އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --- ފޮޓޯ: މިހާރު
18 މާޗް 2019 - 11:21
ރައްޔިތުން މަޖިލިހަށް މެމްބަރުން ހުށަހަޅުއްވާ އިތުބާރު ނެތް ކަމުގެ މައްސަލަތައް ކުރިއަށް ގެންދާނެ ގޮތާ ގުޅޭ އުސޫލުތައް މަޖިލިހުގެ އާންމު ކޮމިޓީން ފާސް ކުރީ ސުޕްރީމް ކޯޓުގެ ހުކުމާ އެއްގޮތަށް ނޫން ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
މަޖިލިހުގެ މިއަދުގެ ޖަލްސާގައި އާންމު ކޮމިޓީގެ ރިޕޯޓަށް ބަހުސް ކުރައްވަމުން އަސްލަމް ވިދާޅުވީ މަޖިލިހުގެ ގަވައިދަށް ގެންނަން އުޅޭ އިސްލާހަށް ތާއީދު ކުރެވެން ނެތް ކަމަށެވެ. ސަބަބެއްގެ ގޮތުގައި އަސްލަމް ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމްގައި ހިމެނޭ ކަންކަން ގަވައިދަށް އިތުރުކޮށްފައި ނެތީމަ އެވެ.
"ހުކުމްގައިވާ ގޮތުން ވަރަށް ސާފުކޮށް އެނގޭ އަޅުގަނޑު ކިޔާލީމަ، އިމްޕީޗްމަންޓަކަށޭ ވާން ޖެހޭނީ. ގަވައިދުގައި ބަޔާން ވާން ޖެހޭނެ ކޮން ކަހަލަ ހާލަތެއްގައި ކަން ވަކި ކުރެވޭނީ،" މަޖިލިހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު ކަން ވެސް ކުރައްވާ އަސްލަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެންމެ ފުރިހަމަ ގޮތަކަށް ވާނީ މަޖިލިހުގެ ގަވައިދަށް ބަދަލު ގެނައުމުގެ ބަދަލުގައި ސުޕްރީމް ކޯޓުގެ ހުކުމާ ގުޅޭ ބައިތައް ގާނޫނެއްގެ ތެރެއިން ގެނައުމެވެ. އޭގެ ކުރިން، ސުޕްރީމް ކޯޓުގެ ހުކުމެއް މުރާޖައާކޮށްދޭން އިލްތިމާސް ކުރުމަކީ ކުރެވިދާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ފުރިހަމަ އަށް ގަބޫލު ކުރަން ގާނޫނުއަސާސީގެ ބެލެނިވެރިއެއް ނޫން ސުޕްރީމް ކޯޓަކީ... ސުޕްރީމް ކޯޓުގެ ހުކުމެއް މުރާޖައާ ނުވެ، ހުކުމެއްގެ ގޮތުގައި ހުކުމް ދެމި އޮންނަހާ ހިނދަކު ހުކުމަށް އިހްތިރާމް ކުރަން ޖެހޭނެ،" އާންމު ކޮމިޓީގެ ނިންމުމާ ދެކޮޅު ހައްދަވައި އަސްލަމް ވިދާޅުވި އެވެ.
އަސްލަމް ވަނީ އިމްޕީޗްމަންޓާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ކުރި ހުކުމްގައިވާ ހުރިހާ ކަންކަމަކީ އޭނާ އަށް ގަބޫލު ކުރެވޭ ކަންކަމެއް ނޫން ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު، ހުކުމެއް ވަކި ގޮތެއްގައި ދެމިއޮންނަ ނަމަ، ހުކުމެއް ގަބޫލު ކުރަން ޖެހޭނެ ކަމަށް ތަކުރާރުކޮށް އަސްލަމް ވިދާޅުވި އެވެ.
އަސްލަމްގެ ވާހަކަތަކާ ގުޅިގެން މަޖިލިހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވީ އަސްލަމްގެ ވާހަކަތަކާ ގުޅިގެން ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ މަޝްވަރާ ކުރައްވާނެ ކަމަށެވެ.
ސުޕްރީމް ކޯޓުން މީގެ ދެ އަހަރު ކުރިން، 2017 ގައި އިމްޕީޗްމަންޓާ ބެހޭ ގޮތުން ކުރި ހުކުމްގައި ހުރި ބައިތައް މަޖިލިހުގެ ގަވައިދަށް އިތުރު ކުރަން މިދިޔަ އަހަރު ވެސް މަޖިލިހުގައި މަސައްކަތް ކުރި އެވެ. އޭރު ގަވައިދަށް އިމްޕީޗްމަންޓާ ގުޅޭ މާއްދާތައް އިތުރު ނުކުރާތީ، ކުރީގެ ސަރުކާރުގެ ބައެއް ވަޒީރުންގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ނުނަގައި މަޑުޖައްސާލާފައިވެ އެވެ.
