ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސަރުކާރުގެ ކެބިނެޓް މިނިސްޓަރުން ހުވާ ކުރައްވަނީ.--- ފޮޓޯ: ހުސައިން ވަހީދު/މިހާރު
11 ޖޫން 2019 - 18:06
ވަޒީރު ކަމަށް އައްޔަން ކުރައްވާ ބޭފުޅުންނަށް ރައްޔިތުންގެ މަޖިލިހުގެ ރުހުން ހޯއްދެވުމަށްޓަކައި އެ ބޭފުޅުންގެ ނަންތައް ރައީސުލްޖުމްހޫރިއްޔާ އެ މަޖިލިހަށް ފޮނުއްވުމުން އެ ބޭފުޅުންނާ ސުވާލު ކުރަންޖެހޭ ގޮތަށް މަޖިލިހުގެ ގަވައިދަށް މިއަދު ބަދަލު ގެނެސްފި އެވެ.
މަޖިލިހުގައި މިހާރު އަމަލުކުރާ އުސޫލަށް ބަލާ އިރު، ވަޒީރުންނަށް ރުހުން ދިނުމަށް މަޖިލިހަށް ފޮނުވަނީ އެ ވަޒީރެއްގެ ހުރިހާ ލިޔެކިޔުންތަކާ އެކު އެވެ. އަދި މާ ބޮޑު ދިރާސާއެއް ކުރުމަކާ ނުލައި، ހުރިހާ ވަޒީރުންނަށް މަޖިލިހުގެ ކޮމިޓީ އާއި ތަޅުމުގައި ރުހުން އޮތް ކަމަށް ފާސްކުރެ އެވެ.
އެއާ ޚިލާފަށް، މިނިވަން މުއައްސަސާތަކުގެ މެމްބަރުންނާއި ދައުލަތުގެ ސަފީރުންނަށް ރުހުން ދިނުމުގެ ކުރިން، އެބޭފުޅުންގެ މައުލޫމާތުތައް ދިރާސާކޮށް، މަޖިލިހުގެ ކޮމިޓީ އަށް ހާޒިރުކޮށް ސުވާލު ކުރެ އެވެ.
އެކަމަކު، މަޖިލިހުން މިހާރު ވަނީ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އަށް ބާރުތަކެއް ދީ، ވަޒީރުންނަށް ރުހުން ދިނުމުގެ ކުރިން މަޖިލީހުގެ ކޮމިޓީ އަށް ހާޒިރުކޮށް، އެއީ ތަޖުރިބާ ހުރި ބޭފުޅެއްތޯ ބެލުމުގެ މަސައްކަތް ކޮމިޓީއާ ހަވާލު ކުރަން ފާސްކޮށްފަ އެވެ.
ކޮމިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި، ވަޒީރުންނަށް ރުހުން ދޭން ޖެހޭ މައްސަލަތަކުގައި އެ މަގާމަކަށް އެ ބޭފުޅަކު ގާބިލުތޯ ނުވަތަ ނޫންތޯ ބެލުމާއި ނޫންކަން، އެ މަގާމަކާ ގުޅޭ މައުލޫމާތު އެ ބޭފުޅަކަށް ލިބިގެންވާކަން ނުވަތަ ނޫން ކަން ބަލަން ވާނެ ކަމަށް ވަނީ ބުނެފަ އެވެ.
މީގެ އިތުރުން، ވަޒީރުކަމަށް އައްޔަން ކުރައްވާ ބޭފުޅެއް، އެ ދާއިރާއާ ގުޅޭ ގޮތުން އެއްވެސް ތަޖުރިބާއެއް ހުރިކަން ނުވަތަ ނޫންކަން ބެލުމަށާއި އެ ދާއިރާއެއް ކުރި އެރުވުމަށްޓަކައި އޮތް އާންމު ތަސައްވުރާ ބެހޭ ގޮތުން ކޮމިޓީގެ މަރުހަލާގައި ސުވާލު ކުރަން ޖެހޭނެ ކަމަށް ވެސް ގަވައިދުގައި ވަނީ ހިމަނައިފަ އެވެ.
އެކަން ކުރުމުގެ ބޭނުމަކީ މަޖިލީހުގެ ކޮމިޓީން ކަނޑައަޅާ އުސޫލުތަކެއްގެ މަތިން ވަޒީރުންގެ ޒާތީ އަދި ފަންނީ މައުލޫމާތު ހޯދުން ކަމަށް ގަވައިދުގައި ވެ އެވެ.
