ހުކުމަށް ފަހު، ނަޝީދު ކޯޓުން ނުކުމެވަޑައިގެން ސަޕޯޓަރުންނާ ސަލާމް ކުރައްވަނީ. --ފޮޓޯ: އަލީ ނިޝާން/މިހާރު
26 ނޮވެމްބަރ 2018 - 13:13
ޓެރަރިޒަމްގެ 13 އަހަރުގެ ޖަލު ހުކުމުން މިނިވަންވުމަކީ ލިބިވަޑައިގެންނެވި ބޮޑު އުފަލެއް ކަމަށާއި ސުޕްރީމް ކޯޓުގެ ހުކުމާ އެކު، އެމަނިކުފާނުގެ ސިޔާސީ ހަޔާތްޕުޅު ނުނިމޭ ކަން މާ ބޮޑަށް ސާފުވެއްޖެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލައިގައި ނަޝީދުގެ މައްޗަށް އިއްވި ޖަލު ހުކުމް ބާތިލްކޮށް، އެމަނިކުފާނަކީ މިނިވަނެއްގެ ގޮތުގައި ސުޕްރީމް ކޯޓުން މިއަދު ވަނީ ހުކުމްކޮށްފަ އެވެ.
ހުކުމަށް ފަހު، ސުޕްރީމް ކޯޓު ކައިރީގައި ނޫސްވެރިންނާ ބައްދަލު ކުރައްވައި ނަޝީދު ވިދާޅުވީ "އަޅުގަނޑުގެ މައްޗަށް އޮތް ބޮޑު ހުުކުމެއް ބާތިލްވެ މިނިވަނެއްގެ ގޮތުގައި" އުޅުއްވުމުގެ ފުރުސަތު ފަހިވެފައިވާ ކަމަށެވެ. އަބަދުވެސް ތަކުރާރު ކުރައްވާ ގޮތަށް، ސިޔާސީ މަސައްކަތްޕުޅަށް ނިމުމެއް ނެތް ކަމަށް ވިދާޅުވި އެވެ.
"ދެން މިވަގުތަށް ހުރި ސިޔާސީ މަސައްކަތްތަކަކީ ކޮބައިތޯ ތިބޭފުޅުން ތި މިނާ ހައްދަވަނީ. އެހެންވީމަ، އަޅުގަނޑު ވެސް މަސައްކަތް ކުރަމުން ގެންދަވާނީ ގާނޫނީ ގޮތުން މި ރާއްޖޭގައި ހުރި މުއައްސަސާތައް މެދުވެރިކޮށްގެން،" ސިޔާސީ ކުރިމަގާ ގުޅޭ ގޮތުން ނޫސްވެރިއަކު ސުވާލުކުރުމުން، ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑުގެ ސިޔާސީ ހަޔާތް ނިމުނު ކަމަކަށް އަދި އަމުދުން މިއަދަކު އަޅުގަނޑެއް ނުދެކެން."
އެމަނިކުފާނު މިނިވަންވީ، ދިވެހިންގެ ހިތްވަރާއި ނުގުޑާ ފަދަ އަޒުމާ ހެދި ކަމަށް ވިދާޅުވި އެވެ. ޚާއްސަކޮށް، ނިމިގެން ދިޔަ ރިޔާސީ އިންތިޚާބުގެ ނަތީޖާ އިން ޕްރޮސިކިއުޓަ ޖެނެރަލް އައިޝަތު ބިޝާމަށް ސާފުވެވަޑައިގެންނެވި އެއް ކަމަކީ، ނަޝީދު ވިދާޅުވި ގޮތުގައި، އެމަނިކުފާނުގެ މައްސަލައަކީ އާއްމުންގެ މަސްލަހަތާ ނުހަނު ބޮޑަށް ގުޅިފައި އޮތް މައްސަލައެއް ކަމެވެ.
