ރިޕޯޓް / ރާއްޖޭގެ ގާނޫނުއަސާސީ

އެ ގުރުބާނީއަށް 10 އަހަރު! މިހާރުގެ ހާލަތު އޭގެ ކުރީގެ މާޒީއަށް!

މިހާރުގެ ގާނޫނުއަސާސީ، އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އޯގަސްޓް 7، 2008 ގައި ތަސްދީގު ކުރައްވަނީ.

ސިފައިންގެ އަނިޔާ އާއި ބަޑިޖެހުމުގައި އެތައް ދިވެހިން މަރުވި ދުވަހެވެ. ޖަލުގެ އަނިޔާގެ ވާހަކަ އަކީ ހަގީގަތެއްކަން މުޅި ރާއްޖެ ހެކިވި ދުވަހެވެ. ބާރުގަދަ ސަރުކާރެއް ރޫރޫއަޅައިގެން ދިޔަ ހަމަނުޖެހުންތަކުގެ ދުވަހެވެ. ސެޕްޓެމްބަރު 19، 2003 ދިވެހިންނަށް ގެނެސްދިނީ ޖަލުގައި އޮހޮރުވާލި ދިވެހި ޒުވާނުންތަކެއްގެ ލޭގެ ހާދިސާ އެކަންޏެއް ނޫނެވެ. އެއީ ދިވެހިންނަށް އިންސާނީ އެންމެ އަސާސީ ހައްގުތައް ކަށަވަރުކޮށްދިން ގާނޫނުއަސާސީއަކާ ދިމާއަށް ދާން އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް މަޖުބޫރުކުރުވި ދުވަސް ވެސް މެ އެވެ.

އޭގެ ފަހުން ދެން އައި ފަސް އަހަރު ދިވެހިރާއްޖެ ތަޖުރިބާކުރީ އާ ގާނޫނުއަސާސީއެއްގެ ހިމާޔަތް ހޯދަން އޭރުގެ އެތައް ހާސް ދިވެހިން ކުރި ބުރަ މަސައްކަތެވެ. އާއެނކެވެ. މަގުތަކަށް ނުކުތެވެ. ސަލާމަތީ ބާރުތަކާ ކުރިމަތިލި އެވެ. ސަރުކާރުގެ ބޮޑުންނަށް އުނދަގޫތައް ޖެއްސި އެވެ. އަހަން އުނދަގޫ އެކަމަކު ހާލަތުގެ ރުޅިވެރިކަމުގައި ބައެއް މީހުންނަށް ބުނެވިދާނެ ހުތުރު އެތައް ވާހަކައެއްގެ އަޑު އިވުނެވެ. ސިޔާސީ ޕާޓީތައް އުފައްދައި، ތަފާތު ފިކުރުގެ މީހުންނަށް އެބައެއްގެ ވިސްނުން ނެރެވޭނެ މަގު ތަނަވަސްވި އެވެ.

އާ ގާނޫނުއަސާސީ ހަދަން، އާ ހާއްސަ މަޖިލިހެއް ހޮވައި އެ ފެށި ބުރަ މަސައްކަތަށް، ވެރިކަން ހިންގަން ތިބި މީހުންނާއި އެ މީހުންނަށް ޕްރެޝަރުކުރަން އިދިކޮޅުގައި ހަރަކާތްތެރިވި މީހުންގެ ހިޔާލު އެއްގޮތްނުކުރެވި އެތައް ދުވަހެއް ހޭދަވި އެވެ. އެކަމަކު އާ ރިޔާސީ އިންތިހާބަކަށް ގައުމު ނުކުތުމުގެ ކުރިން އާ ގާނޫނުއަސާސީ ނިންމައި، ހާއްސަ ދަރުބާރުގެއެއްގައި، ބޮޑު ރަސްމިއްޔާތެއްގައި ރައީސް މައުމޫން އެ ތަސްދީގުކުރެއްވި އެވެ.

