ރިޕޯޓް / އަލިފާނުގެ ހާދިސާ

ވެރިރަށް މާލެ: އަބަދުވެސް ގޮވާ ގޮތަށް އޮތް ބޮމެއް!

ރޭގެ އަލިފާންގަނޑު: މާލޭގައި ނުރައްކާތެރި ހާދިސާތައް ހިނގާނެ އެތައް ގުދަނެއް އެބަ ހުރި --މިހާރު ފޮޓޯ/ ހުސެން ވަހީދު

21 ސެޕްޓެމްބަރ 2019 - 09:05

26 comments

އެޕްރީލް 18، 2016 ގެ މަތިން ހަނދާން ނެތޭހާ ދުވަހެއް އަދި ނުވެ އެވެ. ސަން ފްރޮންޓް ލިވިންގެ ކުރިމައްޗަށް ވާ ކަހަލަ ގޮތަކަށް އޭރު ހުރި، ކޯސްޓްލައިންގެ ހާޑްވެއާ ބޮޑު ފިހާރާގައި ރޯވި އަލިފާން، ރާއްޖޭގެ ވެރިރަށް މާލެ ހުއްޓުމަކަށް ގެނަ އެވެ. އަލިފާން ހިފައިފި ނަމަ އަވަހަށް ރޯވާ ކަހަލަ ޒާތުގެ އެތައް އެއްޗެއް ހުރި ފިހާރަ ބިމާހަމަވި އިރު އެ ހޫނުގައި، އިތުރު ހަ ގެޔަކަށް ބޮޑެތި ގެއްލުންތައް ލިބި، 130 އަށް ވުރެ ގިނަ މީހުން ހާލުގައި ޖެހުނެވެ.

ދެން ފެނުނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާނެކަމުގެ ހަބަރުތަކެވެ. ކެމިކަލް އެކުލެވޭ މުދާ، މި ތޮއްޖެހިފައިވާ މާލޭގައި ގުދަންކޮށްފައި ބެހެއްޓުން މަނާކުރަން އާންމުން ގޮވާލި އެވެ. އޭރުގެ ސަރުކާރުން، އެމްއެންޑީއެފް މެދުވެރިކޮށް ހާއްސަ އޮޕަރޭޝަނެއް، "ހިރާސް ފާސް" ގެ ނަމުގައި ފެށި އެވެ؛ ފެނުނު ހަގީގަތަކީ ފާސްކުރި ގުދަންތަކާއި ވޯކްޝޮޕް ފަދަ ތަންތަނުގެ 54 ޕަސެންޓް އިމާރާތުގައި، އަލިފާން ނިއްވޭނެ ގޮތެއް އަދި އެފަދަ ވަސީލަތެއް ވެސް ގާއިމްކޮށްފައި ނެތުމެވެ.

އޭގެ ފަހުން ހޭދަވީ އެންމެ ތިން އަހަރެވެ. މާލޭގެ ހަނިހަނި މަގެއްގައި ހުރި ގުދަނެއްގައި ރޯވެ، ރޭ އެ ހިނގީ އަދި އެއަށް ވުރެ ބޮޑު އަލިފާނުގެ ހާދިސާއެކެވެ. އެކަކު މަރުވެ، އެތައް ބަޔަކު ހާލުގައި ޖެހި، މާލެއަށް ބިރުވެރިކަން ފަތުރާލި އެވެ.

އާންމުން އަބަދުވެސް ނުރައްކާ ހަނދާންކޮށްދޭ!

މިފަދަ ކޮންމެ ހާދިސާއަކަށް ފަހު ވެސް އޭރެއްގެ ސަރުކާރުން އެންމެ އަވަހަށް އިއުލާންކުރާނީ، ރައްކާތެރިކަމުގެ ފިޔަވަޅު އަޅާނެކަމުގެ ވާހަކަ އެވެ. ފާސްކުރުމުގެ އޮޕަރޭޝަންތައް ވެސް ހިންގަ އެވެ. އެކަމަކު އަލިފާން ރޯވެއްޖެ ނަމަ، މުޅި ހިސާބުގަނޑު އަނދާ ހުލިކޮށްލާނެ ފަދަ އެއްޗެހި ރައްކާކޮށްފައި ހުރި ކިތައްމެ ގުދަނެއް، އެހުރި ގޮތަށް އަދިވެސް ހުރީ އެވެ.

