މަޖިލިސް އިދާރާ ސަރަހައްދުގައި ސިފައިންނާއި ފުލުހުން ހަރަކާތްތެރިވަނީ. ކުއްލި ނުރައްކަލުގެ ހާލަތު އިތުރު 30 ދުވަހަށް ދަންމާލުމަށް މަޖިލީހުން ވަނީ ފާސްކޮށްފައި. -- މިހާރު ފޮޓޯ: ހުސެއިން ވަހީދު
20 ފެބުރުއަރީ 2018 - 19:53
ރައީސް އަބްދުﷲ ޔާމީން މި މަހުގެ ފަސް ވަނަ ދުވަހުގެ ރެއިން ފެށިގެން 15 ދުވަހުގެ މުއްދަތަށް އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގައި ހިފަހައްޓާފައިވާ، ރައްޔިތުންގެ މަޖިލީހުގެ ބާރުތަކާއި ކޯޓުތަކުގެ ބާރުތައް އިއާދަ ކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރު 30 ދުވަހަށް އިތުރު ކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ 38 މެމްބަރުންގެ ވޯޓާ އެކު މިރޭ ފާސްކޮށްފި އެވެ.
މަޖިލީހުގެ ދައުރުން ބޭރުގައި ބޭއްވި ހާއްސަ ޖަލްސާއެއްގެ ގޮތުގައި މިއަދު ހަވީރު ބޭއްވި ޖަލްސާގައި، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވުމަށް ރައީސް ޔާމީން ނެރުއްވި ގަރާރު ފާސް ކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 38 މެމްބަރުންގެ އިއްތިފާގުންނެވެ. އިދިކޮޅު މެމްބަރުން މި ޖަލްސާ ބޮއިކޮޓް ކުރައްވައި މި ޖަލްސާގައި ބައިވެރިވެވަޑައިއެއް ނުގަންނަވަ އެވެ.
ކޮމިޓީ މަރުހަލާގައި ގައުމީ ސަލާމަތުގެ ކޮމިޓީން މި ގަރާރު ފާސްކުރީ ކޮމެޓީގެ އަޣުލަބިއްޔަތުންނެވެ. އެއީ ގަރާރުގައި ސުޕްރީމް ކޯޓާއި މަޖިލީހުގެ ބާރުތައް ހިފަހައްޓާފައިވާ ބައިތައް އުނިކުރުމަށާއި އިތުރު 30 ދުވަހަށް ކުއްލި ނުރައްކަލުގެ ހާލަތު ދެމެހެއްޓުމަށް ހުށަހެޅި އިސްލާހާއެކުގަ އެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަަތު މަޖިލީހުން ފާސްކުރާ ޖަލްސާގައި، މަޖިލީހުގެ ދެ ބައިކުޅަ އެއްބައި މެމްބަރުން ހާޒިރުވެ ތިބެންޖެހޭނެ ކަމާ މެދު ސުވާލު އުފެދިފައިވާތީ، ސުޕްރީމް ކޯޓުގެ ލަފައެއް ހޯދުމަށް ކޮމިޓީން ފާސްކުރި ގަރާރު ވެސް މަޖިލީހުން މިއަދު ފާސްކުރި އެވެ.
މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ. - ފޮޓޯ: މަޖިލިސް
ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު މަޖިލީހުން ފާސްކުރި އިރު ވަނީ، މަޖިލީހަށް މީހުން ހާޒިރުކުރުން ފިޔަވައި، ކުއްލި ނުރައްކަލުގެ ހާލަތުގައި ހިފެހެއްޓި ހުރިހާ ބާރުތަކެއް އިއާދަކޮށްދީފަ އެވެ. ކުރިން ހިފަހައްޓާފައި އޮތީ ގާނޫނުއަސާސީގެ 100 ވަނަ މާއްދާ އާއި 101 ވަނަ މާއްދާ އާއި 113 ވަނަ މާއްދާ އާއި 228 ވަނަ މާއްދާ އެވެ.
އެ މާއްދާތަކަކީ ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ވަކިކުރުމާއި ވަޒީރުންގެ މަޖިލީހުގެ މެމްބަރުން ވަކިކުރުމާއި ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ހުންނަ ޝަރުތުތަކާ މެދު ހިލާފެއް އުފެދިއްޖެނަމަ، އެފަދަ ކަމަކާ މެދު ގޮތެއް ނިންމުމުގެ ބާރު ލިބިގެން ވަނީ ސުޕްރީމް ކޯޓަށް ކަމަށް ބުނާ މާއްދާ އާއި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) މަގާމުން ވަކިކުރުމާ ގުޅޭ މާއްދާ އެވެ.
