އިދިކޮޅުން މިރޭ ބޭއްވި ޖަލްސާގައި ކުރީގެ ރައީސް ޔާމީން ވިދާޅުވީ، މި ސަރުކާރުން ޝަރުއީ ދާއިރާ "ފުނޑާލަމުން" ދަނީ ކޯޓްތައް މެދުވެރިކޮށް ކުރަން ނުޖެހޭ އެތައް ކަމެއް ކުރުމަށް ފަހު ކަމަށް.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
16 ނޮވެމްބަރ 2019 - 00:10
ސުޕްރީމް ކޯޓު ހިމެނޭ ގޮތުން ހުރިހާ މުއައްސަސާއަކަށް މި ސަރުކާރުން އަތްބާނައި މުޅި ނިޒާމް ފުނޑާލާފައިވާ ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަރަށް ބޮޑަށް މިރޭ ފާޑުވިދާޅުވެއްޖެ އެވެ.
"ފުނޑާލައިފި" ނަމުގައި އިދިކޮޅު ކޯލިޝަނުން ކާނިވާ ސަރަހައްދުގައި ބޭއްވި އެއްވުމުގައި ޔާމީން ސިފަކުރެއްވި ގޮތުގައި ޑިމޮކްރަސީގެ ނަމުގައި އަޑުގަދަކޮށް ވެރިކަމަށް އައި ސަރުކާރުގެ އަމަލުތައް ފެންނަނީ ހުދުމުހުތާރުކޮށެވެ. މިސާލު ނެންގެވީ، ޝަރުއީ ދާއިރާ އިންނެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ޝަރުއީ ދާއިރާ "ފުނޑާލަމުން" ދަނީ ކޯޓްތައް މެދުވެރިކޮށް ކުރަން ނުޖެހޭ އެތައް ކަމެއް ކުރުމަށް ފަހު އެވެ. އެމަނިކުފާނުގެ ވެރިކަމުގައި، ސިޔާސީ އިސް ބޭފުޅުންތަކެއް މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން ކުރި ހުކުމަކީ ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވައި ފުނޑާލުމުގެ ފެށުން ކަމަށް ވިދާޅުވި އެވެ.
އެމަނިކުފާނު އެ އިޝާރާތް ކުރެއްވީ އިދިކޮޅު ސިޔާސީ ލީޑަރުންތަކެއް މިނިވަންކުރަން އަމުރުކޮށް، މިދިޔަ އަހަރުގެ ފެބުރުއަރީ 1 ގައިސުޕްރީމް ކޯޓުންގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުއްވި އަމުރަށެވެ.
"ޑިމޮކްރަސީގެ ނަމުން ރަނގަބީލު ޖަހަމުން އައި ބައެއް ނޫންތޯ މިތާ މިތިބީ. މިއަދު ކީއްތޯ މިވަނީ؟" ގިނަ ބަޔަކު ބައިވެރިވި އެއްވުމުގައި ޔާމީން ވިދާޅުވި އެވެ.
"މި ސަރުކާރަށް ބަންދު ދުވަސްތައް ނުލާ އަދި ތިން މަސް ނުވޭ. ކޮންކަމަކާތޯ އަތް ނުބާނަނީ. ކޮން ކަމެއްތޯ ފުނޑާނުލަނީ. މިހާރު ސުޕްރީމް ކޯޓް ފުނޑާލައިފި. ހުރިހާ ނިޒާމްތަކެއް ފުނޑާލައިފި."
ގާތްގަނޑަކަށް 40 މިނެޓުގެ ވާހަކަފުޅުގައި މުޅިން ވެސް ވިދާޅުވީ މި ސަރުކާރުން މިހާތަނަށް ރައްޔިތުންނަށް ކޮށްދިން ކަމެއް ނެތް ކަމަށެވެ. އަހަރެއް ފުރޭ އިރު ކޮށްދިން ކަމަކީ ޕާކުތަކުގެ ނަން ބަދަލު ކުރުމާއި ކަނދޮޅު އިންދުން ފަދަ އާދައިގެ ކަންކަން ކަމަށް ވިދާޅުވި އެވެ.
