އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ އެއްބަސްވުންތަކެއްގައި ސޮއި ކުރައްވާ އިރު، އޭނާގެ އަރިހުގައި ފޮރިން މިނިސްޓަރު ޝާހިދު. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
22 މެއި 2019 - 11:17
އއ. އުކުޅަހުގައި ބައިނަލްއަގްވާމީ ފެންވަރުގެ ކޮންވެންޝަން ސެންޓަރެއް އިމާރާތް ކުރުމަށާއި ދ. ވާނީގައި ފުލުހުން ތަމްރީން ކުރުމަށް ހާއްސަ ކޮށްފައިވާ ޓްރެއިނިން ސްކޫލްގައި ތަފާތު ޕްރޮޖެކްޓްތަކެއް ހިންގުމަށް އިންޑިއާ ސަރުކާރުން 14 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ހިލޭ އެހީ ދީފި އެވެ،
ފޮރިން މިނިސްޓްރީން ބުނީ، އެއީ ރާއްޖޭގެ ތަރައްގީ އަށް ބޭނުންވާ މަޝްރޫއުތައް ހިންގުމަށް އިންޑިއާ ސަރުކާރުން ރާއްޖެ އަށް ދިން 100 މިލިއަން ރުފިޔާގެ ހިލޭގެ އެހީއެއް ކަމަށެވެ.
ކޮންވެންޝަން ސެންޓަރެއް އިމާރާތް ކުރުމަށް އިންޑިއާ އިން ދިނީ 7.8 މިލިއަން ރުފިޔާގެ ހިލޭ އެހީ އެކެވެ. އަދި ޓްރެއިނިން ސްކޫލްގައި ތަފާތު ޕްރޮޖެކްޓުތައް ހިންގަން އެ ގައުމުން ދިނީ ހަތް މިލިއަން ރުފިޔާގެ އެހީ އެކެވެ.
ފޮރިން މިނިސްޓްރީން ބުނި ގޮތުގައި ކޮންވެންޝަން ސެންޓަރު އިމާރާތް ކުރަނީ އުކުޅަސް ކައުންސިލާއި އެ ރަށުގައި ކުރިއަރަމުން އަންނަ ގެސްޓް ހައުސް ވިޔަފާރި އާއިި ތަފާތު އެހެނިހެން ކަންކަން ފުޅާދާއިރާއެއްގައި ޕްރޮމޯޓް ކުރުމަށް ބޭނުންވާ ބައްދަލުވުންތަކާއި ކޮންފަރެންސްތައް ބޭއްވުމަށް އެކަށީގެންވާ ތަނެއް ހޯދައި ދިނުމަށެވެ.
ފުލުހުންނަށް ބޭނުންވާ ޒަމާނީ ތަމްރީނާއި ފުލުހުންގެ މަސްއޫލިއްޔަތު އެންމެ ރަނގަޅަށް އަދާކުރުމަށް ބޭނުންވާ ހުނަރާއި ގާބިލްކަން އިތުރުކުރުމަކީ ވެސް އެހީގެ މަގްސަދެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން ވަކިވަކިން ނެރުނު ބަޔާނުގައިވާ ގޮތުން އިންޑިއާ ސަރުކާރުގެ ހިލޭ އެހީ އަކީ އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސްވަރާޖް ރާއްޖެ އަށް ކުރެއްވި ރަސްމީ ދަތުރުގައި ދޭން އެއްބަސްވި ފައިސާގެ ތެރެއިން ފޯރުކޮށްދިން ހިލޭ އެހީ އެކެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، ރާއްޖެ އިން ބޭރަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުގައި އިންޑިއާ އަށް ވަޑައިގަތުމުން، އެ ގައުމުން ވަނީ ބޮޑެތި އެހީތަކެއް ރާއްޖެ އަށް ދިނުމަށް އެއްބަސްވެފަ އެވެ. އެގޮތުން 1.4 ބިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީއެއް ދޭން އިންޑިއާ އިން ވަނީ ނިންމައިފަ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދުވަސްވަރު އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައި ވަނިކޮށް، އެ ގުޅުން ބަދަހި ކުރީ ވެސް މި ސަރުކާރުންނެވެ.
އެގޮތުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ ދަތުރުފުޅެއް ކުރެއްވީ ވެސް އިންޑިއާ އަށެވެ. އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެކި ފަހަރު މަތިން އިންޑިއާ އަށް ވަޑައިގެން، އެ ގައުމުގެ ވެރިންނާ ބައްދަލުކުރެއްވި އެވެ.