މާ ބޮޑު މަސައްކަތެއް ކުރާކަށް ނުޖެހެ އެވެ. ޓްވިޓާ ހާވާލަމާ ހިނގާށެވެ.

ރޭގެ ހާދިސާއާ އެކު ވައިރަލްވެގެން އުޅުނު ޓްވީޓަކީ، ކަމާ ބެހޭ ފަރާތްތަކަށް މީގެ ނުވަ މަސް ކުރިން އާންމުންގެ މީހަކު ހަނދާންކޮށްލަދިން ނުރައްކަލެވެ. ފައިބަގްލާސްގެ މަސައްކަތަށް ބޭނުންވާ ކެމިކަލް ތާނގީތަކުން ފުރާލާފައި ހުރި ގުދަނެއްގެ ފޮޓޯތަކެއް ޖަހާފައި ރިލްވާން ލަތީފުގެ ޓްވީޓްގައި ކޮށްފައިވަނީ، އޭރު ވެސް އަދި މިހާރަށް ވެސް ބޮޑު ސުވާލެކެވެ: "ބޮޑު ކާރިސާއެއް ހިނގުމުގެ ކުރިން އަހަރެމެން ތިބެންވީ ބަލަން ހެއްޔެވެ؟ ނުވަތަ ރައްކާތެރިކަމުގެ ފިޔަވަޅު އަޅަންވީ ހެއްޔެވެ؟"

ރިލްވާންގެ މި ޓްވީޓް ރޭ ދައުރުވުމުން ބައެއް މީހުން ހީކުރީ އަލިފާން ރޯވެގެން މި އުޅެނީ އެ ގުދަނުގައި ކަމަށެވެ. ނަމަވެސް ގުދަނެއްގައި ރޯވެ، އެތައް ބައިވަރު އެއްޗެހިތަކެއް ގޮވާ އަޑުން ހިސާބުގަނޑު ގުޑައިގެން ދިޔަ އިރު، އޭނާގެ ޓްވީޓް ހިނގަން ފެށީ، މާލެ މިހާރު މި އޮތީ ކޮންމެ އިރެއްގައި ވެސް ގޮވާފާނެ "ބޮމެއް"ގެ ގޮތުގައި ކަން އެތައް ބަޔަކަށް ގަބޫލުކުރެވިގެންނެވެ.

ރިލްވާންގެ ޓްވީޓާ އެކު، އެކަކު ވަނީ އޭނާގެ ތަޖުރިބާ ހިއްސާކޮށްފަ އެވެ. އޭނާ ދިރިއުޅޭ ގޭގެ އެއް ވަނަ އަދި ގްރައުންޑް ބައިގައި ހިންގާ ގުދަނުގެ ސަބަބުން ދިމާވާ އުނދަގޫތަކެވެ. ޝަކުވާކުރުމުން ފުލުހުން ގޮސް ގުދަން ޗެކްކުރި ކަމަށްވެ އެވެ. އެއާ އެކު ގުދަނުގެ މަސައްކަތް ދުވަސްކޮޅަކަށް ދެން ބަދަލުކުރީ ރޭގަނޑުގެ ވަގުތަށެވެ.

"ހަފުތާއެއްގެ ތެރޭގައި ހަމަ ކުރީގެ ގޮތަށް ކަންކަން ހިނގައިގަތެވެ. ކަމާ ބެހޭ ފަރާތްތަކުން އެއްވެސް ސަމާލުކަމެއް ނުދިނެވެ،" އޭނާ ލިއުނެވެ.

ރޭގެ އަލިފާން ނިއްވުމުގެ މަސައްކަތުގައި ސިފައިންނާއި ފުލުހުން އަދި އާންމުން ހަރަކާތްތެރިވަނީ---ފޮޓޯ: ހުސައިން ވަހީދު/މިހާރު

އެ ގުދަނުގައި ރައްކާކުރަނީ ކޮން އެއްޗެއްކަން ސީދާ ލިޔެފައި ނެތަސް، މި ޓްވީޓުން ވެސް އެނގެނީ، ގުދަންތަކާ ހެދި އެތައް ބައެއްގެ ދިރިއުޅުމަށް ނުރައްކާ ކުރިމަތިވެފައިވާ ކަމެވެ.