އެއީ އޮގަސްޓް 7، 2008 އެވެ. މިއަދަށް 10 އަހަރެވެ. ސުވާލަކީ އޭގެ ކުރިން ރާއްޖޭގެ ތާރީޚު ދެކެފައި ނުވާ ވަރުގެ ސިލްސިލާ މުޒާހަރާތަކާއި އެއްވުންތަކާއި ޖަލްސާތަކާއި ހިޔާލު ތަފާތު މީހުންގެ މަޝްވަރާތަކުގެ ތެރެއިން އެ ލިބުނު ގާނޫނުއަސާސީ މިހާރު ކޮބައި ހެއްޔެވެ؟

އެ ދުވަސް ތަޖުރިބާކުރި، ގައުމަށް ހެޔޮއެދޭ އަދި އަމިއްލަ އެދުމެއް ނެތް ދިވެހިން މިއަދު އަޅަނީ ކަރުނަ އެވެ.

އެހާ އުނދަގުލުން ހޯދައިގަތް ހައްގުތައް ހިމާޔަތްނުކުރެވި، ސަރުކާރުން ކޮންޓްރޯލްކުރާ ރައްޔިތުންގެ މަޖިލިހުން އެދަނީ ހިތަށްއެރި ގޮތަކަށް ބަދަލުކޮށް، ބާރު ކަނޑުވަމުންނެވެ. އެ ގާނޫނުއަސާސީގައި ދިވެހިންގެ އަސާސީ ހައްގުތައް 54 މާއްދާއަށް ބަހާލާފައި އެ އޮތީ، "ކުޅޭކުޅޭ" އުސޫލަކުން ނޫންކަން، އެދުވަހުގެ އެ މަސައްކަތް ހިނގި ގޮތް ހަނދާން ހުރި ދިވެހިންނަށް އެނގޭނެ އެވެ. އެންމެ އާދައިގެ މީހާއަށް ވެސް، ޝަރުއީ ނިޒާމުގެ ތެރެއިންނާއި ހައްގުތައް ރައްކާތެރިކޮށްދިނުމުގެ ޒިންމާ ހަވާލުކުރި މުއައްސަސާތަކުން ބަލަން ޖެހެނީ، ގާނޫނުއަސާސީ ބުނާ ގޮތުން، ހަމަހަމަކަމާ އެކުގަ އެވެ. އެކަމަކު ގާނޫނުއަސާސީ އޭގެ މައްޗަށް ބިނާވެ އާރާސްތުވި، އެ މާތް ސިފަތައް މިއަދު ދައުލަތުގެ ނިޒާމުގެ ތެރެއިން ގެއްލި ހިނގައްޖެ އެވެ.

ދެ ވަނަ ފަހަރަށް ކުރެވޭނެ މަސައްކަތެއް ނޫން!

ހިތާމައާ އެކު ނަމަވެސް މީގެ 10 އަހަރު ކުރީގެ ހަނދާންތައް އާކުރަން އެބަ ޖެހެ އެވެ. އެކަމަށްޓަކައި އަޅުގަނޑުމެން ގޮސް ވަނީ، އިބްރާހިމް އިސްމާއިލް (އިބްރާ) ގެ އާއިލީ ގެ، ބޯގަންވިލާއަށެވެ. އާ ގާނޫނުއަސާސީ ޑްރާފްޓްކުރި ކޮމިޓީގެ މުގައްރިރަކަށް ހުންނެވި އިބްރާ އަޅުގަނޑުމެންނާ އެކު ގޮސް އިށީންނެވީ ގޭގެ މުސްކުޅި އުނދޯލީގަ އެވެ.

"އެއީ ދެވަނަ ފަހަރަކަށް ކުރެވޭނެ މަސައްކަތެއް ނޫން،" މިހާރަށް ވިސްނާލާއިރު ވެސް އާ ގާނޫނުއަސާސީއަކީ ކިހާ ވަރެއްގެ މަސައްކަތެއްތޯ ސުވާލު ދެންނެވުމުން އިބްރާ ވިދާޅުވި އެވެ.

