ސަރުކާރު ކޯލިޝަންގައި ހިމެނޭ އެންމެ މުހިންމު ހަތަރު ލީޑަރުން. (ކ-ވ) ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން.
21 މާޗް 2019 - 08:21
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމަށް ހަތަރު މަސް ވީ އިރު، "ހުޅުގަނޑު" އެންމެ ބޮޑަށް ރޯވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މެދުގަ އެވެ. މާޒީގައި ގާސިމާއި ނަޝީދަކީ ބައެއް ފަހަރަށް ދެ "ހަތުރުން"ނެވެ. އަނެއް ބައި ފަހަރަށް ގުޅިފައިވާ އިއްތިހާދުގެ "އިތުބާރުކުރެވޭ" ލީޑަރުންނެވެ.
ސަރުކާރުގެ ހަނީމޫންގެ ދުވަސް ވަރު ނުވެސް ނިމެނީސް ދެ ބޭފުޅުން ހަތުރުންނަށް ވީ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އެމްޑީޕީން ހުރިހާ ދާއިރާއަކަށް ވާދަކުރަން ނިންމުމުންނެވެ. ގާސިމް ވިދާޅުވާ ގޮތުގައި އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިންމަން ހެދި އިއްތިހާދުގައި އެއްބަސްވި ގޮތެއް ނޫނެވެ. އެއްބަސްވީ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވެސް، ކޯލިޝަންގެ ޕާޓީތަކުގެ ކުޑަ ބޮޑުމިނުން ހަމަޖެއްސި މިންވަރަށް އެބަޔަކު ވާދަކުރާށެވެ.
ނަޝީދާއި އެމްޑީޕީގެ ނިންމުމަކީ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ކޮންމެ ބަޔަކު ވެސް ވާދަކޮށްގެން ކާމިޔާބުކުރުމަށެވެ. ޑިމޮކްރަސީއަކީ އެއީ ކަމަށް ވެސް އެ ޕާޓީން ގަބޫލުކުރާ ކަމަށް ބުންޏެވެ.
މިހާރު ގާސިމްގެ ޖޭޕީ މަސައްކަތްކުރަނީ އެމްޑީޕީއަށް ވުރެ ޕީޕީއެމާ ކައިރިން ކަމަށް، އެމްޑީޕީން ދެކެ އެވެ.
ނަތީޖާއަކީ މިއީ އެވެ؛ ރައްޔިތުންގެ މަޖިލިހުގެ ތެރެއިން ސަރުކާރުން ބޭނުންވާ ބިލްތައް ފާސްނުވެ، ދިގުލައިގެން ދިއުމެވެ. ރިޔާސީ ކޮމިޝަންތަކުގެ ބިލް ފަދަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދު ތަންފީޒު ކުރެއްވުމަށް ހުށަހެޅުއްވި ބިލްތަކުގެ މަސައްކަތް އެއްކޮށްހެން ހުއްޓިފައިވުމެވެ. މަޖިލިހުގައި އެމްޑީޕީގެ ބާރު ކުޑަވުމެވެ. އިއްތާހުގައި ހިމެނޭ ބައެއް މެމްބަރުންނާއި ޕީޕީއެމްގެ ބާރު ގަދަވެގެން ދިއުމެވެ.
