ޚަބަރު / ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

ބިން މިލްކުކުރެވޭ ނިންމުމާއި އިބޫގެ ވޯޓު

އިބޫގެ ކެމްޕޭންގައި މާލޭގެ ގެއަކަށް ވަޑައިގެން ރާޒުވާ ގަނޑެއްގައި: ސަރުކާރު ބޭނުންވާ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެންނަން އެމްޑީޕީން މަގު ފަހިކޮށްދިން މައިގަނޑު ސަބަބު ނޭނގޭ - ފޮޓޯ: އެމްޑީޕީ

ޒުވާނުންގެ ބަޔަކާ ބައްދަލުކުރައްވައި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިދިއަ ހުކުރު ވިލޭރޭ ދެއްކެވި ވާހަކައަކާ ގުޅިގެން އަނެއްކާ ވެސް މި ވަނީ ބަހުސެއް އުފެދިފަ އެވެ. ރާއްޖޭގެ ބިން ބޭރު މީހުންނަށް މިލްކުކުރެވޭ ގޮތަށް ޖޫން 22، 2015 ގައި ރައްޔިތުންގެ މަޖިލިހުން ރާއްޖޭގެ ގާނޫނުއަސާސީ އަށް ގެނައި އިސްލާހު ބަދަލުކުރައްވާނެ ކަމަށް އިބޫ ވިދާޅުވުމުން، ބައެއް މީހުން ބުނަމުން ދަނީ އިބޫ ވެސް އެ އަށް ވޯޓު ދެއްވި ކަމަށެވެ. އެކަމަކު އެއީ ހަގީގަތެއް ނޫނެވެ.

އެއީ ރައީސް އަބްދުﷲ ޔާމީނަށް ވުރެ އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު (ނައިބު ރައީސަކަށް އޭނާ ހަމަޖެއްސީ ވެސް ޖޫން 22، 2015 ގައި ނެގި ވޯޓަކުންނެވެ.) ސިޔާސީ ދާއިރާގައި ވަރުގަދަވި ދުވަސްވަރެވެ. ސަރުކާރުގެ މައިގަނޑު އިންޖީނަކީ ވެސް އޭނާ ކަމަށް، ގިނަ ބަޔަކަށް، އޮތީ ބެލެވިފަ އެވެ. ރައްޔިތުންގެ މަޖިލިހުގެ ގިނަ މެމްބަރުން އޭނާގެ އަތްދަށުގަ އެވެ. ފުލުހުންނާއި ސިފައިންގެ މަތީ އެތައް ބަޔަކާއި ދަށުގެ އެތައް ބަޔަކު ވެސް އަދީބުގެ "ބެލުމުގަ" އެވެ.

ގާނޫނުއަސާސީ އަށް އެ ބޮޑު ބަދަލު ގެނައުމުގެ ބިލް ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުށަހެޅުއްވީ އާންމުން ކިޔާފާނެ ފާޑަކަށް، ރާއްޖެ ކަހަލަ ކުޑަކުޑަ ގައުމަކަށް ކުރިމަގުގައި ދިމާވެދާނެ ބޮޑު ގެއްލުމަކަށް ވިސްނާލައްވާފައެއް ނޫނެވެ. އޭގައި އޮތީ، އޭރު ވެސް އަދި މިހާރު ވެސް ގިނަ ބަޔަކު ގަބޫލުކުރާ ގޮތަށް، ސައުދީގެ ޝާހީ އާއިލާއަށް ފ. އަތޮޅު "އޮތް ގޮތަށް ވިއްކާލުމު"ގެ ނިޔަތެވެ. އާއެނކެވެ. އިންވެސްޓްމަންޓް ކިތައްމެހާ ވެސް ބޮޑުވެދާނެ އެވެ. ހަމައެއާ އެކު "ދިވެހިންނަށް ދިވެހި ބިމަކަށް ބާރު ނުފޯރުވޭ" ހިސާބަށް އެ ސަރަހައްދު ނުދާނެ ގޮތެއް ވެސް ނޯވެދާނެ އެވެ.