އޭނާ އެގޮތަށް އެކަން ސިފަކުރެއްވުމުގެ ސަބަބުތަކެއް އެބަ ހުއްޓެވެ. މިސާލަކަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު މުޅިން ދޮވެ ސާފުކުރުމުގެ މަސައްކަތަށް އޭރުގެ އާންމުން ނުކުތީ، އިބްރާގެ ބަހުން ނަމަ، "ދެން ހުރި ހުރިހާ ކަމެއް ގުރުބާންކޮށްފަ" އެވެ. މިސާލަކަށް ކޮންމެ ވަގުތަކު ޖަލަށް ދާން ޖެހުނަސް، ހުކުމަކާ ކުރިމަތިލާން ޖެހުނަސް އެކަމަށް ތިބީ ތައްޔާރުވެ އެވެ. އެހެންކަމުން އެއީ ހައްގުތައް ހޯދައި، ކަށަވަރުކޮށް، އަދި ސާފު ވެރިކަމަކަށް ރާއްޖެ ގެންގޮސްދޭން ދިވެހިން ވި ވަރަށް ބޮޑު ގުރުބާނީއެކެވެ.

ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ޖަލްސާ އެއްގައި އިބްރާ ވާހަކަ ދައްކަވަނީ.

"އެ މަސައްކަތަށް ނުކުންނަމުން އަންހެނުން ގެނެސް ބައިންދާފައި ބުނިން މަ މިދަނީ މިކަން ކުރާށޭ، ދެން އަލުން މަ އައިސްފާނެ ކަމަށް ނުބަލާށޭ، ދެ ކުދިން ގޮވައިގެން އުޅޭށޭ،" އިބްރާ، އޭނާގެ އަމިއްލަ ތަޖުރިބާ ކިޔައިދެއްވި އެވެ.

"އެހެން ކިޔާފައި ނުކުތީ. [އެ މަސައްކަތަށްޓަކައި] މަގޭ ލައިފްގެ ހުރިހާ ކަމެއް އެކަހެރިވީ."

އެ ހާލަތުގައި އެތައް ހާސް ބަޔަކު ސަރުކާރާ ދެކޮޅަށް ނުކުމެ، އަދި ހާއްސަ މަޖިލިސް ތެރެއިން ސިޔާސީ ކަންކަން ކުރަން ތިބި މީހުން އެ މަސައްކަތުގައި ހިތްވަރުދޫނުކޮށް ދެމިތިބުކީ، އިބްރާ ވިދާޅުވި ގޮތުގައި، "އަބަދު އަބަދު ކުރެވޭނެ ކަމެއް ނޫނެ"ވެ. އެއީ ގައުމެއްގެ ހަޔާތުގައި ވެސް އަންނާނެ ވަރަށް މަދު ހާލަތެކެވެ.

ރާއްޖޭގެ ތާރީޚު ހެކިދޭ ގޮތުން ގާނޫނުއަސާސީއަކީ އޭރަކު ހުންނަވާ ވެރިއެއްގެ މުށުތެރޭގައި ހުރިހާ ބާރެއް އޮންނަ ގޮތަށް ފަރުމާކުރި އެއްޗެކެވެ. ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަން ނިމި، ރާއްޖޭގެ ރައީސަކަށް މައުމޫން ވެވަޑައިގެން އެންމެ ފުރަތަމަ ފެއްޓެވި ބޮޑެތި މަސައްކަތްތަކުގެ ތެރޭގައި އާ ގާނޫނުއަސާސީއެއް ހެދުން ހިމެނުނެވެ. އެކަމަކު ފިނިހަކަ ދުވެއްޔަށް ވުރެ ވެސް ލަސްކަމަށް ފެނުނު އެ މަސައްކަތް 17 އަހަރަށް ދެމިގެން ގޮސް، ނެރެވޭވަރުވީ، ފަސް ވަނަ ދައުރަކަށް ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވުމުގެ ކެމްޕޭންގެ ބައެއްގެ ގޮތުން، 1998 ގަ އެވެ. އެހާ ދުވަހުން ހެދި ގާނޫނުއަސާސީގައި އޭރަށް ފައި ހަމަކުރެވޭނެ ބޮޑެތި ބަދަލުތަކެއް ނެތެވެ.

