މާލެ: ނޮވެމްބަރު 19، 2018- މިދިޔަ ހޮނިހިރު ދުވަހު މަގާމުގެ ހުވާކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ފުރަތަމަ ކެބިނެޓް ބައްދަލުވުމުގެ ތެރެއިން.---ފޮޓޯ: ރައީސް އޮފީސް
02 ޑިސެމްބަރ 2018 - 11:14
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެބިނެޓުގެ ވަޒީރުން މާލީ ބަޔާން ހުށަހަޅުއްވަން ފައްޓަވައިފި އެވެ
ސަރުކާރުގެ އިދާރާތަކާއި ކުންފުނިތައް އަދި މިނިވަން މުއައްސަސާތަކަށް އައްޔަން ކުރާ ބޭފުޅުންގެ މުދަލާއި މާލީ ހާލަތު ހުށަހަޅަން ޖެހޭ ގޮތަށް ރައީސް ވަނީ ނިންމަވައިފަ އެވެ. އަދި އެ ބަޔާންތައް އާންމު ކުރާނެ ކަމަށް ވެސް ސަރުކާރުން ބުނެ އެވެ.
ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަން ސްޓްރެޓެޖިސްޓް އަދި ރައީސްގެ ތަރުޖަމާނު އިބްރާހިމް ހޫދު މިއަދު ވިދާޅުވީ މާލީ ބަޔާން ހުށަހަޅަން ވަކި މުއްދަތެއް ދީފައިވާ ކަމަށާއި އެ މުއްދަތު ފަހަނައަޅައި ދިއުމުގެ ކުރިން ވަޒީރުން މާލީ ބަޔާން ހުށަހަޅުއްވާނެ ކަމުގެ ޔަގީން ކަން އެބަ އޮތް ކަމަށެވެ.
"މިއީ މުޅިން އަލަށް ޕްރެކްޓިސް ކުރަމުން އަންނަ ކަމެއް. އެހެންވީމަ، މި ހުރިހާ ބޭފުޅުން ވެސް މާލީ ބަޔާން ހުށަހަޅާނެ ކަމުގެ އިތުބާރު އެބަ އޮތް. އެ މައުލޫމާތުތައް ވެސް ހާމަކުރާނަން،" ހޫދު ވިދާޅުވި އެވެ.
މިހާތަނަށް މާލީ ބަޔާން ހުށަހެޅުއްވީ ކިތައް ވަޒީރުން ކަން ހޫދު ހާމައެއް ނުކުރައްވަ އެވެ. އަދި މާލީ ބަޔާން ހުށަހަޅަން ޖެހޭ ވަކި މުއްދަތެއް ވެސް ވިދާޅެއް ނުވެ އެވެ. އޭނާ ވިދާޅުވީ އެ މައުލޫމާތު ފަހުން ހާމަކުރައްވާނެ ކަމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހު ކުރާނެ ކަންކަން ބަޔާންކޮށް ސަރުކާރުން ނެރެފައިވާ ފޮތުގައި ބުނެފައި ވަނީ، ވެރިން އަދި އެ ބޭފުޅުންގެ ފިރިން ނުވަތަ އަނބިންގެ މާލީ ބަޔާން ހާމަކޮށް، ގަވާއިދުން އެ ބަޔާންތައް ރިވިއު ކުރެވޭނެ ގޮތް ހަމަޖައްސަން ވާނެ ކަމަށެވެ.
ސަރުކާރުގެ އަދި ސަރުކާރު ކުންފުނިތަކުގެ ވެރިންގެ މާލީ ބަޔާން އާންމު ކުރުމަކީ ގާނޫނީ ގޮތުން ލާޒިމު ކަމެއް ނޫނެވެ. އެކަމަކު މިއީ، ސަރުކާރުގެ ވެރިންނާއި މިނިވަން މުއައްސަސާތަކާއި ސަރުކާރުގެ ކުންފުނިތަކުގެ ވެރިންގެ މާލީ ބަޔާން ހާމަކުރަންޖެހޭ ގޮތަށް ނިންމި ފުރަތަމަ ފަހަރެވެ.
އާ ސަރުކާރުގައި ބަންޑާރަ ނައިބާ އެކު 20 ވުޒާރާއެއް ވަނީ އުފައްދައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢައްޔޫ
02 December 2018
ދަރިންގެ ފައިނޭންޝަލްސްތައް ވެސް ބޭނުންވާނެ
15246
02 December 2018
ވަރަށް ރަނގަޅު ނިންމުމެއް. އިބޫގެ ވެރިކަމުގައި މިސާލު ދައްކަވައި ޔާމީން ހެދިހެން ސަރުކާރު ނިމިގެންދާއިރު ވަކިބަޔަކު މުއްސަނދިވެގެން ދިޔަނުދީ ހުރިހާ ރައްޔިތުން ފުދުންތެރި ކޮށްދެވޭތޮ ބަލާތި. އިބޫގެ ކޮލިޓީ ދައްކަން މިވަނީ ފުރުސަތު ލިބިފަ. އެހެން ނަމަވެސް އެތައްބައިވަރު ގޮންޖެހުންތަކާއެކު.
ހިކިމިރުސް
02 December 2018
އެއްމެ ބޮޑު ގޮންޖެހުމަކީ އިބޫ ގާތް އެކުވެރި އަންނި. މިހާރުވެސް ކޯލިޝަން ރޫޅާނުލެވިގެން ލޮލުފިޔަ ނުޖެހޭ އަންނިއަށް.
މޮޔަ މީހާ
03 December 2018
ބަލަ ވެރިކަން ކުރަން ޖެހޭނީ އެއް ޕާޓީ !! އެންމެ ރައީސެކޭ ހުންނަން ޖެހޭނީ ! މިހަާރު މި ފެންނަނީ 4 ރައީސުން ! ހަމަހޭ ގަ ތޯ؟