މާލޭއަށް ވެހެމުން ދިޔަ ބޯ ވާރޭގެ ތެރޭގައި މީހަކު ކުޑަކުއްޖަކު ގޮވައިގެން ހިނގާފައި ދަނީ--. ފޮޓޯ: ނިޝާން އަލީ/މިހާރު
30 އޮކްޓޯބަރ 2019 - 20:54
ރާއްޖޭގެ ސަރަހައްދުގައި އުފެދުނު ކޮޅިގަނޑު ރާއްޖެއާ ދުރަށް ދަތުރު ކުރަމުންދާ ކަމަށާއި މިރޭ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވުން ގާތް ކަމަށް މޫސުމާ ބެހޭ އިދާރާ އިން ލަފާކޮށްފި އެވެ.
މެޓް އޮފީހުން ބުނީ ސްރީ ލަންކާ އާއި ރާއްޖެއާ ދޭތެރޭގައި އެންމެ ފުރަތަމަ އުފެދުނު ލޯ ޕްރެޝަގެ ބާރު ގަދަވެ، ރާއްޖޭގެ އުތުރަށް ދަތުރު ކުރި ކަމަށެވެ. އަދި މަލިކާއި ރާއްޖެއާ ދޭތެރެއަށް ދިއުމާ އެކު، ލޯ ޕްރެޝަ ބާރުގަދަ ކޮޅިގަނޑަކަށް ބަދަލުވެފައިވާ ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.
މެޓް އޮފީހުގެ ޑިރެކްޓަރު ޖެނެރަލް އަލީ ޝަރީފް "މިހާރު" އަށް ވިދާޅުވީ ކޮޅިގަނޑު މިހާރު އޮތީ ރާއްޖޭގެ އިރުން ގާތްގަނޑަކަށް 400 މީޓަރު ދުރުގައި ކަމަށެވެ. އަދި ކޮޅިގަނޑުގެ މިސްރާބު އަދިވެސް ހުރީ ރާއްޖެއާ ދުރަށް ކަމަށާއި އޭގެ އަސަރު އާދަޔާ ހިލާފު ބޮޑަށް ރާއްޖެ އަށް ނުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކުރިން ބެލެވިފައި އޮތީ މާދަމާގެ ވަގުތެއްގައި ކޮޅިގަނޑު ތޫފާނަކަށް ބަދަލުވާނެ ކަމަށް. އެކަމަކު، ކުރިއަށް ވުރެ ބާރަށް ކޮޅިގަނޑު ދަތުރު ކުރާތީ މިރޭ 11 ގެ ފަހުން އެ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވުމަކީ އެކަށީގެންވާ ކަމެއް. އެކަމަކު، ތޫފާން ދާނީ ރާއްޖެއާ ދުރަށް،" ޝަރީފް ވިދާޅުވި އެވެ.
އެންމެ ފަހުގެ ސެޓަލައިޓް ފޮޓޯ. މި ފޮޓޯ އިން ދައްކާ ގޮތުގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް ކަޅު ވިލާތައް ވަނީ ޖަމާވެފައި.
ޝަރީފް ވިދާޅުވި ގޮތުގައި ކޮޅިގަނޑު ތޫފާނަކަށް ބަދަލުވާ އިރު، ތޫފާން ހުންނާނީ ރާއްޖެއާ ފެޔަށް ޖެހިފަ އެވެ. އަދި ރާއްޖެ އަށް ތޫފާނުގެ "ބާރު ބޮޑު ނުވާނެ" ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.
އެކަމަކު، ބޯކޮށް ވާރޭ ވެހި، ވިލާގަނޑުގައި ބާރަށް ވައި ޖެހުން އެކަށީގެންވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް އަދި ފާހަގައެއް ނުކުރެވޭ ވައި ބާރަށް ޖެހޭ ކަމެއް. އެކަމަކު، ވިލާ ގަނޑުގައި ބާރަށް ވައި ޖެހުމަކީ އެކަށީގެންވާ ކަމެއް،" ޝަރީފް ވިދާޅުވި އެވެ.
ތޫފާން އުފެދިއްޖެ ނަމަ، އޮމާނުން އެ ތޫފާނަށް ދީފައިވާ ނަމަކީ "މާހާ" އެވެ.
މިއީ އިންޑިއާ ކަނޑާއި އަރަބި ކަނޑުގައި މި އަހަރުގެ ތެރޭގައި އުފެދޭނެ ހަތަރު ވަނަ ތޫފާނެވެ. މިއީ އަހަރެއްގެ ތެރޭގައި މިހާ ގިނަ ތޫފާންތަކެއް އުފެދުނު ފުރަތަމަ ފަހަރެވެ. މެޓް އޮފީހުން ބުނި ގޮތުގައި މީގެކުރިން ނޮވެމްބަރު މަހާ ހަމައަށްދާ އިރު، މިހާ ގިނަ ތޫފާންތަކެއް އުފެދިފައެއް ނެތެވެ.
Alert White for heavy rain and thunderstorms with gusts of 40 mph. pic.twitter.com/nalnSoqIkT
— Maldives Meteorology (@MetMaldives) October 30, 2019
މެޓް އޮފީހުން ދެންމެ ކުރި ޓުވީޓު.
އެހެންވެ، މިއީ އާދަޔާ ހިލާފު ކަމެއްގެ ގޮތުގައި މެޓް އޮފީހުން ސިފަ ކުރެ އެވެ. މެޓް އޮފީހުން ބުނި ގޮތުގައި މިހެން ދިމާވަނީ އިންޑިއާގެ ހުޅަނގު ބިތާއި އިރުމަތީ ބިތުގެ ފިނި ހޫނު މިނަށް އަންނަ ބަދަލުންނެވެ.
މީގެ ދުވަސްތަކެއް ކުރިން އަރަބި ކަނޑުގައި "ކިޔާރު" ކިޔާ ބާރުގަދަ ތޫފާނެއް އުފެދުނެވެ.
އެކަމަކު، ރާއްޖެ އަށް މިހާރު ކުރާ ވިއްސާރައަކީ ކޮޅިގަނޑުގެ ސަބަބުން ކުރާ ވިއްސާރަ އެވެ.
މޫސުމާ ބެހޭ އިދާރާ އިން ވަނީ ކ. އަތޮޅުން ފެށިގެން ލ. އަތޮޅުގެ ރަށްތަކަށް ވައިޓް އެލާޓް ނެރެފަ އެވެ. އަދި ގުގުރުމާ އެކު ބޯކޮށް ވާރޭވެހި، ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ. އަދި ހއ. އަތޮޅުން ފެށިގެން ބ. އަތޮޅުގެ ރަށްތަކަށް ވަނީ ޔެލޯ އެލާޓް ނެރެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަބަރު
30 October 2019
ﷲ ގެ އިރާދަފުޅާއި މިންވަރުފުޅުން ތި ޠޫފާނުން ރާއްޖެ ސަލާމަތްވާނެ. އަދި އެހެން ގައުމަކަށްވެސް ބޮޑެތި ގެއްލުންތައް ނުވާނެ. آمين
ޢަބްލޯ
30 October 2019
400 މީޓަރ ވަރަށް ކައިރި 400 ކިލޯމީޓަރަށް ވުން އެކަށީގެންވޭ
ސަމްޕީ
30 October 2019
މަގޭ ހިތަށްވެސް އެރި ތިހެން. ލޮލް.