ވޯޓަށް އެހުމުގެ ކުރިން، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ވިދާޅުވީ މަޖިލީހުގެ ގަވައިދުގެ 38 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރޭގައި ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު ނުހިމެނޭ ކަމަށެވެ. މި ހާލަތުގައި ގާނޫނުއަސަސީގެ 86 ވަނަ މާއްދާގައި ބަޔާން ކުރާ ގާނޫނީ އަދަދަކީ، 25 ޕަސެންޓް ކަމަށް ވެސް މަސީހު ފާހަގަކުރެއްވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ 38 ވަނަ މާއްދާގައި ބުނެފައިވަނީ ރައްޔިތުން އެ މައްޗަށް އަމަލުކުރުން ލާޒިމްކުރާ އެއްވެސް ކަމެއް މަޖިލީހުން ފާސްކުރުމަށް ވޯޓަށް އަހަންވާނީ އެ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ދެ ބައިކުޅަ އެއް ބަޔަށް ވުރެ ގިނަ މެމްބަރުން އެ ވޯޓެއް ނަގާ ޖަލްސާއެއްގައި ހާޒިރުވެ ތިބޭނަމަ ކަމަށް ގާނޫނުއަސާސީގެ 87 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށެވެ. އެއީ 43 މެމްބަރުންނެވެ.
މަޖިލީހުގެ އެ ގަވައިދުގެ ދަށުން ހަ ކަމެއް ވަނީ ފާހަގަކޮށްފަ އެވެ.
- ރައްޔިތުން ވަކި ގޮތަކަށް އަމަލުކުރުން ލާޒިމް ކުރާ ގާނޫނެއް ފާސްކުރުމަށް
- ރައްޔިތުން ވަކި ގޮތަކަށް އަމަލުކުރުމަށް ނުވަތަ ނުކުރުމަށް ބާރު އަޅާ ގާނޫނެއް ފާސްކުރުމަށް
- ރައްޔިތުންގެ އަތުން ފައިސާއެއް ހަރަދު ކުރަން ޖެހޭ ކަމެއް ހިމެނޭ ގާނޫނެއް ފާސްކުރުމަށް
- ރައްޔިތުންގެ އަތުން ޓެކުހެއް ނެގޭ ގާނޫނެއް ފާސްކުރުމަށް
- ވަކިކަމެއް ކުރުމުން ނުވަތަ ނުކުރުމުން ރައްޔިތުން ކުށްވެރިވުން ހިމެނޭ ގާނޫނެއް ފާސްކުރުމަށް
- ރައްޔިތަކު އުފުލަން ޖެހޭ ޝަހްސީ ޒިންމާއެއް ހިމެނޭ ގާނޫނެއް ފާސްކުރުމަށް
ނަމަވެސް މިއަދުގެ ވޯޓާ ހަމައަށް ދިއުމުގެ ކުރިން، އިދިކޮޅު މެމްބަރުންނެކޭ އެއްފަދައިން ވެރިކަން ކުރާ ކޯލިޝަންގެ މެމްބަރުން ވެސް ވިދާޅުވަމުން ގެންދެވީ ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު ފާސްކުރާށާއި މުއްދަތު އިތުރުކުރަން ވޯޓަށް އަހާ އިރު 43 މެމްބަރުން ތިބެން ޖެހޭނެ ކަމަށެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތު މަޖިލީހުން ފާސް ކުރުމަށް މިއަދު ބާއްވާނެ ކަމަށް ރޭ އިއުލާންކުރި ޖަލްސާ އެތައް ފަހަރަކު ފަސްކުރަމުން، ބާއްވާނެ ގަޑިއެއް ކަނޑަނޭޅި ދިޔައީ ވެސް، އެ ވޯޓުގައި ސަރުކާރާ އެއްކޮޅަށް ތާއީދުކުރާނެ 43 މެމްބަރުން ހަމަނުވެގެން ކަމަށް މެމްބަރުން ގަބޫލުކުރެއްވި އެވެ. އެންމެ ފަހުން ޖަލްސާ ބޭއްވީ ގާތްގަނޑަކަށް ދެ ގަޑިއިރެއްހާ އިރު ފަހުންނެވެ. އެންމެ ފުރަތަމަ ޖަލްސާ ބާއްވަން މަސައްކަތް ކުރީ މިއަދު ހަވީރު ހަތަރެއް ޖަހާއިރު އެވެ.
