ރައީސް ޔާމީން މިއަދު ގައުމާ މުޚާތަބު ކުރެއްވުމަށް ފަހު ވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
24 ސެޕްޓެމްބަރ 2018 - 13:54
އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގައި ރައްޔިތުންގެ އަޑު އިއްވައިފި ކަމަށާއި އެކަން ބަލައިގަންނަ ކަމަށް، އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާ ވާދަކުރައްވައި ނާކާމިޔާބީއާ ކުރިމަތިވެ ވަޑައިގެންނެވި ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިޚާބުގެ ނަތީޖާ އިއުލާނުކުރި ފަހުން ފުރަތަމަ ފަހަރަށް ދިވެހި ގައުމާ މުޚާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނުގެ އިހްލާސްތެރި މަސައްކަތް ބަލައިގަނެ، އެތައް ހާސް ބަޔަކު ތިބިކަން އިއްޔެގެ ވޯޓުން ސާފުވި ކަމަށެވެ. އެހެންވެ އެ މަނިކުފާނަށް ވޯޓު ދެއްވި ހުރިހާ ބޭފުޅުންނަށް ޝުކުރު އަދާކުރެއްވި އެވެ.
"ހުށަހަޅުމުން ދިޔަ ހުރިހާ ހަދިޔާތަކަށް ނޫނެކޭ ވިދާޅުވެފައި ގައުމުގެ ހައްގުގައި، ގައުމަށް ރަނގަޅީ ކޮން ގޮތެއް ކަން ތިޔަބޭފުޅުން ނިންމަވައި ދެއްވައިފި،" ރައީސް ޔާމީން ވިދާޅުވި އެވެ.
އިބޫ އާއި ފައިސަލް ނަސީމް، އިދިކޮޅު ސަޕޯޓަރުންނާއެކު އުފާ ފާޅު ކުރައްވަނީ. -- ފޮޓޯތައް: ނިޝާން އަލީ/ މިހާރު
ރައީސް ޔާމީން ވިދާޅުވި ގޮތުގައި އެމަނިކުފާނު އިހްލާސްތެރި މަސައްކަތްތަކެއް ކުރެއްވި ނަމަވެސް، ހިދުމަތާ ދޭތެރޭގައި ރައްޔިތުން މި ވަނީ ގޮތެއް ނިންމައިފަ އެވެ.
ރައީސް ޔާމީން ގައުމާ މުޚާތަބު ކުރެއްވުމުގެ ކުރިން، ރައީސް އޮފީހުގައި އިބޫއާ ވަނީ ބައްދަލު ވެސް ކުރައްވައިފަ އެވެ. ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ކެންޑިޑޭޓު، ރައީސް ޔާމީންގެ މައްޗަށް ބޮޑު ތަފާތަކުން އިބޫ ކާމިޔާބު ކުރެއްވިކަން ސަރުކާރުން ކުރިން ވަނީ އިއުލާނުކޮށްފަ އެވެ.
އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާ ގަބޫލުފުޅު ކުރެއްވިކަން ރައީސް ޔާމީން މިއަދު އިއުލާން ކުރައްވައި ގައުމާ މުޚާތަބު ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
ރައީސް ޔާމީން ވިދާޅުވީ އެއްވެސް ރަށެއް ތަފާތު ކުރުމެއް ނެތި، ރައްޔިތުން ބޭނުންވާ ހިދުމަތްތައް މިދިޔަ ފަސް އަހަރަށްވުރެ ފާގަތިކޮށް، ފަހިކޮށް، ރާއްޖެއަށް އާންމުވި ދުވަސްވަރެއް ނޯންނާނެ ކަމަށެވެ. އަދި ޒުވާނުންނާއި އުމުރުން ދުވަސްވީ މީހުންނަށް މިދިޔަ ފަސް އަހަރު ކަންކަން ފަހިވި ކަމަށް ވިދާޅުވި އެވެ.
"އެހެންވީމަ ރާއްޖެ މިއޮތީ އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުންނާއި ހުރިހާ ދާއިރާއަކުން ކުރިއަށް ޖެހިލާފައި،" ފަސް އަހަރު ގެނައި ތަރައްގީތަކުން މިސާލު ނަންގަވައި ރައީސް ޔާމީން ވިދާޅުވި އެވެ.