ސިޔާސީ ހަތަރު ލީޑަރުން ކަމަށްވާ ގާސިމާއި ނަޝީދުގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާނާ އެކު، ރައީސް އާއި ނައިބު ރައީސް ފައިސަލް ނަސީމް ކުރިއަށް ގެންދަވާ ސިލްސިލާ ބައްދަލުވުންތައް ހުއްޓުމަކީ ވެސް މިހާރުގެ ހާލަތު އަންގައިދޭ މަންޒަރެކެވެ. ކޮންމެ މަހަކު އެއް ފަހަރު ބާއްވަން ނިންމި ބައްދަލުވުން ނުބާއްވާތާ ތިން މަސް ވީ އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ފަހުކޮޅު ފެނުނީ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީން ވެސް އެކުގައި މަޖިލިހުގެ ތެރެއިން މަސައްކަތް ކުރި ތަނެވެ. އެކަމަކު ވެރިކަން ބަދަލުވެ، ހިނގި މަދު ދުވަސްކޮޅުގެ ތެރޭގައި ޖުމްހޫރީ ޕާޓީ އަށް ވިއްސަކަށް މެމްބަރުން ހަމަވި އެވެ. އެމްޑީޕީ އަށް އެކަނި މަޖިލިހުގައި ކަންކަން ނިންމުމުގެ ބާރު ދޫވެގެން ދިޔައީ އެ ހިސާބުންނެވެ. ސަރުކާރުން ބޭނުންވާ ކަންކަން މަޖިލިހުގެ ތެރެއިން ނުވާނެ ކަން އެމްޑީޕީ އަށް ގަބޫލުކުރެވުނެވެ.
ސިޔާސީ މިސްރާބު ބަދަލުވި ގޮތަށް ބަލައިފި ނަމަ، އެމްޑީޕީގައި މިހާރު ތިއްބެވީ 19 މެމްބަރުންނެވެ. ޕީޕީއެމާއި ޖުމްހޫރީ ޕާޓީގެ މެމްބަރުން އެއްކޮށްލުމުން، 50 އަށް ވުރެ މައްޗަށް އަރަ އެވެ. ބާކީ ތިއްބެވި މެމްބަރުން އެމްޑީޕީ އަށް ގެންދިޔަ ނަމަވެސް، ޕީޕީއެމް-ޖޭޕީގެ އަދަދާ ގާތް ވެސް ނުވެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމް --- ފޮޓޯ: މިހާރު
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވީ މަޖިލިހުގެ ތެރެއިން ފެންނަނީ ސަރުކާރަށް ދަތިކޮށް، ޕްރެޝަރު ކުރުމަށާއި ބިރު ދެއްކުމަށް ރޭވިގެން މަސައްކަތް ކުރަމުން އަންނަ ތަން ކަމަށެވެ. އެހެންވެ، ޖޭޕީން މިއަށް ވުރެ، ހަރުދަނާ ވާން ޖެހޭނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.
އަސްލަމް ތުހުމަތުކުރެއްވި ގޮތުގައި ޖޭޕީގެ މެމްބަރުންގެ ގޮތުގައި، އެމްޑީޕީ ދެކޭ ގޮތް ނޫން އެހެން ގޮތްތައް ޕްރޮމޯޓް ކުރައްވާ މެމްބަރުން އެބަ ތިއްބެވި އެވެ. އެބޭފުޅުން ބޮޑަށް ފެންނަނީ އެމްޑީޕީގެ މެމްބަރުންގެ ބަދަލުގައި ޕީޕީއެމްގެ މެމްބަރުންނާ މަޝްވަރާ ކުރައްވައިގެން މަޖިލިހުގެ ތެރޭގައި ކަންކަން ކުރައްވާ ތަން ކަމަށާއި އެފަދަ ބޭފުޅުން ކޮމިޓީން ބަދަލުކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.
ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ވިދާޅުވީ ޕީޕީއެމް-ޖޭޕީ މެމްބަރުން މަޖިލިހުގެ ތެރެއިން މަސައްކަތް ކުރެއްވުމުގެ މަގު ދައްކައިދިނީ ސަރުކާރުން މަޖިލިހަށް ހުށަހެޅި އެޖެންޑާތަކެއްގެ ސަބަބުން ކަމަށެވެ. އެއީ ގިނަ މެމްބަރުންނަށް ގަބޫލުކުރެއްވުނު ކަމެއް ނޫން ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.
ޕީޕީއެމް-ޖޭޕީ އެކުގައި މަސައްކަތް ކުރި އެއް ސަބަބެއްގެ ގޮތުގައި ނިހާން ދެއްކެވީ އެމްޑީޕީން 86 ދާއިރާ އަށް ވާދަކުރައްވަން ނިންމެވުމެވެ. ދެ ވަނަ ސަބަބެއްގެ ގޮތުގައި ދެއްކެވީ ރިޔާސީ ކޮމިޝަންތައް ފަދަ ގާނޫނުއަސާސީއާ ތައާރަޒްވާ ބިލްތަކެއް މަޖިލިހަށް ހުށަހެޅުން ޖޭޕީގެ މެމްބަރުންނަށް ބަލައިނުގަނެވުމެވެ.