ޝަރީއަތް ނިމުނު ގޮތާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، އެމަނިކުފާނުގެ މައްޗަށް އިއްވުނު ދައުވާ ކަމުނުދާ ކަން ޝަރީއަތުގެ މަޖިލީހުން ވެސް އަޑު އިވިވަޑައިގެންނެވި ކަމަށެވެ. އަދި އަބްދުﷲ ގާޒީ ހައްޔަރުކުރީ، ސިފައިންގެ ގާނޫނުގެ ދަށުން ގައުމީ ސަލާމަތަށް ނުރައްކަލެއް ހުރި ކަމެއްގެ ގޮތުގައި ސިފައިން ދެކިގެން ކަމަށް އުއްތަމަ ފަނޑިޔާރު ފާހަގަކުރެއްވި ކަމަށް ވިދާޅުވި އެވެ. އެއާ އެކު ވެސް ފަނޑިޔާރަކު ހައްޔަރުކުރުމުގައި ގާނޫނީ އިޖުރާއަތުތަކެއް ހުރި ކަން ފާހަގަކުރެއްވި ނަމަވެސް އެމަނިކުފާނުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލިގެން ނުވާނެ ކަމަށް ވެސް ފަނޑިޔާރުން ފާހަގަކުރެއްވި ކަމަށް ނަޝީދު ވިދާޅުވި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު، ސަޕޯޓަރުންނާ ސަލާމް ކުރައްވަނީ. --ފޮޓޯ: ނިޝާން އަލީ/މިހާރު
އެމަނިކުފާނުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކަން ފާހަގަކުރައްވައި ވިދާޅުވީ، ޔާމީން ގެންދެވީ އެކި ފަރާތްތަކަށް ނުފޫޒު ފޯރުއްވަމުން ކަމަށެވެ. އެ ބިރުތައް ދެއްކެވުމުގެ ތެރޭގައި ކޯޓުތަކުން ހިންގި އަމަލުތައް މާ ބޮޑަށް މިހާރު ސާފުވަމުން އަންނަ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"އިރާދަކުރެއްވިޔާ، ދެން މި ކަންކަމަށް ބަދަލު އަންނާނެ. އަޅުގަނޑުމެން މި އުއްމީދުކުރާ ދިވެހިރާއްޖެ ލިބޭނެ،" ނަޝީދު ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އީމަން
27 November 2018
ސިޔާސީ ބޭކާރު އަނގަ ނުތަޅާ ހިމޭނުން ހުރުވޭތޯ ބަލާބަލަ
ބަނާނާ
26 November 2018
އަބްދުﷲ ގާޒީ އަށް ދައުވާކުރަން ފެނޭ އަސްކަރީ މަރުކަޒަކަށް ގޮސް އެތާގަ 21 ދުވަސް ވަންދެން އުޅުނީތީ.
ރޯނުއެދުރު
26 November 2018
މިިހާރުވަރަށް ރަނގަޅަށްް އެނގިހާމަވެގެެންމިދަނީ ރައްްޔިިތުނަށް އިިންސާފެއްނެތޭ އަނިޔާއޭކިޔާގެން އޮޮޅުވާލާގެން ވެރިކަމަށްއައިބޭނުން ތިިމާމެންނަށް އިއްވާފަހުރިި ހުކުމްތަކުން ސަލާމަތްވާންްވެގެން ދުކޮޮޅެއް ފަހުންއެނގިގެންދާނެ ކޯޓުތަކުގަ އިންސާފާ އަނިޔާހުރިވަރު
އަން
26 November 2018
މިރާއްޖޭގެ އެއްވެސް މީހެއްގެ ސިޔާސީ ހަޔާތެއް ނުނިމޭނެ!!! އަހަރެމެންމީ އަބަދުވެސް ގުބޯ ހެދޭ އަދި ހެއްދޭނެ ބައެއް!! ކިތެމެ ވަރަކަށް ލާރި ކައިފަ މާދަން ޕޯޑިއަމް އަރާފައި ކޮންމެވެސް މީހަކަށް އަވަގުރާނަ ގޮވާލަނިކޮން ތާއީދު އަބުރާ ލިބޭނެ
ތިމާވެށި
26 November 2018
ރައީސް ކަން ބޭނުންވެފަ ހުރި ވަރު ވ ސާފު ވެއްޖެއެވެ.
ފޮސްކަލޯ
26 November 2018
މީނަ އިބޫ ކަނަކަށް ލާނެ. މިހާހިސާބަށް މި އެމްޓީޕީ އެއްވެސް މީހަކަށް ސަލާމަތެއް ވެފައެއްނެތް މީނަގެ ފަރާތުން. ފިތުނަ ހަދާއިގެން އިންޓަނެޓްގަ އުޅޭ އަދި ޖަގަހަ ތަކުގައި އުޅޭ އެކްޓިވިސްޓުން ލައިގެން ފަނިހަދައިގެން މިކޯލިޝަން ފަނިކޮށް ވެރިކަން އަތުލަން އުޅޭނެ. ފޮސްކަލޯ ބުނީތީ ބަލާތި ތިކުދިން
ހުދު ފަނިޔަރު
26 November 2018
މިއައްވުރެ ޝަރުއީ ނިޒާމު އިންސަފުވެރި ނިޒާމެއް އޮތް ގައުމެއް ދުނިޔޭގެ އެއްވެސް ތާކު ބަހާރު މޫސުމާ ހަރީފު މޫސުމުގެ ގޮތުގަވެސް އައިސްފަކާއެއް ނެތް ލޮލް
ރަށުމީޙާ
26 November 2018
ޒިންމާނަގަންޖެހޭ މީހުން ނޭގޭތަ
ހަމީަ
26 November 2018
ހޫނ ދެން ބަޣާވާތަށް ރެޑީވޭ އިބޫ ވައްޓަން
އަންތރީސް
26 November 2018
މިހާރު މިކަންތައް ދާގޮތުން ހީވަނީ އިބޫގެ ސަރުކާރުން އިންޑިޔާއަށް މިގައުމު ވިއްކާލާނެހެން.... އިނގޭ އިބޫއަކީ މަޑުމައިތިރި ބޭފުޅެއްކަން.. އަދި ހުރިހާ ބާރެއްއޮތީ 4 ރޫހާނީ ލީޑަރުން އަތުގައިކަންވެސް.. އެކަމަކު ވެރިއަކައްހުރިމީހާ ޒިންމާވާންވާނީ...