ގުދަންތަކާއި ވޯކްޝޮޕާއި ވެހިކަލް މަރާމާތުކުރާ ގަރާޖު ފަދަ ތަންތަން، މާލެ ތެރޭގައި ހެދުން ހުއްޓުމަކަށް ނާދެ އެވެ. އެފަދަ ތަންތަން މީހުން އުޅޭ ސަރަހައްދާ ދުރަށް ގެންދަން ކަމަށް ބުނެ، ކުރީގެ ސަރުކާރުން ވަނީ މާލޭގެ ހުޅަނގު ދެކުނު ފަޅު ހިއްކައިފަ އެވެ. އެކަމަކު އެ ސަރުކާރު ނިމުމަކަށް އައި އިރު ވެސް މާލޭގެ ގުދަންތަކުގެ ނުރައްކާ ކުޑަކުރެވޭނެ އަމަލީ މަސައްކަތެއް ކޮށްފައެއް ނުވެ އެވެ.

ރޭގެ ހާދިސާއާ ގުޅިގެން އާންމުންގެ ހިޔާލު އެކި ގޮތްގޮތައް ފާޅުކުރަން ފެށި އެވެ. މާލޭގެ މަގުތަކުގައި ފަޔާ ލޮރީއެއް ދުއްވާނުލެވޭ ވަރަށް ޕާކިންގެ ތޮއްޖެހުން ބޮޑުވުމުން ފުލުހުންގެ ބޮލަށް އެކަން ކަނޑާލުމުން ފެށިގެން، ސަރުކާރުގެ ބައެއް ވެރިން އިސްތިއުފާ ދެއްވަން ގޮވާލުމާއި ވެރިރަށް އެހެން ރަށަކަށް ބަދަލުކުރުން ފަދަ ހިޔާލުތަކެވެ.

"މިހާރު"ގެ ކަވަރޭޖަށް ކިއުންތެރިޔަކު ލިއުނު ކޮމެންޓެއްގައިވެ އެވެ: "އަހަރުމެން އަބަދު މިކިއަނީ މީހުން ދިރިއުޅޭ ރެޒިޑެންޝަލް އޭރިއާތަކުގައި މިކަހަލަ ނުރައްކާތެރި އެއްޗެހީގެ ސްޓޯރޭޖު ނުބަހައްޓާށޭ. މިކަހަލަ ކުޑަ ނެއްގައި ކަމިކަލެއް އަނދާ ހުލިވާއިރު އުފެދޭ ވިހަ ގޭހަކުން އެ ސަރަހައްދެއް ތަޣައްޔަރު ވެއްޖެޔާ އެކަމުގެ އަސަރު އެއް ދުވަސް ދެ ދުވަހަކަށް ނޫން ހުންނާނީ. މީގެ [ހަތަރު] ވަރަކަށް އަހަރު ކުރިން އޭއެމްޑީސީ ކުލިނިކު މަގުގައި ހުރި ގޯޑައުންއެއް އަނދާ ހުލިވުމުން ލިބުނު ފިލާވަޅަކުން އެއްޗެއް ދަސްނުކުރި ކަމުގެ ހިތި ނަތީޖާ މިފެންނަނީ."

އަލިފާންގެ ހާދިސާގައި އަލިފާން ނިއްވުމުގެ މަސައްކަތުގައި ގިނަ އަދަދެއްގެ އާންމުން ވެސް ހަރަކާތްތެރިވި ---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ކޯސްޓްލައިން ފިހާރައިގެ ހާދިސާގެ ކުރިން މާލެ ހުއްޓުވާލީ، އެ ބުނާ ގުދަނުގައި ރޯވި އަލިފާނެވެ. އޭއެމްޑީސީ ހުންނަ މަގާ އިންވެގެން އޮތް ކުޑަކުޑަ ގޯޅިގަނޑެއްގައި ހުރި ބޮޑު ގުދަން، އަނދާ އަޅިއަށް ވީ، އެތަނުގައި ހުރި ބައެއް އެއްޗެހި ގޮވާ އަޑުފައްގަނޑުން މުޅި ހިސާބުގަނޑު ހާސްކުރުވާފަ އެވެ. އެއްކޮޅުން ބިޔަ ހުޅުގަނޑުގެ ހޫނެވެ. އެއާ އެއްވަރަށް، ގޮވަމުން މައްޗަށް އަރަމުން ދާ އެއްޗެހީގެ ބިރުވެރިކަމެވެ. ދުމުގެ ނުރައްކަލެވެ.