މާފުށީ ޖަލު ތެރެއިން ރައްޔިތުންނާ ހަމައަށް ގެނައި، ކަށަވަރުވި، ތަޖުރިބާކުރި، ކަރުނަ އެޅި އަނިޔާވެރިކަން 2003 ގައި ކުރިމަތިވި އިރު މައުމޫން ހުންނެވީ ހަ ވަނަ ދައުރެއްގައި ވެރިކަން ކުރިއަށް ގެންދަވަން ތައްޔާރުވެގެންނެވެ. އެކަމަކު އެ ލޭ އޮހޮރުވުމާ އެކު އެމަނިކުފާނުގެ ދިގު ވެރިކަމާއި ނަންފުޅު ރައްޔިތުންގެ ތެރޭގައި ކިލަނބުވެ، ދެން އޮތީ ހަގީގީ އިސްލާހު ގެންނެވުންކަން އެނގިވަޑައިގަތެވެ. އާ ގާނޫނުއަސާސީގެ މަސައްކަތް 2004 ގައި ފެއްޓެވީ މިފަހަރު ދެން ރައްޔިތުންނަށް އޮޅުވާލައި، މަކަރެއްގެ ތެރޭގައި ނުނިންދުވޭނެކަން އެނގިވަޑައިގެން ހުންނެވި ހާލުކޮޅުގަ އެވެ.

މި ވަރުގެ ގާނޫނުއަސާސީއެއް ނޯންނާނެ!

އާ ގާނޫނުއަސާސީން މައުމޫނަށް ކުރިމަތިވެވަޑައިގެންނެވި ނަތީޖާއަކީ 2008 ގެ އިންތިހާބުގައި ބަލިވެވަޑައިގަތުމެވެ. ޑިމޮކްރަސީ ގެންނަން އެންމެ ބޮޑު ގުރުބާނީއެއްވި އިދިކޮޅު ފަރާތްތަކުގެ އަތްމައްޗަށް ވެރިކަން ފުރޮޅިގެން ދިއުމެވެ. ގާނޫނުއަސާސީ ތަސްދީގުކުރެއްވިތާ އެންމެ ތިން މަހުގެ ތެރޭގަ އެވެ. އެކަމަކު އެ ގާނޫނުއަސާސީން ލިބިދިން މިނިވަންކަމާއި ހައްގުތަކާއި ސިޔާސީ މަސައްކަތްކުރުމާއި ހިޔާލު ފާޅުކުރުމުގެ ތެރޭގައި މައުމޫން ގެންދެވީ އިދިކޮޅު ލީޑަރެއްގެ ގޮތުން މަސައްކަތްކުރައްވަމުންނެވެ.

އެއްބަފާ ކޮއްކޮ، އަބްދުﷲ ޔާމީނަށް ވެރިކަން ހޯއްދަވައިދެއްވުމާ ހަމައަށެވެ.

އޭގެ ފަހުން މިހާރު މި ފެންނަނީ އެ ބޮޑު ގާނޫނުއަސާސީގެ ބާރު ކަނޑާލާފައި އޮތް ތަނެވެ. ގާނޫނުއަސާސީއާ އެއްގޮތަށް ވެރިކަން ކުރަން އުނދަގޫވެގެން އުޅޭ މަންޒަރެވެ. އަނެއްކާވެސް ހުރިހާ ބާރެއް އެކެއްގެ އަތްމައްޗަށް ގެންދިޔަ ތަނެވެ. އާ ގާނޫނުއަސާސީ އެހާ ވެސް ކަމުނުދަނީ ހެއްޔެވެ؟ އެ ސުވާލު ކުރުމަށް ފަހު އިބްރާގެ މޫނަން ބަލަހައްޓައިގެން އަޅުގަނޑުމެން ތިބީމެވެ.