"މިކަހަލަ ބިލްތައް ޖޭޕީ މެމްބަރުން ލައްވައި ގަދަކަމުން ފާސްކުރަން އުޅުނީ،" ނިހާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޕީޕީއެމް-ޖޭޕީން އެކުގައި މަޖިލިހަށް ނުކުތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ކަންކަން އިސްލާހު ނުކޮށް، ދޫދޭން ޖެހޭ ތަންތަނުގައި ޖޭޕީ އަށް ދޫނުދިނުމުންނެވެ. އެކަން މަޖިލިހުގެ ތެރެއިން ފެންނަ ކަމަށް ނިހާން ވިދާޅުވި އެވެ.
ވިލުފުށީ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވީ ކޯލިޝަން ސަރުކާރެއް ހެދީ ހަމައެކަނި މަޖިލިހަށް ހުށަހަޅާ ބިލްތައް ފާސް ކުރަން ނޫން ކަމަށެވެ. އެކަމަކު ސަރުކާރަށް ޕްރެޝަރު ނުވަތަ ޖެއްސުމެއް ކުރުމުގެ ނިޔަތުގައި ޖޭޕީގެ މެމްބަރުން މަސައްކަތް ނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްޑީޕީން އެންމެ ބޮޑަށް ހިތްހަމަނުޖެހުނު އެއް ކަމަކީ ޓެކްސްއެއް ނެގުމަށް ނުވަތަ ޓެކްސްއެއް އުނިކުރުން ފިޔަވައި ދައުލަތުގެ މާލިއްޔަތަށް ބަދަލު އަންނަ އެހެން ކަންކަން ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ހުށަހެޅުއްވޭ ގޮތަށް ޕީޕީއެމް-ޖޭޕީ މެމްބަރުންގެ ވޯޓުން މަޖިލިހުގެ ގަވައިދު އިސްލާހު ކުރީމަ އެވެ.
ރިޔާޒް ވިދާޅުވީ ބިލް ވައްދައިގެން، އެ ފާސްކުރަން މަސައްކަތް ކުރެއްވުމަކީ މެމްބަރުންނަށް ލިބިވަޑައިގަންނަވާ ހައްގެއް ކަމަށެވެ. އަދި މެމްބަރުންނަށް ބައެއް ބިލްތައް މަޖިލިހަށް ހުށަނޭޅުއްވޭ ގޮތަށް ހުރީ މަޖިލިހުގެ ކުރީގެ ރައީސް އަބްދުﷲ މަސީހްގެ ރިޔާސަތުން ގެނައި ބަދަލުން ކަމަށް ވިދާޅުވި އެވެ.
"މިސާލަކަށް ޕެންޝަނާ ބެހޭ ގާނޫނެއް ހެދުމަކީ ގާނޫނުއަސާސީން މެމްބަރުންނާ މަތިކޮށްފައިވާ ކަމެއް. ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް 2000ރ. ކަނޑައެޅީ ވެސް މެމްބަރުން ހުށަހެޅީމަ. ކުރިން އޮތީ ރައްޔިތަކަށް މަންފާ ކުރުވަނިވި ކަންކަން ހުށަނޭޅޭ ގޮތަށް،" ރިޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ގަވައިދަށް ގެނައި ބަދަލަކީ މީގެ ކުރިން އެމްޑީޕީން ވެސް ބޭނުންވި ގޮތެވެ.