ކުއްލި ނުރައްކަލުގެ ހާލަތު މަޖިލީހަށް ހުށަހަޅުއްވައި ރައީސް އަބްދުﷲ ޔާމީން މަޖިލީހަށް ފޮނުއްވެވި ސިޓީފުޅުގައި ވިދާޅުވެފައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ޖެހުނު ހާލަތު، މިހާރު ވެސް އޮތުމާއެކު، އެ ހާލަތަށް ހެޔޮ ބަދަލެއް ނާންނަ ކަމަށެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރަން ޖެހުނީ ގާނޫނުއަސާސީގައި ބާރުތައް ވަކި ކުރެވިފައިވާ އިރު، ސުޕްރީމް ކޯޓަށް ލިބިދީފައިވާ ބާރުތަކުގެ ބޭރުން ފަނޑިޔާރުން އަމަލުކޮށްފައިވާތީ ކަމަށް ރައީސްގެ ސިޓީފުޅުގައިވެ އެވެ. މިއީ މިނިވަންކަމާއި އިސްތިގުލާލަށް ގެއްލުންވާނެ ކަންކަން ކަމަށާއި އެ އަމަލުތަކުގެ ސަބަބުން ދުސްތޫރީ އޮނިގަނޑަށް ބޮޑެތި ލޮޅުންތަކެއް އައި ކަމަށް ގަބޫލުފުޅު ކުރެއްވޭ ކަމަށް ވެސް އެ ސިޓީފުޅުގައިވެ އެވެ.
ރައީސް ޔާމީން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރެއްވީ ސިޔާސީ އިދިކޮޅު ނުވަ ލީޑަރަކު ދޫކޮށްލުމަށް ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ތަބާނުވެ، އެއީ ދައުލަތް ހުއްޓުވާލަން ކުރި ކަމެއް ކަމަށް ވިދާޅުވެ އެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވުމަށް ފަހު، ފުލުހުންނާއި ސިފައިން ފޮނުވައިގެން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި، މައުމޫންގެ ދަނބިދަރިކަލުން މުހައްމަދު ނަދީމް ވަނީ އެ ރޭ ހައްޔަރުކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަޒީމް ސައިހޮޓާ
20 February 2018
މި ހަބަރުގެ ސުރުހީ ރަނގަޅެއްނޫން. ޤާނޫން އަސާސީގައި ބުނާގޮތައް ފާސްނުވާތީ ފާސްވިކަމަށް ލިޔުން އެންމެ ރަނގަޅުގޮތެއްނޫން
އައިއެފް
20 February 2018
21ވަނަ ގަރުނުގެ ޖޯކު ދުވަހެއް. މިރޭ 20.05ގައި ވަނީ އެސްއޯއީ އުވިފައި. އެސްސީ އިން ލަފައެއް ނުދިން. ދެވޭކަށްވެސް ނެތް. އެއީ މިހާރު ތިއްބެވި 3ފަނޑިޔާރުންނާއެކު 5ފަނޑިޔާރުން އިއްތިފާގުން 1ފެބުރުއަރީ އަމުރާގުޅިގެންނޭ އެސްއޯއީ ނެރުނީ. ވީމާ ގަރާރު ސައްހަކަން ކަނޑައަޅާފިއްޔާ އެބުނެވުނީ ތިމަންނަމެން ސުޕްރިމްކޯޓުން ބަގާވަތްކުރީމޭ. ރިޝްވަތުހިފީމޭ. އިއުތިރާފުވެވުނީ.
އައްޑޫ ރަދުން
20 February 2018
މިހާރު ސަރުކާރުގެ މިސާލަކީ ހުންގާނުނެތް އާގުބޯޓެއްގެ މިސާލު.ކިތަންމެ ވަރަކަށް ފަޅުވެރިން އެކި ދިމަ ދިމާލަށް ދަނޑި ބޭނިއަސް ނަގާރާޅުތަކާއި އެކުގޮސް ފަރަކަށް އަރާނީ.ދެން ފުލު ފުލުގަ އަންނަ ރާޅުގެ ސަބަބުން ފުޑުފުޑު ވެގެން ދާނެ...
ބޭކާރު ހަރަދު
20 February 2018
ކީއްކުރާ ވޯޓެއްތަ އަސްލު. ކާކަށް ދައްކަން؟ ވޯޓުގެ ނަތީޖާޔަށް ކޮންމެ ގޮތެއްވިޔަސް ކަންކުރަނީ ހަމަ ބޭނުންވާ އަދި އަންގާ ގޮތަށް. މިކަން ނޭނގޭ ދިވެއްސެއްވެސް ބޭރު ބަޔަކުވެސް ތިބިހެނެއް މަށަށް ހިޔެއް ނުވޭ. ސަރުކާރަށް ތާއީދުކުރާ މީހުންނަށްވެސް މިވަނީ ކީއްކަން ނޭނގިއެއް ނުދާނެ އަސްލު.
ގޯސް
20 February 2018
މިފަހަރު ސްޕްރީމްކޯޓުން ހަދާއެއްޗަކުން މުޅި ގާނޫނުއަސާސީ ވެއްޔާމޮޑެވޭނެ. ވޯޓަށް ތާއިދުކޮށްފިއްޔާ 43 މެމްބަރުންގެ ކޯރަމް އުވުނީ.