ގާނޫނުއަސާސީގެ 251 ވަނަ މާއްދާ ކުރިން އޮތީ "ދިވެހި ރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް، ރާއްޖެ އިން ބޭރުގެ އެއްވެސް ފަރާތަކަށް މިލްކުކޮށެއް ނުދެވޭނެ އެވެ"، މިހެންނެވެ. މި ވާހަކައާ ގުޅިގެން ދެން އަންނަނީ "ދިވެހިރާއްޖޭގެ އެއްވެސް ބައެއް ރާއްޖެއިން ބޭރުގެ އެއްވެސް ފަރާތަކަށް ކުއްޔަށް ނުވަތަ އެނޫން ގޮތަކަށް ވެސް ދެވޭނީ އެންމެ ދިގުވެގެން ނުވަދިހަ ނުވަ އަހަރުގެ މުއްދަތަކަށެވެ" މި ބަ އެވެ.

ނިހާން ވަނީ 251 ވަނަ މާއްދާގެ ހ. އާއި ށ. އަށް ދެ އިސްލާހު ހުށަހެޅުއްވުމުގެ އިތުރުން، ގާނޫނުއަސާސީއަށް 15 ވަނަ ބާބު އިތުރު ކުރަން ވެސް ހުށައަޅުއްވައިފަ އެވެ. އެހެންކަމުން މިހާރު އެ އޮތީ 1 ބިލިއަން ޑޮލަރަށް ވުރެ މަތީގެ އިންވެސްޓްމަންޓްތަކަށް (މިހާރު ރާއްޖޭގެ ސަރުކާރު ހިނގާ ގޮތާއި މިނިވަން މުއައްސަސާތައް އޮތް ފެންވަރުން، 1 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއްކަން ރައްޔިތުންނަށް ކަށަވަރު ވާނެ ގޮތެއް ވެސް ނެތެވެ) ބޭރު މީހުންނަށް ރާއްޖެ އިން ބިން މިލްކުކުރެވޭ ގޮތަށެވެ.

އޭރު ވެސް އަދި މިހާރު ވެސް ދިވެހިންނަށް ކުރިމަތިވެފައި އޮތް މައްސަލަ އަކީ އެ ކަހަލަ ބޮޑު ނިންމުމެއް ނިންމައި، މި ކުޑަކުޑަ ގައުމުގެ ބައެއް ބޭރު މީހުންނަށް ދޭ އިރު، ރާއްޖޭގެ ކުރިމަގުގެ ހާލަތަށް ހުރިހާ ކޮޅަކުން ވިސްނާނެ ސިޔާސީ މީހުން ނެތުމެވެ. ހަނދާނަށް ގެންނާށެވެ. ޖޫން 22، 2015 ގައި، ރާއްޖޭގެ މިނިވަންކަމުގެ ރަން ޔޫބީލް ފާހަގަކުރުމުގެ ގާތްގަނޑަކަށް މަހެއްހާ ދުވަސް ކުރި، ރާއްޖޭގެ ރައްޔިތުންގެ މަޖިލިސް އޮތީ ވިކިފަ އެވެ. ބިލަށް ބަހުސްކުރުމުގެ ކުރިން ވެސް ސަރުކާރަށް އޭގެ ނަތީޖާ އެނގެ އެވެ. އެ އިސްލާހުތަކަށް ވޯޓު ދެއްވި ބައެއް މެމްބަރުން ފަހުން އަމިއްލަ ގޮތުން ބައެއް މީހުން ކައިރީ ވިދާޅުވި ގޮތުގައި "އެހާ ފަސޭހައިން ގާނޫނުއަސާސީ ބަދަލުކުރެވިދާނެ ކަމަކަށް" އެ ޕްރޮޖެކްޓް ގެންނަން އުޅުނު ފަރާތްތަކަށް ވެސް ހީކުރެވިފައެއް ނެތެވެ.

