ނޮޅިވަރަމުގައި ނަރުދަމާގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް މިނިސްޓަރު ތޯރިގް އިބްރާހިމް އިފްތިތާހުކޮށްދެއްވަނީ. -- ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ
27 އޯގަސްޓް 2016 - 20:28
ރާއްޖޭގެ އެންމެ އުތުރުގެ ދެ އަތޮޅު ކަމަށްވާ ހއ. އާއި ހދ. ގެ ބައެއް ރަށްރަށުގައި ސަރުކާރުން ބޮޑެތި މަޝްރޫއުތަކެއް ފަށައިފި އެވެ.
އެންވަޔަރަމެންޓު މިނިސްޓްރީން ވަނީ ހއ. އިހަވަންދޫ ނަރުދަމާ ނިޒާމުގެ މަސައްކަތާއި އެ އަތޮޅު ދިއްދޫގައި ފެނުގެ ނިޒާމުގެ މަސައްކަތާއި ހދ. ނޮޅިވަރަމުގެ ނަރުދަމާ ނިޒާމުގެ އަމަލީ މަސައްކަތް ފަށައިފަ އެވެ. މި ހުރިހާ މަޝްރޫއުތަކެއް ވެސް ފައްޓަވައިދެއްވީ، އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގު އިބްރާހިމް އެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގަ އެވެ.
ހއ. އިހަވަންދޫގައި ފެށި ނަރުދަމާ ނިޒާމުގެ މަސައްކަތަށް ސަރުކާރުން 66.5 މިލިޔަން ރުފިޔާ ހަރަދު ކުރާއިރު މަސައްކަތް ހަވާލުކޮށްފައި ވަނީ އެމްޑަބްލިއުއެސްސީއާ އެވެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި 17 ކިލޯ މީޓަރުގެ ނަރުދަމާ އަޅައި ފަސް ޕަންޕު ބަހައްޓާނެ ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުންޏެވެ.
#MEE @Thoriqibrahim Inaugurates Groundbreaking Ceremony of Sewer Network System at Hdh.Nolhivaran. pic.twitter.com/hK69hC2hXP
— environment.gov.mv (@EnvGovMv) August 27, 2016
މިނިސްޓަރު ތޯރިގާއި ނޮޅިވަރަމުގެ ވެރިން އެ ރަށުގެ ނަރުދަމާ ނިޒާމުގެ މަސައްކަތް ފައްޓަވައިދެއްވަނީ
މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ.
ސަރުކާރުގެ ބަޖެޓުން 53 މިލިޔަން ރުފިޔާ ހަރަދުކޮށްގެން ދިއްދޫގެ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ވެސް ފަށައިގެން ކުރިއަށް ދާއިރު މި މަސައްކަތް ހަވާލުކޮށްފައިވަނީ ސިއޭރާ މޯލްޑިވްސްއާ އެވެ. އެންވަޔަރަމެންޓް މިނިސްޓްރީން ބުނީ މި މަޝްރޫއުގެ ބައެއް މަސައްކަތްތައް މި އަހަރު ކުރީކޮޅުން ފެށިގެން ކުރަމުން އަންނާތީ އަހަރެއްހާ ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.
އުތުރުގެ ބައެއް ރަށްރަށުގައި ފެށި މި މަސައްކަތްތަކުގެ ތެރޭން އެންމެ ބޮޑު ހޭދައެއް ސަރުކާރުން ކުރަނީ ހދ. ނޮޅިވަރަމުގެ ނަރުދަމާ ނިޒާމުގެ މަސައްކަތަށެވެ. އެގޮތުން މި މަޝްރޫއަށް 79 މިލިއަނެއްހާ ރުފިޔާ ސަރުކާރުން ހަރަދު ކުރެ އެވެ. އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަސައްކަތުގެ ދަށުން 240 ކިލޯ މީޓަރުގެ ހޮޅި އެޅުމަށް ހަމަޖެހިފައިވެ އެވެ.
އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވީ މި ރަށްތަކުގައި ކުރިން ވެސް ސަރުކާރުން ބޮޑެތި މަޝްރޫއުތަކެއް ހިންގާފައިވާ ކަމަށާއި އެ ރަށްތަކަށް އެންމެ ބޮޑަށް ބޭނުންވާ ހިދުމަތްތައް ސަރުކާރުން ފޯރުކޮށްދޭނެ ކަމަށެވެ. އެގޮތުން އިހަވަންދޫގެ ކަރަންޓުގެ ހިދުމަތް އިތުރަށް ރަނގަޅުކޮށް، އެ ރަށުގައި ސްޕޯޓްސް އެރީނާއެއް އަޅައި އެ ރަށާއި ނޮޅިވަރަމުގެ ކުނީގެ މައްސަލައަށް ހައްލެއް ގެނައުމަށް އަންނަ އަހަރު އެ ރަށްރަށުގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް އަޅާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ދިއްދޫގައި ވެސް އިތުރު މަސައްކަތްތައް ސަރުކާރުން ފަށާނެ ކަމަށް އިއުލާނު ކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ިނޭކުރެންދޫ
28 August 2016
ިނޭކުރެންދޫ ޖަލު ކޮބާ! ނޭކުރެންދޫ އެއްވެސް ކަމެ ނުކޮށް ދޭ|!
