ދުނިޔޭގެ އެކި ހިސާބުތަކުގައި ފެތުރެމުންދާ ކޮރޯނާ ވައިރަސްއާއި ގުޅިގެން އެކަމަށް ސަމާލުވުމުގެ ގޮތުން، ހުޅުލެ އެއާޕޯޓަށް އައިސްތިބި ފަތުރުވެރިންތަކެއް މާސްކް އަޅައިގެން: ވައިރަސް އެންމެ ބޮޑަށް ފެތުރިފައިވާ ވޫހާން ސިޓީގައި ހަތް ދިވެހިން އެބަތިބި-.-- ފޮޓޯ: ހުސެން ވަހީދު /މިހާރު
25 ޖެނުއަރީ 2020 - 22:32
ކޮރޯނާ ވައިރަހުގެ ނުރައްކާތެރި ވައްތަރު އެންމެ ބޮޑަށް ފެތުރިފައިވާ ޗައިނާގެ ވޫހާން ސިޓީގައި ތިބި ދިވެހިންނަށް މާލީ އެހީ ދިނުމަށް ދިވެހި ސަރުކާރުން ނިންމައިފި އެވެ.
ފޮރިން މިނިސްޓްރީން މިއަދު ބުނީ، ވޫހާން ސިޓީގައި ހަތް ދިވެއްސަކު ދިރިއުޅޭ އިރު، އެ އެންމެންގެ ވެސް ހާލު ރަނގަޅެވެ. އެކަމަކު، އެ މީހުންނަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުން މާލީ އެހީ ދޭން ނިންމާފައިވާ ކަމަށާއި ޗައިނާގައި ހުންނަ ދިވެހި އެމްބަސީން އެ ފައިސާ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާނެ ކަމަށް އެތަނުން ބުންޏެވެ.
ވުހާން ސިޓީގައި ތިބި ދިވެހިން، އެ ސިޓީން ބޭރަށް ގެންދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. އެކަމަކު ވައިރަސް ފެތުރޭ ސަރަހައްދުތައް ޗައިނާ އިން ވަނީ ކަރަންޓީނު ކޮށްފަ އެވެ. އެހެންވެ އެ ތަންތަނުން ބޭރަށް ދިއުމާއި އެތެރެވުމަކީ މިވަގުތު މަނާ ކަމެކެވެ.
ޗައިނާގައި ފެތުރެމުންދާ ކޮރޯނާ ވައިރަސްއާ ގުޅިގެން، ވައިރަސްގެ އަސަރު އެންމެ ބޮޑަށް ފެތުރިފައިވާ ހޫބެއި ޕްރޮވިންސްގެ ވޫހާން ސިޓީގައި ތިބި 7 ދިވެހިންނަށް މާލީ އެހީ ތެރިކަން ފޯރުކޮށްދިނުމަށް ދިވެހި ސަރުކާރުން މިއަދު ނިންމަވައިފި
— Ministry of Foreign Affairs 🇲🇻 (@MoFAmv) January 25, 2020
ޕްރެސް ރިލީޒް: https://t.co/7TjwBS8dQZ
ފޮރިން މިނިސްޓްރީން މިރޭ ކުރި ޓުވީޓް
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އެކަމުގެ މަޝްވަރާތައް، ޗައިނާ ސަރުކާރާއެކު ކުރަމުން އަންނަ ކަމަށާއި އެތަނުގައި ތިބި ދިވެހި ދަރިވަރުންނަށް ރައްކާތެރިކާތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން އެ ގައުމުން ދީފައިވާ ކަމަށެވެ.
ޗައިނާގެ އެކި ސަރަހައްދުތަކުގައި ތިބި ދިވެހިން، އެ މީހުންނާ ގުޅޭނެ މައުލޫމާތު ފޮރިން މިނިސްޓްރީ ނުވަތަ ބެއިޖިންގައި ހުންނަ ދިވެހި އެމްބަސީގެ ކޮންސިއުލާ ނަމްބަރު 7983400 އާ ހިއްސާކޮށްދޭން ބަޔާނުގައި އެދިފައިވެ އެވެ.