އަރަބިއްޔާ ސްކޫލުގައި ބަހައްޓާފައިވާ ވޯޓު ފޮއްޓެއް ރޭ ގުނަނީ.-- ފޮޓޯ: ހުސެން ވަހީދު /މިހާރު
ރައީސް ޔާމީން ވަނީ، އެމަނިކުފާނުގެ ޓީމުން ކުރި މަސައްކަތް، ރައްޔިތުންގެ ހައްގުގައި ކުރުމަށް އެދިވަޑައިގެންފަ އެވެ. އަދި އެމަނިކުފާނު ކަން ކުރައްވާ ގޮތުން، އެހެން މީހުންނަށް ތަކުލީފަކަށް ވާން ބޭނުންފުޅު ނުވާ ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ ނޮވެމްބަރު 17 އާ ހަމައަށް ރައްޔިތުންނަށް ހިދުމަތްކޮށް ދެއްވުމުގައި ދެމިހުންނަވާނެ ކަމަށެވެ. އަދި އެހެން ޒައާމަތަކަށް ބަދަލުވާއިރު، އެއްވެސް ކަހަލަ ފުށުއަރާ ކަމެއް އެއްވެސް ބަޔަކު ނުކުރުމަށް އެދިވަޑައިގެންނެވި އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން އާއްމުކޮށްފައިވާ ވަގުތީ ނަތީޖާ އިން ދައްކާ ގޮތުގައި، އިބޫ އިންތިޚާބު ކާމިޔާބު ކުރެއްވީ، 134،616 ވޯޓުންނެވެ. އެއީ 58.4 ޕަސެންޓެވެ. ރައީސް ޔާމީނަށް ލިބިވަޑައިގަތީ، 96،123 ވޯޓެވެ. އެއީ 41.6 ޕަސެންޓެވެ. ވޯޓުލުމުގެ ހައްގު ލިބިފައިވާ 262,135 މީހުންގެ ތެރެއިން 89 ޕަސެންޓު މީހުން ވޯޓުލާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޙުމަދު
08 October 2018
ތިމާގެ ބޮޑާކަމާ ކިބުރުވެރިކަމާ އަނިޔާވެރިކަން ރައްޔިތުން ނަށް ދެއްކުމުގެ ނަތީޖާ ތިޔަފެނުނީ، ހީކުރެއްވީ ފައިސާކޮޅަކުން ހުރިހާ ރައްޔިތުންގެ ވޯޓް މިއަދު ތިމާގެ ޖީބަށް ކަހާލެވިދާނެ، ބަސްނާހާ މީހަކަށް ވެގެން އުޅުނީމަ. ރައްޔިތުން ބަސްބުނެފި.ކައިރީގަ ގެންގުޅުނު އެކުވެރިން ކޮޅުވެސް ހަތާ ތަޅާލީމަ ދާ ކުޅަނދުރު ތަކެއް ފަދައިން ވިއްސިވިހާލި ވެގެން އިސާހިތަކު ހިނގާދާނެ. ދެންއަތްޖަހާ.
އުމަރުބެ
25 September 2018
ރައްޔިތުން ބަސްއިއްވި އެކަމަކު މުގުރުންތަޅާ، ޕެޕަސްޕްރޭ ޖެހީ، ހަމަ އެއިރުވެސް އިއްވަމުން ގެންދިޔައީ ރައްޔިތުންގެ ބަސް، އެކަމަކު ޖަވާބްދިނީ އިދިކޮޅުކަމަށް ހިތައި، ވޯޓްލައިގެން ބަލިވީމަ ދެނެއްނޫން ގަބޫލުކުރާނީ، ގަބޫލުކުރަންވާނެ އެއްމެ ރައްޔިތެއްގެ ބަސްވެއް، އެއްމެ ރައްޔިތެއްވެސް ބަސް ބުނަމުންގޮސް އެބަސް ވަރަށް ވަރުގަދަކޮށްފާނެ، އެމަންޒަރު އެފެނުނީ
އަޙުމަދު
25 September 2018
ކުރާނެ ކަމެއްނެއް. ލިބުނު ބާރުތަށް ނަހަމަގޮތުގައި ބޭނުންކުރެއްވުމާއި މަބޮޑު ހެދިގެން އުޅުއްވުމުގެ ސަބަބުން ދިމާވިގޮތް، 5 އަހަރުގެ ތަރައްގީއޭ ބުނާއިރު ރައްޔިތުން ދަރަނި ވެރިވެރިކުރުވި މިންވަރު ހަނދުމަފުޅު އެބަހުރިތޯ ؟
ކުޅުއްދުއްފުށީ ކުޅި
25 September 2018
ކުޅުދުެއްފުށީ މީހުން އެއޮދިން ލަނޑު ބަލާބަލަ. އިބްރަތެއް ނުންތޯ. ކޮންކްރީޓް ފަށަލަޔަކުން ތިމަންމެން ނުގަނެވޭނެޔޭ އެބުނީ. އެހެންމީހުްނވެސް މި ފިލާވަޅު ދަސްކުރާތި. ރައްޔިތުންނަށް މުހިއްމު ވާނީ ހޮސްޕިޓާ. ދެން އަމިއްލަ ޖީބަށް ވަންނަ ލާރި
ފާއިޒު ސަމަދު
25 September 2018
ގަބޫލުނުކޮށް ކޮންތާކަށް ވަންނަނީ؟
އުނބުށެން
25 September 2018
ގަބޫލުކުރި ވަރު އެނގޭނީ އަދި ދުވަސްކޮޅަކުން. ސަލާމަތުން ހުރިއްޔާ 2012 ގެ ކަންތައްގަނޑު އަލުން ހިލޭނެ. އެއްވެ އުޅުމުގެ ގާނޫނު އިހުއޮތްގޮތަށް ބަދަލުނުކޮށް އަދި ބާއްވާ. އޭރުން އެމީހުން ފޭހި އިލޮށި އެމީހުންގެ ލޮލަށް ހެރިގެން ތިބެންޖެހޭނީ.
ޤައުމު
24 September 2018
އަހަރެމެންގެ ހިތްތިރި ކެތްތެރި ހިންގުންތެރި ރައީސް. ތިޔައީ އަހަރެމެން ބަލައިގަތް ތަރައްޤީގެ ބާނީ އަކީ. އަހަރެމެން އަބަދުވެސް ތިބޭނީ ރައީސް ޔާމީންއާ އެކީ.
ރިޝީ ކަޕޫރު
24 September 2018
ދިވެހިން ހަވާލުކުރި އަމާނާތަށް ރައްކާތެރިނުވެ ގަދަބަސް ބުނުމުގެ ނަތީޖާ...
ށަސއ
24 September 2018
މާގިނަދުވަހެއް ނުވާނެ މަގުމައްޗައް ގާސިމް ނުކުއްނާނެ ސޯލިހު ކަމަކުނުދެޔޭކިޔާފައި
އަދުރޭ ބުނި ޓިނު
24 September 2018
ދިވެހިން ނުހެއްލުނު ދޯ ކޮންކިރިޓްގެ ދަޅައަށް.