މާލޭގެ މިސްކިތެއްގައި އިއްޔެ މީހަކު ގުރުއާން ކިޔަވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
14 ޖޫން 2018 - 10:56
ކީރިތި ޤުރްއާނުގެ އަލްޙިޖްރު ސޫރަތުގެ 9 ވަނަ އާޔަތުގައި ﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅުގެ މާނައިގައި ވެއެވެ. "ހަމަކަށަވަރުން، ޤުރްއާން ބާވައިލެއްވީ، ތިމަންރަސްކަލާނގެ އެވެ. އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، އެ ޤުރްއާން ރައްކާތެރި ކުރައްވާ ހުށީމެވެ." މި އާޔަތުގައި، ޤުރްއާން ރައްކާތެރި ކުރައްވާނެ ކަމަށް ބަޔާން ކުރައްވާފައި އެވާ ބަހުގެ މުރާދަކީ ކޮބައި ހެއްޔެވެ؟ އަދި މި އާޔަތުން ދޭހަވާ ކަންތައްތަކަކީ ކޮބައި ހެއްޔެވެ؟
މި އާޔަތް ބާވައިލައްވާފައި ވަނީ ކާފިރުންނަށް ރައްދެއްގެ ގޮތުގަ އެވެ. އެއުރެން ޤުރްއާނަށާއި މާތް ނަބިއްޔާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، އަށް މަލާމާތް ކުރުމުގެ ގޮތުން ބުންޏެވެ. "އޭ، ޛިކްރު (ޤުރްއާން) އެ ބޭކަލެއްގެ މައްޗަށް ބާވައިލެއްވި ކަލޭގެފާނެވެ! ހަމަކަށަވަރުން، ކަލޭގެފާނީ، މޮޔައެއްކަން ކަށަވަރެވެ. ކަލޭގެފާނު ތެދު ބުނާ މީހުންގެ ތެރެއިން ވާ ނަމަ، ތިމަންމެންގެ ގާތަށް ކަލޭގެފާނު މަލާއިކަތުން ނުގެންނަވަނީ ކީއްވެގެންތޯ އެވެ؟" (އަލްޙިޖްރު 6-7)
މީގެ ރައްދުގައި ﷲ ވަޙީ ކުރެއްވީ ހައްގު ބަސްފުޅާއިގެން މެނުވީ، އެކަލާނގެ މަލާއިކަތުން ބާވައިނުލައްވާ ކަމުގަ އެވެ. އަދި އެއުރެން އެ އެދޭ ގޮތަށް މަލާއިކަތުން ބާވައިލެއްވި ނަމަ އެއުރެންނަށް ޢުޤޫބާތް ދެއްވުން ފަސް ނުކުރައްވާނެ ކަމަށެވެ. (އަލްޙިޖްރު 8). އެއަށްފަހު ﷲ އަންގަވަނީ އެއުރެން އެ އިންކާރު ކުރާ ނުވަތަ އެއަށް އެ މަލާމާތް ކުރާ "ޛިކުރު" އެބަހީ، ކީރިތި ޤުރްއާން، ބާވާލެއްވީ އެކަލާނގެ ކަމަށެވެ.
ޤުރްއާން ބާވާލެއްވީ ﷲ ކަން މި އާޔަތުގައި ބަޔާން ކުރައްވާފައި ވަނީ ވަރަށް ވަރުގަދަ ކަށަވަރުކުރުންތަކަކާ އެކުގަ އެވެ. އަލްއާލޫސީ ވިދާޅުވާ ގޮތުގައި "އިންނާ" އިން ޔަގީންކަން ދޭ އިރު "ނަޙްނު" އަކީ ވެސް "އިންނަ" އަށް އޮތް އިތުރު ކަށަވަރުކަމެއް ކަމަށެވެ. މީގެ އިތުރުން އާޔަތުގެ ފުރަތަމަ ތިން ކަލިމަ އިން ވެސް ތަކުރާރުވެގެން އެ ދަނީ ބާވާލެއްވި ފަރާތް ބަޔާން ކުރެވިގެންނެވެ.
އާދެ، އެއީ "އިންނާ" (ހަމަކަށަވަރުން ތިމަންމެން) އާއި، "ނަޙްނު" (ތިމަންމެން) އާއި، "ނައްޒަލްނާ" (ބާވާލެއްވީ ތިމަންމެން) ވިދިވިދިގެން އައިސްފައި ވުމެވެ. އިތުރަށް ކަށަވަރު ވަނީ މި ހުރިހާ ކަލިމައެއްގައި ވެސް ވާހަކަދައްކާ ފަރާތް ބަޔާންކުރެވިފައި މިވަނީ މަތިވެރިކަމާއި ވަރުގަދަކަން ބަޔާންކުރާ ޖަމްޢުން ކަމަށް ވުމެވެ.