"ގާނޫނުއަސާސީއެއް އަދި ހެދިފައެއް ނޯންނާނެ އެ ފެންވަރަކަށް. ޑިމޮކްރަސީ ހިންގާ، ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށް، ރައްޔިތުންގެ މިނިވަންކަން ދަމަހައްޓައިދޭން އެވަރުގެ ގާނޫނުއަސާސީއެއް އަދިއެއް ދުނިޔެއަކު ނޯންނާނެ،" އިބްރާ ވިދާޅުވި އެވެ.

އޭގެ މާނައަކީ، އޭނާ ވެސް އެއްބަސްވެވަޑައިގެންނެވި ގޮތުގައި، އިސްލާހު ކުރަން ޖެހޭނެ ކަންކަން އޭގައި ނެތުމެއް ނޫނެވެ. އެކަމަކު މުޅި ފޮތް ހަދާފައި އޮތްލެއް ވަރުގަދަކަމެވެ. އެހާ ފަސޭހައިން، އެހާ އަވަހަށް ބަދަލު ގެންނަން ނުޖެހޭނެ ރޫހެއްގަ އެވެ. އެކަމަކު އެ ރޫހެއް، އެ ގާނޫނުއަސާސީ ހިމާޔަތްކުރުމުގެ ޒިންމާ އެޅިފައިވާ އެންމެ ބޮޑު މުއައްސަސާ، އެންމެ ބޮޑު ބާރު ކަމަށްވާ، ރައްޔިތުންގެ މަޖިލިހުގެ ތެރެއަކުން ނުފެނެ އެވެ. އެ މަޖިލިސް ވެފައި ވަނީ ރާއްޖެ ތާރީޚު ދުށް އެންމެ ފެންވަރު ދަށް ރައްޔިތުންގެ މަޖިލިހަށެވެ. މެމްބަރުންނަށް ލިބިވަޑައިގެންފައިވާ އަމިއްލަ ބާރުތައް ވެސް މިހާރު އެ ވަނީ ރައީސް ޔާމީން ބޭނުންފުޅުވާ ގޮތަށް ދޫކޮށްލައްވާފަ އެވެ.

މިހާރުގެ ގާނޫނުއަސާސީ، އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އޯގަސްޓް 7، 2008 ގައި ތަސްދީގު ކުރައްވަނީ.

އިބްރާ ގަބޫލުކުރައްވާ ގޮތުގައި އޭގެ ސަބަބަކީ، ރާއްޖެއަށް ފެތުރިފައި އޮތް ހުދުމުހުތާރު ސަގާފަތް އަދިވެސް ފިލާ ނުދިއުމެވެ. އެހެންކަމުން ގާނޫނުއަސާސީން ގެނެސްދިން ނިޒާމް ހިފަހައްޓާ ނުލެވި، އެ ސަގާފަތުގެ ތެރޭގައި ނެތިދަނީ އެވެ. އޭނާ ވިދާޅުވި ގޮތުގައި އެއީކީ ގާނޫނުއަސާސީގެ މައްސަލައެއް ނޫނެވެ. އެއީ ގާނޫނުއަސާސީ ހިންގަން އުނދަގޫވުމެއް ވެސް ނޫނެވެ. އެއީ ބާރު އޮތް މީހުން، އެ ބާރު އެ މީހުންގެ އަތްދަށުން ދިޔަ ނުދޭން ދައްކަމުން އަންނަ އުޒުރުތަކެވެ.