މިއީ މަޖިލިހުގެ ގަވައިދުގައި ކުރިން ހިމެނި މާއްދާއެއް ގައި ހުރި ވާހަކަތަކެކެވެ. އެކަމަކު، ސުޕްރީމް ކޯޓުގެ ހުކުމަކާ ގުޅިގެން ގަވައިދުގައި އޮތް އެ މާއްދާ ފަހުން އުވައިލި އެވެ. އެ މާއްދާ އުވައިލައި މިހާރު ވަޒީރުންނަށް ރުހުން ދެމުން ދަނީ ރައީސް އޮފީހުން ފޮނުވާ ލިޔެކިޔުންތަކެއްގެ މައްޗަށް ބިނާކޮށެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރު ހުރިހާ ވަޒީރުން އިސްތިއުފާ ދެއްވައި، އަލުން މަގާމުގެ ހުވާ ކުރެއްވުމާ ގުޅިގެން، އޭރު އޮތް މަޖިލިހުން ބޭނުންވީ ވަޒީރުން ހާޒިރުކޮށް ސުވާލު ކުރުމަށެވެ. އެހެންވެ، އެ މައްސަލަ ދައުލަތުގެ ފަރާތުން ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ.
ސުޕްރީމް ކޯޓުން އޭރު ނެރުނު ހުކުމްގައި ވަނީ މަޖިލިހުން ރުހުން ދޭންޖެހޭ މައްސަލަތަކުގައި ވަޒީރުންނަށް ރުހުން ދޭއިރު، ސުވާލު ކުރާ ގޮތަށް ގަވައިދުގައި އޭރު ހިމަނާފައި އޮތުމަކީ ގާނޫނުއަސާސީގައި ދައުލަތުގެ ބާރުތައް ވަކިވެފައި އޮތުމުގެ ދުސްތޫރީ އުސޫލާއި ވަޒީރުން މަޖިލިސް އެކުލަވައިލުމުގައި ރައީސަށް ލިބިދީފައި އޮތް ބާރާއި ރުހުން ދިނުމާ ގުޅޭ ގޮތުން މަޖިލިހަށް ދީފައި އޮތް ބާރު ބަޔާންކޮށްފައިވާ ދުސްތޫރީ އުސޫލާ ތައާރަޒުވާ އިޖުރާއުތަކެއް ކަމަށެވެ.
ވިލިމާލެ ދާއިރާގެ އަމިއްލަ މެމްބަރު އަހުމަދު އުޝާމް ވިދާޅުވީ، މަޖިލިހުގެ ގަވައިދުގައި އޭރު އޮތީ ގާނޫނުއަސާސީއާ ހިލާފު މާއްދާއެއް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައި އޮއްވައި، އަލުން އެ މާއްދާ ގަވައިދުގެ ތެރޭގައި ހިމަނައިގެން ނުވާނެ ކަމަށެވެ. އުޝާމް ވަނީ ވަޒީރުންނަށް ރުހުން ދިނުމާ ގުޅޭ ގޮތުން ގަވައިދަށް ގެނައި އިސްލާހު އުވާލަން ހުށަހަޅުއްވައިފަ އެވެ.
އެކަމަކު ކޮމިޓީގެ މުގައްރިރު، މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވިދާޅުވީ ގާނޫނުއަސާސީގެ އެއްވެސް ތަނެއްގައި ވަޒީރަކަށް ރުހުން ދޭ އިރު، ސުވާލު ނުކުރެވޭނެ ކަމަށް ބަޔާންކޮށްފައި ނެތް ކަމަށެވެ. އަދި އެގޮތަށް ފާސްކުރީ ހުކުމް އޮތް ކަން އެނގި ތިބެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގެރިކިރު
12 June 2019
ތިހެންވީޔާ މަޖިލިސްމެންބަރުންވެސް އެބަޖެހޭ ރައީސްއޮފީހަށް ނުވަތަ ސުޕްރީމްކޯޓަށް ހާޒިރުކޮށް ކުފޫހަމަވޭތޯބަލައި ކުފޫހަމަނުވާ މެންބަރުން ވަކިކުރެވެން. މިފެންނަނީ ނަޝީދު މަޖިލިސްތެރެން ދައުލަތުގެ އަނެއް ދެބާރަށް ދަނޑިބާނަން މަސައްކަތްކުރާތަން!
އައްމަޑޭ
12 June 2019
އިޚްލާސްތެރިކަމެއް ހުރިއްޔާ މަޖްލީސް މެންބަރުންގެ މިނިމަމްތަޖްރިބާއާއި ތައްލީމީ ފެންވަރު ބަޔާންކުރާގޮތަށް އިސްލާހު ގެނެބަލަ. މުޅި ގައުމުގެ ކަންކަމުގައި ޤާނޫނު ހަދާމީހުން އެކަމަކު ފެންވަރެއް ޝަރުތުކޮށްފައި ނެތް.
ޕިކްސް
12 June 2019
މިހެންވެއްޖެނަމަ ވަޒީރުންނަށް ތިބޭނީ މަޖިލިސް މެޖޯރިޓީ ބޭނުންވާބައެއް. އެރުން ރައިސްމީހަގެ ބާރެއް ނޯންނާނެ. މިއީ ރާވައިގެން ކުޅޭ ކުޅިގަނޑެއް.
