ޚަބަރު / ރައީސް މައުމޫން އަބްދުލްގައްޔޫމް

ބޭނުންވަނީ ބިރުވެރިކަން ނެތް މާހައުލެއް ގާއިމްކުރުން: މައުމޫން

ރާއްޖޭގައި މިހާރު އޮތީ ބިރުވެރި މާހައުލެއް ކަމަށާއި މިހާރު ބޭނުންވަނީ އެ މާހައުލު ނައްތާލުން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ފަރާތްތަކުން ރޭ ބޭއްވި ޖަލްސާގައި މައުމޫން ވިދާޅުވީ މިއަދު ކޮންމެ މީހަކު ވެސް ހުންނަންޖެހެނީ ކޮންމެވެސް ކަމަކާ ބިރުން ކަމަށާއި ކޮންމެ ފަދަ ކަމެއް ވެސް ސަރުކާރުން ކޮށްފާނެ ކަމުގެ ބިރުވެރިކަން އެބައޮތް ކަމަށެވެ.

މައުމޫން ވިދާޅުވީ ހިތުގައި އޮންނަ އެއްޗެއް ބިރުވެރިކަމެއް ނެތި ހާމަކޮށްފި ނަމަ، އެމީހެއްގެ ވަޒީފާ ގެއްލުން ނުވަތަ އާމްދަނީ ހޯދުމަށް ކުރަމުން އައި މަސައްކަތް ހުއްޓުން ނުވަތަ އަނބިދަރިންނަށް ކޮންމެވެސް ދެރަގޮތެއް ދިމާވުން ފަދަ ކަމެއް ކުރިމަތިވާ ކަމަށެވެ. އަދި އެފަދަ ކަންކަން ހިނގާފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އޭގެ ތެރޭގައި ގައުމުގެ އިސްބޭފުޅުންގެ އިތުރުން އާންމުން ވެސް ހިމެނޭ ކަމަށް މައުމޫން ވިދާޅުވި އެވެ.

މައުމޫން ވިދާޅުވީ އެމަނިކުފާނުގެ ގާތް ރަހުމަތްތެރިން ވެސް ގުޅުއްވައި ހިތްވަރު ދެއްވާ ކަމަށާއި އެކަމަކު އާންމު ތަންތަނުގައި އެ ވާހަކަތައް ދައްކަން އެބޭފުޅުން ޖެހިލުންވާ ކަމަށެވެ.

"އެކަމަކު ނުލާހިކު ރަނގަޅުކޮށް އެބޭފުޅުން ތިއްބަވަނީ. މިސާލަކަށް މި ފާރިސް ކަންތަކުގައި ވެސް ވަރަށް ގިނަ ބޭފުޅުން އަޅުގަނޑާ ފޯނުން ގުޅުއްވައި އެބޭފުޅުންގެ ތާއީދު އޮތްކަން ހާމަކޮށްދެއްވާ. އެބޭފުޅުން ތިއްބެވީ އަޅުގަނޑުމެންނާ އެކީގައި ކަން ޔަގީން ކޮށްދެއްވާ. އެކަމަކު ތަނަކަށް ވަޑައިގެންފައި [ވިދާޅުވާކަން] ކެރިވަޑައެއް ނުގަންނަވާނެ. އަޅުގަނޑު ވެސް ނޭދެން އެބޭފުޅުންނަށް ގެއްލުން ވާކަށް،" ޖުމްހޫރީ ޕާޓީގެ އޮފީސް މ. ކުނޫޒްގައި ބޭއްވި ޖަލްސާގައި މައުމޫން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ބޭނުންވަނީ ބިރުވެރިކަން ނެތް މާހައުލެއް ގާއިމް ކުރުމަށް ކަމަށެވެ. އަދި ގާނޫނީ އިމުގެ ތެރެއިން، އެމީހަކު ބޭނުން ކޮންމެ ކަމެއް ކުރުމުގެ ފުރިހަމަ އިޚުތިޔާރާއި ބާރު އޮންނަ މާހައުލެއް ގާއިމް ކުރަން އިދިކޮޅު ފަރާތްތަކުން ބޭނުންވާ ކަމަށް މައުމޫން ވިދާޅުވި އެވެ. އަދީ ގުރުއާނުގެ އަލީގައި އެމަނިކުފާނު އޭގެ މިސާލުތައް ދައްކަވައިފަ އެވެ.