"އޭތި ވޯކްކުރީމަ [ގާނޫނުއަސާސީގެ ބާރު ހިނގުން] އެމީހުންގެ އަތުގައި އޮތް ޕަވާ ރައްޔިތުންގެ އަތަށް ދާނީ،" އިބްރާ ވިދާޅުވި އެވެ.

އެކަން ވިޔަނުދޭން "އެ އެންމެން އަރާނެ އެއްގަލަކަށް. އެތިބީ އަރާފައެއްނު."

އެކަމަކު އެއީ، މީގެ 10 އަހަރު ކުރީގެ އެ ގުރުބާނީ ހަނދާން ހުރި މީހުންނަށް، ހިތްދަތި މަންޒަރެކެވެ. މިހާރު މި ފެންނަނީ ވެރިކަމުގެ ބާރާއި ޝަރުއީ ނިޒާމާއި ރައްޔިތުންގެ މަޖިލިސް އެކުވެގެން ގާނޫނުއަސާސީ "ފުނޑާލައިފައި" އޮތް ތަނެވެ. އެ ގާނޫނުއަސާސީ ގެންނަވަން އެންމެ އިސްކޮށް އުޅުއްވި ތިން ލީޑަރުން ކަމަށްވާ ކުރީގެ ރައީސް މައުމޫން ޖަލުގަ އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދު ޓެރަރިސްޓަކަށް ހަދައި، އެންމެ ފަހުން އަރުވާލެވިގެން ބޭރުގަ އެވެ. ގާނޫނުއަސާސީ ހެދި ހާއްސަ މަޖިލިހުގެ ރައީސް ގާސިމް އިބްރާހިމް ވެސް ޖަލު ހުކުމަކާ އެކު ބޭރުގަ އެވެ.

މިއީ އިއްތިފާގެއް ނޫނެވެ. އަދި މިއީ އޮގަސްޓް 7، 2008 ގައި ދިވެހިންނަށް ލިބުނު ގާނޫނުއަސާސީން ފަހިކޮށްދިން މަގެއް ވެސް ނޫނެވެ. މިއީ އެތައް ބަޔަކު ދެކޭ ގޮތުގައި ރައްޔިތުންގެ ބާރު މުށުތެރެއަށް ލައިގެން އުޅޭ މަދު ބައެއްގެ އަނިޔާވެރިކަމެވެ. އާ އިންތިހާބަކަށް ދިވެހިން މި ނުކުންނަނީ އެ ހާލަތުގަ އެވެ. ހަނދާން ހުންނަ ބަޔަކު ހަނދާންކުރާށެވެ. އޭރުގެ ގުރުބާނީ ނުދެކޭ ޒުވާނުން ތާރީޚު ކިޔާށެވެ.

އިބްރާ ވިދާޅުވި ގޮތަށް "އެއީ ދެވަނަ ފަހަރަކަށް ކުރެވޭނެ މަސައްކަތެއް ނޫނެ"ވެ. ގާނޫނުއަސާސީ ހެދީ އޭރު ވެރިކަމުގައި ތިބި މީހުން ވެސް ދޫދީގެން، އިދިކޮޅު މީހުން ވެސް އެއްބަސްވެވޭނެ ކަހަލަ މާހައުލެއްގެ ތެރެއިންނެވެ. މިއަދުގެ ދިވެހިން އަމިއްލައަށް ވިސްނާލާށެވެ. އެކަހަލަ މާހައުލެއް ރާއްޖޭގައި މިހާރު އެބަ އޮތް ހެއްޔެވެ؟ ރައްޔިތުންގެ މަޖިލިހަށް ނުވަދެވިގެން އުޅޭ 12 މެމްބަރުންގެ މައްސަލައަށް އެކަނި ވިސްނާލިޔަސް އެނގެނީ، ވެރިކަން ހިންގާ މީހުންނާއި ޝަރުއީ ނިޒާމާއި މަޖިލިހުގައި ތިބި ސަރުކާރަށް ނިސްބަތްވާ މެމްބަރުންކޮޅުގެ ޚުދުމުޚުތާރުކަމެވެ.