"އެ މީހުން ބުނި ކަމަށްވޭ އެ މީހުންގެ ގައުމުގައި ޑިމޮކްރަސީ ނެތް އިރު ވެސް އެހާ ފަސޭހައިން އެކަހަލަ ބަދަލު ގާނޫނުތަކަށް ނުގެނެވޭނެ ކަމަށް،" އެއް މެމްބަރަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވި އެވެ.

ނައިބު ރައީސްކަމުގެ ހުވާކުރެއްވުމަށް ފަހު އަދީބު، ރައީސް ޔާމީންގެ އަރިހުގައި: ބިން މިލްކުކުރެވޭ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރީ ވެސް އަދި ނައިބު ރައީސަކަށް އަދީގެ ނަން ފާސްކުރީ ވެސް އެއް ދުވަހަކު .---ރައީސް އޮފީސް ފޮޓޯ

މިއީ ރާއްޖެ އެވެ. ސަރުކާރާ ގުޅިފައިވާ ޕާޓީތަކާއި އިދިކޮޅު އެމްޑީޕީގެ މެމްބަރުން ގުޅިގެން އެ އޮތީ އެކަން ކޮށްފަ އެވެ. އެމްޑީޕީގެ ގިނަ މެމްބަރުންތަކެއް އެ އިސްލާހުތަކަށް ތާއީދުކޮށް ވޯޓު ދިނުމުން، އެ ޕާޓީގެ ސަޕޯޓަރުންގެ ކުރިމަތީގައި ވެސް އަގު ވެއްޓުނެވެ. އެކަމަކު އެމްޑީޕީން ފްރީ ލައިން ވިޕެއް ނެރުނީ އޭރު ޓެރަރިޒަމްގެ ކުށް ސާބިތުގެ ޖަލަށް ހުކުމްކޮށްފައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް "ރަނގަޅު ގޮތެއް" ހަދައިދޭނެކަމުގެ ޔަގީންކަން އަދީބު ދެއްވުމުން ކަމަށް ވެ އެވެ. އެހެންކަމުން، އެމްޑީޕީގެ އެއް މަގުސަދަކީ ސަރުކާރުން ބޭނުންވި ކޮންމެ ކަމެއް މަޖިލިހުން ކޮށްދީގެން ނަމަވެސް ނަޝީދު ސަލާމަތް ކުރުމެވެ. ކަން ވީ އެހެންނެއް ނޫނެވެ. މާ ގިނަ ދުވަހެއް ނުކޮށް ނަޝީދު އަލުން ޖަލަށް ވެސް ބަދަލުކުރީ އެވެ.

ގާނޫނުއަސާސީއަށް ބަދަލެއް ގެންނަ ނަމަ މިހާރު މަޖިލިހުގައި ތިބި 85 މެމްބަރުންގެ ނިސްބަތުން 63 ވޯޓު ބޭނުންވެ އެވެ. އެކަމަކު އަދީބު މަސައްކަތްކުރައްވާފައި އޮތީ އެއަށް ވުރެ ވެސް ގިނަ ވޯޓު ހޯދާށެވެ. އެހެންކަމުން އެހެން ނުފޫޒުތަކެއް އެމްޑީޕީގެ އެ މެމްބަރުންނަށް ފޯރާފައިވުން ވަރަށް ކައިރި ކަމަށް ބެލެވެ އެވެ.

ގާނޫނުއަސާސީ އަށް އެ ބަދަލު ގެންނަން ޖޫން 22، 2015 ގެ ހަވީރު ފަހެއް ޖެހިއިރު، ނެގި ވޯޓުގައި އޭރު އެމްޑީޕީގައި ތިއްބެވި 21 މެމްބަރުންގެ ތެރެއިން 11 މެމްބަރުންގެ "ޔެސް"އާ އެކު، ޖުމްލަ 70 ވޯޓު ލިބުނެވެ. އެކަމަކު އިބޫ ވޯޓު ލެއްވީ އެ އިސްލާހުތަކާ ދެކޮޅަށެވެ. ސުވާލަކީ، އެ ވަރުގެ ބޮޑު މައްސަލައެއްގައި އިދިކޮޅު އެންމެ ބޮޑު ޕާޓީން ފްރީ ވިޕެއް ނެރުމާއި އޭގައި އިބޫ ވެސް ހިމެނިވަޑައިގަތުމެވެ. ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރުގެ ގޮތުން އިބޫއަށް އެކަމުގެ ފާޑުކިއުން އޭރު ވެސް އަދި މިހާރު ވެސް އަމާޒުވެ އެވެ.

