފާހަގަ ކުރައްވައި ފައިސަލް ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވި ގޮތުގައި މި ގައުމުގައި އަނިޔާވެރިކަމާއި ކޮރަޕްޝަންގެ އަމަލުތައް ދިގުލައިގެން ހިނގައްޖެ އެވެ. އެކަމަކު، އަނިޔާވެރިކަމުގެ ދުވަސްތައް ދިގުދެމިގެންދާން ރައްޔިތުން ބޭނުން ނުވާ ކަމަށާއި ރައްޔިތުން ބިރުފަހަނައަޅައި ނިކުންނަން ޖެހޭ ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.
ފައިސަލް ވަނީ އަނިޔާ އިން ސަލާމަތްވުމަށް ގާނޫނުއަސާސީން ލިބޭ މިނިވަންކަމުގެ ބޭނުން ކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. އަދި ގައުމެއް ނެތިގެން ދާއިރު، އެ ގައުމެއް ސަލާމަތް ކޮށްދޭން ޖެހޭނީ ސަލާމަތީ ބާރުތަކާއި އިންސާފު ގާއިމުކުރަން ތިއްބެވި ފަނޑިޔާރުން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އަނިޔާވެރިކަމުން ސާލާމަތްކޮށް، ހަމަޖެހިގެން ދިރިއުޅެވޭނެ ގޮތެއް މަގުފަހިކޮށްދިނުމަށް އޭނާ ގޮވާލެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ންންންން
26 June 2019
މިއަށް ކިޔަނީ ކްލިކްބެއިޓް ޓައިޓްލް..
ހުސެއިން
10 September 2017
މީދެން މިހާރު ސިޔާސީގޮތުން މާއުސްމިނަކަށް އާދެވިފާވާ މީހެކޯމިހާރު. ބަލަގަ އެއްމެނަށްވެސް އިގެޔޭ އެކޮއެ ތިޔައީ ގާސިމްބެގެ އޖެންޓެއްކަން
ވިސްނޭ ހުތާ
10 September 2017
ތިޔަބޭފުޅުންގެ ސަރުކާރެއްގައި ތިވިދާޅުވި ބޮޑެތި ބިޔަ މަޝްރޫއުތައް ހިގަން ފެށިނަމަ ކިހާވަރަކުން ދިޔައީސްބާ ހީވަނީ ބައި ބޮޑުވީމާ އަޅަންޖެހޭ ބައިވެސް ބޮޑުވާނެހެން
އަޑޭ
10 September 2017
ތިއީ ރަނގަޅު ވެދާނެތީ ބިރުންތެޅިފޮޅޭ ހޮކިންތަކެއް