އެކަމަކު، އަލުން އެ ބަދަލު ގެނައުމުގެ މަސައްކަތް ފެށީ އިދިކޮޅު ފަރާތްތަކުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސަރުކާރުގެ ދިފާއީ ވަޒީރު މާރިޔާ އަހުމަދު ދީދީގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅާފައިވަނިކޮށެވެ. މަޖިލިހުގެ ރައީސް ގާސިމް އިބްރާހިމް ކުރިން ވިދާޅުވި ގޮތުގައި އެ މައްސަލަ މަޖިލިހުގައި ކުރިއަށް ގެންދެވެން އޮތީ މަޖިލިހުގެ ގަވައިދަށް ބަދަލު ގެނެސްގެންނެވެ.
ޕީޕީއެމާއި ޖުމްހޫރީ ޕާޓީގެ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސް ކުރި އިސްލާހުގައި ވަޒީރުންނާއި ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގެ މީހުން ވަކި ކުރުމުގައި އަމަލު ކުރަންޖެހޭ ގޮތްތަކާއި އެ ފަރާތްތަކަށް ލިބިދޭން ޖެހޭ ހައްގުތަކާއި ޖަވާބުދާރީވުމުގައި އަމަލު ކުރަން ޖެހޭ ގޮތްތައް ހިމެނި އެވެ. އެކަމަކު، ސުޕްރީމް ކޯޓުގެ ހުކުމްގައި ހިމެނޭ މުހިންމު ބައެއް ބައިތައް ގަވައިދަކަށް އިތުރެއް ނުކުރެ އެވެ.
ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުން ނަގާ އިތުބާރު ނެތްކަމުގެ ވޯޓުތަކަކީ އެކަށީގެންވާ ސަބަބުތަކެއް އޮވެގެން ނަގާ ވޯޓަކަށް ވާންޖެހޭނެ ކަމަށާއި އަދި އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސްކުރިޔަސް އެކަމުގައި ފަހުގެ ނިންމުން ނިންމާނީ އެ ކޯޓުން ކަމަށެވެ.
ހުކުމުގައި ނިންމާފައި ވަނީ އެކަށީގެންވާ ސަބަބެއް ނެތި، ސިޔާސީ ގޮތުން އިތުބާރު ނެތްކަމުގެ ވޯޓު ނުނެގޭނެ ކަމަށާއި އިތުބާރު ނެތްކަމުގެ ވޯޓުތަކަކީ އެކަށީގެންވާ ސަބަބުތަކަކަށް ބިނާވެފައިވާ އިމްޕީޗްމެންޓަކަށް ވާންޖެހޭނެ ކަމަށެވެ. އެ ހުކުމުގައި ކަނޑައެޅި އެ އުސޫލުތަކަށް މަޖިލީހުން ތަަބާވާން ޖެހޭނެ ކަމަށް ހުކުމުގައި ވެ އެވެ. އެކަމަކު، މިއިން އެއްވެސް ބައެއް ކޮމިޓީން ފާސް ކުރިއިރު، އިތުރުކޮށްފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑަންބޭ
19 March 2019
މިކަލޭގެ މިއީ ހާމިދު، ޖާބިރު...ކުރުގޮތަކަށް ބުނާނަމަ ހޮނޑައިދޫ ގްރޫޕްގެ ވަަރަށް ގާތް ރައްޓިއްސެއް.
ދދދދދ
18 March 2019
ކަލެއަކީ ރީނދޫ ގނޑ. ހެޔޮނުބައި ވަކި ކުރާކަށް ކަލެއކަށް ނޭނގޭނެ. ހިތަދޫން ތިހިރީ ސައިޒު ކޮށްފަ. މަޑުން ހުރޭ.
1111
18 March 2019
އެކަޝީގެންވާ ސަބަބެއްވެސް އޮންނަންވާނެ!ކޮންމެ ގޮތެއް ހަދާފަވެސް އިމްޕީޗްކުރުމުގެ ޤަވާއިދު އޮންނަންޖެހޭ.ދެރައީ ތިކަހަލަ އުސޫލެއް އޮތަސް އެއްގޮތުން 'އެކަށީގެންވާ ސަބަބު' ކްރިއޭޓް ކޮއްގެންވެސް ނަގާ އެއްޗެއް ނަގާފާނެ ނަގަން ފެނިއްޖެއްޔާ.ތި ބައިގަނޑާ ހެދި ޤައުމުގެ އަޚްލާޤީ ފޭރާން ވަރަށް ދަށަށް ގޮސްފި.ޕްރައިމަރީ ސްކޫލް ކުދިންނެކޭ ހުރި ތަފާތެއްނެތް.މޮޅު ތަންކޮޅަކީ ކުރިޔަށް ޢިއްޒަތްތެރި ލައިގެން އެހެން ކިޔުނީމަ އެވަރުގެ އިއްޒަތްތެރިއަކު ނުވެސް ހުންނާނެ.
ވާނުވާގަ
18 March 2019
މިހާރު އެމީހުން އެގެންނަ ބަދަލު އެމްޑީޕީ މަޖިލިސް މެޖޯރިޓީ އަށް އައުމުން ދެން ބަދަލުކުރަން ބޭނުންނުވާނެބާ! ބޯގޯސް ބައިގަޑެއް.
ރަދީފް
18 March 2019
ރޯނުއެދުރު.