"އެއްވެސް މީހެއްގެ ރިޒްގުގައި ސަރުކާރަކަށް އަތެއް ނޭޅޭނެ. އެއްވެސް މީހަކަށް ލިބެން އޮތް ނިއުމަތެއް ސަރުކާރަކަށް މަނައެއް ނުކުރެވޭނެ. އެއްވެސް މީހަކަށް ލިބެން އޮތް ބަދުނަސީބެއް ސަރުކާރުން މަނައެއް ނުކުރެވޭނެ. އެ ހުރިހާ ކަމެއް މިލްކުވެވޮޑިގެންވާ ފަރާތަކީ ﷲ ސުބުހާނަހޫ ވަތައާލާ. އެހެންވީމާ އަޅުގަނޑުމެން ބިރުވެތިވާންވީ ހަމައެކަނި ﷲ ސުބުހާނަހޫ ވަތައާލާ އަށް. އެހެން ފަރާތަކަށް ބިރުވެތިވާކަށް ނުޖެހޭ. ވަޒީފާއަށްޓަކައި. އަނެއް ކަމަކަށްޓަކައި ބިރުން ތިބޭކަށް ނުޖެހޭ،" މައުމޫން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ﷲ ފިޔަވައި އެހެން ފަރާތެއް ދެކެ ބިރު ނުގަތުމުގެ ވިސްނުން އާންމުންގެ ތެރޭގައި ފަތުރަންޖެހޭ ކަމަށެވެ.

"އެއްވެސް އިންސާނަކު އަނެއް އިންސާނަކަށް ބިރުވެތިވެގެން ނުވާނެ. ކިތަންމެ ބޮޑު، ކިތަންމެ މޮޅު، ކިތަންމެ ފައިސާވެރި، ކިތަންމެ ބާރުގަދަ އިންސާނަކަށް ވިޔަސް އެމީހަކަށް ބިރުގަނެގެން ނުވާނެ. އަޅުގަނޑުމެން ކުރަންވީ ކަންތައް ކުރަންވާނެ. ބިރުވެތިވާން ޖެހޭ ހަމައެކަނި ފަރާތަކީ ﷲ ސުބުހާނަހޫ ވަތައާލާ،" މައުމޫން ވިދާޅުވި އެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ރޭ ވަނީ އެއްބަފާ ކޮއްކޯފުޅު ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ސިޔާސީ އިދިކޮޅު ފަރާތްތަކާ މެދު އަމަލުކުރާ ގޮތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އަދި އެއީ ސަރުކާރުން އެބޭފުޅުންނަށް ދޭ އަނިޔާ ކަމަށް ވިދާޅުވި އެވެ. އޭގެ ތެރޭގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އަދާލަތު ޕާޓީގެ ރައީސް ޝޭހު އިމްރާން އަބްދުﷲ ގެ ނަން މައުމޫން ފާހަގަކުރެއްވި އެވެ.

މައުމޫން ވިދާޅުވީ ތިން އަހަރުގެ މުއްދަތަށް ޖަލަށް ލާން ހުކުމްކޮށްފައިވާ ގާސިމް މިހާރު ތަހައްމަލު ކުރަމުންދަނީ ވަރަށް ބޮޑު އަނިޔާއެއް ކަމަށާއި ސިއްހީ ހާލަތު ވަރަށް ސީރިއަސް ކަމަށެވެ. އަދި ވިދާޅުވީ ގާސިމާ މެދު ސަރުކާރުން އަމަލުކުރި ގޮތުން ފެނުނީ އަނިޔާވެރިކަމުގެ ލާމަސީލު މިސާލެއް ކަމަށެވެ.