އެކަމަކު އޮގަސްޓް 7، 2008 ގައި އާންމު ދިވެހިން ގަބޫލުކުރީ، އުފާފާޅުކުރީ، ރާއްޖެއިން ޚުދުމުޚުތާރުކަން ނައްތާލެވިއްޖެ ކަމަށެވެ.

52 ކޮމެންޓް, 118 ރިއެކްޝަންސް

icon happy icon happy 4%
icon sad icon sad 80%
icon angry icon angry 16%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނަގޫރޯޅި

07 August 2018

މޑޕ ވެރިކަމުގަ ކަރަންޓު އަގުބޮޑުވެގެން މުޒާހަރާ ކުރިމީހުންގެ ލޮލައްޖެހީ ޕެޕަސްޕްރޭ، އިދިކޮޅޫ ހުރިހާސިޔާސީ ޕާޓީތަކުގެ ވެރިން ހައްޔަރުކުރި، ފަޑިޔާރުން ވަގައްނެގި، ނޫސްވެރިން ނައްބިރުދައްކާ ބައެއްނޫން ވެރިންނައް ޖިސްމާނީ އަނިޔާކުރި، އޭސީސީ އައް ބިރުދެއްކި، ސްޕްރީމް ކޯޓުގަ ތަޅުއެޅުވި، ރައްޔިތުންގެ ލާރިން ރައީސްމީހާ ކުރިދަތުރެއްގެ ތަފްސީލްހޯދަން ނޫސްވެރިޔަކު ރައީސްމީހާޔާ ސަުވާލުކުރުމްބުނީ "އެތެރޭންލައިގެން ހުރީކޯޗެއްތޯ ނުބަލާށޭ". އުމުރުދުވަހު މަސްކަތްކޮއްގެން ދައްކާވާހަކަޔާ ކުރާކަންތަކާ ދިމާއިދިކޮޅު ބަޔާކާ ވެރިކަން ދެންލިބުނަސް ހަމަވާނީ އެވަރު.

The name is already taken The name is available. Register?

އަބްދުއްالله

07 August 2018

ގާރޫނާއި އެގޮތް.

The name is already taken The name is available. Register?

ޒުހޭރު

07 August 2018

އެއްޗެއް ބަލައިގެން އެއްޗިހިތަކެއް ލިޔެލުމުން ތިމާއަށް މީހަކު ތައުރީފު ކޮށްފާނެއެވެ. އެހެނަސް އޭގެ ހަގީގީ މަސްދަރު އާންމުކޮށް އެނގޭނެހެން ލިޔެލުން ކީއްތޯއެވެ

The name is already taken The name is available. Register?

ކޮންކަހަލަ

07 August 2018

މިއީ ކޮންކަހަލަ ލިއުންތެރިކަމެއްތޯ؟ އާ ގާނޫނު އަސާސީގެ ދަށުން މިގައުމަށް އައި ފުރަތަމަ ސަރުކާރުގެ ވެރިކަން ކުރިގޮތުގެ އެންމެ ވާހަކައެއްވެސް ލިއަން ނުކެރުނީތޯ ނޫނީ އެކަން ހިނގާދިޔަގޮތް ނޭގެނީތޯ ނޫނީ އެ ވާހަކަ ދައްކައިފިނަމަ މި ލިއުމުގެ މަގްސަދު ހާސިލުނުވާނީތޯ؟ ހުރިހާ ޒާތެއްގެ މިނިވަންކަމަށް ގޮވާލައިގެން އާ މޫނަކަށް 2008ގައި ވޯޓްލުވައިގެން އެތައް ބައެއްގެ ސިކުނޑިތައް ދޮވެލައިގެން ވެރިކަން ކުރަން އެރި ބޭފުޅާގެ ވާހަކަ މިލިއުމުގައި ނުގެނެވުނީ ކީއްވެތޯ؟ އެބޭފުޅާ ކަންކުރީ އާ ގާނޫނު އަސާސީގެ ރޫހާ ކިހާވަރަކަށް އެއްގޮތަށްތޯ؟ ކަންކުރީ ރަގަޅަށްނަމަ މައްސަލަ ގޯސްވީ ކޮންހިސާބަކުންތޯ؟ މިއަދުގެ ހާލަތަކީ ބަޔަކަށް މޫނު ބަލާ ލޯގަނޑެއް. ބަޔަކު ކަންކުރި ނާޖާއިޒު ގޮތުގެ ނަތީޖާ އެތައް ގުނައެއް ބޮޑުކޮށް ދައްކާލަދޭ ހާލަތެއް. ބަޔަކަށް ލިބުނު ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރިކަމުގެ ހެއްކެއް. އެބަޔަކަށް ކަންކުރެވުނު ގޮތް ބަލައިނުގަނެވޭހާ ހިނދު މިއަދުގެ ހާލަތުން އަރައިގަނެވޭނެ ގޮތެއް ނެތް.