މެންޓަލިސްޓް
20 February 2018
އަޅުގަނޑުއަތުގައިވެސް ބަޑިގުދަކާއި ސިފައިންތިބީޔާ ކޮންމެކަމެށްވެސް ކުރެވިދާނެ ،،،، އެކަމު ތިޔަކަމުން އަނެއްކާވެސް ރާއްޖޭގެ ޓްއަރިޒަމް ހަލާކުވެގެންދާނީ ،،،، ގެއްލުންވާނީ މުޅިގައުމަށް ،،، މިހުރިހާ ގެއްލުމަކީ ސީދާ ޔާމިންގެ މައްސަލަ ،،، މަޖިލިސް ސްޕަރމެޖޯރިޓީއާޢި ޖޫޑިޝަރީއާޢި ސިފައިންނާޢި ފުލުހުންގެ ފުރިހަމަ ކޮންޓްރޯލްއާއި އެކު ފެށިވެރިކަން 4 އަހަރުވީއިރު މިއޮތީ އަތަށްގޮވާ ތިމާމީހާ ކުޑަކަކޫޖެހިފައި ،،، މިހާރު ސަލާމަތްވާންގެން ވަދުވުނު ކަށިކުނބުރުވަލުން ދެން ނުކުންނާނޭ ގޮތެއްވެސް ނޭންގޭ ،،، ވީމާ ޔާމިންއަކީ އަސްލުގައި ޕޮލިޓީޝަންއެއްނޫން ،،، އެއީ އަމަލުތަށް އެހުންނެވީ ދާދާ މޯޑްގައި ،،، މައައްސަލާމާ
ފަރީދު
20 February 2018
ސައިޒަށްވުރެ އަނިޔާވެރިކަން އިސްކޮށް, ރައްޔަތުންނަށް ބިރުދައްކާ އަދި މީހުން ރަހީނު ކުރުމާއެކު ދައުލަތުގެ މާލިއްޔާގެ ފޫދުއްވާލުމުގެ ހިތި ނަތީޖާ މިއަށްވުރެވެސް ހިތިކޮށްދެކޭނެ ދުވަހެއް އަދި އަންނާނެ ... ﷲ ވަނީ އެކަނލާގެ ޒާތުފުޅަށަވެސް އަނިޔާ ޙަރާން ކުރައްވާފަ .. އެހެންކަމުން މިއަދު މަތިފަޑިނަގާފަ ކިތައްމެ ފުއްޕިއަަސް ވަގުތު ޖެހުމުން ނިމޭނެ .. ކޮންފަދަ އަނިޔާވެރި ވެރިއެއްތޯމީ ... އަޅުގަނޑުކިޔެވި އެއްވެސް ފޮތަކުން މިހާ ނުބައި ނުލަފާ މީހެއްގެ ވާހަކަ ނުކިޔަން ... ޔާ ﷲ ... މިނުލަފާ ވަބޒަވެރިކަމުން އަޅަމެން ސަލާމަތް ކުރައްވާށި ..
ޚުއްލި
20 February 2018
ކާނުލެވޭވަރައް ދަތްއެޅީ
ތަމީމް
20 February 2018
އުފެދުމުގައިވެސް ބާޠިލު ކަމެެއް ތިޔަ ކަމަކީ! ބާޠިލު ކަންތަކުގެ މައްޗަށް ތަރުތީބުވެގެން އަންނަ ކޮންމެ ކަމެއް ވާނީ ބާޠިލު ކަން ކަމަށް! ހެކި.. 1. ކުއްލި ހާލަތު އިޢުލާން ކޮށްފައިވަނީ ޤާނޫނު ޢަޞާޞީގެ 253 ވަނަ މާއްދާގައި ބުނެފައި ނުވާފަދަ ޙާލަތެއް "ޢުފަން" ކޮށްގެން. 2. ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިރަކާއި، ޖުޑީޝަލް އެޑްމިނެސްޓޭޓަރ ގައްޔަރުކޮށް، ކުރީގެ ރައީސް އަލްއުސްތާޛް މަޢުމޫން ޢަބުދުލްޤައްޔޫމު ހައްޔަރު ކުރުމަށް ނެރުނު ކުއްލި ޙާލަތެއް ކަމަށް ރައީސް ޔާމިން އަމިއްލަފުޅަށް އެއްބަސްވުން.
ބަލާތި
20 February 2018
ﷲއަށް ޙަމްދު ކުރަން... ކިތައްވޯޓޭ ލިބުނީ. ތިގޮތަށް ތަމެން މޮޅުވާނީ... ރައްޔިތުންގެ ލޯތްބެއް ނުލިބޭނެ. ވޯޓެއް ހިތުން ރުހުމަކުން ނުލިބޭނެ... މަޖުބޫރުވެފަ ތިބި ބަޔަކުއަތުން ފެލާލެވިދާނެ.. ޕަކާސް.... ހަމަ ހިނި އަންނަނީ