ހަމަ މިފަދައިން ރައްކާތެރި ކުރައްވާނެ ވާހަކަ ވެސް ބަޔާން ކުރައްވާފައި ވަނީ "އިންނާ" އިންނެވެ. އަދި "ޙާފިޡޫން" ވެސް މިވަނީ ހަމަ ވަރުގަދަކަން ބަޔާން ކުރާ ޖަމްޢު އިންނެވެ. މީގެ އިތުރުން "ޙާފިޡޫން" ގެ ކުރިއަށް ތައުކީދުގެ ލާމު ވެސް އައިސްފައި ވެއެވެ. އެއިން ވެސް އިތުރަށް ކަށަވަރުކަން ގެނެސްދެ އެވެ.
އަނެއް މުހިންމު ކަމަކީ ޤުރްއާން ފިޔަވައި ﷲ ބާވައިލެއްވި އެއްވެސް ފޮތެއް އެކަލާނގެ ރައްކާތެރި ކުރައްވާނެ ކަން ބަޔާން ކުރައްވާފައި ނެތުމެވެ. އެ ފޮތްތައް ރައްކާތެރި ކުރުމަކީ އެ ބާވައިލެއްވުނު ބައެއްގެ މައްޗަށް އޮންނަ ކަމަކަށް ވުމެވެ. މިގޮތުން ޔަހޫދީންގެ އަޅުވެރިންނާއި (ރައްބާނީންނާއި) އެ މީހުންގެ ޢިލްމުވެރިން ތައުރާތުން ޙުކުމް ކުރަން ﷲ ހަމަޖައްސަވާފައި ވަނީ "ﷲ ގެ އެ ފޮތް ރައްކާތެރިކުރުމުގެ އަމާނާތް އެއުރެންނާ މަތިކުރައްވާފައި ވުމުގެ ސަބަބުން" ނެވެ. (އަލްމާއިދަތު 44)
މިއާ ޚިލާފަށް ކީރިތި ޤުރްއާން ރައްކާތެރި ކުރެއްވުމާ ހަވާލުވެ ވޮޑިގެން އެވަނީ ޚުދު ﷲ އެވެ. އެހެންކަމުން އެއުރެން އަމާނާތަށް ޚިޔާނާތްތެރި ވިއަސް ﷲ އެކަލާނގެ ވަޢުދުފުޅާ ޚިލާފުވެވޮޑިނުގަންނަވާނެ އެވެ. މިއިން ކަށަވަރު ވަނީ ޤުރްއާން ރައްކާތެރި ކުރައްވާނެ ކަމެވެ.
މާލެ: މޭ 16، 2018- ރަމަޟާން މަހުގެ މުލަ ރޯދަ ދުވަހުގެ މެންދުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި ޤުރުއާން ކިޔަވަން އިން ކުޑަކުއްޖެއް.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
ޤުރްއާން ބާވައިލެއްވި ކަމާއި އެ ރައްކާތެރި ކުރައްވާނެ ކަމުގެ ތައުކީދުތަކާ އެކު އާޔަތުގައި ޤުރްއާނުގެ ނަމަކަށް ބަޔާން ކުރައްވާފައި "ޛިކްރު" އެވެ. އައްސަޢުދީ ވިދާޅުވާ ގޮތުގައި "ޛިކްރު"ގެ މުރާދަކީ ހުރިހާ ކަންކަމަކާއި އެ ކަންކަމުގެ ފާޅުކަން ބޮޑުވެގެންވާ ދަލީލުތައް ޒިކުރު ކުރެވިފައިވާ، އަދި ހަނދުމަ ކުރަން ބޭނުންވާ މީހަކަށް ހަނދުމަކޮށްދޭ ކީރިތި ޤުރްއާން އެވެ.
މި ފަދަ ޤުރްއާން "ރައްކާތެރި ކުރައްވާ ހުށީމޭ" ބަޔާން ކުރައްވާ އިރު އޭގެ މުރާދަކީ، ޤުރްއާން ބާވައިލެއްވުނު އިރާއި ބާވައިލެއްވުމަށް ފަހުގައި ވެސް އެ ރައްކާތެރި ކުރައްވާނެ ކަމެވެ. މިގޮތުން ބާވައިލެއްވުނު އިރު ރައްކާތެރި ކުރެވިފައި ވަނީ ޝައިޠާނުންގެ ވައްކަން ކުރުންތަކުން ކަމުގައި އައްސަޢުދީ ވިދާޅުވެފައިވެ އެވެ.