މި ވެރިކަން ގެނައީ، ޔާމީން ވިދާޅުވި ގޮތުގައި، އެމަނިކުފާނުގެ ވެރިކަން އަނިޔާވެރި ކަމަށް ސިފަކޮށެވެ. އެކަމަކު ގެނައި "ބަރަކާތްތެރި" ވެރިކަމުގެ އަމަލުތައް ފެންނަނީ ރައްޔިތުންނަށް ވައުދުވި ގޮތަށް ނޫން ކަމަށް ވިދާޅުވި އެވެ.
މި ވެރިކަމުގައި އެކި ކުންފުނިތަކަށް ބަދަލު ދެމުންދާ މައްސަލައިގައި ވެސް ހިތްހަމަނުޖެހުންފާޅުކުރައްވައި ވާހަކަފުޅު ދެއްކެވި އެވެ.
މިރޭ ވެސް ތަކުރާރުކޮށް ވިދާޅުވީ މި ސަރުކާރުން ބަދަލު ދެމުން އަންނަނީ އެކުވެރިންގެ ކުންފުނިތަކަށް ކަމަށެވެ. އެމަނިކުފާނުގެ ވެރިކަމުގައި އެފަދަ ބަދަލެއް ހޯދަން ކުންފުނިތަކުން ހުށަނާޅާ ކަމަށް ވިދާޅުވި އެވެ.
އަންނަ އަހަރު ކުރީކޮޅު ބާއްވަން ގާނޫނުން ލާޒިމްކުރާ، ލޯކަލް ކައުންސިލްގެ އިންތިޚާބު މި ސަރުކާރުން ނުބާއްވާނެ ކަމުގެ ތުހުމަތު ވެސް ކުރެއްވި އެވެ. އެއީ، މި ސަރުކާރަށް ރައްޔިތުންގެ ތާއީދު ނެތުމުން ކަމަށް ވިދާޅުވި އެވެ.
މި ސަރުކާރު އައި ފަހުން ގޭންގު ކުށްތަކުގައި މީހަކު މަރާލާފައި ނުވާ ކަން ވަރަށް ފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފާހަގަ ކުރައްވާފައިވާތީ އެކަމަށް ވެސް ޔާމީން ރައްދު ދެއްވި އެވެ.
ޔާމީން ވިދާޅުވީ ގޯހެއް ހަދާ ކޮންމެ މީހަކަށް މި ސަރުކާރުން ވަޒީފާ ލިބޭ ކަމަށެވެ. ވޭތުވެދިޔަ އަހަރެއްހާ ދުވަހަކީ ގޮތް ނޭނގޭ މަރުތައް ގިނަ ކަމަށް ވިދާޅުވި އެވެ. ކްރިމިނަލް ކޯޓުގައި އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ ކާމިޔާބު ކުރައްވާނެ ކަމަށް ވިދާޅުވި އެވެ. ރައްޔިތުންގެ ދަރުބާރުން ނިންމާފައިވަނީ އެ ހުކުމް އޭނާގެ މައްޗަށް ސާބިތު ނުވާ ކަމަށް ކަމަށާއި ސަރުކާރަށް އުޅެނީ އެކަން ގަބޫލު ނުކުރެވިގެން ކަމަށް ޔާމީން ވިދާޅުވި އެވެ.
އެމަނިކުފާނުގެ ކެބިނެޓުގެ ބައެއް ވަޒީރުން މިހާރު ސިޔާސީ ކަންކަމުން ނުފެންނާތީ ވެސް ޔާމީން ވަނީ ފާޑުވިދާޅުވެފަ އެވެ. ރައްޔިތުން ފެންނަން ވާނީ ކަމެއް ބޭނުންވުމުން އެކަނި ނޫން ކަމަށާއި ޕީޕީއެމަށް ކާމިޔާބު ލިބުމުން އެފަދަ ބޭފުޅުން އަނބުރާ ސިޔާސީ ކަންކަމަށް ނުކުމެވަޑައިނުގަތުމަށް ޔާމީން ގޮވާލެއްވި އެވެ.
"އަޅުގަނޑުމެންނަށް ހެޔޮ އެދިގެން އުޅޭ ސިޔާސީ ލީޑަރުންނެއް ނޫޅޭ. އެ މީހުން ތިބީ މަޑުން. ފޮނިމީރުކަން ލިބޭ ހިސާބަށް ދިޔައީމާ މާމަލުން ފޮނި ބޯ އުސޫލުން ނާންނާތި،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތީ އޭރު ރާއްޖެ އޮތް ހާލަތުން ބަދަލެއް ގެންނަން ޖެހޭތީ ކަމަށެވެ. އެއްގޮތަކަށް ވެސް ރައީސްކަން ކުރައްވާ ހިތުން ނޫން ކަމަށް ވިދާޅުވި އެވެ.
