ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި މަޖިލިހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: މަޖިލިސް
05 ސެޕްޓެމްބަރ 2019 - 12:44
މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާނާ ގުޅޭ ގޮތުން ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓުގައި "ނަން ގަނެވިފައިވާ" ހުރިހާ ފަނޑިޔާރުންނަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ން ފިޔަވަޅު އަޅާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތަކުގެ މައްސަލަ ބަލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓުގެ ހުލާސާއެއް ރައްޔިތުންގެ މަޖިލިހުން އާންމު ކުރި އިރު، އޭގައި ދައުލަތުގެ ބައެއް ވެރިންނާއި ފަނޑިޔާރުންނަށް ބޮޑެތި ތުހުމަތުތަކެއް ވަނީ ކޮށްފަ އެވެ.
މަޖިލިހުގެ މިއަދުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ، ރިޕޯޓުގައި ނަން ގަނެފައިވާ ފަނޑިޔާރުންނާ މެދު ފިޔަވަޅު އެޅުމުގެ މަސައްކަތް ޖޭއެސްސީން މިހާރު ފަށާފައިވާ ކަމަށާއި އޭގެ ތެރެއިން އެއް ފަނޑިޔާރަކަށް ފިޔަވަޅު އެޅުން ކުރިއަށް ގެންދާ ކަމަށެވެ. ނަމަވެސް، އެކަމުގެ ތަފްސީލެއް އެމަނިކުފާނު ނުދެއްވަ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ރިޔާސީ ކޮމިޝަނުން ނެރުނު ރިލްވާންގެ ރިޕޯޓާ ގުޅިގެން ޖޭއެސްސީން ބަލަނީ ހައި ކޯޓުގެ ފަނޑިޔާރު ހަސަން އަލީއާ ގުޅޭ މައްސަލައެކެވެ. ހަސަން އަލީގެ މައްސަލައެއް ބަލާ ކަން ފިޔަވައި އިތުރު އެއްވެސް ތަފްސީލެއް ޖޭއެސްސީއަކުން ވެސް ނުދެ އެވެ.
ރިލްވާން ގެއްލުވާލި މައްސަލަ ތަހުގީގު ކުރުމަށް ފަހު، ރިޔާސީ ކޮމިޝަނުން ނެރުނު ރިޕޯޓުގައި ރިލްވާން ރާއްޖެ އިން ބޭރަށް ދިއުމަށްޓަކައި ޕާސްޕޯޓެއް ހަދަން ހަސަން އަލީ އިރުޝާދު ދެއްވި ކަން ކަން ރިޔާސީ ކޮމިޝަންގެ ބަޔާނުން ވަނީ ފަޅާ އަރައިފަ އެވެ. ހައި ކޯޓުގެ ފަނޑިޔާރަކަށް ހަސަން އަލީ މިހާރު މަސައްކަތް ކުރެއްވި ނަމަވެސް، އޭރު އޭނާ ހުންނެވީ އިމިގްރޭޝަން ކޮންޓްރޯލާއަކަށެވެ.
އެ ކޮމިޝަންގެ ރައީސް ހުސްނުސުއޫދު ވަނީ ކުރީގެ ރައީސް ނަޝީދަށް ޑްރާފްޓްގެ ތަފްސީލު ރިޕޯޓާއި ހުލާސާ ރިޕޯޓް އަރުވައިފަ އެވެ. އޭގެ ތެރެއިން ހުލާސާ ރިޕޯޓް މަޖިލިހުގެ ވެބްސައިޓްގައި އާންމުކުރި އެވެ. އޭގައި ވެސް، ރިލްވާން "ގެއްލުވާލުމު"ގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ މީހުންނާއި އެ މީހުން އޭގައި ބައިވެރިވާ މިންވަރު ހިމެނެ އެވެ. ނަޝީދު ވަނީ ތަފްސީލީ ރިޕޯޓް، މަޖިލިހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށް ދެއްވައިފަ އެވެ. އެކަމަކު ފަހުން އެ ރިޕޯޓް އަތުލެއްވި ކަމަށް އެނގިފައިވެ އެވެ. ނަމަވެސް، މަޖިލިހުގެ އިދާރާ އިން އަލުން ވަނީ އެހެން ރިޕޯޓެއް ލީޑަރުންނަށް ދެއްވައިފަ އެވެ.