"ނުކުރައްވާ ކަމަށް އެ އޮތީ އަދަބެއް ދީފައި، މިތަނުގައި އޮތް ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން [ގާސިމް] ވިދާޅުވީ ތިމަންނަމެންނާ އެކީގައި މަޖިލީހުގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް ތިމަންނަމެން އެހީތެރިވެދޭނަމޭ. ތިމަންނަމެން ވެސް އެބޭފުޅުންނަށް އެއްބާރުލުން ދޭނަމޭ. މީގައި ކޮބައިތޯ ރިޝްވަތެއް؟ ފައިސާގެ ވާހަކައެއް ވިދާޅެއް ނުވޭ. ކަމެއް ކޮށްދެއްވާނަމެކޭ ވިދާޅެއް ނުވޭ. އެއްވެސް މަންފާއެއް ހޯއްދަވައި ދެއްވާނަމެކޭ ވެސް ވިދާޅެއް ނުވޭ،" މައުމޫން ވިދާޅުވި އެވެ.

"މިއީ ސިޔާސީ ގޮތުން އަޅުގަނޑުމެން ވާހަކަ ދައްކާއިރު އަބަދުވެސް ދައްކާ ވާހަކައެއް. އަޅުގަނޑު ވެސް އެހެން ބުނާނަން. އެހެން މީހުން ވެސް އެހެން ބުނާނެ. މިއީކީ ރިޝްވަތެއް ނޫން."

ގާސިމް ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި ވަނިކޮށް، އޭނާ ޖަލަށް ލާން ދަންވަރު 1:15 ގައި ކްރިމިނަލް ކޯޓުން ހުކުމްކުރި މައްސަލާގައި ވެސް މައުމޫން ފާޑުވިދާޅުވި އެވެ.

ގާސިމާ މެދު ސަރުކާރުން އަމަލުކުރީ އޯގާތެރިކޮށް ކަމަށް ސަރުކާރުގެ އިސްވެރިން ވިދާޅުވަމުން ގެންދަވާތީ، މައުމޫން ވިދާޅުވީ "އަޅުގަނޑުމެންނަށް ރަނގަޅީ މިވަރުގެ އޯގާތެރިކަމެއް ނުފެނުނިއްޔާ" ކަމަށެވެ.

"ކިހާ އޯގާތެރިވީމަތޯ މީހަކު ކޯޓުގައި އުޅެނިކޮށް، އަނބުރައިގަނެގެން ވެއްޓުނީމާ ހޮސްޕިޓަލްގައި އެޑްމިޓްވެފައި، ސީރިއަސް ހާލެއްގައި އޮއްވައި ޣައިރު ހާޒިރުގައި ރޭގަނޑު ދަންވަރު ހުކުމެއް ކުރާނީ. އަޅުގަނޑުމެންނަށް ރަނގަޅީ މިވަރުގެ އޯގާތެރިކަމެއް ނުފެނުނިއްޔާ،" މައުމޫން ވިދާޅުވި އެވެ.

މައުމޫން ވިދާޅުވީ އިތުރު ފަރުވާ އަށް ގާސިމް ބޭރަށް ގެންދިއުމުގެ ހުއްދަ ސަރުކާރުން ދިނީ ވެސް ތާކުންތާކު ނުޖެހޭ ގޮތަކަށް ކަމަށެވެ. އަދި ރާއްޖެ އިން ބޭސްފަރުވާ ކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ގާސިމަށް ދިން 10 ދުވަހުގެ މުއްދަތާ މެދު މައުމޫން ސުވާލު އުފެއްދެވި އެވެ.

އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި ގާސިމް ބޭސްފަރުވާ އަށް ވަޑައިގެންނެވި ދުވަހާއި 10 ދުވަސް ހަމަވުމުގެ ދެ ދުވަސް ކުރިން މާލެ ވަޑައިގަންނަވަން ޝަރުތު ކޮށްފައި ވާތީ ގާސިމަށް ފުލް 10 ދުވަސް ފަރުވާ އަށް ލިބިވަޑައެއް ނުގަންނަވާނެ އެވެ.

"އޯގާތެރިކަމުގެ ކޮޅެއްވެސް ނެތް،" އިދިކޮޅު ހަރަކާތުގައި އިސްކޮށް އުޅުއްވާ ބޭފުޅުންގެ ތެރޭގައި ހިމެނޭ ގާސިމާ މެދު ސަރުކާރުން އިހާނެތިކޮށް އަމަލުކުރާ ކަމަށް އިޝާރާތް ކުރައްވައި މައުމޫން ވިދާޅުވި އެވެ.