ދަތިހާލުގައި ވެރިކަން ކުރެއްވިއިރު ވެސް ރާއްޖެ އަށް ބޮޑެތި އިސްލާހީ ބަދަލުތަކެއް ގެންނެވި ކަމަށް ޔާމީން ވިދާޅުވި އެވެ. އެގޮތުން އައިޖީއެމްއެޗަށް އެމްއާރްއައި މެޝިނެއް ގެނައުމާއި ހިތުގެ ހާއްސަ ޑިޕާޓްމަންޓެއް ހެދުން ފަދަ ބަދަލުތައް ގެންނެވި ކަމަށް ވިދާޅުވި އެވެ.
މާލޭ ކުނިގޮނޑުގެ ސަބަބުން އެތައް ދަތިތަކެއް ކުރިމަތިވެފައިވަނިކޮށް އެކަން ހައްލު ކޮށްދެއްވީ ވެސް އެމަނިކުފާނުގެ ވެރިކަމުގައި ކަމަށް ޔާމީން ވިދާޅުވި އެވެ. ކުރީގެ ސަރުކާރަކުން އަވައްޓެރި ގައުމެއްގެ ކުންފުންޏަކާ އެ މަސައްކަތް ހަވާލުކޮށްފައި އޮތީ ރައްޔިތުންނަށް ބުރައަކަށްވާ ގޮތަށް ކަމަށާއި އެހެންވެ އެ އެގްރިމެންޓް ބާތިލް ކުރެއްވީ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ރާއްޖޭގެ ތާރީހުން އެމަނިކުފާނުގެ ނަން ފޮހެވިދާނެ ކަމަށާއި އެކަމަކު ސިނަމާލޭ ބްރިޖު ތަޅާލާތަން ބަލަން ރައްޔިތުން ނުތިބޭނެ ކަމަށެވެ. ރާއްޖޭގައި ބަދަލު ހިފުން ނޫން ކަމެއް މިހާރު ނެތް ކަމަށް ވެސް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމްސް
16 November 2019
ތާރީޚަކުން ޔާމީނުގެނަމެއް ނުފޮހެވޭނެ؛ އެހެނީ ޔާމީނުގެވެރިކަމަކީ އެންމެ ބޮޑު ކަރަޕްޝަން ހިނގި ވެރިކަން، އެންމެ ގިނަ ސިޔާސީ ކުށްވެރިން ޖަލަށްލީ ވެރިކަން، ޙައްޤަކާނުލާ އެންމެ ގިނަ ބަޔަކު މަރާފަވީ ވެރިކަން، ޝަރުޢީ ދާއިރާ އެންމެބޮޑަށް ހަމައިން ނެއްޓިފަ އޮތް ވެރިކަން، ޤާނޫނު އަސާސީ ހިތުހުރިހާގޮތަކަށް/އިރުއިރުކޮޅާ ބަދަލުކުރަމުންދިޔަ ވެރިކަން، ވެރިޔަކު އެންމެގިނައިން އިތުރުފުޅު ހެއްދެވި ވެރިކަން، އިޤްތިޞޯދީގޮތުން ޤައުމު އެންމެބޮޑަށް ބަނގުރޫޓުވި ވެރިކަން
ހޯރަފުށީ ތެޔޮ ވަހީދު
16 November 2019
ފުރާޅުމް ޓިނުނަގައިގެން އަތްބޭނީ ކާކުހޭ؟
ސިރުފާ
16 November 2019
އަދިވެސް ކަލޭގެ ވެރިކަމަށްވުރެ ހުރިހާކަމެއް ރަނގަޅު ތީއަނިޔާވެރިޔެއް
ކާޖާ
16 November 2019
ލަދު ހަޔާތެއް ނެތަސް މި ވަރު ބޮޑުވަރު.