ހުސް ވާހަކަ ބޭނުމެއް ނުވޭ! ބޭނުންވަނީ އަމަލީ މަސައްކަތް!

ކޮންމެ ވަގުތެއްގައި ވެސް ގޮވާފާނެ "ބޮމެއް"ގެ ގޮތުގައި މާލެ ނުބޭއްވޭނެ އެވެ. ވިޔަފާރިވެރިން ބޭނުންހާ ތަނެއްގައި، ބޭނުންހާ ވައްތަރެއްގެ މުދާ ރައްކާކުރުމުގެ ފުރުސަތު ދެވިގެން ނުވާނެ އެވެ. ގުދަންތަކަށް ހުއްދަ ދޫކުރުމުގައި އޮތް ކޮރަޕްޝަން ނައްތާލަން ޖެހެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވަނީ ކެބިނެޓްގެ ކުއްލި ބައްދަލުވުމެއް ބާއްވަވައިފަ އެވެ. އަލިފާނުގެ ހާދިސާއަކާ ގުޅިގެން ދަންވަރު ވަގުތެއްގައި ވަޒީރުންގެ މަޖިލިހުގެ ބައްދަލުވުމެއް، ރާއްޖޭގެ ތާރީޚުގައި ވެސް މީގެ ކުރިން ބާއްވާފައެއް ނުވެ އެވެ. މުލީއާގޭގައި އޮތް މި ބައްދަލުވުމުގެ އެންމެ ބޮޑު އެއް ކަމަކީ، ކެމިކަލް ފަދަ ނުރައްކާތެރި ތަކެތި ބަހައްޓާ ގުދަންތައް، މީހުން އުޅޭ ހިސާބާ ދުރު ސަރަހައްދަކަށް ބަދަލުކުރާނެ ޕްލޭނެއް ވީހާވެސް އަވަހަކަށް އެކުލަވާލަން ނިންމުމެވެ.

ޕްލޭނެއްގެ ވާހަކަ އައުމާ އެކު އާންމުންގެ ހިތަށް ފުރަތަމަ ވެސް އަރާނީ، "ތި ޖެހުނީ ބޮޑު ތަނުގަ" އެވެ.

އެކަމަކު ޕްލޭނެއް ނުހަދާ ވެސް ކަމެއް ނުކުރެވޭނެ އެވެ. ދާދި ފަހުން ނައިބު ރައީސް ފައިސަލް ނަސީމް ވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިއްކާފައި އޮތް އިންޑަސްޓްރިއަލް ޒޯން ސަރަހައްދަށް ޒިޔާރަތްކުރައްވައިފަ އެވެ. އެއީ މިހާރު ދަގަނޑާއި ލަކުޑި އާއި، އެކަހަލަ އެނޫން ވެސް ކުނިބުނިން ފުރިފައި އޮތް ތަނެކެވެ.

އެކަމަކު އެ ޒިޔާރަތުގައި ނައިބު ރައީސް ވެސް ދެއްކެވީ، މާލޭގެ ނުރައްކާތެރި ގުދަންތަކާއި ވޯކްޝޮޕްތައް ބަދަލުކުރުމުގެ ވާހަކައެއް ނޫނެވެ: އުޅަނދުފަހަރަށް މީހުން އަރައިފޭބޭނެ އާ އިންތިޒާމްތަކެއް ހަމަޖެއްސުމުގެ ވާހަކަ އެވެ. އެހެންކަމުން އާ ސަރުކާރުގެ ވެރިންނަށް ވެސް މާލޭގައި "ނުގޮވާ ހުރި ބޮންތަކު"ގެ މައުލޫމާތު ހޯއްދެވިފައި ނެތްކަން އެބަ އެނގެ އެވެ.