ކުނޫޒްގައި ބޭއްވި ހާއްސަ ޖަލްސާގައި ރައީސް މައުމޫނާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ސަލާމްކުރައްވަނީ---މިހާރު ފޮޓޯ: ހުސައިން ވަހީދު
އެކަމަކު، އެ ވާހަކަ އަށް ރައްދު ދެއްވައި އެމްޑީޕީގެ މެމްބަރަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވީ ބަޔަކަށް އާމްދަނީއެއް އިތުރުވާ ގޮތަށް މަޖިލިހުން ކަނޑައަޅަން ޖެހޭނީ ސަރުކާރުގެ ވިސްނުން ބެލުމަށް ފަހު ކަމަށެވެ. ބިލްތައް ހުށަހަޅާއިރު ދައުލަތުގެ މާލިއްޔަތުގެ އެ ފުދުންތެރިކަން ހުރިތޯ ނުވަތަ ނެތްތޯ ބަލަން ޖެހޭ އިރު، ކިތަންމެ ބިލެއް ފާސް ކުރިޔަސް، ފައިސާ ނެތް ނަމަ، އެ ނުދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިސާލަކަށް މަސްވެރިންނަށް 10،000ރ. ދޭންވީ ކަމަށް ބުނެ މެމްބަރުންނަށް ހުށަހެޅި ދާނެ. ޖަމިއްޔާތަކަށް މިވެނި ވަރެއް ދޭންވީއޭ ކިޔާފައި ހުށަހެޅި ދާނެ. އެކަމަކު ސަރުކާރަށް އެވަރަށް ލިބިގެން ނޫންތޯ އެ ދެވޭނީ؟ ނުލިބޭ ނަމަ ކިހިނެއްތޯ ސަރުކާރަށް ދެވޭނީ އެ ފައިސާ؟" އެ މެމްބަރު ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި މިކަމުގައި އޮތް އެއް ހައްލަކީ ރިޔާސީ އިންތިހާބާއި، މަޖިލިހުގެ އިންތިހާބާއި ލޯކަލް ކައުންސިލް އިންތިހާބު ވެސް އެކު އެކީގައި ބޭއްވުން،" --- އެމްޑީޕީ މެމްބަރެއް
އެމްޑީޕީގެ މެމްބަރަކު ވިދާޅުވީ ރިޔާސީ ކޮމިޝަންތަކުގެ ބިލާއި އެހެން ބައެއް ބިލްތައް ހުއްޓުވާފައި އޮތީ ސީދާ ސަރުކާރަށް ޖެއްސުން ކުރުމުގެ ނިޔަތުގައި ކަމަށެވެ. މިއީ ގާސިމް އަޑީގައި ހުންނަވައިގެން ހިންގަވާ ވަރަށް މަކަރުވެރި، ހީލާތްތެރި ރޭވުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑަށް އެއް ދުވަހު މަޖިލިހުގެ ކޮމިޓީއެއްގެ ތެރެއިން ފެނުނު، އިދިކޮޅު ފަރާތްތަކުން ބޭނުންވާ އެއްޗެއް ހަދާނެއޭ. ކުރެވޭނެ އެއް ކަމެއް ވެސް ނޯންނާނެއޭ ޖޭޕީގެ މެމްބަރަކު ވިދާޅުވި އަޑު. ހަގީގަތުގައި ޖޭޕީގެ ތޮފި އަޅައިގެން ސަރުކާރަށް ކެހި ދޭން މި ބޭފުޅުން އުޅުއްވަނީ،" އެ މެމްބަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކޯލިޝަން ސަރުކާރުތައް ދަމަހައްޓަން އުނދަގޫވާ ސަބަބަކީ އެކަމަށް އެކަށީގެންވާ ގާނޫނެއް ވުޖޫދުވެފައި ނެތުމުންނެވެ. އަދި މަޖިލިސް އިންތިހާބާއި ލޯކަލް ކައުންސިލް އިންތިހާބުތައް ވަކިވަކިން ބޭއްވުމަކީ ކޯލިޝަނަށް ހިޔަނި އެޅޭ ސަބަބެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވި އެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިކަމުގައި އޮތް އެއް ހައްލަކީ ރިޔާސީ އިންތިހާބާއި، މަޖިލިހުގެ އިންތިހާބާއި ލޯކަލް ކައުންސިލް އިންތިހާބު ވެސް އެކު އެކީގައި ބޭއްވުން،" އެމްޑީޕީ މެމްބަރު ވިދާޅުވި އެވެ.