އަލްބަޣަވީ ވިދާޅުވާ ގޮތުގައި ފުއްޞިލަތު ސޫރަތުގެ 42 ވަނަ އާޔަތުގައި "އެ ފޮތުގެ ކުރިމައްޗަކުން ވެސް، އަދި އޭގެ ފަހަތަކުން ވެސް އެ ފޮތަކަށް ބާޠިލުކަމެއް ނާންނާނެ" ކަމަށް އޮންނަ އިރު އެ ތަނުގައި އެ ބަޔާން ކުރާ "ބާޠިލު"ގެ މުރާދަކީ އިބްލީސް އެވެ. އެހެންކަމުން ޖިބްރީލުގެފާނު މެދުވެރި ކުރައްވައި ކީރިތި ރަސޫލާ އަށް އާޔަތްތައް ބާވައިލެއްވުނު އިރު އެއިން އެއްވެސް ދެމެދަކަށް އިބިލީހާއި އޭނާގެ އަޢުވާނުންނަށް ގާތްވުމުގެ ފުރުސަތެއް ނުލިބެ އެވެ.
ބާވައިލެއްވުމަށް ފަހު ރައްކާތެރި ކުރެވުނު ގޮތްތަކަކީ އެންމެ ފުރަތަމަ ކީރިތި ރަސޫލާގެ ހިތްޕުޅުގައި އެ ރައްކާ ކުރެވުމެވެ. އޭގެ ފަހުން ޞަޙާބީންނާއި އުންމަތުގެ މީހުންގެ ހިތްތަކުގައި އެ ރައްކާ ކުރެވެމުން ދިއުމެވެ. އެއްވެސް ލަފުޒަކަށް އުނިއިތުރެއް ނާންނާނެ ގޮތަށެވެ. އަދި އޭގެ މާނަ ބަދަލުވެގެން ނުދާނެ ގޮތަށެވެ. ގަސްދުގައި އޮޅުވާލައިގެން ނުވަތަ ޖާހިލުކަމުން ނޭނގިގެން މީހަކު ނުބައި މާނައެއް ކުރިއަސް އެކަން ބަޔާން ކޮށްދޭނެ އެތައް ބަޔަކު ފާޅު ކުރައްވަ އެވެ.
ޔަޙްޔާ ބުން އަކްޘަމްގެ ކިބައިން ރިވާވެގެން ވެއެވެ. އަމީރު އަލްމައުމޫންގެ މަޖްލީހަކަށް ވަން ޔަހޫދީއަކަށް އިސްލާމް ދީން ހުށަހެޅުނެވެ. ކާބަފައިންގެ ދީން ދޫކޮށްނުލުމަށްޓަކައި އޭނާ އެކަމަށް އިންކާރު ކުރި އެވެ. ނަމަވެސް އޭގެ އެއް އަހަރު ފަހުން އިސްލާމްވެގެން އަ އެވެ. އޭގެ ސަބަބެއް ކަމުގައި އޭނާ ބުނީ ލިޔަން ދަންނަ މީހަކަށް ތިމަންނާ ވާތީ ތައުރާތަށް އުނިއިތުރު ގެނެސްގެން ލިޔެ ފައްޅި އަށް ގެންދިއުމުން އެ މީހުން އޭތި ގަތެވެ. އަދި އިންޖީލަށް ވެސް އުނިއިތުރު ގެނެސްގެން ލިޔެ އެ މީހުންގެ ފައްޅި އަށް ގެންދިއުމުން އެ މީހުން ވެސް އެ ގަތެވެ.
ނަމަވެސް އެގޮތަށް އުނިއިތުރު ގެނެސްގެން ޤުރްއާން ލިޔެ އެ ވިއްކަން ދިއުމުން މުސްލިމުން އެ ބަލާފައި އޭގައި އުނިއިތުރު ހުރިތަން ފެނުމުން އެ އެއްލައިލީ އެވެ. މިއިން ތިމަންނާ އަށް އެނގިގެން ދިޔައީ ޤުރްއާނަކީ ހައްގު ތެދު ކަމެވެ. އަދި މި ވަނީ ރައްކާތެރި ކުރެވިގެން ކަމެވެ.
ޤުރްއާން ރައްކާތެރި ކުރެވިގެންވާ ކަން ހާމަވާ އެތައް ކަމެއް ދަނީ ފެންނަމުންނެވެ. މިގޮތުން ފާހަގަ ކޮށްލެވޭ ބައެއް ކަންކަން ވެއެވެ.
1- މުސްލިމުންނަށް ބައެއް ފަހަރު ކުރިމަތިވާ ނިކަމެތިކަމާއި ނާކާމިޔާބުތަކުގައި ނަފްސުތަކާއި މުދަލަށް ގެއްލުން ލިބިގެން ދާއިރު ވެސް ޤުރްއާނަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވެ އެވެ.