އުމަރު
28 August 2016
ކިތަންމެ ބިޔަ ބޮޑު މަޝްރޫއުއެއް ހިންގިޔަސް ޑިމޮކްރަސީނެތިއްޔާ ރައްޔިތުން ހިތްހަމަ ނުޖެހޭނެ، ޑިމޮކްރަސީ ކުރިއަށް އޭގެ ފަހުގައި ތަރައްޤީ
ނާނު
28 August 2016
ސުރުހީކިޔާލުމުން ހީވީ ވަރަށް ގިނަ މަސައްކަތް ފޭށީހެން ؟ އެކަމަކު ތިންރަށެއްގެ މަސައްކަތުގެ ތެރެއިން އެއްރަށުގެ މަސައްކަތް އެއީ މިހާރުވެސް ފެށިގެން ހިގާ މަސައްކަތެއް ؟
ޓެކްސް
28 August 2016
ހެސްކިޔާފަ ޓެކްސް ނަގާއިރު ހެސްކިޔާފަ ޓެކްސްއަށް މަކަރުހަދާ މީހުން މާގިނަ. ދެން ކޯއްޗެއް ލިބޭނީ. ޓެކްސް ނަގައިގެން ތިބެނީކީއެއްނޫން. ކޮންމެ މީހަކަށް ހިލޭ ބޭސް، ހިލޭ ކާޑު، ހިލޭ މުސްކުޅިންގެ ފައިސާ، ނުކުޅޭދޭ މީހުންގެ ފައިސާ، ބަލާނެ މީހުންނެތް މީހުންނާ ކުޑަކުދިން ބެލެހެއްޓުން، އެކަނިވެރި މައިންނަށް ދޭފައިސާ، މިކަންކަމުގެ ހަގީގަތާ ދޭ ފައިސާއާ ދޭ މިންވަރާ ގޮސް ބަލާލަބަލަ ތިކަހަލަ ބޭކާރު އަނގަ ނުތަޅާ. ތަންދޮރު ކުޑަވެގެން ތިއުޅެނީ ކޮންކަމަކާތަ؟
ކކ
28 August 2016
ދައްކާލުމެއް.
ތޯބެ
28 August 2016
ދިއްދޫގަ ފަށާފަ ހުރި އެއްވެސް ކަމެއް ކުރިޔަކަށް ނުދޭ ކީއްވެތަ
ރަގަޅު މީހާ
27 August 2016
"ސަރުކާރުގެ ބަޖެޓުން 53 މިލިޔަން ރުފިޔާ ހަރަދުކޮށްގެން ދިއްދޫގެ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ވެސް ފަށައިގެން ކުރިއަށް ދާއިރު މި މަސައްކަތް ހަވާލުކޮށްފައިވަނީ ސިއޭރާ މޯލްޑިވްސްއާ އެވެ"ކޮމާކޯޅި ތެރޭގައިވާ ތޯރިގު ވިދާޅުވާ އެބަސްކޮޅަކީ ކަމުގެހަގީގަތެނޫންކަން ދިއްދޫގައިއުޅޭ ދިއްދޫ ރަތްޔަތުމީހެއްގެ ފަރާތުން ބުނެލަމެވެ.
ނުސިހޭނެ
27 August 2016
ރައީސް ޔާމިން އެ ވަޑައިގަންނަވަނީ ފަހަތް ބެލުމެއް ނެތި ކުރިއަށް ރާއްޖެ ނުދެކޭފަދަ ތަރައްގީ އާއި ތަމައްދުން ގެނެސް ދެއްވަމުން. ވޭތުވި ތިން އަހަރަކީ ރާއްޖެ އެންމެ އަވަސް ދުވެއްޔެއްގައިި ކުރި އަރައިގެން ދިޔަ ތިން އަހަރު. ރައްޔިތުން މިތިބީ އުފަލާއެކީ ރައީސް ޔާމިން ފަހަތްޕުޅުގަ
އައި
27 August 2016
މި ސަރުކާރު މާ ރަގަޅުކޮށް ކޮމެންޓް ކުރާ ކުދިންނަށް ސަލާމް އަށް ފަހު ދަންނަވަމެވެ، ޓެކްސް ހެސް ކިޔާފަ ނަގައިގެން ރަށެއްގަ ކަމެއް ކޮށްލާއިރަށް ޓެކްސް ނުނަގާ ކަންކަން ކޮށް ދިން ވެެރިންނާ އަޅުވާ ތި ކިޔަނީ ހަމަ ވާނުވާ ނޭގިގެން ހެއްޔެވެ؟ ނޫނީ އިތުރަށް ރައްޔަތުންނަށް އޮޅުވާ ލުމަށް ހެއްޔެވެ؟
ނުހުންނާނެ
27 August 2016
މިހަފްތާގައި އަޑުއިވިގެން މިދިޔައީ އެއީ އުތުރުގައި ބޮޑެތި މަޝްރޫއު ތައް ހިނގަމުން ދާ އަޑެވެ. ދެން އަންނަ ހަފްތާގައި އަޑު އިވިގެން ދާނީ ދެކުނު ގައި ބޮޑެތި މަޝްރޫއު ތައް ފެށިގެން ދާ އަޑެވެ. މިފަދަ އުފާވެރި ޚަބަރު ތައް ދެން އަޑު އިވޭނީ މުޅިން ވެސް ރާއްޖޭގެ މަޝްރަހުން. މިހެންވީމާ ދެން މިވެރިކަން ވައްޓާލަން ނިކުންނާނެ ދިވެހި ރައްޔިތަކު ނުހުންނާނެ ނޫންތޯއެވެ.