ސިޔާސީ މަސްރަހު މިހާރު ބަދަލުވެފައިވާ ގޮތަށް ބަލާއިރު، މަޖިލިހުގައި އެމްޑީޕީގެ ބާރެއް ނެތެވެ. ހުރިހާ ކަމެއް މަޖިލިހުގެ ތެރޭގައި ނިންމުމުގެ ބާރު އޮތީ ޖޭޕީގެ އަތްމަތީގަ އެވެ. އެހެންކަމުން އެމްޑީޕީން ބުނަމުން އަންނަނީ ސަރުކާރު ކޯލިޝަންގެ މެމްބަރަކަށް ވާއިރު ޖޭޕީގެ ހުރި ވިސްނުމެއް ނުވަތަ ފިކުރެއް ސާފުކޮށް އެނގެން ޖެހޭ ކަމަށެވެ. އޭގެ ރައްދުގައި ޖޭޕީން ތަކުރާރުކޮށް ބުނަނީ ސަރުކާރަށް ދެރަ ގޮތެއް އެއްވެސް ތަނެއްގައި ވިޔަ ނުދޭނެ ކަމަށެވެ.
މިއީ އެކަމަކު އަޖައިބެކެވެ!
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރިތި މޫސަ
23 March 2019
މިޤައުމަކު ލާހިކެއްނޫން އެއްވެސް މީހަކަށް ވެރިކަންކުރާކަށެއް ނަޝީދުގެ އުނދަގުލާހުރެ ނަޝީދުޖެހޭނީ ހިފާހައްޔަރުކުރަން ނަޝީދަކީ މިޤައުގެ ހަލާކު
ބިސްބެ
22 March 2019
ހަރާމް ބަގާވާތަކުން ސަލާމަތް ނުވެގެން ތެޅެނީ.....ހުތިހާ ބާގީން ހިފާ ހައްޔަރު ކުރެވޭނެ.
ރަޝީދު ހަސަން
22 March 2019
އެމްޑީޕީ ހަލާކުކުރަނީ ރައީސް ނަޝީދު އާއި އަސްލަމް މިހާރު ސޯލިހުއަށް ކަންކަން ދޫކުރަންވީމަ އަދިވެސް ޕާޓީގަ ބަގުޑިބައްދައިގެން އުޅެން ބޭނުންވަނީ ނަޝީދު އައްޑޫ އައްވެސް އަސްލަމް 25އަހަރު ވީިއިރު ކޮށްދިން ކަމެއް ބުނެބަލަ ދެންހުރީ އަހުމަމަދު ރަޞީދު އަދި ނުހޮވޭގޮޑިޔަށް މިޙާރުމީހުންގެ ވިޔަފާރިހާލާކު ކުރަން އެބައުޅެއެއްނޫންތަ މާގިނަދުވަހެނުވެ ތިވިޔަފާރިޔައްވެސް ވާގޮތް ފެނާނެ މީވަރަށް ގިނަވާހަކަ އިންޑިޔާއިން ބަހަންދޭ ހަދިޔާގަހިފާފަ ރަިޔަތުންވެސް ވޯޓްދޭތި
ގުޅަ
21 March 2019
މަޖިލީހަށް ވެސް ހޮވަންވީ ކޮންމެރަށަކަށް އެކަކުވަރަށްހަރަދުކުޑަވާނެ
ކަޅުކަޅު ދޮނޭ
21 March 2019
އެމްޑީޕީއަށް މަޖިލީސް ލިބިއްޖެނަމަ އެޖެންޑާ19ގެ ހަވާސާފޫއަޅުވާލާނީ.. ރ ނަޝީދުގެ ވެރިކަން ވައްޓާލަން ގެނައި ބަގާވާތުގެ މައްސަލަ، އެޖަރީމާގައި ބައިވެރިވި މީހުނަށް ކިތަންމެ ބިރުވެރި ކަމަކަށްވިޔަސް، ބާގީންނަށް އަދަބުނުދީ މިގައުމަށް ސިޔާސީ ހައްލެއް ދުވަހަކުވެސް ނާންނާނެ.. 19 ވަނަ މަޖިލީސްގެ ބޮޑު މެޖޯރިޓީ އިރާދަކުރެއްވީތީ ލިބޭތަން ފާފުކޮށްފެނޭ ..
