10 މެއި 2018 - 10:38
ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފައިވާ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދަށް އައިޖީއެމްއެޗްގައި ރޭ ފަރުވާ ދިނުމަށް ފަހު މިއަދު ދޫކޮށްލައިފި އެވެ.
ރޭ އަށެއް ޖަހަން އުޅެނިކޮށް، ފަނޑިޔާރު އަލީ ހަމީދު އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދޭން ފެށީ، ކްރިމިނަލް ކޯޓުގައި ބާއްވަން ހަމަޖެއްސި ޝަރީއަތަށް ވަޑައިގެންނެވުމުގެ މަގުމަތީގައި އޭނާގެ ނޭވާ ހާސްވެ ނޭވާލާން އުނދަގޫވުމުންނެވެ. އެނގިފައިވާ ގޮތުގައި އަލީ ހަމީދަށް ފަރުވާ ދިނުމަށް ފަހު، ހޮސްޕިޓަލުން ދޫކޮށްލީ މިއަދު ހެނދުނު 8:30 ހާއިރު އެވެ.
ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި މައްސަލައިގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދަށް ހުކުމް އިއްވުމަށް އެންމެ ފުރަތަމަ ހަމަޖެއްސީ އިއްޔެ ހަވީރު 4:00 ގަ އެވެ. އޭގެ ފަހުން، ޝަރީއަތް ވަނީ ރޭގަނޑު 7:00 އަދި 8:00 އަށް ފަސްކޮށްފަ އެވެ. އަދި ރޭ 9:30 އަށް ޝަރީއަތް ފެށުމަށް ފަސް ކުރުމަށް ފަހު، އަޑުއެހުން ކެންސަލް ކުރި އެވެ.
މި މައްސަލައިގެ ހުކުމް އިއްވުމުގެ ޝަރީއަތް މިހާރު ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފައި ވަނީ މިއަދު މެންދުރު ފަހު 2:00 އަށެވެ.
އެ މައްސަލައިގެ އަޑުއެހުންތައް ކުރިން ގެންދިޔައީ ސިއްރު ކޮށްގެން ކަމަށް ވިޔަސް ހުކުމް އިއްވަން ތާވަލްކުރި އަޑުއެހުން ބާއްވަން ހަމަޖައްސާފައި ވަނީ އާންމުކޮށް، ހުޅުވާލައިގެންނެވެ.
އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދަށް މިއަދު މެންދުރު ހުކުމް އިއްވާއިރު، ޖެމްސް ސިސްޓަމް ޑައުންކުރަން އެންގެވި މައްސަލާގައި އުއްތަމަ ފަނޑިޔާރު ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިދިޔަ އަންގާރަ ދުވަހު ވަނީ ހުކުމްކޮށްފަ އެވެ.
ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ދައުވާގެ އިތުރުން ޓެރަރިޒަމްގެ ދައުވާ އާއި އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާ އާއި ރިޝްވަތު ހިފުމުގެ ދައުވާއެއް ވެސް ދައުލަތުން އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ މައްޗަށް ކުރެ އެވެ. އެ މައްސަލަތަކުގެ ހުކުމެއް އަދި ނީއްވަ އެވެ.
ސިޔާސީ އިދިކޮޅު ބޭފުޅުންތަކެއް ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ޖަލުން ދޫކުރުމަށް ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ކުރި އަމުރަށް ފަހު، އިއުލާންކުރި ކުއްލި ނުރައްކަލުގެ ހާލަތުގައި ހައްޔަރު ކުރުމުގެ ކުރިން، މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ވެސް އަލީ ހަމީދު އައިޖީއެމްއެޗުގައި އެޑްމިޓް ކުރި އެވެ.
ސުޕްރީމް ކޯޓުގައި ބައްދަލުވުމެއްގައި އިންނަވަނިކޮށް އަލީ ހަމީދު ވެއްޓި ވަޑައިގަތުމުން، އެ ފަހަރު އޭނާ އެޑްމިޓްކުރީ ލޭގެ ޕްރެޝަރު މައްޗަށް ދިއުމުންނެވެ. އޭނާގެ ލޭގެ ޕްރެޝަރު ކޮންޓްރޯލް ނުވުމުގެ މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށް ޑޮކްޓަރުންނަށް ފާހަގަކުރެވިގެން، އިތުރު ޓެސްޓްތަކެއް ހަދައި އެކަމަށް ވެސް އޭރު ފަރުވާދިނެވެ. އަދި ލޭގައި ހުންނަ އޮކްސިޖަން ދަށްވުމުގެ މައްސަލައެއް ވެސް އެ ފަހަރު އަލީ ހަމީދަށް ކުރިމަތިވި ކަމަށް ވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބާބޫ
10 May 2018
އަވަހައްގެންގޮސް ހުކުކޮށްލާ ؟ ރޯދަމަސް އައުމުގެކުރިން އެކަން ކުރަންޖެހޭނެ ؟
ހާޖަރާ
10 May 2018
މިއަދުވެސް ހުކުންކުރަން އުޅޭއިރަށް ގޮތްގޮތް ވާންވާނެ. މިއަދު އެގަޑީގާ ހޭނުނެތިއްޖިއްޔާވާ ރަނގަޅު.
ސަދފދަސފ
10 May 2018
ހޮސްޕިޓަލަށް ކޯޓު ގެންގޮސް ޙުކުމް ޖަހާލިނަމަ، ނޫނީ ހޮސްޕިޓަލުން ނެރޭ ގޮތަށް ކޯޓަށް ގެންގޮސް ޙުކުމް ޖަހާލިނަމަ،
ޕަޓާސް
10 May 2018
ދެން އަވަހަށް ހުކުމް ކުރޭ!