ނަމަވެސް މަޖިލިހުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ ސިޔާސީ ޕާޓީއެއްގެ ލީޑަރެއްގެ އަތަށް ރިޕޯޓު ދެއްވާފައި އެ އަނބުރާ އަތުލުން އެއީ ހިންގޭނެ އަމަލެއް ނޫން ކަމަށެވެ. މަޖިލިސް ނިޒާމު ހިނގާ ގޮތް ބައެއް ނޫސްވެރިންނަށް އެއްގޮތަކަށް ވެސް އެނގިވަޑައިނުގަންނަވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑު ދިން ރިޕޯޓު އެއްވެސް ހާލެއްގައި ތިއިން ބޭފުޅުން އަތުން އަތުލަން ނުވެސް ވިސްނަން. ނުވެސް ވިސްނާނަން. ރިޕޯޓުގެ ހުލާސާ ރިޕޯޓެއް އާންމު ކުރުމާ ގުޅިގެން ސިޔާސީ ޕާޓީތަކުގެ ލީޑަރުން އެ ރިޕޯޓު (ތަފްސީލް) ލީކް ނުކުރައްވާނެ ކަން އަޅުގަނޑަށް އެއްވެސް ހާލެއްގައި ޝައްކެއް ނުހިނގާ،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ މަޖިލިހުގެ މެމްބަރުންނަށް ރިޕޯޓު ހާމަ ކުރުމުގެ ވިސްނުންފުޅެއް ގެންގުޅުއްވާ ކަމަށެވެ. ސުއޫދުގެ ރިޕޯޓު ލިބިވަޑައިގެންނެވި އިރު، ހެކިންގެ މައުލޫމާތު ވެސް ނުހުންނާނެ ކަމަށާއި އެއިން ސިއްރު ހެކިންގެ މައުލޫމާތު ފެންނަން ނެތް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"ސިއްރު ހެކިން އަޅުގަނޑަށް ވެސް އެނގިފައެއް ނުވޭ،" ނަޝީދު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުވާތަ
06 September 2019
އަދީބް އެންމެ ފުރަތަމަ ޖެހޭނީ ހައްޔަރުކުރަން. އޭނާއަކީ ރިލްވާންއަށް ފާރަލީ މީހުން ކޯޓުން ދޫކޮއްލުމަށް ޢަބްދުﷲދީދީ ފަނޑިޔާރަށް އެންގިމީހާކަން ވަރަށް ސާފުކޮށް ތިޔަ ރިޕޯޓްގައިވޭ! އޭގެ އިތުރުން ޖޭއެސްސީއިން ދީދީ ވަކިކުރަން ހިންގި ތަހްގީގްގައި “ހެކިވެރިޔާ1” ނަމުގައި ބަޔާން ދީފައިވޭ! ޔާމީން މައްޗަށް ހެކިބަސްދީފަ އަރާމުގަ ގޭގައި
މުންޗި
05 September 2019
ލިސްޓްގަ ނަން އޮތަސް ފިޔަވަޅެއް ނޭޅެނެ އަދި އަޅާގެން ވެސް ނުވާނެ...ސާބިތު ކޮށްދެއްވާ...ތި ކޮމިސަން އިން މަރުވެފަވާ އެހެން ދިވެހިންނަށް ވެސް އިންސާފު ހޯދައި އަދި ދައުލަތުން ކޮންމެ ކަމަކަށް މިކަހަލަ ކޮމިސަން އެއް އުފައްދަން ވީ...