ކާޖާ
21 March 2019
ރިޔާސީ އިންތިހާބާއި، މަޖިލިހުގެ އިންތިހާބާއި ލޯކަލް ކައުންސިލް އިންތިހާބު ވެސް އެކު އެކީގައި ބޭއްވުމަކީ ރާއްޖެފަދަ ކުޑަ އިގްތިޞާދަކަށް އެންމެ ރަގަޅު ގޮތެވެ. އަދި އިޖްތިމާއީ ގޮތުންވެސް އެންމެ ރަގަޅު ގޮތެވެ. ދެން މަޖިލީހުގައި މިހާރު ޖެހިގެން އުޅޭ ކަމަކީ ޔާމީނުގެ އޭޖެންޓުންތަކެއް ޖޭޕީގެ ތެރެއަށް ފޮނުވައިގެން މުޅި ކޯލިޝަން ގަނޑުބަނޑު ކުރުމަށް ހިންގާ ކަމެކެވެ. އަދި ގާސިމަށް ހަމަޖެހިލައިގެން ހުންނެވުމުގެ ފުރުސަތު ނުދޭންވެގެން ޔާމީނު ހިންގާ ޖަރީމާއެވެ.
ތުއްތޮންބެ
21 March 2019
ބުޅާގޯނިން ބޭރުވީދެއްތޮ ހިތާނުވާ ހަތަރުމީހުން ކޯލޝަންހަދައިގެން އެޅެވޭނެ ފޯރމިއުލާއެއް އަދިނެތްހޯދިފަކަ އެކަކައްވުރެ އަނެކެއްގެ އަމިއްލަ އެދުންބޮޑުވެ އެކެއްގެނަގުލުގަ އަނެއްކަކު ދަތްއަޅާހާލުގަ. މާތްރަސްކަލާންގެއާ ވަކީލު ދައްކަވަން ހުރިތަނެއް ދައްކަވާފަ ގެންދަވާނީ.
ދެސީ
21 March 2019
ދެންވެސް އެމްޑީޕީއަށް މަޖިލިސް ނުލިބޭނެ ނަޝީދު ދައްކާވާހަކައިން.
ތާރީޚް
21 March 2019
ފުރަތަމަ އެއްބަސްވުމާ ޚިލާފުވީ އަޅުގަނޑުމެންގެ ޕާޓީން. އެއީ ރިޔާސީން އިންތިހާބުން ފެށިގެން މުޅި ރޫހަކީ ޕާޓީތަކަށް ބައިއެޅޭގޮތަށް އިންތިހާބުތަކުގައި ބައިވެރިވުންކަން އެނގޭ. އަދި އިބޫގެ ވިސްނުންފުޅަކީވެސް އެއީ. އެކަމަކު ނަޝީދު ޕާޓީގެ ކޮންޓްރޯލް ނަންގަވައި އެކަމާ ޚިލާފުވެ، 86 ދާއިރާއަށް ކުރިމަތިލާން އިއުލާން ކުރީ. އެހެންވީމާ، އެންމެ ބޮޑު ހިއްސާއެއް އޮތް ގާސިމް އެކަމަށް ރައްދު ދޭނެ. ދެން ހުރީ މައުމޫނު. ނަސީބު ދެރަކަމުން ޕީޕީއެމް ބީވުމުން ބާރުކެނޑުނީ
Ali Hammitte
21 March 2019
ޤާސިމް ގެ އުނދަގޫ ވަރަށް ބޮޑުވެއްޖެ
ކޮއްޕާ
22 March 2019
މިހާރު ކީއްވެތޯ ގާސިމްގެ އުދަގޫ ވަކިން ބޮޑުވީ