ހުޅުމާލޭގައި ރޭ ކުއްލި ގޮތަކަށް މަރުވި ސަމާ އާއި ހާމީން.
19 އޮކްޓޯބަރ 2017 - 12:36
ހުޅުމާލޭގައި ކުއްލި ގޮތަކަށް މަރުވި ދެ ޒުވާނުންގެ މަރުގެ ތަހުގީގު އަދިވެސް ދަނީ ކުރިއަށް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ރަހްމަތްތެރިއެއްގެ އުފަން ދުވަސް ފާހަގަ ކުރުމުގެ ތެރޭގައި މިދިޔަ މަހުގެ 28 ގައި މަރުވެފައިވަނީ ތ. ތިމަރަފުށީ އަހުމަދު ހާމީން، 21، އާއި ދަފްތަރު، ފާތުމަތު ސަމާ، 18، އެވެ. ދެ ޒުވާނުންގެ މަރުގެ މައްސަލައާ ގުޅިގެން ހައްޔަރު ކުރި ހަތަރު މީހުން މި މަހުގެ ކުރީކޮޅު ވަނީ ދޫކޮށްލައިފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ދެ ޒުވާނުންގެ މަރުގެ މައްސަލަ އަދިވެސް ތަހުގީގު ކުރަމުންދާ ކަމަށެވެ. އެކަމަކު އެ މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.
ސަމާ އާއި ހާމީން އާއި އިތުރު ބަޔަކު ތިބި ކަމަށް ބުނާ ގެ. އެމީހުން ޕާޓީ ބާއްވަން އުޅުނީ އެންމެ މަތީ ބުރީގައި ކަމަށްވޭ. .---ފޮޓޯ: މިހާރު
ފުލުހުން ކުރިން ބުނި ގޮތުގައި އެ މީހުން ޕާޓީ ބާއްވަން އުޅުނު ސަރަހައްދު ބަލައި ފާސްކުރި އިރު، ޕާޓީ ޑްރަގްތަކެއް ވަނީ ފެނިފަ އެވެ. އަދި ހަތަރު މީހުން ދޫކޮށްލީ ތަހުގީގުގައި ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރުމަށް ފަހު ކަމަށް ވެސް ފުލުހުން އޭރު ބުނެފައިވެ އެވެ.
އެކަމަކު، ސަމާ އާއި ހާމީން މަރުވީ ޕާޓީ ޑްރަގްސް ބޭނުންކޮށްގެން ކަން ނުވަތަ ނޫންކަން ފުލުހުން އަދި ހާމަ ނުކުރެ އެވެ. އަދި ހައްޔަރު ކުރި މީހުންނާ، ސަމާ އާއި ހާމީންއާ ހުރި ގުޅުމެއް ވެސް ފުލުހުން ނުބުނެ އެވެ.
ނަމަވެސް ހައްޔަރު ހައްޔަރު ކުރި ހަތަރު މީހުންނަކީ އެރޭ ސަމާ އާއި ހާމީންއާ އެކުގައި ތިބި މީހުންނެވެ.
މި މީހުންގެ މައްޗަށް ފުލުހުން 12 ތުހުމަތެއް ކުރި އިރު، އޭގެ ތެރޭގައި ޕާޓީ ޑްރަގްގެ ބާވަތަކާއި މަސްތުވާ އެހެން އެއްޗެހި ގެންގުޅުން ހިމެނެ އެވެ. އެކަމަކު، އެ ހައްޔަރު ކުރި ހަތަރު މީހުންނާ ދެކޮޅަށް ދައުވާ ކުރަން ނިންމައި، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް ފޮނުވިކަން ނުވަތަ ނޫން ކަން އަދި ސާފެއް ނުވެ އެވެ.
ދެ ޒުވާނުންގެ މަރާ ގުޅިގެން ފުލުހުން ހައްޔަރު ކުރީ ތ. ތިމަރަފުށީ ތިން މީހެކެވެ. އަނެކަކު ނިސްބަތްވާ ރަށެއް އެނގިފައެއް ނުވެ އެވެ. ހައްޔަރު ކުރި މީހުންގެ ތެރޭގައި އަންހެނަކު ވެސް ހިމެނެ އެވެ. ހަތަރު މީހުން ދޫކޮށްލާފައި ވަނީ، އެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ދިން 15 ދުވަސް ހަމަނުވަނީހެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި ވަޒީފާ އަދާކުރަމުން އައި ހާމީނާއި މޯލްޑިވް ގޭސްގެ މުވައްޒަފެއް ކަމަށްވާ ސަމާ މަރުވީ ބާރުގަދަ ޑްރަގެއް އެނާޖީ ޑްރިންކާ އެއްކޮށް، ބޮއިގެން ތިބެ އިތުރު ބަޔަކާއެކު "މަޖާ" ކުރަމުން ދަނިކޮށް ކަމަށް "މިހާރު" އަށް ވަނީ އެނގިފަ އެވެ. އަދި އެމީހުން ޕާޓީ ބާއްވަން ކުއްޔަށް ހިފި ކޮޓަރި ބަލައި ފާސްކޮށް، ފުލުހުން ވަނީ ކަމާ ގުޅޭ ހެކި ވެސް ހޯދައިފަ އެވެ.