އަލިބެއްޔާ، އެކުވެރިސުވައިދީބް
05 September 2019
2008 ހަމަޔަށް އުސްތާޒު މައުމޫނަށް އަމާޒުކޮށް ނުކިޔާކަށް ހުތުރު ވެގެންވާހާ ނަމެއް ނެތެވެ. އެމަނިކުފާނު ވަރުގެ އަނިޔާވެރި ނުބައި މީހަކު ނެތްކަމަށް ރައްޔިތުންނަށް ދެއްކެވީވެސް ހަމަ ތިޔަބޭފުޅުންނެވެ. އޭގެފަހުން ކަންކަން ހިނގައިދިޔަ ގޮތް ރައްޔިތުންނަށް ސާފު ވެއްޖެއެވެ. އިތުރަށް ރައްޔިތުންނަށް އޮޅުވާލަން މަސައްކަތްޕުޅު ނުކުރައްވާށެވެ. މިހާރު މިނިމަމް ވޭޖާ އިންކަމް ޓެކްސްގެ ވާހަކަ ދައްކާނެ ބަޔަކު ނެތެވެ.
ފޭކުސްތާނު
05 September 2019
އަބްދުއްﷲ ގާޒީ ގާނޫން އަސާސީއާއި ހިލާފަށް ހައްޔަރު ކުރީ ނަޝީދުގެ އޯޑަރަށް! އެހެނަސް ނަޝީދު ވީމަ ފިޔަވަޅެއް ނޭޅުނު! މައުމޫނުވެސް ހަމަ އެގޮތަށް ސަލާމަތްވީ! ބޮޑުންނަށް މޮޅިގޮތް!
ބިސްބޮންގޮންގް
05 September 2019
ދޮގަކަށް ފަހު ދޮގެއް ނަޝީދު ތި ހަދަނީ؟ ފުރަތަމަ ރިޕޯޓު އަތުލައިފީމޭ، ރިޕޯޓު އަތެއް ނުލަމޭ، ނުވެސް އަތުލާނަމޭ، ހެކިވެރިންގެ މައުލޫމާތެއް ނެތޭ؟ ތިހެން އޮޅުވާލަން އުޅެން ހަދައިގެން ދޮގު މައްޗަށް ދޮގު ހަދާހާ ވާނީ! ރިޔާސީ ކޮމިޝަނެއްގެ ތަހުގީގަކަށް މަޖްލިސް ރައީސް އަދި މަޖްލިސް ވަންނާކަށް ނުޖެހޭނެ! ހުރިހާ ކަމަކަށް އަތްގަދަ ކުރަން ހަދައިގެން ވެރިކަން ވެއްޓޭތަން އަނެއްކާވެސް ފެންނާނީ! މައިތިރިވެގެން ހުރުން ބުއްދިވެރީ
އައްޑޫ2023
05 September 2019
ރައްޔަތުންގެ މަޖިލީހުގެ ރައީސާހުރެ ބޮޑުތަކުލީފަކަށް ވެށްޖެ މީނަ ކޮއްޓަކަލާފަ ބަހައްޓަންވެއްޖެނޫން ކޮންމެވެސްބަޔަކު ސައިޒުކުރަން އެބަޖެހޭ
ދޮށީކޮއި ޢަލީގެ މުޙައްމަދު
05 September 2019
ލަގާއެއް ( ބޮނޑިއެއް) ދޭން ބޭނުންވާ ހުރިހާއެންމެންގެ ނަން ހިމަނައިލި ނަމަ ތި ރިޕޯރޓް ވަރަށް ފުރިހަމަ ވާނެ
ޖާނީ
05 September 2019
ބަލާނެއޭ، ކުރާނެއޭ، އަޅާނެއޭ ނުކިޔާ ކުރަން ހުރި ކަން ކޮއްބަލަ. ރިޕޯޓު ހިފައިގެން ފޮޓޯނަގާ މީޑިއާގައި ވާހަކަ ދެއްކުމުގެ ކުރިން. ގައިމު ބައެއް ކަންކަން ރައްޔިތުންނަށް ރޭކާނުލާހާ ބާރު މިނުގަ ކޮށް ނިންމާލާ.