20 މާޗް 2018 - 11:20
މިދިޔަ މަހުގެ 1 އިން ފެށިގެން މާލޭގައި ބޭއްވި އެއްވުންތަކާ ގުޅިގެން މިހާރު ހައްޔަރުކޮށްފައި ތިބީ ނުވަ މީހަކު ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
އިދިކޮޅު ސިޔާސީ ލީޑަރުންތަކެއް ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކޮށްލުމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް ގޮވާލައި، ކޮންމެ ރެއަކު މާލޭގައި އަންނަނީ މުޒާހަރާ ކުރަމުންނެވެ. އަދި ފުލުހުން މުޒާހަރާ ރޫޅާލުމުގެ ތެރޭގައި ބައެއް މީހުން ހައްޔަރު ކުރާއިރު، ގިނަ ބަޔަކަށް އަނިޔާ ލިބެ އެވެ.
ފުލުހުން ބުނީ މިދިޔަ މަހުގެ 1 އިން ފެށިގެން މާލޭގައި ބޭއްވި އެއްވުންތަކުގައި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމާއި ހުއްދަ ނޫން ސަރަހައްދުތަކަށް އެއްވުމުގެ ތުހުމަތުގައި މިވަގުތު ފުލުހުންގެ ބަންދުގައި ތިބީ އަށް ފިރިހެނުންނާއި އެއް އަންހެނަކު ކަމަށެވެ.
މި ނުވަ މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ތިން މެމްބަރަކު ހިމެނިވަޑައިގަންނަވާ ކަމަށް ފުލުހުން ބުންޏެވެ. އެއީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، ހިންނަވަރު ދާއިރާގެ އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފާއި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމެވެ.
"މި އެންމެންނަށް ވެސް ކޯޓުން ވަނީ ބަންދުގެ މުއްދަތު ދީފައި،" ފުލުހުން ބުންޏެވެ.
އިދިކޮޅު ފަރާތްތަކުން ސަރުކާރާ ދެކޮޅަށް ބޭއްވި މުޒާހަރާތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު ހައްޔަރުކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހު ބޭއްވި މުޒާހަރާގަ އެވެ. އެ މުޒާހަރާގެ ތެރެއިން 141 މީހުން ހައްޔަރު ކުރި އިރު، އޭގެ ތެރެއިން ގިނަ މީހުން މިހާރު ވަނީ ދޫކޮށްލައިފަ އެވެ.
ސަރުކާރުން ބުނެފައި ވަނީ، ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ފެބުރުއަރީ އެއް ވަނަ ދުވަހު ނެރުނު ހުކުމަކީ ރިޝްވަތު ދީގެން، ސަރުކާރު ވައްޓާލަން ޝަރުއީ ދާއިރާގެ ތެރެއިން ކުރި "ބަޣާވާތެއް" ކަމަށެވެ. އެ ހުކުމް ތަންފީޒުނުކޮށް، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރީ، އެ ހުކުމުން ދައުލަތް ހިންގުން އޮޅުންބޮޅުންވެ ގާނޫނުއަސާސީގެ ބާރު ކެނޑިދާނެ ކަމުގެ ބިރު ހީވުމުން ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ފެބްރުއަރީ އެއް ވަނަ ދުވަހު ނެރުނު އަމުރުގެ ބައެއް ބައިތައް ބާތިލްކޮށްފަ އެވެ. އަދި 12 މެމްބަރުންނާ ގުޅޭ ގޮތުން އަމުރުގައި ފާހަގަ ކުރި ކަންކަމަށް އަމަލު ކުރުން މަޑު ޖައްސާލަން އެ ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy