"މިހާރު" ނޫހުގެ ސީނިއާ އެސިސްޓަންޓް އެޑިޓަރު އަހުމަދު އަބްދުﷲ ސައީދު ކޮމިޓީގައި މިރޭ ވާހަކަ ދައްކަވަނީ: އަބުރުގެ ބިލު އަނބުރާ ގެންދިއުމަށް އޭނާ ގޮވާލެއްވި. - ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
03 އޯގަސްޓް 2016 - 22:16
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އަބުރު ރައްކާތެރިކުރުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބިލު އޮތް ގޮތަށް ފާސްކުރަން ނުފެންނަ ކަމަށާއި އެ ބިލު އަނބުރާ ގެންދިއުމަށް "މިހާރު" ނޫހުން މިރޭ ގޮވާލައިފި އެވެ.
އަބުރުގެ ބިލު ދިރާސާކުރާ ކޮމެޓީގައި ވާހަކަ ދައްކަވަމުން "މިހާރު" ނޫހުގެ ސީނިއާ އެސިސްޓަންޓް އެޑިޓަރު އަހުމަދު އަބްދުﷲ ސައީދު ވިދާޅުވީ ބިލު އަނބުރާ ގެންގޮސް މަދަނީ މިންގަނޑެއް އެކުލަވާލައި، ގާނޫނަކުން ނުވަތަ އަބުރަށް އަރައިގަތުމުން ބަދަލު ނަގައިދެވޭ ގޮތަށް މިހާރު އަމަލުކުރަމުން އަންނަ ގަވައިދުގެ ދަށުން ޑިމޮކްރަޓިކް ނިޒާމެއްގެ ތެރެއިން ހުށަހެޅުމަށް ގޮވާލައްވާ ކަމަށެވެ.
"އަބުރާ ބެހުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި އޮތުމަކީ ގަބޫލުކުރާ ކަމެއް ނޫން،" އަހުމަދު ވިދާޅުވި އެވެ.
އަބުރުގެ ބިލު ދިރާސާ ކުރާ ކޮމެޓީގެ މިރޭގެ ބައްދަލުވުމުގައި "މިހާރު" ނޫހުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ. ބިލުގައި ހުރި ކަންބޮޑުވުންތައް ވަނީ މެމްބަރުންގެ ސަމާލު ކަމަށް ގެނެސްފައި. ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
އޭނާ ވިދާޅުވީ ބިލު ފަރުމާކުރި ފަރާތުން އިސްލާމީ ޝަރީއަތާއި ރާއްޖޭގެ ގާނޫނުއަސާސީ އަށާއި ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގުވާމީ ބައެއް މުއާހަދާތަކާއި ގަރާރުތަކަށް ބިލުގައި ހަވާލާދިނަސް، އަބުރާ ބެހުމުގެ ކަންކަން ބިލުގައި ހުރީ މި ޒަމާނުގައި ގެންގުޅޭ ހަމައަކުން ނޫން ކަމަށެވެ.
އެގޮތުން އަބުރުގެ ބިލު އޮތީ ގާނޫނުއަސާސީގެ ބައެއް މާއްދާތަކާ ހިލާފަށް ކަމަށާއި ބިލުގެ ސަބަބުން މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ހައްގު ވަރަށް ބޮޑަށް ހަނިވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ހަމައެއާއެކު، ބައިނަލްއަގުވާމީ މުއާހަދާތަކާ ހަވާލާދިނަސް، އދ.ގެ ހިއުމަން ރައިޓްސް ކޮމެޓީންނާއި ބައެއް ޖަމާއަތްތަކުން ވަނީ އަބުރާ ބެހުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ގާނޫނުތަކުގައި ކަނޑައަޅާފައި އޮތް އޮތުން ބަދަލު ކުރަން ޖެހޭ ކަމަށް ނިންމާފައި ކަމަށް ވެސް އަހުމަދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ނޫސްވެރިން، އެއްވެސް މީހެއްގެ އަބުރާ ބެހޭކަށް ބޭނުމެއް ނުވާނެ އެވެ. ނަމަވެސް ފަހަރެއްގައި ލިޔެވޭ އެއްޗަކުން މީހެއްގެ އަބުރާ ބެހެވުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި މީހަކު ދައްކާ ވާހަކައަކުން އަބުރާ ބެހެވިދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިހާރު" ނޫހުގެ އެސިސްޓެންޓް އެޑިޓަރު އަލީ ނާފިޒު ކޮމެޓީގައި މިރޭ ވާހަކަ ދައްކަވަނީ: ބޭރު ދުނިޔޭގެ ގައުމުތަކުގައި އަބުރާ ބެހުން މަދަނީ ކުށަކަށް ބަދަލުކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި. - ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
"ނޫސްވެރިންގެ ތެރޭގައި ނެތް އަބުރާ ބެހުމުގެ ނިޔަތެއް، މަގްސަދެއް ނެތް، ނޫސްވެރިކަން ކުރުމުގައި އަޅުގަނޑުމެން ގެންގުޅޭ އިމެއް ވެސް ނޫން އެއީ،" އަހުމަދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަބުރާ ބެހުމުން ޖޫރިމަނާ ކުރުމުގެ ބަދަލުގައި ދުނިޔޭގެ އެހެން ގައުމުތަކުގައި އޮންނަ އުސޫލުން ގެއްލުމުގެ ބަދަލު ނަގައިދެވޭ ގޮތަށް އޮތުމަކީ މުހިންމު ކަމެއް ކަމަށެވެ. އެގޮތުން ޑިމޮކްރަޓިކް މުޖުތަމައުއެއްގައި އަބުރު ނަގާލުމުން ބަދަލު ނަގައިދެވޭ ނިޒާމުތަކެއް އެބަހުރި ކަމަށާއި އަބުރާ ބެހުމުން ފައިސާގެ ވަކި އަދަދެއް ދައްކަން ބިލުގައި ކޮންމެހެން އޮންނަން ނުޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ނޫސްވެރިއެއްގެ އެވްރެޖް މުސާރައަކީ 15،000ރ. ކަމަށްވާނަމަ، ބިލުގައި ބުނާ ދެ މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފިނަމަ، ޖޫރިމަނާ ފައިސާ ދެއްކޭނީ 15 އަހަރު ދުވަހުގެ މަސައްކަތުން ކަމަށް އޭނާ ވިދާޅުވި އެވެ. ގާނޫނުއަސާސީން ލިބިދޭ އިސްތިއުނާފް ކުރުމުގެ ހައްގު ވެސް ގެއްލޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު" ނޫހުގެ އިސް ބޭފުޅުން ވަނީ އަބުރުގެ ބިލުގައި ހުރި ބޮޑެތި މައްސަލަތައް ކޮމެޓީ މެމްބަރުންނާ ހިއްސާކޮށްފަ އެވެ. އަދި އެކަންކަން ހައްލުކޮށް ދިނުމަށް މެމްބަރުންގެ ކިބައިން އެދިވަޑައިގެންނެވި އެވެ.
އަބުރާ ބެހޭ ބިލް ދިރާސާކުރާ ރައްޔިތުންގެ މަޖިލިހުގެ ވަގުތީ ކޮމިޓީގެ މިރޭގެ ބައްދަލުވުމުގައި "މިހާރު" ނޫހުގެ އިސްވެރިން: އަބުރުގެ ބިލަކީ މިނިވަން ނޫސްވެރިކަމަށް ހުރަހެއް ކަމަށް ނޫހުގެ އިސްވެރިން ވިދާޅުވި. - ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
ހާއްސަކޮށް ނޫސްވެރިއަކަށް "ޑިފެންސަށް" ނުވަތަ ދިފާއަށް މަސައްކަތް ކުރުމުގެ ފުރުސަތު ދީފައި ނެތުމާއި ޖޫރިމަނާ ފައިސާ ދެއްކުމުން ނޫނީ މައްސަލައެއް އިސްތިއުނާފް ކުރުމަށް ކޯޓަށް ހުށަހެޅުމުގެ ފުރުސަތު ނެތުން ފަދަ ބޮޑެތި މައްސަލަތައް ނޫހުގެ އިސްވެރިން ފާހަގަކުރެއްވި އެވެ.
"މިހާރު" ނޫހުގެ މެނޭޖިން އެޑިޓަރު އިސްމާއިލް ނަސީރު ވިދާޅުވީ އަބުރުގެ ބިލަކީ މިނިވަން ނޫސްވެރިކަން ކުރުމަށް އޮތް މާހައުލު ނެތިކޮށްލުމަށް ފަރުމާކޮށްގެން އުޅޭ ބިލެއް ކަމަށެވެ.
"އަބުރު ރައްކާތެރިކުރުމަށް ވުރެ ބޮޑަށް މިހާރު ކުރަމުން އަންނަ މިނިވަން ނޫސްވެރިކަން ހުއްޓުވާލުމުގެ ގޮތުން ހިންގޭ އަމަލެއްގެ ގޮތުގައި މި ބިލު ފާހަގަކުރެވެނީ،" އިސްމާއީލް ވިދާޅުވި އެވެ.
ހިޔާލު ފާޅުކުރުމަށް ހުރަސްއަޅާ ބިލާ ދެކޮޅަށް ނޫސްވެރިންތަކެއް މުޒާހަރާ ކުރަނީ.-- ފޮޓޯ: ހުސެން ޝަޔާހު/ މިހާރު
އަބުރާ ބެހުނު ކަމަށް ބުނެ ކޯޓަށް ހުށަހެޅުނީ މަދު މައްސަލަތަކެއް ކަމަށާއި ވޭތުވެދިޔަ އަހަރުތަކަށް ބަލާއިރު، ނޫސްވެރިކަން ކުރުމުގެ ފުރުސަތު ހަނިކުރެވޭ ބިލެއް އަންނަވަރުގެ ކަމެއް ހިނގާފައިވާ ނުވާ ކަމަށް ވެސް ނޫސްވެރިކަމުގެ ދާއިރާގައި އެތައް އަހަރެއް ވަންދެން މަސައްކަތް ކުރައްވާފައިވާ އިސްމާއީލް ވިދާޅުވި އެވެ.
"މިހާރު" ނޫހުގެ އެސިސްޓެންޓް އެޑިޓަރު އަލީ ނާފިޒު ވިދާޅުވީ ޑިމޮކްރަޓިކް އުސޫލުތައް ގާއިމުކުރާ ހުރިހާ ފަރާތްތަކުން ވެސް ގައުމުތަކަށް ގޮވާލަމުން ދަނީ އަބުރާ ބެހުން ޖިނާއީ ކުށެއްގެ ގޮތުގައި އޮތް އޮތުން ބާތިލް ކުރުމަށާއި މަދަނީ މައްސަލައެއްގެ ގޮތުގައި އެކަން ބޭއްވުމަށް ކަމަށެވެ.
އެގޮތުން އެމްނެސްޓީ އިންޓަނޭޝަނަލް، ކައުންސިލް ފޯ ޔޫރަޕް ފަދަ ޖަމިއްޔާތަކުން މިކަމަށް ގޮވާލާއިރު، ޔޫރަޕްގެ ގައުމުތަކުން އަބުރުގެ ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނެސް، މަދަނީ ކުށަކަށް ބަދަލުކޮށްފައިވާ ކަން ނާފިޒްގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ. އަދި ބައެއް ގައުމުތަކުގައި އަބުރާ ބެހުމުން ދެވޭ އަދަބުތައް ލުއިކޮށްފައިވާ ކަމަށް ވެސް ނާފިޒު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބޫ
06 August 2016
ނޫސް ވެރިން ދެން ޖެހޭނީ ކުޑަކުދިންނާ ބެހޭ މީހުންނާ، މާރާމާރީ ހިންގާމީހުންނާ، ވައްކަންކުރާމީހުން ކައިރިން ފުރަތަމަ ހުއްދަ ހޯދައިގެން ޚަބަރުވެސް ލިޔަން
ފޭރާން
04 August 2016
ތިބިލައް އެއްވެސް އިސްލާހެއް ނުގެނެސް ފާސްކުރާނެ، ސަބަބަކީ މިބިލަކީ ކޮރަޕްޝަނައް މަގުފަހި ކުރުމައްޓަކާ ހުޅުވާދޮރެއް!!!!!!!!!!!!
ބުރޭ
04 August 2016
މަޖްލިސް މެމްބަރުންނޭ ކިޔައިގެން ތިތާ ތިތިބަ އާރިފްމެންނަކީ ރައްޔަތުންނަށް ކުޑަވެސް ލޯތްބެއްހުރިބައެއްނޫން....
އަލިބެ
04 August 2016
ތިޔަބިލަކީ މަޖިލިސް މެންބަރުންގެ ތެރޭގައި ހިމެނޭ ބަޔަކު މިހާރުވެސް ތެލުގެ ވިޔަފާރިން ވައްކަންކުރާތީއާއި، އަދިވެސް ކިތަންމެ މިބާވަތުގެ ވައްކަންތައް ކުރަމުންގެންދާތީ، އެކަން ފޮރުވުމަށްޓަކައި ނޫސްވެރިންގެ ގަލަން ބިންދާލުމަށާއި، ރައްޔިތުންގެ އަނގަމަތީގައި މަލަން އެޅުމަށްޓަކައި މި ސަރުކާރުން ރާވައިގެން ކުރާކަމެކެވެ.
