ޔުމްނާ: އެއް ޕާޓީއަކަށް ހުރިހާ ގޮނޑިތައް ދިނުމާ މެދު ޔުމްނާ އެދިވަޑައިގަތީ ރައްޔިތުން ވިސްނުމަށް. --ފޮޓޯ/މިހާރު
15 ޖެނުއަރީ 2020 - 11:56
އެއް ޕާޓީއަކަށް ހުރިހާ ގޮނޑިތަކެއް ދިނުން ގޯސް ކަމަށް ވިދާޅުވެ، ކައުންސިލް އިންތިޚާބަށް އެމްޑީޕީގެ ކެމްޕޭންގައި އެ ޕާޓީ އަށް އަޣުލަބިއްޔަތު ދޭން ޖެހޭ ކަަމަށް ދައްކަމުން އަންނަ ވާހަކަ އަށް އާޓްސް އެންޑް ކަލްޗާ މިނިސްޓަރު އަދި އެމްއާރުއެމްގެ ނައިބު ރައީސް ޔުމްނާ މައުމޫން، ނުސީދާ ރައްދެއް މިއަދު ދެއްވައިފި އެވެ.
އަންނަ އެޕްރީލް މަހު ބާއްވަން ނިންމާފައިވާ ކައުންސިލް އިންތިޚާބަށް ބޮޑު ތިލަދުންމަތީގައި އެމްޑީޕީން އަންނަނީ ކެމްޕޭން ކުރަމުންނެވެ. އެކި ރަށްތަކުގައި ބާއްވާ ކެމްޕޭން ބައްދަލުވުންތަކާއި ޖަލްސާތަކުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގަންނަވަނީ މަޖިލީސް އިންތިޚާބެކޭ އެއްގޮތަށް ކައުންސިލް އިންތިޚާބުގެ ވެސް އަޣުލަބިއްޔަތު އެމްޑީޕީ އަށް ދިނުމަށެވެ.
ކޯލިޝަން ޕާޓީތަކަކުން ވެރިކަން ކުރާ ގޮތަށް އެއްބަސްވެ ސަރުކާރު އެކުލަވާލާފައި އޮތަސް، ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދަން، އެމްޑީޕީގެ ކައުންސިލަރުން އިންތިޚާބު ކުރަން ޖެހޭ ކަމަށް ވެސް ދެ ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.
ރައްޔިތުންނަށް ދެއްވާ މި މެސެޖްތަކަށް ކުރުކޮށް ރައްދު ދެއްވައި ޔުމްނާ ވިދާޅުވީ ރާއްޖޭގައި އޮންނަން ވާނީ ތަފާތު ސިޔާސީ ޕާޓީތައް ހިމެނޭ ޑިމޮކްރެޓިކް ނިޒާމެއް ކަމަށެވެ. އެއް ޕާޓީއަކަށް ހުރިހާ ގޮނޑިތަކެއް ދީގެން މިކަން ހާސިލް ނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އޭނާ އެދިވަޑައިގަތީ ރައްޔިތުން އެކަމާ ފުންކޮށް ވިސްނެވުމަށެވެ.
ދިވެހިރާއްޖޭގައި އޮންނަންވާނީ. ތަފާތު ސިޔާސީ ޕާޓީތައް ހިމެނޭ ޑިމޮކްރެޓިކް ނިޒާމެއް. އެއް ޕާޓީއަކަށް ހުރިހާ ގޮނޑިތަކެއް ދީގެން މިކަމެއް ހާސިލެއް ނުކުރެވޭނެ. ރައްޔިތުން މިކަމާ ފުންކޮށް ވިސްނަވާ. #LCE2020 @MRM_Office @MRM_Women @MRM_Youth
— Yumna Maumoon (@yumna_maumoon) January 14, 2020
ޔުމްނާގެ ޓުވީޓް.
ކައުންސިލް އިންތިޚާބުގެ މެޖޯރިޓީއާ ގުޅޭ ގޮތުން އެމްޑީޕީގެ ވާހަކަތަކަށް ޔުމްނާ ރައްދު ދެއްވި އިރު، ވެރިކަން ކުރާ ކޯލިޝަން އުފެއްދި ރޫހާ ޚިލާފަށް އެ ޕާޓީން ދައްކާ ވާހަކަތަކަށް ކުރީގެ ރައީސް މައުމޫން އިސްވެ އުފެއްދެވި އެމްއާރުއެމް އިން މިހާތަނަށް އެއްޗެއް ނުބުނެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގަތީ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީގެ އިތުރުން މައުމޫން ހިމެނިވަޑައިގެންނެވި ކޯލިޝަނަކުންނެވެ. ސަރުކާރުގައި މި ކޯލިޝަން ހިއްސާވާނެ މިންވަރު ވެސް ކަނޑައަޅާފައިވާ އިރު، މަޖިލީހަށް ހުށަހަޅައިގެން ކޯލިޝަނަށް ގާނޫނީ ބާރުވެރިކަން ދޭން އޮތީ ނިންމައިފަ އެވެ.
އެކަމަކު ކޯލިޝަން ދެމިއޮންނަން އެމްޑީޕީން ބޭނުން ނުވާ ރާގުގައި ވާހަކަފުޅު ދައްކަވަމުން ހއ. އިހަވަންދޫގައި ނަޝީދު ވިދާޅުވެފައި ވަނީ އެމްޑީޕީ ވެރިކަމުގައި އޮތް ނަމަވެސް އެ ޕާޓީގެ އާއްމު މެމްބަރުންނަށް ހިތްހަމަޖެހުން ނުލިބުމުގެ ސިއްރަކީ އެމަނިކުފާނަށް ވިސްނިވަޑައިގަންނަވާ ގޮތުގައި ކޯލިޝަނެވެ. ކައުންސިލް އިންތިޚާބުގެ ބޭނުންތެރިކަން އެ ޕާޓީ އަށް ބޮޑުވެގެން ދަނީ ސަރުކާރު އޮންނާނީ އިއްތިހާދުގެ އިންތިޒާމްތަކުގެ ތެރޭގައިތޯ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ޒައާމަތުގައި ހިންގާ ސަރުކާރެއްގެ ގޮތުގައިތޯ ކަނޑައެޅުމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިދުރީސްބެ
16 January 2020
ރައްޔިތުން މީ ކިއްކުރާބައެއް، ވޯޓްނުލާ ގޮނޑިތައް ބަހާލަންވީނު. ބައްޕާފުޅު ދައުރުގަ ހިތްޕުޅާ ހަމަކުރައްވާ ބޭފުޅުންނަށް ގެއަޅަން މިލިޔަނުން ދެއްވި ލޯންތައް ދައުލަތައް އަބުރާ ލިބިއްޖެތޯ؟
ނަޖްވާ
16 January 2020
ހަމަ އެއް ޕާޓީ އަށް ދޭންވީ އެނގިއްޖެ! އެހެންނޫނީ ހޯސް ޓްރޭޑް ކުރަން ހަދައިގެން އެއަކު ލައްވާ ނުލާ މިއަކު ލައްވާ ނުލާ މި އުޅެން ޖެހެނީ!
ކާފަދ
16 January 2020
ހުރިހާ ގޮނޑިއެއް އެމުއާރުއެމަށް ދިނުންވެސް ގޯސްތަ؟ ދެން ކީއްކުރަން ހުރިހާ ގޮނޑިއަކަށް ވާދަކުރަން ޓިކެޓް ދެނީ ބުރާންޗާ؟
އަހްމަދުކަލޯ
16 January 2020
ކަމަނާ ކާރުކޮޅު ސުކޫލު ފެށޭ އަދި ނިމޭގަޑިތަކުގަ އޮފީސްކޮޅަށް ނުވެއްދުން ވަރަށް އެދެން ވަރަށް ގިނަ މީހުންނަށް އުނދަގޫވޭއެވެ.
333223
25 August 2020
އޮފީސްފުޅަށް ބުނީމަ އެނގޭނީ.
ކައިހުސްކޮށްފި
16 January 2020
ރަންޒަމާނުގައި ތީމުގޭ ބަޖެޓުން ކިތަން މިލިއަން ނެގިތޯ އަހާބަލަ
ހަމަސާބަހޭ
16 January 2020
އެކަކަށް ވޯޓުލާން ގޯސް. އެކަމަކު ކޮންމެ ދައުރަކަށް މައުމޫނު ހޮވަން %99 ވޯޓު ނުހޯދޭ ރައްތައް ތަރައްގީގެރޮގުން ބާކީކޮށް، ކަތީބު ހައްޔަރުކޮށް، ރަށުން ވޯޓުނުދޭ މީހުންނަށް ބިރުދައްކާ، ކުށް އުފަންކޮށްގެން އެމީހުން ޖަލަށްލާން ކޯކޭ
ޢަތޮޅޭ
16 January 2020
އަތޮޅޮވެރިން ވެސް ދޫނިދޫ ކުޑަގޮޅިއަށް
އޮރެންޖުކޮޅު
16 January 2020
ރައްޔިތުންގެ ވޯޓު ލިބޭނީ ރައްޔިތުންގެ ކަންކަމުގައި އެންމެ ޙަރަކާތްތެރި ބަޔަކަށް އެރައްޔިތުންގެ ކަންކަމާ އިހްމާލު ނުވެ މަގުކޮށައިދޭ ބަޔަކަށް
ލަދުކުޑޭ
16 January 2020
އެންމެ މީހެއްގެ ބާރުގެ ދަށުގައި ސަރުކާރާއި، ކޯޓުތަކާ، މަޖިލީހާ ބާއްވައިގެން 30 އަހަރު ހުރުން އޯކޭތޯ؟
ނާސިހު
16 January 2020
އެމް އާރުއެމް އަށް 3 ގޮޑިލިބިއްޖިއްޔާ މަ 7 ދުވަސް ވަންދެން ނުކާ ހުސް ފެން ބޯނީ.
ބޮލި މުލައް
15 January 2020
އަނގަ ހުޅުވަން ލަދުނުގަންނާތީ ހަމަ އަޖައިބުވަން. ޤައުމު ހަނާކޮށްލާފަ.