ބިން މިލްކުކުރެވޭ ގޮތަށް ގެނައި އިސްލާހަށް ނޫނެކޭ ވިދާޅުވީ:

އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)، އެމްޑީޕީ

އަހުމަދު ނާޝިދު، އެމްޑީޕީ

ފައްޔާޒު އިސްމާއިލް، އެމްޑީޕީ

އިމްތިޔާޒު ފަހުމީ، އެމްޑީޕީ

މާރިޔާ އަހުމަދު ދީދީ، އެމްޑީޕީ

މުހައްމަދު އަސްލަމް، އެމްޑީޕީ

މުހައްމަދު ފަލާހު، އެމްޑީޕީ

މުހައްމަދު ރަޝީދު ހުސެއިން، އެމްޑީޕީ

ރޮޒައިނާ އާދަމް، އެމްޑީޕީ

އީވާ އަބްދުﷲ، އެމްޑީޕީ

އަލީ ހުސެން، ޖޭޕީ

އަބްދުﷲ ރިޔާޒު، ޖޭޕީ

އަނާރާ ނައީމް، އަދާލަތު ޕާޓީ

އަހުމަދު މަހްލޫފް، މިނިވަން

މިދިއަ ހުކުރު ވިލޭރޭ އޮތް "ގެޓްޓުނޯއިބޫސޯލިހު" ބައްދަލުވުމުގައި ޒުވާން އަންހެނަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އިބޫ ވިދާޅުވީ ބޭރު މީހުންނަށް ރާއްޖޭގެ ބިން މިލްކުކުރެވޭ ގޮތަށް ގާނޫނުއަސާސީ އަށް ބަދަލު ގެނައީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން އެ ދުވަހު ނެރުނު ފްރީ ލައިން ވިޕަކާ އެކު ކަމަށް ވިޔަސް "އަޅުގަނޑު ނަގަން ޖެހޭ ޒިންމާ ނަގާ" ކަމަށެވެ.

އޭގެ ފަހުން އޭނާ ވިދާޅުވީ ވެރިކަން ލިބިވަޑައިގެންފި ނަމަ ގާނޫނުއަސާސީގެ އެ ބައި ބަދަލުކުރައްވާނެ ކަމަށެވެ.

"ރާއްޖޭގެ އެއްވެސް ބައެއް ބޭރުގެ ފަރާތްތަކަށް މިލްކުކުރެވެން ޖެހޭނެ ކަމަށް އޭރަކު ވެސް އަދި މިހާރަކު ވެސް އަޅުގަނޑު ނުދެކެން،" އިބޫ ވިދާޅުވި އެވެ.

ފްރީ ލައިން ވިޕެއް ނެރުނީ، ޕާލިމެންޓަރީ ގްރޫޕްގައި މަޝްވަރާކޮށް އެ ގޮތަށް ވޯޓު ލިބިގެން ކަމަށް އިބޫ ވިދާޅުވިޔަސް، އެންމެ ބޮޑު އިދިކޮޅު ޕާޓީގެ މެމްބަރުން އެގޮތަށް އެބަސްވީ ކީއްވެގެން ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ. އެހެންކަމުން އެ ސުވާލު އަދިވެސް އެ އޮތީ އެވެ. ހާއްސަކޮށް އިބޫ އަށެވެ.