ޢަބުރާ ބެހުން
04 August 2016
އަބުރާ ބެހޭ މީހުންނަ ޝަރީއަތް ކޮށް ޖަލައް ލުމާ ނޭވާ ނުލެވޭ ވަރުގެ ޖުރުމާނާ ކުރުމަކީ ފިތްރަތީ ގާނޫނާ ވެސް ޚިލާފު ކަމެއް. އޭގާ މިއޮންނަނީ މީހަކު ކުރި ކުށަކަށް އެކުރި ކުށެއްގެ މިންގަޑުން އަދަބު ދޭން. އެހެންވީމާ އަބުރާ ބެހިނީމާ ކުރަން ޖެހޭ ކަމަކީ އަބުރާ ބެހުނު މީހާގެ އަބުރާ ބެހުން.
ޏަސްމާ
04 August 2016
ބަދަލަށް ބަދަލު ހިފުމަކަށް އިލާޙީ ގާނޫނުން ޖާގައެއް ނުދޭ. އިސްލާމީ ރިވެތި އުސޫލަކީ މާފު ދިނުން
ފަޅުވެރިން
04 August 2016
އަބުރާ ނުބެހި ނޫސްވެރިކަން ކުރަން ނޭނގޭ މީހުންނަކީ ނޫސްވެރިކަމަށް ކުފޫހަމަވާ ބައެއް ނޫނެވެ. ފަހެ، އެމީހުންނަކީ ވިސްނުމުގެ ފެންވަރު ވަރަށް ދަށް، ވިސްނުމުގެ ފާޓު ވަރަށް ހަނި ބައެކެވެ. ޑިމޮކްރެސީގެ ހަތަރުވަނަ ބާރުގެ އަހުލުވެރިންގެ ގޮތުގައި އެފަދަ ދަށު ދަރަޖައިގެ މީހުން ބައިތިއްބާކަށް ހެޔޮނުވާނެއެވެ. ޑިމޮކްރެސީގެ ހަތަރުވަނަ ބާރުގެ އަހުލުވެރިންގެ ގޮތުގައި ތިބެންވާނީ ވަރަށް ފޯރާ، ތަހުޒީބު މީހުންނެވެ. ހޭލުންތެރި މީހުންނެވެ. އެކާވީސްވަނަ ޤަރުނުގެ ތަހްޒީބު ހަމަތަކާއި އުޞޫލުތަކަށް އެމީހުން އަދި ހޭނާރައެވެ. އެމީހުންގެ ވިސްނުން އަދިވެސް އެހުރީ މުސްކުޅި 30 އަހަރުގެ ތެރޭގައެވެ. ކުޑަ ކާފު ބޮޑު ކާފު ނިޒާމުގައެވެ. ކުދީނޭ، އެކާވީސް ވަނަ ޤަރުނަށް ހޭލާށެވެ! މިއީ އެކަކު އަނެކަކަށް އިޙްތިރާމާއެކު ވެރިކަންކޮށް، ޑިމޮކްރެސީ ހިންގައި، ނޫސްވެރިކަން ކުރާ ޒަމާނެވެ. ބައެއް ނޫސްވެރިންނަށް ތިޔައުޅެވެނީ މާފަހަތުގައެވެ. ތަހްޒީބު ޑިމޮކްރެސީގެ އުޞޫލުތަކާއި ހަމަތައް ނޭނގުނު ތާނގައި، އިސްލާމްދީނުގައި ޤާއިމްވެ ކަނޑައެޅިފައި ހުރި މަތިވެރި އަސާސްތަކާއި އުޞޫލުތައްވެސް ނޭނގެއެވެ. އަލުން ކިޔަވަން ދާންވީއެވެ.
ރަންގީލާ
04 August 2016
ވައްކަން ކުރީމަ އޭނާއަކީ ވަގެކޭ ބުނުމަކީ އޭނާގެ އަބުރަށް އަރައިގަތުންތަ ؟؟؟؟
ކައްޕިތާނު
04 August 2016
އަބުރަކީ ކޯންޗެއްކަން އިނގެންދެން އަބުރުގެ ވާހަކަ ނުދައްކާ "ފަޅުވެރިން" އިހަށް މަޑުކޮށްލަދިނުން އެދެން.
ދޮގެއްތަ؟
30 October 2016
އޭ ބަލަ ރަންގީލާ! ވައްކަން ކުރީމަ ވަގެކޭ ބުނުން އަބުރުގެ ބިލުން މަނައެއް ނުކުރޭ. ވައްކަން ނުކުރިޔަސް ތިމާ ރުޅި އަންނައިރަށް ވަގެކޭ ނުގޮވޭނީ. އެކަމެއް ނުކުރެވޭނެ. ނިކަން ކޮށްބަލަ. ކުޅި ދައްކާލާނަން.