ހަސަން ނުވަވަނަ
12 June 2019
އަދި އޭގެ ކުރިން ދޮންރިހަ ޕާޓިއަށް ނިސްބަތްނުވާ ވަޒީރުން ދޮންރިހަ ހަރުގެއަށް ދަމާ ކޫއްތާފަ ގެންގޮސް އިންޓަވިއުއެއް ކުރަންވެސް ފެނޭ
ރަގަޅު ދޯ
12 June 2019
މިހާރު ތިބި މިނިސްޓަރުން ވެސް އަލުން އިންޓަރވިޔު ކުރާގޮތަށް މާއްދާ އެއް އިތުރު ކޮށްލާން ފެނެއެވެ.
ޢަދުނާނު
12 June 2019
ވަޒީރުންނަށް ރުހުންދިނުމުގެ ކުރިން ވަޒީރުންނާ ރައްޔިތުންގެ މަޖިލީހުން ސުވާލުކުރުމަކީ ވެރިަން ހިންގުމުގެ ބާރުގެ މައްޗަށް އަރައިގަތުމެއް. ވަޒީރުން ޢައްޔަންކުރުމަކީ ރައީސަށް ލިބިފަ އޮންނަ ބާރެއް. އެގޮތުން ޢައްޔަންކުރާ ވަޒީރުންނަށް ރުހުންދިނުމަކީ މަޖިލީހުން ކުރަންޖެހޭނެ ކަމެއް. މަޖިލީހުން ޤާނޫނެއް ވަކިގޮތަކަށް ފާސްކުރީމަ ރައީސަށް އޮންނަނީ ތަސްދީޤުކުރުން ނުވަތަ އަނބުރާ ފޮނުވާލުން. މަޖިލިސް މެމްބަރުން ގެންގޮސް ސުވާލުކުރުމުގެ ބާރެއް ރައީސަކަށް ނޯވޭ.
ލަދު
12 June 2019
ކަލޭމެން ވަކިކުރެވޭނެގޮތް ކޮބާ?
ބޮޑުމީހާ
12 June 2019
ވަޒީރުން އެބަތިބިތަ މިގައުމުގަ. ހެލްތް މިނިސްޓަރ ކޮބާ؟ ތިނަދޫ ހޮސްޕިޓަލްގަ އެކްސްރޭ މެޝިން ހަލާކުވެފަ ހުންނަތާ 4 މަސް. ކޮބާ ހައުސިންގް މިނިސްޓަ؟. ފްލެޓްގަޑެއްވެސް ނާޅަނީތަ؟ އިކޮނޮމިކް މިނިސްޓަރަށް މިގައުމުގަ އުޅޭ ބިދޭސީންގެ ހާލަތު ނޭގެނީތަ. ފޮރިންމިނިސްޓަރެއް ހުންނަކަން އިގޭ. އޭނަ ހެދުނު ހުންނަ ގައުމަކުނޫން މެންދުރު ހުންނަނީ.
ފާތިން
12 June 2019
ހެލްތު މިނިސްޓަރު ނޫނީ ނެތް އެ ތަނުގައި ހަރުދަނާ މަސައްކަތްތަކެއް ކުރަމުންދާ މީހެއް. އޭނާ ހުރިހާ ކަމެއްވެސް ކުރަނީ ދުރާލާ ވިސްނާ ހަރުދަނާ ވިސްނުމެއްގެ ދަށުން. ހެލްތު މިނިސްޓްރީއަކު ނޫން މި ޖެހެނީ ލޯނު ހޯދަން ހެނދުނު ލާ ފޯމު ހަވީރު ބަދަލުކޮށް އަނބުރާ ހުށަހަޅަން ޕޮލިސީ ބަދަލުވެގެން. މިކަހަލަ ގޮތަކަށް މިނިސްޓްރީތަކުން ކަންތައް ކުރީމަ މާ ރަނގަޅު ސުވާލު ކުރަން ގެންދަން.
ރައްޔަތުމީހާ
11 June 2019
ކޮބާ މެންބަރުންގެ ފެންވަރު ކަޑައެޅުން. ސުވާލެއްކުރެވޭނީ ފަންވަރެއްހުރެގެންނު. ރައްޔަތުން ބޭނުންވީމަ މެންބަރުވެސް ދުރުކުރެވެންޖެހޭ.
ސިކަންދަރު
11 June 2019
މިނިވަން މުއައްސަސާތަކުގެ މެންބަރުންނާ ސުވާލުކުރާ ގޮތަށް ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓްގެ ވަޒީރުންނާ ސުވާލުކޮށް ފުރައްސާރަ ކުރާ ގޮތަށް، މަޖިލީހުގެ މެންބަރުންނަށް ފުރުސަތު ދެވިގެން ނުވާނެ! ފުރަތަމަ މެންބަރުންނާ ސުވާލު ކޮށް، ތިޔަ މެންބަރުންގެ ކުފޫހަމަވޭތޯ ބައްލަވާ!