80 ކޮމެންޓް, 103 ރިއެކްޝަންސް

icon happy icon happy 77%
icon sad icon sad 2%
icon angry icon angry 21%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވިސްނާލާ

06 August 2018

ދެންލިޔޭ ޕޖ ލީޑަރަކަށްހުރީވެސް އިބުރާހިމް މުހައްދު ސޯލިހެނޫނޭ... 3ލައިން ވިޕެނެރުމުގެ ބޭނުމަކީކޮބާ ތިހާ ދެކޮޅުނަމަ... ކީއްވެ މަޖުލިހުގަ ބެރުދުއްމާރި ނުފުމުނީ އެހެންނޫނީއްޔާވެސް މޑޕ ދެކޮޅުވާކަމެ މަޖުލިހުގަ ކުރަންއުޅެންޏާ ހަދާގޮތަކައެއީ... ޕޕމގެ ތެރެއިން ތިބުނާ ބިލުތަކަށް ވޯޓުދިންމީހުންވެސް މިއަދުދައްކަނީ އެދުވަހުވެސް ބިލާދެކޮޅޭ.. ވޯޓުން އެކަންއެގެންއެބައޮތްތަ.. މިހާރަށްވުރެ އޭރުގަ ވޯޓުދިނުމުގަ އަމިއްލަ މިނިވަންކަން މާބޮޑުކޮށްއޮތީ... ގޮނޑިގެއްލޭނެބިރެނެތް... މޫސާލަތީފުމެން ނޫސްލިޔެލިޔެ ތިއްބާ ބޮލުން ފަތްހުސްވީ... އެކަމަކު މިއަދު ދޮންކުރަން ތިއުޅޭ ދުނބުރިއެއް ދޮންއަނބަކަށް ނުވާނެކަން މޫސަލިޔުނު ލިޔުންތަކިޔާ އުޅުނުމީހެއްގެ ހައިސިއްޔަތުންބުނެވޭނީ.... އެދުވަހުގެ ހިޔާލާ ފިކުރާ މިއަދުގެ ހާލަތުންބަދަލުވިކަމެ ނުވިސްނުނު.. ނޫސްވެރިންވެރިންވެސް ލިޔާކޮއްމެ ލިޔުމެއް ދޫކޮއްލެވެނީ މާޒީއަށް... މާޒީގެ ލިޔުންތަބަލާ ބަޔަކު މިއަދު އިނގިލީގަ ދައިގަނެވޭ..

The name is already taken The name is available. Register?

ސާއިދު

06 August 2018

ރަނގަޅު އަދަދެއްގެ ލާރި ލިބެންޏާ ބިންވިއްކުމަކީ އެއްވެސް މަސަލައެއް ޏޫން.

The name is already taken The name is available. Register?

ނިހާންބޭ

06 August 2018

އެއޮތީ ބިލްފާސް ކޮފަ. ބިންވެސް ވިއްކާނަން. ހަމަތިބެންޖެހޭނީ

The name is already taken The name is available. Register?

ސިއްދީގު ހޯމް

06 August 2018

ކޮބާ ބިން ވިއްކިޔަސް މައްސަލައަކީ. އެހެން ނޫނަސް ރާއްޖެއަށް އެންމެ ރަނގަޅު ގޮތް އިންގޭނީ ރާއްޖޭގެ ރައީސް.

The name is already taken The name is available. Register?

ރިޔާޒު ރަސީދު

06 August 2018

ރަނގަޅު އަދަދެއްގެ ލާރި ލިބެންޏާ ބިންވިއްކުމަކީ އެއްވެސް މަސަލައެއް ޏޫން. މީ ދުނިޔޭގަ މިކަން ހިންގާގޮތް އޮޅިގެން ނޫޅެބަލަ

The name is already taken The name is available. Register?

ޑިމޮކްރަޓިސްޓް

06 August 2018

އިބޫ ދެން ކަލެޔަކާ ވައްތަރެއް ވެސް ނޫނެއްނު ތިހެން އުޅޭކަށް.. ހަމަ ފޮޓޮއަކަށްދޯ؟

The name is already taken The name is available. Register?