އަލިފާނުގެ އެހެން ހާދިސާއެއް ހިނގައި، އެތައް ބައެއްގެ ފުރާނަ ގޮސް، އެތައް ބަޔަކު ހާލުގައި ޖެހުމުގެ ކުރިން ދެން ވެސް އަޅަންވީ އަމަލީ ފިޔަވަޅެވެ. ލަހަކުން ނޫނެވެ. އަވަހަށެވެ.

26 ކޮމެންޓް, 48 ރިއެކްޝަންސް

icon happy icon happy 29%
icon sad icon sad 50%
icon angry icon angry 21%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޢަލީ ފ

21 September 2019

ފަޔަރ އަދި އިމަރޖެންސީ އެވެކުއޭޝަން އިމާރާތުގެ ކިރެހުން ފާސްކުރާއިރު މުހިއްމު. މިކަމަށް ހުއްދަ ހޯދަންޖެހޭ ގޮތަށް މިހާރު ހަދަންވެއްޖެ

The name is already taken The name is available. Register?

މަ

21 September 2019

މޫސާ ލަތީފްގެ ލިޔުމެއް މިކިޔާލެވިނީ ދުވަސްތަކަކަށްފަހު.ވަރަށް ރަނގަޅު ލިޔުމެއް.ވަރށް ބޮޑުތެދެއް.

The name is already taken The name is available. Register?

ހޭލާ

21 September 2019

މާލޭގެ އެއްގަމުތެރޭގައި ގުދަން ކުރުން ހުއްޓުވެންދެންވެސް ކުރަންވީ ކަމަކީ ހުރިހާ ގުދަނެއްގައި ސްމޯކް ޑެކެޓަރއާއި ފަޔަރ އެލާމް ހަރުކުރަން މަޖުބޫރު ކުރުން. އަދި ގުދަންތައް ގަވައިދުން ޗެކު ކުރުން.

The name is already taken The name is available. Register?

ކަނބިލި

21 September 2019

މާލޭގެ ތޮއްޖެހުން ކުޑަކުރަން އެއްވެސް ސަރުކާރަކުން އިޚްލާސްތެރި މަސައްކަތެއް ނުކުރޭ. ނުވެސްކުރާނެ. މާލޭގައި ބިންކޮޅެއް އޮތިއްޔާ އެއީ ރަންބިސް އަޅާ ކުކުޅެެއް. މަދު ބައެއްގެ އަތްމަތީގައި މުއްސަނދިކަން އޮވެފައި އާބާދީގެ ބޮޑުބައެއް ޖެހޭނީ ގަނޑަތެޅެން. ގެދޮރު މައްސަލަ ހައްލުކުރާ ވާހަކައަކީވެސް ކޮންމެ އިންތިޚާބަކާ ދިމާކޮށް ވޯޓް ހޯދަން ދައްކާ ބުރަދަނެއް ނެތް ވާހަކަތަކެެއް

The name is already taken The name is available. Register?

ގެއްލުން

21 September 2019

މިކަމުންވެސް ހަސަދަޔާއި ނަފްރަތު އުފެއްދުން މީޑިޔާތަކުގައި އޮންނާނީ. ވީޓީވީގައި މިކަމާގުޅިގެން ޓީވީއަށް އަރާއިން އަންހެނަކު ކެނޑިނޭޅި ކިޔަމުންދިޔައީ މިފަދަ ހާދިސާ ހިނގަނީ މާލެތޮއްޖެހުމުގެސަބަބުންކަމަށް. ކެމިކަލް ގުދަންތައް މާލޭގައި ހުރުން އޭނަޔަށް މައްސަލައެއްނެތް. އިއްޔެ ހިނގި އަލިފާނުގެހާދިސާގައި ކެމިކަލްގުދަންތައް ނުހިމެނޭނަމަ އެފަދަބޮޑުހާދިސާޔަކަށް އެކަން ވެގެން ނުދާނެކަން ޔަގީން. އަދި އަލިފާން ނިއްވުމުގެނިޒާމެއް ގާއިމުވެފައި އޮތްނަމަ އެހާ ގ

The name is already taken The name is available. Register?

އަރބަން ޑެވެލޮޕްމެންޓް

21 September 2019

100ގެ ކޮމެންޓެއް. ތިއީ ކޮމަންސެންސް. ބައެއް މީހުން މިކަމުގައިވެސް ބަލަނީ އެމީހުންގެ ހިތުގައި އޮތް ހަސަދަވެރިކަމުގެ ސަބަބުން މިކަމުގެ ނާޖާއިޒު ފައިދާ ނަގަން.