ނަމަވެސް ސަމާ އާއި ހާމީންގެ މަރުގެ ހަގީގަތް ވީ އެންމެ އަވަހަކަށް އެނގެން ބޭނުންވާ ކަމަށް ދެ އާއިލާގެ މެމްބަރުންނާއި ގާތް އެކުވެރިން ވަނީ ބުނެފަ އެވެ. އެހެންވެ، އެކަމުގެ ހަގީގަތް ވީހާވެސް އަވަހަކަށް އާއިލާއަށާއި ރައްޔިތުންނަށް ފުލުހުން ހާމަކޮށް ދިނުމަށް ދެ އާއިލާ އިން އެދެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގިޔާސް
19 October 2017
ރޭއްވިގެން ހިނަގާ ބޮޑެތި ޖަރީމާ ، ރައްތެހި ކުދިން ކޮޅު ކުރާ ކަންކަން ނުބެލޭނެ ، މުޅި ދައުލަތް 2018 އަށް ތައްޔާރު! ނިމުނީ މީހުން މެރިޔަން ކަތިޔަސް ހެޔޮ! ތައްޔާރު ޔަޤީން ، ފުރިހަމަ ކާމިޔާބް ޔަޤީން!
މެންޓަލިސްޓް
19 October 2017
ދެޒުވާނުންގެ ޕޯސްޓްމޯޓަމްއެއް ނުހަދާ ދެންކޮންހާ ގޭހެއްތޯ ތިޔަކައްކަނީ ،، އެމީހުން އެކްސްޓަސީ ގެ އަސްލުކަމެށް ނޫނީ ފޭކްކަމެށް ބޭނުންކުރީކަމެށްނޭންގޭނެ ،،، އެމީހުން މިކްސްކުރި އެއްޗިއްސާއިހެދިގެން ވީގޮތެއްކަމެށްވެސް ނޭންގޭ ،،، އެމީހުންގެ ލިވަރގައި ހުރީ ކޮންޓޮކްސިކްއެއްކަމެށްވެސް ނޭންގޭ ،، ދެނެއްނުވެސް ހޯދޭނެ ،،، ވީމާ ހޮޅިވާހަކަ ނުދެއްކެވެުން އެދެން ،، ،އެންމެނަކީ އަބަދު ގަމާރު ބަޔެއްކަމަށް ސިޔާސީ ފަރާތްތަކާއި ސަރުކާރުތަކުން ދެކިގެންނުވާނެ ،، މީ 21 ވަނަގަރުނު ، މިހާރު ދުނިޔެދަނީ ހޭލަމުން ،،، ވަރަށްވެދުން
ސަޅިބައިސާ
19 October 2017
ތަޙްޤީޤުކޮށް އެއްވެސް މައްސަލައެއް ނުނިމޭ. އަބަދުވެސް ތަޙްޤީޤު ތަޙުޤީޤު.
ފާގަ ހަސަނާ
19 October 2017
ތަހްގީގު ތަހްގީގު ތީ އަރަތެށް !
ވިސްނާލީމާ
19 October 2017
އެދެކުދިންގެ މަރުގެ ހަގީގަތް ފުލުހުންނަކަށް އަދިވެސް ނުހޯދޭ! ދެންވެއްޖެއްނު އެދެއާއިލާއިން ފުލުހުންނަށް މަރުގެ ހަގީގަތް ހޯދާ އެކަން ފުލުހުންނަށް އަންގަން! -އިބްރާހީމް-
ގޮއްޔެ
19 October 2017
ފަހަތަކަށް ނުދޭ ދުވަހަކުވެސް. އަބަދުވެސް ދަނީ ކުރިއަށް. އެކަމަކު ވާނުވާ އޮންނަނީ ރައްޔިތުންނަށް ފޮރުވާ ކަފުން ކޮށްފައި.