ސަމަން
16 November 2019
ތިކަން މަނިކުފާނު މާމޮޅަށް ކުރިން އުތަ؟
ސިކުނޑިހަލާކު
16 November 2019
އަނެއްކާވެސް ދޮގުހަދަން ފެށީ...ސަރުކާރު އަތްބާނާ ގޮތެއްނޭންގުނު. ޖޭއެސްސި އާއި ސަރުކާރާ އޮތީ ކޮން ގުޅުމެއްތޯ މީނާކައިރިން ނިކަން އަހާބަލަ...މިހާރު ޓިނުނެގިޒަމާން ގޮއްސި. ދެން ވެސް ރައްޔިތުންނާއި ސަރުކާރާ ނުޖައްސާ، ރާއްޖެ އެއްބައިވަންތަ ކުރެވޭތޯ އުޅެބަލަ. ނޫނިއްޔާ ވެރިކަމުގައި ގަންގޭގެ 15ވަނަބުރިޔަށް އަރާއޮވެބަލަ
ގުނަ
16 November 2019
އަތްބާނާފަހުރިވަރު. މަނިކުފާނުގެ މެމްބަރަކަށް ޖޭއެސްސީގަ ހުރި މީހަކު މަނިކުފާނު ބޭނުން ގޮތަކަށް ކަންކުރުމަށް ހިތަކަށް ލިބިފަ އޮތްއިރު އެތަނުގެ މެމްބަރަކަށްހުރެ ފަނޑިޔާރުކަމަށް ކުރިމަތިލައި، އެމަގާމަށްހޮވި ހުވާކުރަންވީމަ ޖޭއެސްސީގެ މެމްބަރުކަމުން އިސްތިއުފާދިނީ. ދެން އެމަގާމަށްލީ ރޭނީސް
ޒާޔާ
16 November 2019
"ފުނޑާލުން" މިއީ މީނައަށް ހާދަ ގިނައިން ބޭނުން ކުރެވޭ ބަހެކޭ.
އަޙުމަދު.
17 November 2019
ހިސާބަށްވުރެ ބޮޑަށް މީހަކު ކަމަކަށް ދަހިވެތި ވީމަ ދެން ނުގޮވާ ކޮހެއް ހަމަ ނޯންނާނެ. އަދިވެސް ރައްޔިތުންގެ މަދަލުން ވައްކަން ކުރެވުނުވަރާ މީހުނަށް ދެވުނު އަނިޔާ ކުޑައޭ ހިތާ ތޯއްޗެ ވެރިކަމަާހެދިގެން މިއުޅެނީ.
އިބިރިހިންބެއްޔާ
16 November 2019
ހަމަ އެންމެރަގަޅު ވާހަކައެއް. ޔާމީނަކީ ޚުދުމުޚުތާރު ވެރިޔެއް. ވެރިކަމަށްއައީ މާކަގިނަ ވަޢުދުތަކެއް ވަމުނެއް ނޫން. ކަންކަން ކުރަމުން ދިޔައީ ބޭނުންގޮތަކަށް. ނަތީޖާއަކީ 5 އަހަރުވުމުން ރައްިތުން ނުކުމެ ބޭރުކޮއްލުން. މިއަދު ވެރިކަމުގައިތިބީ ޑިމޮކްރެސީގެ އައްޕަމެން. ވެރިކަމަށްއައީ އަނިޔާވެރިކަން ިންމާލާ އަދުލު އިންސާފު ޤާއިމުކުރަން ވަޢުދުވަމުން. އެކަމަކު ކުރާ ބައެއްކަންތައް ހަމަ ޚުދުމުޚުތާރު ޔާމީނުގެ ދައުރެކޭ އެއްގޮތް. ރައްޔިތުންނަށް ފިލާވަޅެއް.
ަައަލްފާ ސިއެރާ
16 November 2019
ލަހުން ނަމަވެސް ބައިވަރު ފިލާވަޅު ތަކެއް އެބައެނގޭތާ.
ހަސަދު
16 November 2019
ބުރިޖަކާ މަގަކުން ތަރައްގީ އެކޭ ނުބުނެވޭނެ. މަނިކުފާނު ވާނިވާ ނޭގޭ ތައުލީމީ މަންހަޖެއް އުފެއްދެވީ، ގައުމީ ޔުނިވަރު ސިޓީ ފުޑާލީ، ގައުމަށް ނުތަކާ ވަރަށް ލޯން ނެންގެވީ، އެފައިސާ މިފައިސާ ޖީބަށް ލެއްވީ، މުޅި ގައު ހަލަ ބޮލި ކޮށްލެއްވީ، ވީމާ ވެދުވެ ދިޔަ ފަސް އަހަރަކީ ވެސް ގައުމު ދުއް ކަޅު އަދިރި ފަސް އަހަރު.