2- ކޮންމެ ޒަމާނެއްގައި ވެސް ޤުރްއާން ހިތު ދަސްކުރާނެ އެތައް ބަޔަކު ﷲގެ ކުޅަދުންވަންތަކަމުން ފެނިގެން ދެއެވެ. އެހެންވެ އަބަދުވެސް ތަވާތުރުކޮށް (ޝައްކެއް ނެތް މިންވަރަށް އަދަދުގެ ގޮތުން ގިނައިން) ޤުރްއާން ހިތުދަސް މީހުން ތިބެ އެވެ.
3- ހިތްތަކުގައި ރައްކާ ކުރެވޭ ފަދައިން ލިޔެގެން އެ ރައްކާ ކުރެވޭނެ ގޮތްތައް ވެސް ﷲ މިންވަރު ކުރައްވަ އެވެ. އެކި ޒަމާންތަކުގައި އެކި ވަސީލަތްތަކުގަ އެވެ.
4- ދީނުގެ އަދުއްވުންގެ ބުރަ މަސައްކަތުން ނަބަވީ ސުންނަތުގެ ތެރެ އަށް ހަދީސްތައް ވެއްދުން ކާމިޔާބު ކުރިއަސް މިފަދަ ކަމެއް ޤުރްއާނަކަށް އެބައި މީހުންނަކަށް ނުކުރެވެ އެވެ. އަދި ޢިލްމުވެރިންގެ ބުރަ މަސައްކަތުން، މިހާރު މިފަދަ ކަމެއް ނުކުރެވޭނެ ފަދަ ފޮތްތައް ލިޔެވި މިންގަނޑުތައް ވަނީ ކަނޑައެޅިފަ އެވެ.
5- ޤުރްއާނާ އެއްފަދަ ފޮތެއް ލިޔުމަށް ކުޅަ ހުރިހާ މަސައްކަތެއް ﷲ ވަނީ ނާކާމިޔާބު ކުރައްވާފަ އެވެ. އަދި އެކަން ނުކުރެވޭނެކަމަށް ކީރިތި ޤުރްއާނުގައި ވަނީ ގޮންޖައްސަވާފަ އެވެ.
6- ޤުރްއާނަށް އެއްވެސް ކަހަލަ ބަދަލެއް ގެނައުމަށް ކުރެވޭ ހުރިހާ މަސައްކަތެއް ނާކާމިޔާބު ވުމުގައި ޠަބީޢީ ޤާނޫނުތަކުގެ ތެރެއިން ބައެއް ފަހަރު އެކަން ވެގެންދާއިރު އަނެއްބައި ފަހަރު މި ޤާނޫނުތަކާ ޚިލާފަށް އެ ކަންކަން ﷲ ނާކާމިޔާބު ކުރައްވާފައި ވެއެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސައިން
14 June 2018
ގުރުއާނަކީ ބިމުގައި އިންސާނާ އުޅެން އޮތް މަގު.
ހިކުމައްތެރިޔާ
14 June 2018
މިލިއުމުން ގުރުއާން ރައކާތެރި ކުރެވިކަން ވަރަށ ސާފު، ހަދީސް އާމެދު ކީއވެގެން ތޯ މިހެނ ނޯނަނީ؟؟؟؟؟ ވަރަށ ފުރިހަމަ ޖަވާބެއ ރިފަރޭނސާއެކީ ދެއވާނެކަމަށ އުނމީދުކުރަނ
ޢެލެކުސް
14 June 2018
ހަދީސް ރައްކާތެރި ކުރެއްވުމަށްވެސް އެކި ޒަމާން ތަކުގައި މުސްލިމު އިލްމުވެރިން ނުހަނު ބުރަ މަސައްކަތް ކުރައްވާފައިވޭ. އޭގެ ހެތްކަކަށް ފުދޭ ސަހީހުލް ބުހާރީ އަދި މުސްލިމް ފަދަ ފޮތްތަށް. އެފޮތް ތަކަކީ ގުރުއާނަށްފަހު މި ބިން މަތީ ވާ އެންމެ ސައްހަ ފޮތްތަށް
ކިއުންތެރިއެއް
14 June 2018
ގުރުއާން ރައްކާތެރި ކުރުމުގެ ހިކުމަތްތައް އެންމެބޮޑައް އެގިލައްވާނީ ގުރުއާނުގެ ވެރިފަރާއް ކަމުގަދެކެ ގައިމު މި ޖުތަމާއަކުން ގުރުއާން މުބާރާތް ބާވައިގެން ހޯދާ އިނާމުތައް ފިޔަވާ ގުރުއާނުގެ މާބޮޑު ބޭނުމެއް ހިފާތަނެއް ނުފެނޭ މިބުނީ އޭގައޮތް ގޮތައް ސަރި ޔަތް ނުކުރާވާހަ