އުކުޅަހުގައި ކޮންވެންޝަން ސެންޓަރެއް އިމާރާތް ކުރުމަށް އިންޑިއާ އިން އެހީދިން އިރު، އެ ގައުމާ އެކު އެންމެ ބޮޑަށް ގުޅުމެއް ބަދަހި ކުރީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެކީއްވެ
22 May 2019
ހެލިކޮޕްޓަރު ދުއްވަން ދިވެހިން ޓްރެއިން ނުކުރެވުނު. މިގައުމު އެންމެ ބޮޑަށް ބޭނުންވެފައިވާ ސިއްހީ ދާއިރާ ކުރިއަރުވާ ތަރައްގީކުރަން އެއްވެސް އެހީއެއް ދޭ ގޮތަކަށް ނެތް. އެކަމު ދިފާޢީ ދާއިރާއިންނާ ރާޑަރު ބަހައްޓައިގެން ރާއްޖޭގެ އިގްތިސާދީ ސަރަހައްދު އެއްކޮށް ބެލޭނެ ގޮތް ހެދުމަށް އަދި ޕޮލިސް ޓްރޭނިންގއަށް އެހީމިވަނީ. މަންޒަރުން ސާފުވަނީ ކޮންކަމެއް؟
ސަމޭދާން
22 May 2019
އިންޑިޔާ މީހުން އެހާލުގަ ތިއްބާ އޯމައި ގޯޑު.......!!!!؟
ނަރީމާ
22 May 2019
އިންޑިޔާ އިން ވަރަށް ހެޔޮފުޅު ވެގެން އުޅޭ ދުވަސްކޮޅެއް!! ޖީއެމް.އާރް އިން ދެއްވަންޖެހޭ ޓެެކްސް ފައިސާކޮޅު ވެސް ދެއްވަބައްލަވާ. އޭރުން ދައުލަތުގެ މާލިއްޔާ އަޑިއަޅާލާކަން ނުޖެހޭނެ ނޫންތޯ؟؟
ކަނބިލި
22 May 2019
އިންޑިއާއިން ތިޔަ އެހީ ދިނީ އެމްޑީޕީ އަކަށް ނޫން. ދިވެހި ރައްޔިތުންނަށް. ތިޔަ ފައިސާ ޚަރަދު ކުރަންވާނީ ގައުމީ ތަރައްގީއަށް ވިސްނައިގެން. ލިބުނު ތިޔަ އެހީވެސް ތިޔަ ބޭނުންކުރަނީ އަމިއްލަ ސިޔާސީ މަސްލަހަތަށް ބަލައިގެން.
ދޮންވެލިބީޗް
22 May 2019
އެކިނަންނަމުގަ ރާއްޖެއިން އަނބުރާ ދޭ އެއްޗެހީގެ ވާހަކަ އާއި ކަންކަން ވެސް ބުނެލަން ވީއެވެ.
ބޮޑުމީހާ
22 May 2019
އިންޑިއާއިން ހާދަ އެހީއެކޭ ދޯމިދެނީ. އެދުމެއްނެތި ވެދުމެއްނުކުރާނެ...
މާލެބެ
22 May 2019
14 މިލިއަން ރުފިޔާއިން ތިޔަ ހުރިހާކަމެއް ކުރެވޭނެތަ؟ ރައްޓެހިންގެ ކުންފުނިތަކަށް ލާރިދީފަ ނުވޭ ދޯ ބާކީއެއް
މައިސަން މުފީދު
22 May 2019
ދިވެހި ސަރުކާރުން މާލޭގައި ހުރި ދަރުބާރުގެ ހަދާނީ ކޮން އިރަކުތޯ؟ އައްޑޫގައި ހެދި ދަރުބާރުގެވެސް ނެތިކޮށްލީ، މިހާރު އަނެއްކާވެސް ކޮންވެންޝަން ސެންޓަރެއް ތިޔަ ހަދަނީ އުކުޅަހުގައި، މޭލެ ވިލިގިލި، ހުޅުމާލޭގައި ކޮންވެންޝަން ސެންޓަރެއްނެއް
ބޮޑު ކަތީބު
22 May 2019
އުކުޅަހުގައި ކޮންވެންޝަން ސެންޓަރެއް ނެތިގެންގަތަ، ރާއްޖޭގެ ސިއްހީ ދާއިރާ ދައްވެގެން މިއުޅެނީ؟
ކުޑަ ކަތީބު
22 May 2019
"އިންޑި އާއިން ވަނީ ބޮޑެތި އެހީތަކެއް ރާއްޖެ އަށް ދިނުމަށް އެއްބަސްވެފަ އެވެ. އެގޮތުން 1.4 ބިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީއެއް ދޭން ވަނީ ނިންމައިފަ އެވެ" އަހުރެމެން އެހީ ކިޔަނީ ހިލޭ ސާބަހަށް ލިބޭ އެއްޗިއްށަށް. ލޯނު އެއީ އެހީ އެއްކަމަކަށް ނުދެކެން.