ވޫހާން ސިޓީ އިން މިދިޔަ ޑިސެމްބަރު މަހު ފުރަތަމަ ފެނުނު ވައިރަސް މިހާތަނަށް 1300 އަށް ވުރެ ގިނަ މީހުންނަށް ޖެހި، 41 މީހަކު ވަނީ މަރުވެފަ އެވެ. އެ ވައިރަސް އިތުރަށް ފެތުރުން ކޮންޓްރޯލް ކުރެވޭތޯ ޗައިނާ އިން ވަނީ ވޫހާން ސިޓީ އާއި އެ ތަނާ ކައިރީގައިވާ ބައެއް ސަރަހައްދުތައް ވަނީ ކަރަންޓީނު ކޮށްފަ އެވެ. ކަރަންޓީނު ކޮށްފައިވާ ސަރަހައްދުގެ އާބާދީ 56 މިލިއަނަށް އަރަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑރ ވާނުވާ
26 January 2020
އަހަރެމެން ނިކަމެތިން ބޭރުގައުމެއްގެ ހޮސްޕިޓަލްއަށް ދަންކަންޖެހޭ ފައިސާ ދައްކާނެ ގޮތެއް ނެތިގެން ބަންދުވެފަ ތިބޭ އިރު ނާދޭ މަތިން ބައިޖެހިގެން ސަރުކާރުން މާލީ އެހީދޭކަށް، ރޮވެ އާދޭސްކުރީމަވެސް ނުލިބުނު އެއްޗެއް. އެހެންވީމަ، އަގުބޮޑެތި ސިޓީތަކުގައި އުޅޭ މަހުޖަނުންނަށް ކޮން މާލީ އެހީއެއް ދޭކަށް؟ ތިހަމަ ކޮރަޕްޝަން! ކޮންމެވެސް ގުޅުމެއް ހުރި ބަޔެއްވީމަ.
ފަކުރު
26 January 2020
ގޭންވެސް ނުނިކުމެވޭ ދެންކޮން މާލީއެހީއެއްތޯ
އިސްމާލި
26 January 2020
މިހާތަނަށް އަޑުއިވެމުން އައީ ޗައިނާ ސަރުކާރުން އެ ގައުމުގެ މުސްލިމުން ބަންދުކޮށް ކަރަންޓީން ކޮށް، ކޭމްޕް އެއްގައި ގެންގުޅެމުން އައި ވާހަކަ. މިހާރު އެމީހުން އަމިއްލައަށް ކަރަންޓީން ވާން މަޖުބޫރުވެފައި އެތިބީ.
ބޮޑުމީހާ
26 January 2020
ނުރައްކާތެރި ވައިރެސްއެއް ފެތުރި މުޅި ސިޓީ ކަރަންޓީނުކޮށް، ގޭ ތަކުން މީހުން ނުނުކުތުމަށް ގޮވަމުންދާއިރު ދޭ މާލީ އިނާޔަތަކުން ކީއްކުރާނީ. އެއްޗެއް ގަންނަން ފިހާރައަށް ވެސް ނުދާށޭ އެ ގޮވަނީ، ފައިސާ ދިނުމުގެ ބަދަލުގައި ކާބޯތަކެތި ނޫނީ އެހެނިހެން ޒަރޫރީ ބޭނުންތައް ފުއްދައިދެވޭތޯ ބަލާ. ކޮންމެ ކަމެއްގައިވެސް ފައިސާ ހަތިޔާރަކަށް ނެގުމަކީ ބުއްދިވެރިކަމެއް ނޫން. މާތްﷲ ހުރިހާ ދިވެހިން އަދި ދިވެހި ނޫން މީހުންވެސް މި ވައިރަހުން ސަލާމަތްކޮށްދެއްވާފާންދެއެވެ!
ނޫރާ
26 January 2020
"ހައްގުމިންވަރު" އަށް އެނގުނީ ކިހިނެއް އެމް.ޑީ.ޕީ ކުދިންކޮޅެއްކަން..
އަޙްމަދު ޒަކީ
25 January 2020
ކީވެ މާލީ އެހޭ ދޭންޖެހެނީ؟ ކޮން ގޮތަކުން! ހާދަ ހީވެޔޭ ތިއީ މަތީ ފަޑީގެ ބޭފުޅުއްގެ ތިމާގެ ބަޔެއްހެން؟
ހައްގު މިންވަރު
25 January 2020
އެމްޑީޕީ ކުދިންކޮޅެއް ވީމަ.