The name is already taken The name is available. Register?

ރޫހީ

21 September 2019

ވީޓީވީ ޢޭޑީކެ ގޯޅިން ވަދެގެން ގޮސް ހެންވޭރު ދަނޑާ ކައިރީގަ ވައަތް ފަރާތުގަ އިންނާނެ ގަރާޖެއް (އަލިފުށީ ޒުވާނުން ހިންގާކަމަށްވަނީ). އެމީހުންގ މަސައްކަތް ފެށޭނީވެސް ރޭގެނޑު ބާރަ ޖެހީމަ. މައިގަނޑު މަސައްކަތަކީ ކާރު ސައިކްލް ސްޕްރޭ ކުރުން. މަތީގަ އުޅޭ މީހުން ކޮށިއަރައިގެން ނުނިދިގެން ޕޮލިހަށް ގުޅުނު އަދަދެއް ނޭނޭގެ. އަދިވެސް އެތަން ހަމަ އެގޮތުގަ.

The name is already taken The name is available. Register?

ސަހާޜާ

21 September 2019

މާލޭގެ ދެތަނެއްގައި އެއްފަހަރާ ތިކަހަލަ ހާދިސާއެއް ދިމާވެއްޖެނަމަ މާލެއެކޭ ފަޅު ރަށެކޭ އެއްވެސް ތަފާތެއް ނޯންނާނެ

The name is already taken The name is available. Register?

ބަނީއިސްރާއިލް ދިވެހިން

21 September 2019

ކޮންމެކަމެއްވާއިރަށް އެކަކުއަނެއްކަކައް އިގިލިދިއްކުރުމުގެ ސިޔާސަތު ދޫކޮއް، ފަރުދީ އަދި އިޖުތިމާއީ ޒިންމާ ނަގަވާ. ބެލްކަނީގަ ސިގިރޭޓު ބޮއެފަ ތަނެއް ދޮރެއް ބަލާލުމެއް ނެތި ފިލްޓަރ އުކަނީ ކިތައް މީހުންތޯ؟ މިކަމަށްވެސް ގާނޫނެއްތަ ބޭނުންވަނީ؟

The name is already taken The name is available. Register?

ރޫހީ

21 September 2019

ހެޔޮކޮށް ތިޔަބުނީ. ގިނަ ދިވެހިން ތިބީ ތަސައްރަފު ކެނޑިފަ. ރަނގަޅަށް ކަރުކެހިލާފަ މަގުމައްޗަށް މުޅި ކަރުތެރޭ އޮންނަ ދަވަބޮނޑި އޮއްސާލަނީވެސް ގާނުނެއް ނެތިގެން.

The name is already taken The name is available. Register?

ޓޮލައިކާ

21 September 2019

މާލޭގައި ހުރި ގުދަންތަކާ އެއްކިލޯމީޓަރު އަށްވުރެ ކާރި ސަރަހަދު ތަކުގައި ރައްޔިތުން ދިރިއުޅުން މަނާކުރަންވީ.

The name is already taken The name is available. Register?

އަޑަފި

21 September 2019

އޭރުން ގިނަ ރައްޔިތުން އުޅެންޖެހޭނީ ކަނޑުމަތީގައެއް ނޫންތޯ. ކުރަންވީ ކަމަކީ ގުދަންތައް ބަދަލުކުރުމުގެ ނިޔަތުގައި ހިއްކާފައިވާ ތަނައް ވީހާ އަވަހަކަށް ގުދަންތައް ބަދަލުކުރަންވީއެވެ. އޭރުން މިކަން ހައްލުވީއެވެ.

The name is already taken The name is available. Register?

ނަގިލި

21 September 2019

ބުރިބުރިއަށް ގެހަދައިގެން ބަލަނީ އެންމެ ބޮޑު އަގެއްގަ ކުއްޔަށްދޫކޮށްލެވޭތޯ. އެހެޔޮ ތިރީބުރީގަ ޔޫރޭނިއަމް ރައްކާކުރާ ގުދަނެއް ހެދިއަސް. ފައިސާ ބޭނުންވަނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454