The name is already taken The name is available. Register?

ކަލީ

07 August 2018

މިވެރިކަމިގަ ކޮރަޕްސަން ގިނަ ކަމުން އެވާހަކަ ދައްކާ ބުނެލަން އޮތީ، އެހެން ވެރިކަމެއް އަޔަސް މިޤައުމުގަ ކޮރައްޕްސަން އޮންނާނެ ވާހަކަ.. އެއީ ބާތް އަޅަން ޖެހިފައިވާލެއް ގިނަކަމުންނޯ

The name is already taken The name is available. Register?

ޫފވމ

07 August 2018

ތިހުރިހާަ ކަމަކުން މިޤައުމު ސަލާމަތް ވާނީ މި ޚުދުމުޚުތާރު ވެރިކަން ބަދަލުވެގެން???

The name is already taken The name is available. Register?

ތެމާ

07 August 2018

އަޅެ އެއްބަފާ ބޮޑުބޭބެއަށް ހެދީ ކިނިނެއްބާ ހަހަހަހަހ ހަމަ ބުނެލީ

The name is already taken The name is available. Register?

ތެމާ

07 August 2018

ވެރިކަންކުރަން ނޭންގޭ މީހަކު ވެރިކަމަށް ގެނައީމާ ދެންއޮންނާނީ ކޮންގާނޫނުއަސާސީއެއް ދެއިރު ދެދަޅައަށް ކުއްލިނުރައްކާ އިއުލާނުކޮށްގެންވެސް ތަންތަން މުގުރަނީ ދެން ގާނޫނެއް އެހެންއެއްޗެއް މިވަރުމީހަކަށް ނޯންނާނެ ދޯ ހަހަހަހަހަ ހަމަ ބުނެލީ

The name is already taken The name is available. Register?

ބާލީސް

07 August 2018

ތިހުރިހާކަމަކަށްވުރެ ބޮޑަށް ހަމައެކަނި މާލެއަށް ދައުލަތުގެ ހުރިހާ ފައިސާ އޮއްސާ އޮއްސުމަށް ބަދަލެއް އަންނާނެކަމަށް މަމެން ހީކުރީ، އެކަންވީ ކުރިއަށްވުރެ ގޯސް، މުސްތަގުބަލުގަ ލިބެންހުރި ފައިސާވެސް މާލެއަށް ހަރަދުކޮށް ނިންމައިފި.

The name is already taken The name is available. Register?

ރައްޔިތުމީހާ...

07 August 2018

ހަގީގަތް ނުބަލައި ކަމުގެ އެއްކޮޅަށް މިކަހަލަ ވާހަކަތައް ގެނެސްދިނުމަކީ ރައްޔިތުންނަށް ހަޤީގަތް އޮޅުވާލަން ކުރާމަސައްކަތެއްކަން ފާހަނގަކުރަން..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454