އިބުނު ޢަލީ
03 August 2016
ތިޔަ ބިލަކީ މަޖިލިހުގެ މެންބަރުންގެ ޒާތީ މަސްލަހަތު އިންތިހާއަށް ހިމެނޭ ބިލެއް. މެންބަރުންނަށް އަދީބު ފައިސާ ދިންކަމަށް އެއްފަރު ވިދާޅުވި. އެއިގެ ފަހުންް އެހެން ތަނެއްގަ ވިދާޅުވި އަދީބުދިނީ ތިމަންނަގެ ފައިސާއޭވެސް. ހަމައެހެންމެ އެމްއެމްޕީއާރސީ ގެ ފައިސާ ގޯނި އުފުލިކަމަށް ބުނާ މީހާ ވެސް ތިޔަ މަޖިލިހުގައި އެބަހުރި. ހައްތަހާވެސް ވަގަށް ގޮވާފާނެ ސަބަބުތައް.
Kuda Soru
03 August 2016
ކިހާ ދިރާސާއެއް ކޮށްފައިތަ ތިވާހަކަ ދައްކަނީ. ޔޫރަޕްގެ ގިނަ ގައުމުތަކުގައި އަބުރާބެހުމަކީ ޖިނާއީ ކުށެއް. ނޫސްވެރިންނޭ ކިޔާ މީހުންނަށް މީހުންގެ އަބުރަށް އަރައިގަނއވެނީ އެމީހުންގެ ތައުލީމީ ފެންވަރެއްނެތީމަ. މިސާލަކަށް ރަސްފަންނު ޓްރެކާ ބެހޭގޮތުން ޑރ ހަމީދު ލިޔުއްވި ލިޔުން ފުދޭ. އެއްވެސް މީހަކާ ބެހިފައެއްނެތް. ޢެކަމަކު ވަރަށްބޮޑަށް ފާޑުކިޔާފައިވޭ. މިހާރު މިއުޅޭ ނޫސްވެރިން އެކަހަލަ އެއްޗެއް ލިޔަންފަށާނީވެސް އެކަންކުރިމީހެއްގެ މައިބަފަޔަށް ގޮވަމުން.
ވޯލް
03 August 2016
އަމަހޭހުރި އެކަކުވެސް ޤަބޫލެއްނުޖުރާނެ މިހާޜު ތިޔަ ބިލްގަކުރި އަދަބުތަކާއި ނިންމުންތައް. ޢަބުރު ގެއްލިދާނެތީ އުޅެނީ މަދު ފަންޑިޔާރުންކޮޅަކާއި ތިޔަ މަޖިލީޙުގެ ބައެއް އަމިއްލަ އެދު ބޮޑު އިއްޒަތްތެރި މެމްބަރުންކޮޅެއް.
ވަޓްއިފް
03 August 2016
މިހާރުގެ އެޑިޓަރުން ވެސް ތަންކޮޅެއް އޯޕަން މައިންޑަކުން ވިސްނަންވީ އެވެ. އަބުރާއި ބެހޭ ބިލް ގައި މަޖްލީހުގެ ކޮމެޓީ އަށް މިހާރުގެ އެޑިޓަރުން ހާޒިރު ކުރަނީ އެއީ ޑިސިޝަން މޭކް ކުރާ ކަށް ނޫނެވެ. އެއީ ފެކްޓްސް ކަލެކްޓް ކުރުމުގެ ބޭނުމުގައެވެ. ޔޫ ޕްރޮވައިޑް ޔުއަރ ކޮންސާރންސް. ޑޯން މޭކް ސެލްފް ޖަޖްމެންޓްސް އެެން ޑިސިޝަންސް. އެއީ އެއްގޮތަކަށް ވެސް ސްޓޭންޑަރޑް ފޯލޯ ކުރާ މީހުން ކަންކަން ކުރާ ގޮތެއް ނޫނެވެ. ޑިސިޝަން މޭކް ނުކޮށް މަޖްލީހުގައި މިހާރު އޮތް އަބުރާއި ބެހޭ ބިލް އިސްލާހު ކުރަން ނޭވާލާއިރު އެނޭވާ ބަންދު ނުކޮށް އެއަށް ނޭވާލާން ފުރުސަތު ދީގެން ބަލަންވީ އެ ބިލް އިސްލާހު ކުރެވޭތޯ ކޮމެޓީ މަރުހަލާ ގައި. ޗޭންޖް ދަ ކަލަރސް އޮފް ދަ ސްކައި. ކާންޓް ޔޫ ސީ ބިޔޯންޑް ދަ ސްކައި. ވަޓް އިފް ޔޫ ސީ އިޓް. މޭބީ ދޭއާރ ބައި ޔުއަރ ސައިޑް..