ބޭސްފަރުވާ އަށް ގާސިމް މިިދިޔަ ބުދަ ދުވަހުގެ ރޭ ސިންގަޕޫރަށް ވަޑައިގެންފައިވާއިރު، ހަދަންޖެހޭ ޓެސްޓުތަކާއި ފަރުވާ އަށް ތިން މަސް ދުވަހު އެ ގައުމުގައި މަޑުކުރަން އޭނާ ބެއްލެވި ޑޮކްޓަރު ވަނީ ލަފާދެއްވައިފަ އެވެ. އެހެންވެ ސިންގަޕޫރުގައި ބޭސްފަރުވާ އަށް ހުންނެވުމުގެ މުއްދަތު ޑިސެމްބަރު މަހުގެ ނިޔަލަށް އިތުރުކޮށްދިނުމަށް ގާސިމްގެ އާއިލާ އިން މިހާރު ވަނީ ކަރެކްޝަނަލް ސާވިސްގައި އެދިފަ އެވެ.

ގާސިމް ބެއްލެވި ސިންގަޕޫރުގެ ހާޓް، ސްޓްރޯކް އެންޑް ކެންސާ ސެންޓަރުގެ ޑޮކްޓަރު މައިކަލް ލިމް ޗުން ލެންގް ސޮއިކުރައްވައި ގާސިމަށް ދެއްވި ލިޔުމުގައި ވިދާޅުވީ، ގާސިމްގެ ހިތަށް ލޭ ފޮނުވާ މައި ނާރުތަކަށް މައްސަލަ ދިމާވެފައިވާ ކަމަށެވެ. އަދި ގާސިމަށް ކުރިމަތިވެފައި ވަނީ "ވެސަލް ކޮރޮނަރީ އާޓެރީ ޑިޒީސް" ކަމަށް ޑޮކްޓަރު ވިދާޅުވެފައިވެ އެވެ.

ގާސިމްގެ އިތުރުން އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމުރާން އަބްދުﷲ ޖަލަށް ލާފައިވާ މައްސަލާގައި ވެސް މައުމޫން ރޭ ފާޑުވިދާޅުވި އެވެ.

އިމްރާނަކީ އެހާ ޒުވާން އަދި އެހާ ސިއްހީ ގޮތުން ރަނގަޅު ހާލަތެއްގައި ހުންނެވި ބޭފުޅަކަށް ނުވާއިރު އޭނާ ޖަލުގައި ދުވަސްތައް ހޭދަކުރައްވަނީ ވަރަށް ހާލުގައި ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.

"އެމަނިކުފާނުގެ އަނބިކަނބަލުން އިންނެވީ އާލާސްވެ، ވަރަށް އަވަހަށް ރައްކާވުމުގެ ހާލަތް ކުރިމަތިވެދާނެ. ގޭގައި ތިއްބެނީ ހަތަރު އަންހެން ކުދިން. އެކަމަކު އަދިވެސް އޮންނަވަން ޖެހެނީ އެއްކަލަ ހިތްދަތި ވޭންދެނިވި ކުޑަގޮޅީގައި. އޯގާތެރިކަން މިއަށް ވުރެ ބޮޑަށް ކިހިނެއްތޯ އޮންނާނީ،" މައުމޫން ވިދާޅުވި އެވެ.

މައުމޫން ވިދާޅުވި ގޮތުގައި ނަޝީދުގެ މައްޗަށް ވެސް ކޮށްފައިވަނީ އަނިޔާވެރި ހުކުމެކެވެ. އަދި އެ ޝަރީއަތް ހިނގި ގޮތާ މެދު ވެސް ވަރަށް ގިނަ ބަޔަކު ސުވާލު އުފައްދާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ނަޝީދު ރާއްޖެ އިން ބޭރުގައި ހުންނަވައިގެން އެކި ގައުމުތަކަށް ވަޑައިގެން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް ޝުކުރު ހައްގު ކަމަށާއި އޭގެ ނަތީޖާ ފެންނާނެ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.

މައުމޫންގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން މާފުށީ ޖަލުގައި ހައްޔަރުކޮށްގެން ގެންގުޅޭތާ 50 ދުވަހަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، މައުމޫން ވިދާޅުވީ އެކަމާ ގުޅޭ ގޮތުން ދައުލަތުގެ މުއައްސަސާތަކަށް ފޮނުވާ ސިޓީތަކަށް ޖަވާބު ވެސް ނުދޭ ކަމަށެވެ. މުއައްސަސާތަކަށް ފޮނުވާ ސިޓީ އަށް ތިން ދުވަސް ތެރޭގައި ޖަވާބު ދޭން ޖެހޭ ގޮތަށް ކަނޑައަޅާފައި އޮތް ނަމަވެސް ފާރިސްގެ ވަކީލުން ދައުލަތުގެ އެކި އިދާރާތަކަށް 45 ސިޓީއަށް ވުރެ ގިނަ ސިޓީ ހުށައެޅިއިރު، އެއިން އެންމެ ސިޓީ އަކަށް ވެސް ޖަވާބެއް ނުލިބޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

4 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 13%
icon sad icon sad 63%
icon angry icon angry 25%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މެންޓަލިސްޓް

10 September 2017

ރަގަޅުވާހަކައެއް ،،،، ސިޔާސީ ބިރުވެރިކަމަކީ ކޮންމެހެންވެސް ނައްތާލަންޖެހޭ އެއްޗެއް ،،، މީގެ އަަހަރުތަކެއްކުރީގައި ހޮޓާތަކުގައި މައުމޫންގެ ނަންވެސް ކިޔަންނުކުރޭ ،،، މީޙަކު ރިޕޯޓްކޮއްފިއްޔާމުން ފުލުސްއޮފީހަށް ގެންގޮސް ދޫނިދޫގައި އެތަށްމަސްތަކެއްވަންދެން އިންނާންޖެހޭނެ ،،، އޭރު ތަހްގީގްކޮއްއުޅުއްވި މޮޅެތިބޭފުޅުންގެ މޮޅުކަމަުން މޭޒަމަތީގައި އިންނަބަރު ލައްވާވެސް އެބަހެކިބަސްދީހަދާ ،،، އެއީ ވަކިކަހަލަ އިލްމެއްލިބިގެން ކުރެވޭކަމެށް ،،، އެޒަމާންވެސް ފަހަނައަޅައިހިނގައްޖެ ،،، އާގާނޫންއަސާސީއެއްހެދި މިނިވަންކަމޭކިޔާއެއްޗެއް ވުޖޫދަށްއައިސް ،،، އޭގެފަހުން ރައީސުންްގް ވާހަކަތަށްވެސް ކޮފީމޭޒްތަކުގައި ދެއްކޭވަރުވެއްޖެ ،،، އެކަމު މިހާރު ގައުމު މިސްރާބްޖަހާފައިމިހުރީ އަނެއްކާވެސް އެއްކަލަ ޒަމާނާދިމާލަށް ،،، އެހެންވީމައި އެކަން ހުއްޓުވަންޖެހޭ ،، ،އެބިރުވެރިކަން ފިލަންއެބަޖެހޭ ،،، ވަރަށްވެދުން

The name is already taken The name is available. Register?

ފޭސް

10 September 2017

މައުމޫން ވެރިކަމުގަ އަހަރުން ބިރުވެރި މާހައުލެއްގަ އުޅުނީ. އަހަރެން އަދިވެސް ހީކުރާ މައުމޫންގެ އަސްލު ނަމަކީ ރައީސޫލް ޖުމްހޫރީއްޔާ އަލްއުސްތަޒު މައުމޫން އަބްދުލް ގައްޔޫމް ކަމަށް. ގެޓް އޯވާ ނުވެވޭ

The name is already taken The name is available. Register?

މާލި

10 September 2017

ތެދު ވާހަކައެއް

The name is already taken The name is available. Register?

ގެދާނޯމޮސް

10 September 2017

ހެދިފަވާ ގާނޫނު ތަކަކީ އެންމެންގެ ޙައްޤެކެވެ. އަދި އެއައް ބޯނުލަނބާ ނަމަ އެތާކުއޮންނާނެ ކަމުގަ ބެލެވޭނީ ސިޔާސީ ވާދަވެރިންނާ މަހުޖަނުންނަށް ވަރަށް އަމާން ވެއްޓެކެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454