އަބްދުއްލާ

06 August 2018

އެވާހަކަ ބާއްވާ ބޭރުގެ ފަރާތްތަކަށް މިހާރުވެސް ބިންވަނީ އެމްޑީޕީ ސަރުކާރުން މިލްކު ކޮށްދީފަ . އެއީ އެގްރިކަލްޗަރު ނާސަރީ ހިންގި ބިން އިންޑިޔާސަރުކާރަށް ދީފަ ސާކްސަމިޓްގެ ނަމުގަ 5 މިލިއަން ޑޮލަރު ހޯދުން. ނާސަރީ ހިންގި ބިން އެއޮތީ އިންޑިޔާސަރުކާރަށް ވިއްކާފަ . އެއީ މާފަންނުކޮޅުން ބިންވިއްކި ދުވަސްވަރު ކޮށްލިކަމެއް. ބިންވިއްކާ ވާހަކަ ނުދައްކާ މިހާތަނަށް ވެސް ބޭރުބަޔަކަށް ދިވެހި ރާއްޖެ އިން ބިންވިއްކާފަ ވަނީ އެމްޑީޕީ ސަރުކާރުން އަދި ވީގޮތެއްނޭގި ދިވެހި ދޮންވެލި ބޭރު ގައުމެއްގާއޮތް އާޓިފިސަލް ބީޗަކަށް ދިޔަގޮތްވެސް ތަހުގީގު ކުރަން އެބަޖެހޭ އެކަން ހިގާފަ ވަނީ 2010/2011 މިދުވަސްވަރު .

The name is already taken The name is available. Register?

އަހުމަދު ޔަޒީދު

06 August 2018

ކޮބާ ދެން ތި އިސްލާހަށް ވޯޓުލީ އެމްޑީޕީ މެންބަރުންނަކީ؟ އެމީހުންގެ ލިސްޓް ވެސް ވަކިން ލީނަމަ ވަަރަށް ފުރިހަމަ ވީސް...

The name is already taken The name is available. Register?

އަންކަލޯ

06 August 2018

ވިޕްލަިނާ ދެކޮޅަށް މިގާނޫނު ފާސްކުރަން ވޯޓްދިނުމުން އަޅުގަނޑުމެންގެ މެމްބަރ ވައިބަރ ގްރޫޕްގަބުނީ މިގާނޫނު ފާސްކުރަން އެމް.ޑީ.ޕީގެ މެމްބަރުންދިން ވޯޓަކީ އެމް.ޑީ.ޕީގެ ހައްގުގައި ގުރުބާންކުރި ކަންބަޅިތަކެއްކަމަށް، މީ ޕީޖުރޫޕްގެ ލީޑަރަކަށްހުރެ މިކަލަ ކަންތައްތައް ކުރައްވާފަ ރައްޔިތުންކުރިމަތީގަ ދައްކަވަނީ އެހެން ވަހާކަޔެއް. ތިޔަ ބޭފުޅަ ހޮވިއްޖެނަމަ ވެގެންދާނެގޮތް ސާފުވަމުން މިދަނީ.

The name is already taken The name is available. Register?

އަންކަލޯ

06 August 2018

ހަގީގަތުގައި ވޯޓްދިންމީހުން އެދިނީ ރައްޔިތުންނަށް ހެޔޮއެދޭތީ، ކޮންމެޕާޓީއެއްވިޔަސް، 99 އަހަރަށް 1ބިލިއަން ޑޮލަރު ހަރަދުކުރީމަ، އަހަރަކަށް އެޖެހެނީ 10،101،010 ޔޫއެސް ޑޮލަރު. ހުސްފަޅަކުން މިވަރުގެ އިންވެސްޓެއްކޮށްގެން ލާރި ދައުލަތަށް ވައްދާބަޔަކީ، މިގައުމުގެ ދަރިންގެ ދަރިންނަށް ހެޔޮއެދޭބަޔެއްކަމުގައި ނުވެނުދާނެކަން ކަށަވަރު. 2 ފަޅުރަށްދީގެން އެއަރ މޯލްޑިވްސްވެސް ސަލާމަތްކުރެވެން އޮއްވާ މައުމޫނު އެޔަށްވެސް ބުނީ ނޫނެކެ. ދެންކީކޭ ބުނާނީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454